ޕީއެންސީގެ މައި ޖަގަހަ "ޕީއެންސީ ހައުސް" ހުޅުވައިފި

ޕީއެންސީގެ މައި ޖަގަހަ "ޕީއެންސީ ހައުސް" ހުޅުވައިފިއެވެ.

ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މި ޖަގަހަ ހުޅުވައިދެއްވުމުގެ ކުރިން ވަނީ ޖަގަހައިގައި ޕީއެންސީގެ ދިދަ ނަންގަވައިދެއްވާފައެވެ.

މި ރަސްމިއްޔާތުގައި ޕީއެންސީ އާއި ޕީޕީއެމްގެ ލީޑަރޝިޕްގެ ބޭފުޅުންނާއި ސަރުކާރާއެކު މަސައްކަތްކުރަމުން އަންނަ ޕާޓީތަކުގެ ލީޑަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ޕީއެންސީގެ ޖަގަހަ ހުޅުވާފައިވަނީ އާޓިފިޝަލް ބީޗް ކުރިމަތި، ހ.ވެޔޮވިލާގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އިޤްތިޞާދީ އެޖެންޑާގައިވާ ކަންކަން ހާސިލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެކަމުގެ ހެޔޮ ނަތީޖާވެސް ފެންނަމުންދާކަމަށެވެ. އެގޮތުން މި ސަރުކާރު ހަވާލުވިތާ 7 މަހާއި ދުވަސްކޮޅެއް ވެފައިވާއިރު، ހާސިކުރި އެންމެ ބޮޑު ކާމިޔާބީއަކީ ފައިސާ ޗާޕުކުރުން ހުއްޓާލުންކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރީ ސަރުކާރުން ހަރަދުތައް ފޫބައްދަން ފައިސާ ޗާޕުކުރިނަމަވެސް، އެއީ ގައުމަށް އެންމެ ފައިދާ ހުރި ނިންމުން ނޫންކަމަށާއި، އަދި އެއީ އިހްލާސްތެރި މަސައްކަތެއްވެސް ނޫންކަމަށެވެ. އަދި ފައިސާ ޗާޕުކުރުން ހުއްޓާލުމުގެ އިތުރުން، ބޮޑެތި ތަކުލީފުތައް ނަގަންޖެހޭ ގޮތަށް ސަރުކާރުން ލޯނު ނެގުންވެސް ހުއްޓާލާފައިވާކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.