މުސްލިމުންގެ ތިންޢީދު - ޖެހިޖެހިގެން

ބައެއްފަހަރަށް ، ހުކުރު ދުވަހާއި ޢީދުދުވަހާ ދިމާވާގޮތް ވެއެވެ. އަދި ހުކުރު ދުވަހާއި ޙައްޖުދުވަހާވެސް ދިމާވެ ، ހުކުރު ޙައްޖަކަށް ވެއެވެ. މުސްލިމުންގެ ޢީދުތައް ފަށްފަށްވެގެން އުފާވެރިކަން އިތުރުވެގެން ދެއެވެ. މިއަހަރު މިވަނީ ، މުސްލިމުންގެ ތިންޢީދެއް ޖެހިޖެހިގެން ދެމިގޮސް ތިންދުވަހަށް ފުޅާވެފައެވެ. ފުރަތަމަ ޢީދަކީ ހުކުރު ދުވަހެވެ. ޛުލްޙިއްޖާ މަހުގެ 8 ، އަދި ޖޫންމަހުގެ 14 ވީ ހުކުރު ދުވަހެވެ. ހުކުރު ދުވަހާ ޖެހިގެން ދެން އައީ ، ޛުލްޙިއްޖާ މަހުގެ 9 ، އަދި ޖޫންމަހުގެ 15 ، ހޮނިހިރުވީ ، ޢަރަފާތު ދުވަހެވެ. އެދުވަހާ ޖެހިގެން ދެން އައީ ، ޛުލްޙިއްޖާ މަހުގެ 10 ، އަދި ޖޫންމަހުގެ 16  ، އާދީއްތަވީ ، އަޟުޙާޢީދު ދުވަހެވެ. އަޟުޙާ ޢީދުގެ އުފާތައް ޛުލްޙިއްޖާމަހުގެ 11 ، 12 އަދި 13 ވަނަ ދުވަހާ ހަމަޔަށް ދެމިގެން ދެއެވެ.

އެހެންކަމުން ، މިތިންޢީދު ގުޅިގެންދާ އުފާވެރިކަމުގެ ދުވަސްތައް ، ޛުލްޙިއްޖާ މަހުގެ 8 ނުވަތަ ޖޫންމަހުގެ 14 އިންފެށިގެން ، ޛުލްޙިއްޖާމަހުގެ 13 ނުވަތަ ޖޫންމަހުގެ 19 އާހަމަޔަށް ، 6 ދުވަހަށް ދެމިގެންދެއެވެ. އެއީ ، ހުކުރުދުވަހާއި ، ޢަރަފާތު ދުވަސް އަދި އަޟްޙާޢީދު ދުވަހާއެކު ، އައްޔާމުއްތަޝްރީޤުގެ ތިންދުވަސް ލައިގެންނެވެ.

ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅެއްގެ މާނައިގާ ވެއެވެ.

" ހަމަކަށަވަރުން ޢަރަފާތު ދުވަހާއި ، ޤުރުބާންކުރާ ދުވަހާއި ، ( އެބަހީ އަޟްޙާޢީދު ދުވަހާއި ) އަދި އައްޔާމުއްތަޝްރީޤުގެ ތިންދުވަހަކީ ، އަހަރެމެން ، އިސްލާމްދީނުގެ އަހުލުވެރިންގެ ޢީދެވެ. އަދި އެއީ ، ކެއުމާއި ބުއިމުގެ ދުވަސްވަރެކެވެ. "

ހުކުރުދުވަސް

ހުކުރުދުވަހަކީ ، އިސްލާމީ އުއްމަތަށް ހަފުތާއަކު އެއްފަހަރު އަންނަ ، ޢާންމުވެގެންވާ ޢީދު ދުވަހެކެވެ. ހުކުރުދުވަސް ، ޢީދުދުވަހެއްގެ ގޮތުގައި މުސްލިމުންނަށް އަންނަނީ ، އެދުވަހާގުޅިފައިވާ ރަޙުމަތާއި ބަރަކާތުގެ މަތިވެރި ދަރުމައިން ފުރިގެންވާ ދުވަހެއްގެ ގޮތުގައެވެ. މުޅި އިސްލާމީ އުއްމަތް ، އެދުވަހަކަށް އިންތިޒާރުކުރާ ، ހަފުތާގެ އެންމެ ފަހު ދުވަސްކަމުގައިވާ ، ހުކުރުދުވަހަކީ ، ދުނިޔަވީ ހުރިހާ ކަމަކުން ދުރުވެ ، މާއްދިއްޔަތުގެ ހެއްލުމާއި ގެއްލުމާ ވަކިވެ ، ﷲ އަށް އަޅުކަންކޮށް ، އުފާފާޅުކޮށް އެކަލާނގެ ރަޙުމަތަށް އެދި ދުޢާ ދަންނަވާ ދުވަހެކެވެ.

ހުކުރުނަމާދަކީ ، އެތަނެއްގެ ވަޒަންވެރިންނަށް ފަރުޟުވެގެންވާ ، އަދި އެނޫންމީހުންނަށް ސުންނަތްކަން ގަދަވެގެންވާ ނަމާދެކެވެ. އެއީ ހަފުތާޔަކު އެއްފަހަރު ކުރެވޭ ނަމާދެކެވެ. ހުކުރުދުވަހުގެ ހުކުރު ޚުތުބާ އަޑުއަހައި ، ނަމާދު ޤާއިމްކޮށް ، ކަހްފުސޫރަތް ކިޔަވައި ﷲ ގެ ޙަޟުރަތަށް ދުޢާ ދަންނަވާ ދުވަހެކެވެ. އެކަކު އަނެކެއްގެ ޙާލު އެނގި ޖަމާޢަތުގެ އެއްބައެއްވަންތަކަން ޤާއިމްކުރުމަށް ފުރުޞަތު ލިބިގެންދާ ދުވަހެކެވެ.

ރަސޫލު ޞައްލަﷲ ޢަލައިވަސައްލަމަ ، ހުކުރު ނަމާދުގެ މުހިންމުކަން ބަޔާންކުރައްވައި ، ޙަދީޘްކުރައްވާފައިވާ ގޮތުގައި ، ހުކުރުދުވަހަކީ ، އެއް ހުކުރާއި އަނެއް ހުކުރާދެމެދު ، ކުރެވޭ ފާފަތައް ފުހެވި ، ﷲ ގެ މަގުގައި ސާބިތުވެހުރުމަށް މަގުފަހިކޮށްދޭ ދުވަހެކެވެ. ކީރިތި ޤުރުއާނުގެ ސޫރަތުލްޖުމްޢާގެ އެންމެ ފަހު ތިންއާޔަތުގައި ހުކުރުދުވަހުގެ ކަރާމާތާއި ބަރަކާތްތެރިކަމާބެހޭގޮތުން ، ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައި ވެއެވެ.

يٰأَيُّهَا ٱلَّذِينَ آمَنُوۤاْ إِذَا نُودِىَ لِلصَّلاَةِ مِن يَوْمِ ٱلْجُمُعَةِ فَٱسْعَوْاْ إِلَىٰ ذِكْرِ ٱللَّهِ وَذَرُواْ ٱلْبَيْعَ ذٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ (9) فَإِذَا قُضِيَتِ ٱلصَّلاَةُ فَٱنتَشِرُواْ فِى ٱلأَرْضِ وَٱبْتَغُواْ مِن فَضْلِ ٱللَّهِ وَٱذْكُرُواْ ٱللَّهَ كَثِيراً لَّعَلَّكُمْ تُفْلِحُونَ (10) وَإِذَا رَأَوْاْ تِجَارَةً أَوْ لَهْواً ٱنفَضُّوۤاْ إِلَيْهَا وَتَرَكُوكَ قَآئِماً قُلْ مَا عِندَ ٱللَّهِ خَيْرٌ مِّنَ ٱللَّهْوِ وَمِنَ ٱلتِّجَارَةِ وَٱللَّهُ خَيْرُ ٱلرَّازِقِينَ (11)

މި ތިން އާޔަތުގެ މާނަޔަކީ ؛

" އޭ އީމާންވެއްޖެ މީސްތަކުންނޭވެ ! ހުކުރު ދުވަހު ( ހުކުރު ) ނަމާދަށް ގޮވައިލާހިނދު ، ފަހެ ، ﷲ ހަނދުމަކުރުމަށް ( އެބަހީ : ޚުތުބާ އަޑުއެހުމާއި ނަމާދަށް ) ތިޔަބައިމީހުން ހިނގައިގަންނާށެވެ ! އަދި ، ވިޔަފާރިކުރުން ހުއްޓައިލާށެވެ. ތިޔަބައިމީހުން ދަންނަކަމުގައި ވާނަމަ ، އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. (9) ފަހެ ، ނަމާދުކޮށް އަވަދިވެއްޖެ ހިނދު ، ފަހެ ، ތިޔަބައިމީހުން ބިމުގައި ފެތުރިގަންނާށެވެ. ( އެބަހީ : ޙަޔާތުގެ މައިދާނަށް ނުކުންނާށެވެ. ) އަދި ، ތިޔަބައިމީހުން ، ﷲ ގެ ފަޟުލުވަންތަކަމުން ، ( ދެއްވުމަށް ) އެދޭށެވެ. އަދި ، ތިޔަބައިމީހުން ، ގިނަގިނައިން ﷲ ހަނދުމަ ކުރާށެވެ. އެއީ ، ތިޔަބައިމީހުން ދިންނަވައި ނަޞީބު ލިބުމަށްޓަކައެވެ. (10) އެއުރެންނަށް ވިޔަފާރިއެއް ނުވަތަ ކުޅިވަރެއް ފެނިއްޖެނަމަ ، ކަލޭގެފާނު ކޮޅަށް ހުންނެވުމަށް ދޫކޮށްލައި ، އެއުރެން އެކަންތަކާ ދިމާޔަށް ދުވެ ދެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ ! ކުޅިވަރާއި ވިޔަފާރިއަށްވުރެ ، ﷲ ގެ ޙަޟުރަތުގައިވާ ދަރުމަ ، ހެޔޮކަން ބޮޑެވެ. އަދި ، ﷲ އީ ރިޒްޤުދެއްވާ ، އެންމެ ހެޔޮ ރަސްކަލާނގެއެވެ. (11)

ދުނިޔޭގެ މާއްދިއްޔަތާއި ދުނިޔޭގެ އެދުމަށް ނުހެއްލި ، ﷲ ގެ ރަޙުމަތަށްއެދި ، ހެޔޮޢަމަލު ގިނަކޮށް ، ﷲ ހަނދުމަކޮށް އުޅުމަށް މިއާޔަތުގައި ބާރުއަޅުއްވާފައި ވެއެވެ. ނިކަމެތިންނަށް އެހީތެރިވެ ޞަދަޤާތްކޮށް އުޅުމީ ، ހުކުރުދުވަހުގެ ދަރުމައާއި ސަވާބަށް އިންސާނާ ގެންގޮސްދޭނެ ހެޔޮ ޢަމަލުތަކެވެ.

ޞާޙީޙުލްބުޚާރީގައި އައިސްވާގޮތުގައި ، ދުނިޔެމައްޗަށް އިރުއަރާ އެންމެ ހެޔޮ ދުވަހަކީ ހުކުރުދުވަސްކަމުގައި ، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައި ވެއެވެ. ސަލާމްލެއްވި އާދަމްގެފާނު ، ދުނިޔެއަށް ފޮނުއްވީ ހުކުރު ދުވަހެއްގައެވެ. ސަލާމްލެއްވި އާދަމުގެފާނު ސުވަރުގެ ވައްދަވައި އަދި  ސުވަރުގެއިން ނެރެލެއްވެވީވެސް ހުކުރު ދުވަހެއްގައެވެ. އަދި ، ދުނިޔެ ޤިޔާމަތްވުމުގެ އެންމެ ފަހު ވަގުތުކޮޅު ކަނޑައެޅިފައިވަނީވެސް ހުކުރު ދުވަހެއްގައެވެ.

ދުޢާ އިޖާބަކުރައްވާ ވަގުތުކޮޅެއް ، ހުކުރުދުވަހު ލައްވާފައި ވެއެވެ. ރަސޫލު ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރައްވާފައިވާކަމަށް ޞަޙީޙު ބުޚާރީއާއި މުސްލިމްގައި ބަޔާންވެފައި ވެއެވެ. " ހުކުރުދުވަހު ބާރަގަޑިއިރެއް ލައްވާފައި ވެއެވެ. އެއިން ގަޑިއެއްގައި މުސްލިމަކު ކުރާ ހެޔޮދުޢާއެއް އިޖާބަ ނުކުރައްވާ ރައްދުނުކުރައްވާ ހުށްޓެވެ. މެންދުރު ފަހުގެ ނަމާދުގެ ފަހު ގަޑީގައި އެމަތިވެރި ދަރުމަ ލިބިގަތުމަށް މަސައްކަތް ކުރާށެވެ ! "

މާތް ﷲ ، އެކަލޭގެފާނަށް ރުއްސުންލެއްވި ، އަބޫހުރަތުގެފާނުގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.

" މީހަކު ( އޭނާގެ ގެއިން ) ފުރިހަމަގޮތުގައި ވުޟޫކޮށްގެން ، ހުކުރު ނަމާދަށް އައިސް ، ފަހެ ޚުތުބާއަށް ކަނުލައި އަޑުއަހައި ، އަދި ހަމަހިމޭނުން އިނދެއްޖެނަމަ ، އެ ހުކުރު ދުވަހާއި އަންނަންއޮތް ހުކުރުދުވަހާ ދެމެދު ، އަދި ، އިތުރު ތިންދުވަހުގެ މުއްދަތަށް ، އޭނާގެ ފާފަތައް ފުއްސެވޭ ހުށްޓެވެ. އަދި ( އިމާމާ ޚުތުބާ ކިޔާހިނދު ) އޮށްގާ ކޮޅަކާ ކުޅުންފަދަ ކަމެއް ކުރި މީހާވެސް ، އެކުރީ ބާތިލް ކަމެކެވެ. ( އެބަހީ : އެއީ ޚުތުބާއަށް ކަނުލައި އަޑުއެހުމަށް ހުރަސްއެޅޭކަމެއްކަމުގައި ވުމާއެކު ، ހުކުރުގެ ސަވާބު އުނިވާނެ ކަމެކެވެ. )

ހުކުރު ވިލޭރެއާއި ހުކުރުދުވަހަކީ ، މިއުއްމަތުގެ މާތް ނަބިއްޔާ ، މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ޞަލަވާތާއި ސަލާމް ލެއްވުންއެދި ދުޢާކުރުމަށް ޚާއްޞަ ދުވަހެކެވެ. އެކަލޭގެފާނުގެ މައްޗަށް ކިޔެވޭ އެންމެޞަލާތެއްގެ ބަދަލުގައި 10 ގުނަޔަށް ، ﷲ ގެ ޙަޟުރަތުން ދަރުމައާއި ސަވާބު ލިބޭ ހުށްޓެވެ.

ހުކުރުދުވަހަކީ ، މިހުރިހާ ދަރުމައާއި ސަވާބަށް މަގުހުޅުވިފައިވާ ، ހަފުތާއަކު އެއްދުވަހު އިސްލާމީ އުއްމަތަށް އަންނަ ޚާއްޞަ ޢީދު ދުވަހެކެވެ.

ޢަރަފާތު ދުވަސް

ބުނެވޭގޮތުގައި ، އަހަރުގެ ތެރޭގައި އަންނަ އެންމެ ޚާއްޞަ ދިހަދުވަހަކީ ، ޛުލްޙިއްޖާމަހުގެ ފުރަތަމަ ދިހަދުވަހެވެ. ޢަރަފާތު ދުވަހަކީ ، އަހަރުގެ ތެރޭގައި އަންނަ އެހެން ހުރިހާ ދުވަހަކާ ތަފާތު ދުވަހެކެވެ. އެއީ ، ﷲ ގެ ފުއްސެވުމާއި ދަރުމަޢާއި ސަވާބުގެ ނިމުމެއްނެތް ، މާތް މަތިވެރި ދުވަހެކެވެ. އެއީ ، ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދިހަދުވަހުގެ މަތިވެރިކަމުގެ ތެރެއިން އަންނަ އެންމެ ފަހު ، ޢީދު ދުވަހެކެވެ. އެދުވަހަކީ ، ﷲ ޚަލްޤުކުރެއްވި އެކަލާނގެ އަޅުތަކުންނާ ގާތަށް ވަޑައިގެންނެވުމަށް ، ފުރަތަމަ އުޑުގައި ﷲ ތަޢާލާ ވޮޑިގެންވާ ދުވަހެވެ. ނަރަކައިގެ އަހުލުވެރިންކުރެ ، އެންމެ ގިނަ އަޅުން ނަރަކައިން ނެރުއްވާނީވެސް ޢަރަފާތު ދުވަހުއެވެ.

ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ، ޙަދީޘްކުރައްވާފައިވާކަމަށް ޢައިޝަތު ރަޟިޔަﷲ ޢަންހާ ރިވާކުރައްވާފައި ވެއެވެ.

‏ " ما من يوم أكثر من أن يعتق الله فيه عبدًا من النار من يوم عرفة‏ "‏ ‏(‏رواه مسلم‏)‏‏

މި ޙަދީސްފުޅުގެ މާނަޔަކީ ، " ޢަރަފާތު ދުވަހަށްވުރެ ގިނައިން ، ކީރިތި ﷲ އެކަލާނގެ އަޅުން ، ނަރަކައިން މުއްތި ކުރައްވައި ،  ނެރުއްވާ އެހެންދުވަހެއް ނުވެއެވެ. "

ޢަރަފާތު ދުވަހަކީ ، ޝައިޠާނާ އެންމެ ބޮޑަށް ލަދުގަނެ ، އަދި ބިރުވެސް ގަންނަ ދުވަހެވެ. އަހަރުގެ ހުރިހާ ދުވަހެއްގައި ، ޝައިޠާނާ ގަދައަޅާ މަސައްކަތް ކުރަމުން ގެންދާނީ ، މީސްތަކުން މަގުފުރައްދައި ދެދުނިޔެއިން ގެއްލިދާފަދަ ވަސްވާސްތައް މީސްތަކުންގެ ހިތްތަކަށް ވެއްދުމަށެވެ. ޢަރަފާތު ދުވަހަކީ ، ﷲ ތަޢާލާ ، އެކަލާނގެ އަޅުތަކުންނަށް މަޢާފުކުރައްވާ ދުވަހެވެ. ޢަރަފާތު ދުވަހު ، އެތައްމިލިއަން މުސްލިމުންނެއް ، ޢަރަފާތުގެ ބިމަށް އެއްވެ ، އެކަލާނގެ ރުއްސެވުމާއި ފުއްސެވުމަށް އެދި ދުޢާ ދަންނަވަމުން ގެންދާނެއެވެ. އެދުވަހު ، ޝައިޠާނާއަށް ކުރެވޭނެ ހަމަ އެއްވެސްކަމެއް ނެތިދާނެއެވެ. ﷲ ތަޢާލާގެ މަޣުފިރަތާއި ރަޙުމަތާއި ތަވްބާގެ ނަޞީބު ، މީސްތަކުންގެ މައްޗަށް އެދުވަހު ، އޮހިގެންދާނެއެވެ.

އަޟުޙާޢީދު ދުވަސް

އަޟުޙާ ޢީދަކީ ، ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު ، މުސްލިމުންނަށް އަންނަ ބޮޑުޢީދެވެ. ކުޑަޢިދަކީ ފިތުރުޢީދެވެ. ފިތުރުޢީދު އަންނަނީ ، ބަރަކާތްތެރި ރަމަޟާންމަހުގެ ރޯދަހިފައި ނިމުމާގުޅިގެންނެވެ. ޢަޟުޙާޢީދަކީ ، ޙައްޖުގެ އަޅުކަމަށްފަހު މުސްލިމުންނަށް އަންނަ އުފާވެރި ޢީދެކެވެ. އުޟުޙިޔާ ކަތިލުމަކީ ، ބޮޑުޢީދުގެ އެންމެ މުހިންމު އެއްކަމެވެ. އެ ޤުރުބާނީއަކީ ، ސަލާމްލެއްވި އިބްރާހީމް ޢަލައިހިއްސަލާމް ، އެކަލޭގެފާނުގެ ދަރިކަލުން ޤުރުބާންކުރެއްވުމުން ސަލާމަތްވެ ވަޑައިގަތުން ރަމްޒުކޮށްދޭ ކަތިލުމެކެވެ. އަޟުޙާޢީދާގުޅިގެން ، ޢީދުއުފާ ފާޅުކުރުމަށް އިތުރު ތިންދުވަހެއް ޚާއްޞަ ކުރެވިފައި ވެއެވެ. އެއީ ޛުލްޙިއްޖާ މަހުގެ އެގާރަ ، ބާރަ އަދި ތޭރަވަނަ ދުވަހެވެ.

އާދަކާދައިގެމަތިން ، އަޟުޙާޢީދު ފާހަގަ ކުރެވެނީ ، ޢާއިލާއާއެކީގައްޔާއި ރައްޓެހި ރަޙުމަތްތެރިންނާ އެކީ އެއްޖަމާޢަތަށް އެއްވެގެންނެވެ. ހަދިޔާ ބަދިޔާ ބަދަލުކުރުމާއި ، ރީތި އާ ފޭރާންލުމަކީ ، މިޢީދަށް ޚާއްޞަވެފައި އޮންނަ ކަމެކެވެ.

މިތިންދުވަހަކީވެސް ، އިސްލާމީ އުއްމަތަށް އަންނަ ތިންޢީދެވެ. އިސްލާމީ ރިވެތި އާދަކާދައާއި ހަމަތަކުގެމަތިން ، ޢީދުގެ އުފާފާޅުކުރުމަކީ ކޮންމެ މުސްލިމެއްގެމެ ޙައްޤެކެވެ. އިންތަކާއި މިންތައް ފަހަނަޅައި ނުގޮސް ، ޢީދުގެ އުފާ ފާޅުކޮށް ، ހެޔޮ ޢަމަލަށް ތިމާގެ ހިތް ޚާލާޞް ކުރުމެވެ. މަތިވެރި އަޅުކަމަކާގުޅިގެން އަންނަ މިތިންޢީދުގެ ފިލާވަޅަކީ ، ﷲ ގެ ދިންނެވުމާއި އެކަލާނގެ ރުހިވޮޑިގެންވާ މަގުގައި ފައިތިލަ ސާބިތުކުރުމެވެ. މި ފަނާވަނިވި ދުނިޔޭގެ ވަގުތީ އުފާތަކަށްވުރެ ، އާޚިރަތުގެ މަތިވެރިކަން ހަނދުމަކޮށް ، އުޅުމާއި ގުޅުން އިޞްލާޙުކޮށް ، އިސްލާމްކަންމަތީ ދެމިހުރުމަށް ހިތްވަރު ހޯދުމެވެ. އަދި ، އެކަމަށްއެދި ﷲ ތަޢާލާގެ މަތިވެރި ޙަޟުރަތަށް ދުޢާ ދެންނެވުމެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.