މާލޭގައި ކުލަގަދަކޮށް ބޮޑު އީދު ފާހަގަކުރަން ނިންމައިފި

ގިނަ ހަރަކާތްތަކާއެކު މާލޭގައި ކުލަގަދަކޮށް ބޮޑު އީދު ފާހަގަކުރުމަށް ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް (އެންސީއޭ) އިން ނިންމައިފިއެވެ.

ބޮޑު އީދުގެ ހަރަކާތައް ތިން ދުވަހުގެ މުއްދަތައް ކުރިއަށްދާއިރު މި ހުރިހާ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާލޭގެ އެކި ސަރަހައްދުތަކުގައެވެ.

މިގޮތުން ފުރަތަމަ ހަރަކާތެއްގެ ގޮތުގައި 15 ޖޫން 2024 ވަނަ ދުވަހުގެ ރޭ "ވެދުމާ ދިޔުން"ގެ ނަމުގައި 21:00ގައި ހަރަކާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. "ވެދުމާ ދިޔުން" އަކީ އިހުގެ ކާބަފައިން އެއިރެއްގައި އެރަށެއްގެ ވެރިއަކަށް ހުންނަ ބޭފުޅެއްގެ އަރިހަށް އީދުގެ ކުޅިވަރުތައް ކުރިއަށްގެންދިއުމުގެ ހުއްދައަށް އެދި ދެންނެވުމަށް ދާދިޔުމަކަށް ކިޔޭ ނަމެކެވެ. މިހަރަކާތުގައި ރައިސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

އީދު ދުވަހު ( 16 ޖޫން 2024)ގައި 11 ހަރަކާތްތަކެއް މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު އޭގެ ތެރޭގައި ހެނދުނު 07:00 ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމާއި 08:00ގައި މަޖީދީމަގުގައި އީދު ސައެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން އީދު ދުވަހުގެ ހަވީރު 16:00ގައި މާލޭގެ 8 ސަރަހައްދެއްގައި ސަގާފީ ކުޅިވަރުތައް ދައްކާލުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

އަދި ރޭގަނޑު 21:00ގައި ސޯޝަލް ސެންޓަރުގައި ފަންނާނުންގެ ސްޓޭޖް ޝޯއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

17 ޖޫން 2024 ވާ ހޯމަ ދުވަހުގެ ހެނދުނު 09:00ގައި އާޓިފިޝަލް ބީޗުގައި އަދި ރަސްފަންނުގައި ފެންކުޅިކުޅުމަށް ވަނީ ހަމަޖެހިފައެވެ.

ފަހުގެ ތާރީހެއްގައި މާލޭގައި މިފަދަ ގޮތަކަށް ކުލަގަދަކޮށް ބޮޑު އީދު ފާހަގަކުރާ މިއީ ފުރަތަމަ ފަހަރެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.