ޣައްޒާ : ދުނިޔޭގެ ދެކުނާއި އުތުރު ބައިބައިކޮށްލީ ކިހިނެއް ؟

މީގެ ދެއަހަރުކުރިން ، 2022 ވަނައަހަރުގެ ފެބްރުއަރީމަހުގެ 24 ވަނަދުވަހު ، ދުނިޔެ ސިއްސުވައިލީ ، ރަޝިއާއިން ޔުކްރޭނަށް އަރައި އެ ޤައުމު ހިފި ނުރައްކާތެރި ޚަބަރުންނެވެ. އެހެނަސް ، ރަޝިއާ އާއި ޔުކްރޭނަކީ 2014 ވަނައަހަރުން ފެށިގެން ހަނގުރާމަކުރަމުންގެންދާ ، އަވަށްޓެރި ދެ ޤައުމެވެ. ރަޝިއާގެ މިޢަމަލާގުޅިގެން ، ދުނިޔޭގެ ބާރުގަދަ ޤައުމުތަކުގެ މެދުގައި ޤާއިމްވެފައި އޮތް ގުޅުމަށް ލޮޅުން އެރިއެވެ. ތިންވަނަ ދުނިޔޭގެ ޤައުމުތަކުގެ މެދުގައި ޤާއިމްވެފައި އޮތް ގުޅުންތަކަށްވެސް ، އެ ހަނގުރާމައިގެ އަސަރު ކުރިއެވެ. ޚާއްޞަކޮށް " ބްރިކްސް " ގެ ނަމުން މަޝްހޫރުވެފައިވާ އިއްތިޙާދުގެ ޤައުމުތަކުގެ ގުޅުމުގައި ރެނދުލިއެވެ.  " ބްރިކްސް " އަކީ ، ދުނިޔޭގެ އެކި ބައްރުގައި ހިމެނޭ ، ތަރައްޤީވަމުން އަންނަ ނުވަ ޤައުމެއް ، އެކުގައި މަސައްކަތްކުރާ ޙަރަކާތެކެވެ. އެ ޙަރަކާތުގައި ހިމެނެނީ ، ބްރެޒީލް ، ރަޝިއާ ، އިންޑިއާ ، ޗައިނާ ، ދެކުނު އެފްރިކާ ، އީރާން ، މިޞްރު ، އިތިއޯޕިއާ އަދި ޔުނައިޓެޑް ޢަރަބި އެމިރޭޓްސް އެވެ. " ބްރިކްސް " ގައި ރެނދު އެޅިއިރު ، ރަޝިއާގެ އެ ޢަމަލަކީ ، އަމިއްލަ ދިފާޢުގައި ކުރެވިދާނެކަމެއްކަމަކަށް ، އެ ޙަރަކާތުގެ ގިނަ ޤައުމުތަކަކުންވެސް ނުދެކެއެވެ.

ޣައްޒާއަށް އަރައި އިސްރާއީލުން ހިންގަމުންގެންދާ ޤަތުލުޢާންމާ ގުޅިގެން ، " ބްރިކްސް " ގައި ހިމެނޭ ޤައުމުތަކަށް އަނެއްކާވެސް ކުރިމަތިވެފައި އެއޮތީ އިމްތިޙާނެކެވެ. އިސްރާއީލުގެ ޢުދުވާނީ ޙަމަލާތަކާ ދެކޮޅަށް ، " ބްރިކްސް " ގެ ތެރެއިން އެންމެ ފާޅުކަންބޮޑު ގޮތެއްގައި ދުނިޔެއާ ކުރިމަތިލީ ދެކުނު އެފްރިކާއިންނެވެ. މިކަމުގައި ދެކުނު އެފްރިކާއިން ، ދުނިޔެއާ ދެކޮޅަށް ނުކުމެ ފެށްޓީ ސީދާ ޙަރަކާތުންނެވެ. އދ އަށް ނިސްބަތްވާ އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އަށް ، އިސްރާއީލާއި އިސްރާއީލުގެ ހަރުކަށި ވެރިންނާ ދެކޮޅަށް ، ހަނގުރާމައިގެ ޖަރީމާގެ ކުށުގެ ދަޢުވާ ހުށަހަޅައިގެންނެވެ.

7 އޮކްޓޯބަރ 2023 ގައި ، ހަމާސްއިން އިސްރާއީލަށް ދިންޙަމަލާއާ ގުޅިގެން ، އަމިއްލަ ދިފާޢުގައިކަމަށްބުނެ ، ފަލަސްތީނާ ދެކޮޅަށް އިސްރާއީލުން މެދުނުކެނޑި ދެމުންގެންދާ ޢުދުވާނީ ޙަމަލާތަކަށް ، ހިތްވަރުދެނީ އެމެރިކާއިންނެވެ. އިސްރާއީލަށް ހަތިޔާރުގެ އެހީދީގެންނެވެ. އެކި ނަންނަމުގައި އިސްރާއީލަށް އެހީތައް ފޮނުވައިދީގެންނެވެ. އިސްރާއީލުގެ ވެރިންނަށް ، ހިތްވަރުދީގެންނެވެ. ހަނގުރާމަ ހުއްޓުމަށް އަމާޒުހިފައި ، އދ ގެ ސަލާމަތީ މަޖިލީހުގައި ، އިސްރާއީލާ ދެކޮޅަށް ފާސްކުރާ ޤަރާރުތައް ވީޓޯ ކޮށްގެންނެވެ. ޣައްޒާގެ ރައްޔިތުން ، އެއްވެސް ރަޙުމެއްނެތި އިސްރާއީލުން ޤަތުލުކުރަމުން ގެންދާއިރު ، އެމެރިކާއަށް އެއީ މައްސަލައެއް ނޫނެވެ. އެކަމާ އެމެރިކާ ދެރަވެއެވެ. އެކަމަކު ، ޣައްޒާގެ ރައްޔިތުން ޤަތުލުކޮށް އަނިޔާވެރި އިސްރާޢިލުން އެހިންގާ ޖަރީމާތަކަކީ ، އިސްރާއީލުން ކުރާ ކުށެއްކަމަކަށް އެމެރިކާއަކަށް ޤަބޫލެއް ނުކުރެވެއެވެ.

އެއީ ކީއްވެގެން ހެއްޔެވެ ؟ އެއީ ، އިސްރާއީލަކީ ، އިނގިރޭސިވިލާތާއި އެމެރިކާގެ ނަހަލާލު ދަރިޔަކަށް ވާތީއެވެ. ދެވަނަ ބޮޑުހަނގުރާމަޔަށްފަހު ، ދުނިޔޭގެ އެތަންމިތަނުގައި ބިކަވެގެން އުޅުނު ، ޔަހޫދީންތައް ، ފަލަސްތީނުގެ ބިމަށް އަޅައިލީ އެމެރިކާއާއި އިނގިރޭސީން އެއްބަސް ކިޔާފައެވެ. ފަރަންސޭސިވިލާތާއި ޖަރުމަނުން އަދި ހުޅަނގުގެ އެހެން ބައެއް ޤައުމުތަކުން އެކަމަށް ތާއީދު ލިބިގެންނެވެ. ކޯޓާއެއް ކަނޑައަޅައިގެން ޚުދު އެމެރިކާއަށްވެސް ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގެނައެވެ. ޔަހޫދީންގެ މުޞީބާތާއި ބަލާވެރިކަން އެއީ ބޮޑުކަމަކަށްވެގެން ، ހުޅަނގުގެ ޤައުމުތަކުން ނިންމީ ފަލަސްތީނުގެ ބިމަށް ޔަހޫދީންތައް އަޅާލައި ، އެބިމަކީ ، ޔަހޫދީންގެ ބާރު ދައްކައިލައި ، ބޭނުންގޮތެއް ހެދިދާނެ ބިމެއްގެ ގޮތުގައެވެ. ފަލަސްތީނުގެ ވަށައިގެން އިންވެގެންވާ ހުރިހާ ޤައުމެއްގައިވެސް ، ދާޚިލީ ހަނގުރާމަ ހިނގަމުން އެބަދެއެވެ. ފަލަސްތީނު ޙާލެއްގައި ޖެހޭ ދުވަހު ، އެހީގެ އަތެއް ދިއްކޮށްލެވޭފަދައެއް އެއިން އެއްވެސް ޤައުމަކު ނެތެވެ. އެންމެ ދެރަވެގެން ، ޢަރަބި އެއްވެސް ޤައުމަކުން އެމެރިކާއާ ދެކޮޅަށް ޗުއްޕުވެސް ބުނެނުލެވޭވަރަށް ، އެޤައުމުތަކުގެ މައްޗަށް އެމެރިކާގެ ނުފޫޒު އެއޮތީ ހިންގާފައެވެ.

ފަލަސްތީނުގެ މުސްލިމް އަންހެނުންނާއި މުސްކުޅިންނާ އަދި ކުޑަކުދިންކުރެ ، އެތައްހާސް ބަޔަކު އިސްރާއީލުން ޤަތުލުކުރަމުން ދާތާ ، ހަތްމަސް ، އަށްމަސް ވަމުންދާއިރުވެސް ، މުސްލިމުންގެ މުޤައްދަސް ބިންތަކާއި ، ދެޙަރަމްފުޅު ނިސްބަތްވާ ، ސުޢޫދީ ޢަރަބިއްޔާވެސް އޮތީ ، އެމެރިކާއާއި އިސްރާއީލާ އަދި ޔަހޫދީންގެ ޤަތުލުޢާންމަށް ބަހެއް ބުނެވޭފަދަ ޙާލަތެއްގައެއް ނޫނެވެ. ހުޅަނގުގެ ނުފޫޒުގެ ތާށިކަމުގައި ދޫބަންދު ވެފައެވެ. އިސްލާމީ އުއްމަތުގެ ޙައްޤުގައި ، އެންމެ އިނގިއްޔެއް އުފުއްލާލައިހާ ހިތްވަރުވެސް ސުޢޫދީ ޢަރަބިއްޔާއަކަށް ނެތެވެ. ހަމައެފަދައިން ، އީރާނާއި ސޫދާނު ފިޔަވައި ޢަރަބި އެހެން އެއްވެސް ޤައުމަކުން އެކަމާމެދު ކަންބޮޑުވާކަން ސާފުކޮށް އެނގޭވަރުގެ ފިޔަވަޅެއް އަޅާފައެއް ނެތެވެ.

މުޅި ދުނިޔެ ކޮންޓްރޯލްކުރަމުން ، އިސްލާމީ އުއްމަތަށް ހަލާކާއި ގެއްލުން ދެމުންގެންދާ މުސްލިމުންގެ ޢަދުއްވެއްކަމުގައިވާ ، އެމެރިކާގެ ރައީސް ، ޖޯބައިޑެން އަށް ސިފަކުރެވޭގޮތުގައި ، ހަމާސްއިން އިސްރާއީލަށް ޙަމަލާދީ ބާރަސަތޭކަ ޔަހޫދީން މަރައިލުމާ ،  ރަޝިއާއިން ޔުކްރޭނަށް އެރުމަކީ އެއްވަރުގެ ދެކަންތަކެވެ. މީ ކޮންފަދަ އިންސާފެއް ހެއްޔެވެ ؟

" ނުރައްކާ ތަފާތުވެފައި އޮތަސް ، ހަމާސް އާ ޕުޓިން އެކުރީ އެއްވަރެއްގެ ކުށެކެވެ. ދެބައިމީހުންވެސްގެވެސް މަޤްޞަދަކީ ، އަވަށްޓެރި ، ޑިމޮކްރަސީއެއް ނައްތައިލުމެވެ. " ބައިޑެން ބުނެފައި ވެއެވެ.

ބައިޑެން އެބުނި އެއްޗެއް އެއީ ހަމަބުއްދި ހުރެގެން ބުނިއެއްޗެއްކަމަކަށް ، ރަޝިއާއަކުން ނުދެކެއެވެ. އަދި އެއީ ، ޤަބޫލުކުރެވޭނެ ބަހެއްނޫންކަމަށް ރަޝިއާއިން ބުނެފައި ވެއެވެ. އިސްރާއީލާއި ފަލަސްތީނުގެ މައްސަލައިގެ ޙައްލަކީ ، " ޓޫ ސްޓޭޓް ސޮލިއުޝަން " ކަމުގައި ރަޝިޢާއިން ޤަބޫލުކުރެއެވެ.

ޗައިނާއިންވެސް ޤަބޫލުކުރާ ހަމަޔަކީ އެއީއެވެ. ފަލަސްތީނުގެ މައްސަލަޔަށް ޙައްލެއް ގެނެވޭނީ ، މިނިވަން ދެޤައުމެއްގެ ގޮތުގައި ފަލަސްތީނާއި އިސްރާއީލް ދެމިއޮވެގެންކަމަށް ، ޗައިނާއިން އަބަދުވެސް ޤަބޫލުކުރެއެވެ. އިސްރާއީލުން ފަލަސްތީނަށް ދޭ ޙަމަލާތައް ، ޗައިނާއިން އަންނަނީ ކުށްވެރި ކުރަމުންނެވެ. ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމުގެ ވާހަކަތަކަށްވެސް ، ޗައިނާއިން އަބަދުވެސް ތާއީދުކުރެއެވެ. ހަމާސްއަށް ނިސްބަތްކޮށް ، ޗައިނާއިން ދެރަބަހެއް ނުބުނެއެވެ.

އިސްރާއީލުން ފަލަސްތީނަށްދޭ ޢުދުވާންތައް ހުއްޓުވުމަށް ، ޢަރަބިލީގުގެ މެންބަރ ބާވީސް ޤައުމުން ، ނިންމި ނިންމުންތަކަށްވެސް ، ޗައިނާއިން ތާއީދު ކުރިއެވެ. ހަނގުރާމަ ހުއްޓައިލުމަށް ބާރުލިބިދޭ ކޮންމެ ކަމަކަށް ޗައިނާއިން އަންނަނީ ތާއީދުކުރަމުންނެވެ.

ތަރައްޤިވަމުން އަންނަ ޤައުމުތަކުގެ ތެރެއިން ، އޭޝިއާއި އެފްރިކާ އަދި ލެޓިން އެމެރިކާގެ ޤައުމުތަކުންވެސް ، އިސްރާއީލް ފަލަސްތީނު މައްސަލައިގާ ، ޔޫރަޕުން ގެންގުޅޭ ވިސްނުމާއި ފިކުރަށް އެއްބަހެއް ނުވެއެވެ. އެއީ ، ކުރީޒަމާންތަކުގައި ، ހުޅަނގުގެ ޤައުމުތަކުގެ އަޅުވެތިކަމުގެ ހިތިރަހަ ކަރުބުޑުން ނުފިލާ ހުރި ޤައުމުތަކެކެވެ. ހުޅަނގުނޫން އެހެން ހުރިހާ ޤައުމަކުންވެސް ، ޖުމްމަ ގޮތެއްގައި އިސްރާއީލުގެ ޢުދުވާނާ ދެކޮޅެވެ. އިސްރާއީލާ އެއްކޮޅަށް ޖެހެނީ ހުޅަނގާއި ހުޅަނގުގެ ޖަޒުބާތުގައި ޖެހި ސަލާމަތްނުވެގެން އުޅޭ ޤައުމުތަކެވެ. ހުޅަނގާއި ހުޅަނގާ އެއްބައިވެގެން މަސައްކަތްކުރާ ޤައުމުތަކުން ، އިންސާނީ ކަރާމާތާއި އިންސާނީ ޙައްޤުތައް ޙިމާޔަތް ކުރުމުގައި ގެންގުޅޭ މުނާފިޤު ސިޔާސަތުތައް ، ތިންވަނަ ދުނިޔޭގެ ތަރައްޤީވަމުން އަންނަ ޤައުމުތަކުން ޤަބޫލެއް ނުކުރެއެވެ.

ޖަރުމަނުން އިސްރާއީލުގެ ޢުދުވާނީ ޤަތުލުޢާންމަށް ތާއީދުކުރާތީ ، ނެމީބިއާއިން އަންނަނީ ޖަރުމަނަށް ނުރުހުން ފާޅުކުރަމުންނެވެ. ޖަރުމަނަކީ ، ނެމީބިއާގެ އާބާދީގެ އެތައް ބަޔަކު މަރައި ހުސްކޮށް ، ޤަތުލުޢާންމު ހިންގާފައިވާ ޤައުމެކެވެ. ހަމައެއާއެކު ، ހިޓްލަރގެ ދުވަސްވަރު ، އެތައްމިލިއަން ޔަހޫދީންނެއް މަރައިފައިވާ ޤައުމެކެވެ.

އިސްރާއީލުގެ ޢުދުވާނާ ދެކޮޅުހެދުމުގެ ގޮތުން ، އިސްރާއީލުގައި ހުންނަ ބްރެޒީލުގެ އެމްބެސެޑަރވަނީ އަނބުރާ ބްރެޒީލަށް ގެނެސްފައެވެ. މިހުރިހާ ޤައުމަކީވެސް ، އެމެރިކާއާއި ހުޅަނގުގެ ދެފުއްދެގޮތް ބޭއިންސާފީ ސިޔާސަތުތަކާ ދެކޮޅު ޤައުމުތަކެކެވެ.

7 އޮކްޓޯބަރ ގެ ޙަމަލާއާ ގުޅުވައި ، ހުޅަނގުގެ ޤައުމުތައް ކެކި އަރައިގަތެވެ. ރައްޔިތުން މަގުމައްޗަށް ނުކުމެ ، އިސްރާއީލަށް ހަމްދަރުދީއާއި ތާއީދުއޮތްކަން ހާމަކުރިއެވެ. ހަމައެއާއެކު ، އެ ޤައުމުތަކުގެ ވެރިންވެސް ، ރައްޔިތުންނެކޭ އެއްގޮތަށް ، ވެރިކަމުގެ ފަރާތުންވެސް އިސްރާއީލަށް ތާއީދުކުރާކަން އެންގުމަށް ، އިސްރާއީލަށް ދިޔައެވެ. ހުޅަނގުގެ ނަގާކިޔާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ، އެމެރިކާއާއި ، ފަރަންސޭސިވިލާތް ، އަދި އިނގިރޭސިވިލާތާއި އިޓަލީވިލާތް އަދި ޖަރމަނު ވިލާތުގެ ވެރިން އިސްރާއީލަށްގޮސް އިސްރާއީލުގެ ވެރިންނާ ބައްދަލުކޮށް ، އެޤައުމުތައް އޮތީ އިސްރާއީލާއެކުގައިކަން ހާމަކޮށްފައި ވެއެވެ. އެއީ ، އެދުވަހެވެ.

މިއަދުގެ ޙާލަތު ބަދަލުވެއްޖެއެވެ. ޔޫރަޕްގެ ގިނަ ސިޓީތަކުގައި ކޮންމެ ދުވަހަކުހެން ސަރުކާރާދެކޮޅަށް މުޒާހަރާ ކުރަމުން އެބަގެންދެއެވެ. އިސްރާއީލަށް ތާއީދުކޮށް ސަރުކާރުން އެހީވަމުންދާއިރު ، އެއީ ، މީހުން މެރުމަށް އިސްރާއީލަށް ވެދެވޭ އެހީއެއްގެ ގޮތުގައި ރައްޔިތުން ސިފަކުރަން ފަށައިފިއެވެ. އިސްރާއީލުގެ ޤަތުލުޢާންމުގެ ޙަޤީޤަތާއި ، އިސްރާއީލުގެ އަޞްލު މަޤްޞަދު ، މުޅިދުނިޔެއަށް އެދަނީ ހާމަވަމުންނެވެ.

ޖަރުމަނާއި އޮސްޓްރިއާ އަދި ޗެކްރިޕަބްލިކުން އަންނަނީ އަދިވެސް އިސްރާއީލަށް ތާއީދުކުރަމުންނެވެ. އަދި އެ ތިންޤައުމުގެ ވިސްނުން ބަދަލުނުކުރާނެކަމަށް ބުނަމުންނެވެ. ކޯޓް އޮފް ޖަސްޓިސްއަށް ދެކުނު އެފްރިކާއިން ، އިސްރާއީލާ ދެކޮޅަށް ލާފައިވާ ޤަތުލުޢާންމުގެ މައްސަލައިގާ ، ޖަރުމަނުން ވަނީ ދެކޮޅުހަދައި ، އެމައްސަލަ ކުރިޔަށް ގެންދިއުމަށް ހުރަސް އަޅާފައެވެ.

ޗެކްރިޕަބްލިކަކީ ، ދެވަނަ ބޮޑުހަނގުރާމައިގާ ޖަރުމަނުން ޔަހޫދީންނާ ދެކޮޅަށް ހިންގާފައިވާ ޢުދުވާނުގައި އެންމެ ގިނަ ޔަހޫދީން އަޅައިލި އެއްޤައުމެވެ. އިސްރާއީލުން ޣައްޒާއަށް ޙަމަލާދިނުން ހުއްޓައިލުމަށް އދ ގެ ސަލާމަތީ މަޖިލީހުގައި ނެގި ވޯޓާ ދެކޮޅަށް ވޯޓުދިން ސާދަ ޤައުމުގެ ތެރޭގައި ޗެކް ރިޕަބްލިކް ހިމެނެއެވެ.

ފަލަސްތީނުގެ ޢާޏްމު ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތް ކޮށްދިނުމުގެ ވާހަކަ ޔޫރަޕުން ދައްކަމުންގެންދިޔަ ނަމަވެސް ، އިސްރާއީލާ ދެކޮޅަށް އެއްވެސް އެއްޗެއް ބުނާކަށް ނުކެރެއެވެ. އިސްރާއީލަށް ތާއީދުކޮށް ، ހަމާސް ނައްތައިލުމަކީ ، އިސަރާއީލުގެ އެދުމާ އެއްގޮތަށް އެ ޤައުމުތަކުގެވެސް އަމާޒެކެވެ. ފަލަސްތީނުގެ އެތައްހާސް ރައްޔިތުންނެއް ޝާހީދުވުމަށްފަހު ، ސްޕޭނާއި އަޔަރލޭންޑްގެ ވެރިންގެ ވިސްނުން ބަދަލުވެއްޖެއެވެ. " ޓޫ ސްޓޭޓް ސޮލިއުޝަނަކީ " ފަލަސްތީނު . އިސްރާއީލުގެ ޞުލްޙައިގެ މަގުކަން އެ ޤައުމުތަކުން ޤަބޫލު ކުރެއެވެ.

ހުޅަނގުގެ ބައެއްޤައުމުތަކުން ބޭނުންވަނީ ، ރަޝިއާއިން ޔުކްރޭނަށް އެރި އެރުން އެއީ ހަމައެއްނެތި ރަޝިއާއިން ކުރި ނޭއްގާނީ ، ޢުދުވާނީ ޙަމަލައެއްގެ ގޮތުގައި އެޤައުމުތަކުން ބަލައިގަތުމަށެވެ. އެހެންނަމަވެސް ، އެއީ ޙަޤީޤަތްކަން އެމެރިކާއާއި ހުޅަނގުގެ ޤައުމުތަކުގެ ޢަމަލުތަކުން ސާބިތެއް ނުވެއެވެ. އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ޙަމަލާތަކަކީ ، އިންސާފެއްނެތި ، އިސްރާއީލުގެ އަމިއްލަ މަޞްލަޙަތު ޙިމާޔަތްކުރުމަށް ދެމުންގެންދާ ޙަމަލާތަކެއްކަން އެނގެއެވެ. އެމެރިކާއާއި ހުޅަނގުގެ ޤައުމުތަކުން އިސްރާއީލާމެދު ގެންގުޅޭ ދެފުއްދެގޮތް ސިޔާސަތަކީ ، ދުނިޔޭގެ ހުރިހާކަންކޮޅަކުންވެސް ނުރުހުމާއި ބަދުދުޢާ ރައްދުވާ ކަމެކެވެ.

" ބްރިކްސް " އުފެދި އެޤައުމުތަކުގެ ޙަރަކާތްތައް ފުޅާވެ ، ނުފޫޒު ފެތުރެމުންދާ މި ދަނޑިވަޅުގައި ، އިސްރާއީލުގެ މައްޗަށް ދުނިޔެއިން ނުރުހުން އަމާޒުވަމުންދިއުމަކީ ، އެމެރިކާއާއި ޔޫރަޕުން އެދޭގޮތެއްނޫނެވެ. އެހެނަސް ، ހުޅަނގުގެވެސް ޚިޔާލު ބަދަލުވެ ، އެހެންބައްރުތަކުގެ ވިސްނުމާއި ފިކުރު ބަދަލުވާވަރަށް ، އިސްރާއީލުގެ މުޞީބާތްތައް އެދަނީ ދުނިޔެއަށް ކުރިމަތިވަމުންނެވެ. އެއްވެސް ހަމައެއް ލަމައެއްނެތް ޔަހޫދީންގެ ޢުދުވާންތަކުން ، އިންސާފެއްނެތި ، ހުވަފަތްވަމުންދާ އަންހެނުންނާއި ނިކަމެތި ވަމުންދާ މުސްކުޅިން އަދި ޔަތީމުވަމުންދާ ކުޑަކުދިންގެ ޙާލަތު މުޅިދުނިޔެއަށް ފެންނަމުންދާއިރު ، ދުނިޔޭގެ ޤައުމުތަކުގެ ސިޔާސަތުވެސް ބަދަލުވަމުން ހުޅަނގާމެދު ދެކޭގޮތް ދަނީ ބަދަލުވަމުންނެވެ. މިއީ ، އެމެރިކާއަށްވެސް އަދި ހުޅަނގުގެ އެއްވެސް ޤައުމަކަށް އަދި ޚުދު އިސްރާއީލަށްވެސް ހުށްޓުވޭނެކަމެއް ނޫނެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.