ހުރިހާ އަތޮޅެއްގައި އައިސްޕްލާންޓް ގާއިމްކޮށް މިއަހަރު ނިމޭނެ: ރައީސް

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިސްޕްލާންޓް ގާއިމުކުރުމުގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިމޭނެ ކަމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން އެމަނިކުފާނު ވިދާޅުވީ "މީގެ އިތުރުން، މަސްވެރިކަމަށް މަޝްހޫރު އަތޮޅުތަކުގައި މި ވޭތުވެދިޔަ 4 އަހަރުގެ ތެރޭގައި އިތުރު އައިސްޕްލާންޓް ގާއިމުކޮށް، މަސްވެރިންނަށް އައިސް ލިބުމުގެ ދަތިކަން ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައި،" ކަމަށެވެ.

ރައީސް ވިދާޅުވީ ސައުދީ ފަންޑުން ދެއްވައިފައިވާ 160 މިލިއަން ޑޮލަރުގެ އެހީގެ ތެރެއިން ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ތަރައްގީ ކުރުމަށްޓަކައި ބޮޑު ހޭދައެއް ކުރާގޮތަށް ސަރުކާރުން މިހާރުވަނީ ހަމަޖައްސަވާފައި ކަމަށެވެ. އެފައިސާއިން ސީދާ މަސްވެރިންނަށާއި މަސްވެރިކަންކުރާ އުޅަނދުފަހަރަށް މަންފާ ލިބޭގޮތަށް އެ އެހީގެ ބޭނުން ކުރުމަށް ސަރުކާރުން މިހާރުވަނީ މަސައްކަތްތަކެއް ފަށްޓަވާފައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"މަސްވެރިކަމުގެ ސިނާޢަތް، އެއްބާވަތެއްގެ މަސްވެރިކަމަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ ގޮތުން، މެރިކަލްޗަރގެ ވިޔަފާރީގެ ސިނާއަތެއް ގާއިމުކުރުމަށްޓަކައި ބޮޑެތި މަޝްރޫއުތަކެއް ވަނީ ފަށައިފައި. މިގޮތުން އެން އުފެއްދުމަށްޓަކައި 11 މިލިއަން އެމެރިކާ ޑޮލަރުގެ ބޮޑު މަޝްރޫޢެއް މިދިޔަ އަހަރުގެ ތެރޭގައި ވަނީ ފަށާފައި،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މަސްދޯނި ފަހަރުގައި ހަރުކުރަންޖެހޭ ”ވެސަލް ލޮކޭޓިންގ ޑިވައިސް" ގަންނަން ބޮޑު ޚަރަދެއް ކުރަންޖެހުމަކީ މަސްވެރިންގެ ޝަކުވާ އިތުރުވެފައިވާ މައްސަލައެއް ކަމަށެވެ. އެހެން ކަމުން ސަރުކާރުން މިހާރުވާނީ އެ ޑިވައިސް މަސްވެރިންނަށް ހިލޭ ފޯރުކޮށްދިނުމަށް ނިންމަވާފައި ކަމަށެވެ.

"ޒުވާން މަސްވެރިންނާއި އޮޑިވެރިން އުފެއްދުމަށާއި މަސްވެރިކަމުގެ ސިނާއަތުގައި ޒުވާނުންގެ ހިއްސާ އިތުރުކުރުމަށް 58 ފަރާތަކަށް ވަނީ ލޯނު ދޫކުރެވިފައި. އަދި އަތޮޅުތެރޭގައި ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށްޓަކައި ހުއިފިލަނޑާ އާލާކޮށް ބޮޑު ކުރުމުގެ މަސައްކަތަށް 115 ފަރާތަކަށް ލޯނުދޫކުރެވި، ރަށުގައި ގާއިމުވެތިބެގެން އާމްދަނީ ހޯދޭނެ މަގުތައްވަނީ ތަނަވަސްކޮށްދެވިފައި،" މަސްވެރިކަމާ ބެހޭގޮތުން ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވިއެވެ.

ރިޔާސީ ބަޔާނުގައި ދަނޑުވެރިކަމާ ބެހޭގޮތުން ރައީސް ވިދާޅުވީ ދަނޑުވެރިންނަށް އެމަސައްކަތުން ނަފާ ހޯދައިދިނުމުގެ ސިޔާސަތުގެ ދަށުން، ދަނޑުވެރިކަމުގެ ބާވަތްތަކުގެ ތެރެއިން ރާއްޖެއަށް އިމްޕޯޓް ކުރެވޭ ތަކެތި މަދުކުރުމަށް ސަރުކާރުން މަސައްކަތް ކުރެއްވި ކަމަށެވެ. އެތެރެކުރާ ބާވަތްތައް މަދު ކުރުމަށް ދަނޑުވެރިކަމުގެ 5 ބާވަތެއް ރާއްޖޭގައި އުފައްދައި، އެ ބާވަތްތައް އިމްޕޯޓްކުރާ މިންވަރު މަދުކުރުމުގެ ޕްރޮގްރާމެއް މިދިޔަ އަހަރުވަނީ ފަށްޓަވައިފައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"މި 5 ބާވަތް އިމްޕޯޓް ކުރަމުންގެންދާ މިންވަރުން އިރާދަކުރެއްވިއްޔާ %25 ދަށްކުރެވޭނެ. މިގޮތުން، 1866 ޓަނުގެ ތަރުކާރީއާއި މޭވާ، މިދަނޑުތަކުން ރާއްޖޭގެ ބާޒާރަށް ނެރެވޭނެ ކަމަށް އަންދާޒާ ކުރެވޭ. މި އަހަރު މި ޕްރޮގްރާމު ފުޅާކުރުމުގެ ގޮތުން، ދަނޑުވެރިކަން ކުރާ އިތުރު ފަރާތްތަކަށް 6 މިލިއަން ރުފިޔާގެ ލޯނު ދޫކުރުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު މިދަނީ ވަމުން،" ރައީސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.