ފަލްސަފާ (94)

( 4 ޖޫން 2024 ގައި ޝާއިޢުކުރި ބަޔާގުޅޭ )

ތަހުނިޔާމެންގެއިން ނުކުމެގެން އައިސް ، ގޭގެ ސިޓިންރޫމުގައި ޖައްސާލައިގެން ، މުރުތަޟާ އިނެވެ. އޭނާގެ ބޮލުގައި އެޅުވިގެން އެދަނީ އެއްވެސް ޙައްޤެއްނެތް އިލްޒާމް ތަކެކެވެ. ތަހުނިޔާގެ ވިސްނުން އެހާ ހަނިވެދާނެކަމަކަށް މުރުތަޟާ ، ހިއެއް ނުކުރެއެވެ. އެހެނަސް ، މިހައެއްކަ ދުވަހުގެ ތެރޭގައި މުރުތަޟާއަށް އުޅެވިފައިވާ ގޮތުގެމައްޗަށް ، ފިރިއެއްގެ ނަޒަރިއްޔާއިން ބަލައިލައިފިނަމަ ، ތަހުނިޔާ ކަންބޮޑުވެދާފަދަ ކަންތައްތަކެއް ، އޭނާއަށްވެސް ކުރެވިފައިވާކަމަށް މުރުތަޟާއަށް ޤަބޫލު ކުރެވެއެވެ. އެދުވަސްކޮޅު އުޅެވިފައިވަނީވެސް ، ތަހުނިޔާ އެންމެ ހިތްއެދޭގޮތަކަށް ނޫނެވެ. އެކަންކަމާ ޝަކުވާކުރުމުގެ ޙައްޤު ، ތަހުނިޔާއަށް އޮންނަންވާނެއެވެ.

ގެޔަށް ވަދެގެން އައިސް މުރުތަޟާގާތަށް ހުއްޓިލައި ، ޙަފުޞާގެ އަޑުގެ ނެތްތަނަށް މުރުތަޟާއަށް ގޮވައިލިއެވެ. މުރުތަޟާ ސިއްސައިގެންދިޔައެވެ. މުރުތަޟާއިނީ ، ތަހުނިޔާ އެދެއްކި ވާހަކަތަކުން ހިތަށް ލިބުނު ތަކުލީފުގައި ހަދާނެގޮތް ބޮޑުވެފައެވެ. މީހަކަށް ޝައްކުކުރަމުންގޮސް ، އަމިއްލަ ނަފްސު އޭގެތެރެޔަށް ދޫކޮށްލަންވެސް ޙައްދެއް އޮންނާނެކަމަކށް މުރުތަޟާއަށް ބުނެވުނެވެ. މުރުތަޟާއާއި ނޫރުއާ ދެމީހުންނާ އަޅުވާކިޔައި ، ތަހުނިޔާއަށް ޝައްކު ކުރެވިދާނެ އެތައްކަމެއް އޮވެދާނެއެވެ. އެހެނަސް ، އެއިން އެއްވެސް ކަމަކީ ، ތަހުނިޔާ އެކަމާ ވިސްނަންޖެހޭނެ ކަންކަމެއް ނޫނެވެ. ތަހުނިޔާއަކަށް ، އަދިވެސް މުރުތަޟާ ދަހެއް ނުވެއެވެ. ނޫރުއާ ދިމާވާ ދެރަ ޙާލަތަކަށް ކިތަންމެ ބޮޑު ހަމްދަރުދީއެއް އުފެދުނަސް ، މުރުތަޟާގެ ހިތް ނޫރުގެ މައްޗަށް ދޫވެގެންނުދާނެކަން ، ޔަޤީންވާވަރަށް ، ތަހުނިޔާއަކަށް ، މުރުތަޟާގެ މައްޗަށް އިތުބާރެއް ނުކުރެވެއެވެ. އެއީ ، ތަހުނިޔާގެ ހިތުގައި މުރުތަޟާގެ މައްޗަށް އުފެދިގައިވާ ލޯބީގެ ސަބަބުން އުފެދޭ ޝައްކުތަކެއްކަމަށް ވެދާނެއެވެ. އަދި ، މުރުތަޟާއާއި ތަހުނިޔާއާ ދެމެދުގައި ، އެފަދަ ޝައްކެއް އުފެދިގެން ދިއުމަކީ ، ނޫރު ބޭނުންވާގޮތް ކަމަށް ވާތީ ، އެކަން އެގޮތަށް ހިނގަނީކަމަށްވެސް ވެދާނެއެވެ.

ތަހުނިޔާ އެހީކުރާފަދަ އެއްވެސް ކަމެއް ، މުރުތަޟާއާއި ނޫރުލްޢައިނުއާ ދެމެދުގައި ނެތްކަމަށް މުރުތަޟާ ބުންޏެވެ. އަދި ، މަންމަގޮސް ، ތަހުނިޔާގެ މައިންބަފައިންނާ ވާހަކަ ދައްކައިގެން ، ތަހުނިޔާ އެގެޔަށް ގެނެސްދިނުމަށް މުރުތަޟާ އެދުނެވެ. އެހިސާބުން ކަންކަން ގޮއްސައި އެއޮތީ އަތްނުފޯރާ ހިސާބަށްކަމުގައި ޙަފުޞާ ބުންޏެވެ. ތަހުނިޔާގެ މައިންބަފައިން އެތިބީ ، ތަހުނިޔާގެ ޙައްޤުގައި ކޮންމެފަދަކަމެއްވެސް ކުރަން ތައްޔާރަށެވެ. ޙަފުޞާއަށް އިތުބާރުކޮށްފައި ، ތަހުނިޔާ އަލުން އެގެޔަށް ފޮނުވައިފިނަމަ ، އެމީހުން ޙަފުޞާއަށްކުރާ އިތުބާރަށް ވާނީ ކިހިނެއްތޯ ޙަފުޞާ ސުއާލު ކުރިއެވެ.

ޙަފުޞާ އެބުނި ވާހަކައެއް މުރުތަޟާއަކަށް ސާފެއް ނުވިއެވެ. ޙަފުޞާގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ. ރިޒްޤު ދެއްވަނީ ﷲ އެވެ. އެކަމަކު ، އިންސާނާގެ ނަފްސުގައި ﷲ ތަޢާލާ ލައްވާފައިވާ ކަރާމާތާއި ، ޢިއްޒަތުއްނަފްސަށް ރައްކާތެރިވުމަކީ އިންސާނާގެ ވާޖިބެކެވެ. މުރުތަޟާއަށް މިވަގުތަށް އެންމެ މުހިންމީ ، ތަހުނިޔާ ބޭނުންވާގޮތެއް ހެދުންކަމުގައި މުރުތަޟާއަށް ވިސްނައިދިނުމަށް ޙަފުޞާ މަސައްކަތް ކުރިއެވެ. އަދި ، ނޫރުލްޢައިނުއާއި ، އޭނާގެ ނުފޫޒުން ލިބުނު ވަޒީފާ ދޫކޮށްލުމަށް މުރުތަޟާގެ ކިބައިން ޙަފުޞާ އެދުނެވެ. ޠާހިރާވެސް ، މަންމަގެބަހަށް ތާއީދުކުރިއެވެ. ތަހުނިޔާއާއި އައިމަލްއަކީ ، އެމީހުންނަށް ﷲ ލެއްވި ރަޙުމަތެއްކަމުގައި ޠާހިރާ ބުންޏެވެ. އަދި އެހެން ހުރިހާކަމެއް ޤުރުބާންކޮށްފައިވެސް ، ތަހުނިޔާ އާއި އައިމަލްގެ ޙައްޤުގައި ކުރަންޖެހޭ ކޮންމެކަމެއް ކުރަން އެބަ ޖެހެއެވެ. ތަހުނިޔާގެ ހިތުގައި ޝައްކުތަކެއް އޮތްނަމަ ، އެ ޝައްކުތައް ނައްތައިލުމަކީ މުރުތަޟާގެ ކަމެކެވެ. އެކަންކުރަން މުރުތަޟާ ފަސްޖެހިގެންނުވާނެއެވެ. ޠާހިރާގެވެސް އެދުމަކީ ، މުރުތަޟާގެ ހިތުން ނޫރުލްޢައިނު ފުހެލާފައި ، ތަހުނިޔާއާއި އައިމަލް ، އަނބުރާ އެގެޔަށް ގެނައުމެވެ.

 

ނޫރުގެ ޢާއިލާ ، ރޭގަނޑުގެ ނާސްތާ ކުރަމުން ގެންދިޔައެވެ. ނޫރު އެގޭގައި ދުވަސްކޮޅަކު މަޑުކޮށްލުމަކީ ، އެންމެންގެވެސް އެދުމެކެވެ. ދުވަސްކޮޅަކަށް އޮފީހުން ޗުއްޓީއެއް ނަގައި އެމީހުންނާއެކީ ނޫރު ވަގުތުކޮޅެއް ހޭދަކުރުމަކީ ، އެންމެންވެސް ބޭނުންވާ ގޮތެވެ. އެހެނަސް ، އޮފީހުގެ މަސައްކަތަކީ ، ނޫރުއާ ނުލައި ފުރިހަމަކުރެވޭވަރަށްވުރެ ބުރަ ކަންތައްތަކެކެވެ. އަމީން އިޙްސާނަށް ނޫރުވެފައިވާ ވަޢުދާ އެއްގޮތަށް ، ކުންފުނީގެ އެއްވެސްކަމެއްގައި ގެއްލުމެއް ނުލިބޭނެގޮތަށް މަސައްކަތްތައް ރޭވުމަކީ ، ނޫރުގެ ޒިންމާއެކެވެ. އެހެންނަމަވެސް ، އެމީހުންގެ އެދުމާއެއްގޮތަށް ، ކުޑަދުވަސްކޮޅަކަށް ޗުއްޓީއެއް ނަގަން ނޫރު އެއްބަސްވިއެވެ. ކަންކަމުން ސަލާމަތްވުމަށް ދުވެދުވެ ، އޭނާވެސް އެހުންނަނީ ވަރުބަލިވެފައެވެ. އެކަމަކު ، މިއަދު އަދި އޮފީހަށްނުގޮސް އޭނާއަށް ގޭގައި ހުރެވޭކަށް ނެތެވެ.

ނޫރު އޮފީހަށް ވަތްގޮތަށް މުރުތަޟާއަށް ގޮވަމުން ، މުރުތަޟާގެ ކެބިންއަށް ވަތްއިރު ، މުރުތަޟާގެ ގޮޑީގައި އިށީނދެއިނީ އެހެން މީހެކެވެ. އެއީ ކާކުތޯއާއި އެއޮފީހުގައި އޭނާ އެކުރަނީ ކީއްތޯ ނޫރު ސުއާލު ކުރިއެވެ. ނޫރުއަށް ލިބުނު ޙައިރާންކަމުގައި ، އަނގަހުޅުވިފައި ހުށްޓެވެ. މުރުތަޟާގެ މަޤާމަށް އޭނާ ޢައްޔަންކުރީ ، ރަމްޝާކަމުގައި އެމީހަކު ބުންޏެވެ. ނޫރު މިސްރާބުޖެހީ ، އެޗް އާރގެ ޑިރެކްޓަރގެ ކެބިނަށެވެ. ނޫރުގެ ހުއްދަ ނެތި ، މުރުތަޟާ ވަޒީފާއިން ވަކިކޮށް އެހެންމީހަކު ، އެމަޤާމަށް ޢައްޔަންކުރީ ކީއްވެތޯ ، ނޫރު ސުއާލު ކުރިއެވެ. އެކަމުގައި އޭނާގެ ބާރެއްނެތްކަމަށާއި ، އެބަދަލު ގެނައީ ، ރަމްޝާގެ އަމުރަށް ކަމަށާއި ، އެކަންކުރުމަށް އަމީން އިޙްސާންގެ ހުއްދަ ރަމްޝާއަށް ދީފައިވާކަމަށް އޭނާ ބުންޏެވެ.

ކުންފުނީގެ އެންމެ އިސްމީހަކީ އޭނާކަމަށް ނޫރު ބުންޏެވެ. އެއޮފީހަށް ވަންނަ މެއްސަކީވެސް އޭނާގެ ހުއްދަ ލިބިގެންނޫނީ ނުވަދެވޭނެ އެއްޗެކެވެ. މުރުތަޟާއާއެކީ ކުރެވިފާ ވަޒީފާގެ އެއްބަސްވުމުގައި ، ދެއަހަރު ނުވަނިސް ، މުރުތަޟާ ވަކިނުކުރެވޭނެކަމަށް ލިޔެވިފައި އޮންނާނެކަމަށް ނޫރު ބުންޏެވެ. އަދި ، މުރުތަޟާއަށް އަލުން ވަޒީފާދީ ، މާދަމައިން ފެށިގެން ވަޒީފާއަށް ނުކުތުމަށް މުރުތަޟާއަށް އެންގުމަށް ، ނޫރު އަމުރު ކުރިއެވެ. އެއަށްފަހު ، ނޫރު ނިންމީ ރަމްޝާއާ ކުރިމަތިލާށެވެ. އެހުރިހާކަމެއް އެކުރީ ރަމްޝާއެވެ. އަމީން އިޙްސާން އެކަމަށް ހުއްދަދިންކަމެއް ނުވަތަ ނުދޭކަމެއް ބަލާކަށް ނޫރު ، ބޭނުމެއްނޫނެވެ. އަމީން އިޙްސާންގެ ހުއްދަ ލިބިގެންނޭ ކިޔައިގެންވެސް ، ރަމްޝާ އެފަދަ ކަމެއް ކޮށްފާނެއެވެ. ނޫރުލްޢައިނުއާއި އޭނާގެ ބައްޕަޔާ ދެމެދުގައި އޮތް ގުޅުމަށް ނުރަނގަޅު އަސަރެއްކުރާނެ ކޮންމެކަމެއްވެސް ރަމްޝާ ކޮށްފާނެއެވެ. ރަމްޝާ ކޮންމެފަދަ ކަމެއްކުރިޔަސް ، ބައްޕަ އެކަމާ އެހާބޮޑަށް އަޅައިނުލާނެކަން އޭނާއަށް އެނގެއެވެ. އެ ފުރުސަތުގެ ބޭނުންހިފައިގެން ، ރަމްޝާ އެގެންދަނީ ، ނޫރުއަށް ކުރެވެން އޮތް ކޮންމެ ޖެއްސުމެއް ކުރަމުންނެވެ.

ނޫރުއަށް ގެޔަށް ދެވުނުއިރު ، ރަމްޝާއުޅެނީ ޕާޓީ ބާއްވައިގެންނެވެ. ރައްޓެހިކުދިންތަކެއް ގެނެސް ، އަޑުގެ ނެތްތަނަށް ލަވަޖަހައި ، ނަށަމުން އަޑުގަދަކުރަމުން ގެންދެއެވެ.

" ރަމްޝާ ތިއުޅެނީ ކީކޭހިތައިގެން ހެއްޔެވެ ؟ " ރުޅިއައިސް ރަމްޝާއާ ދިމާއަށް ނޫރު ހަޅޭއްލަވައިގަތެވެ.

ރަމްޝާއަށް އެއީ މާބޮޑުކަމަކަށް ނުވިއެވެ. ޖަހަމުންދިޔަ މިޔުޒިކް ކަނޑައިލާފައި ، ތެދުވެގެން އައިސް ނޫރުގެ ކުރިމައްޗަށް ހުށްޓުނެވެ. ރަމްޝާހުރީ ނިކަން ކެރިގެންކަން އަންގައިލުމަށް ، ހިނިތުންވެލައިގެންނެވެ. ކުންފުނީގެ ކަންކަމުގެ ތެރެޔަށް ވަންނަން ރަމްޝާ ވިސްނީ ކޮން ގޮތަކުންތޯ ނޫރު ސުއާލު ކުރިއެވެ. އަދި ، އެކުންފުނީގެ އެމްޑީއަކީ އޭނާކަމުގައި ނޫރު ބުންޏެވެ. ނޫރުހުރީ ރަމްޝާއާ ދިމާއަށް ލޯއަޅައިގެންނެވެ. އެތަނުގައިތިބި ރަމްޝާގެ ރައްޓެހިންވެސް ، ހޫނުގަނޑު މާބޮޑުވާކަމަށް ފެނިގެން ، ގެއިން ނުކުމެގެން ދިޔައެވެ.

" އަހަރެންނަކީ ، ތިޔަބުނާ ކުންފުނީގެ ވެރިމީހާގެ ހުރި ހަމައެކަނި ދަރިފުޅެވެ. ހުރިހާ މުދަލެއް ވާރުތައިން ލިބެންހުރި ހަމައެކަނި މީހާއެވެ. ވާރުތަމުދަލުގެ ކަންކަން ދާގޮތް ނޫރުއަށް އެނގޭ ނޫންހެއްޔެވެ ؟ " ރަމްޝާ އައިސް ނޫރުއާ ގާތަށް ޖެހިލާފައި ބުންޏެވެ.

މުދާ ވާރުތަވާގޮތް ، ވަރަށް ރަނގަޅަށް އޭނާއަށް އެނގޭކަމުގައި ނޫރު ބުންޏެވެ. ވާރުތައިން ރަމްޝާއާ ހަމަޔަށްދާނީ ، ރަމްޝާގެ ބައްޕަގެ އެހެން ކުންފުނިތަކުގެ މުދަލެވެ. އެ ކުންފުނީގެ މުދަލެއް ނޫނެވެ. އެކުންފުންޏަކީ ، ނޫރުއާއި ރަމްޝާގެ ބައްޕަޔާ ދެމީހުން އެއްވަރަކަށް ޙިއްޞާވާ ކުންފުންޏެކެވެ.

" މި ކުންފުނި ހިންގުމުގައި އަހަރެން ރެޔާއިދުވާލު ދާއޮހޮރުވައި ، އެބަ މަސައްކަތް ކުރަމެވެ. އެހެންވީމާ ހަނދާން ކުރާށެވެ ! މި ކުންފުނީގެ އެއްވެސް ނިންމުމެއް އަހަރެންގެ އިޒުނަޔާނުލައި ނުނިންމޭނެއެވެ. " ނޫރު ބުންޏެވެ.

ރަމްޝާ ، ހެމުންހެމުން ، ބާރަށް އަތްޖަހަން ފެށްޓިއެވެ.

" ނޫރުލްޢައިނުއަށް ހީވަނީ ކީކޭކަމަށް ހެއްޔެވެ ؟ ނޫރުލްޢައިނު ، އަހަރެންނަށް އަމުރުކުރީމާ ، އަހަރެން އެ އަމުރަށް ކިޔަމަންވާނެކަމަށް ހީކުރަނީ ހެއްޔެވެ ؟ އެއީ ކުށް ހީއެކެވެ. ތިއުޅޭ ހުވަފެނީ ދުނިޔެއިން ބޭރަށް ނުކުންނާށެވެ ! މުރުތަޟާގެ ބަދަލުގައި މުރުތަޟާގެ މަޤާމަށް އަހަރެން އެހުރީ އެހެންމީހަކު ޢައްޔަން ކޮށްފައެވެ. އަހަރެންގެ އެނިންމުން ބަދަލުކުރުމަށް ހުވަފެނެއްގައިވެސް ނުވިސްނާށެވެ. ނޫރުލްޢައިނަކަށް އެކަމެއް ނުވާނެއެވެ. އެކަން އެގޮތަށް ކުރަން ހިތަށް އެރިނަމަވެސް ، އެ ކުންފުނިން ކީއްކުރަން ހެއްޔެވެ ؟ އަހަރެންގެ ބައްޕަގެ ދިރިއުޅުމުންވެސް ، ނޫރުލްޢައިނު ބޭރުކޮށް ނެރެލާނަމެވެ. " ރަމްޝާ ބުންޏެވެ.

ރަމްޝާއަށް ގޮވައިލުމަށްފަހު ، އަތަށް ބާރުލާފައި ރަމްޝާގެ މޫނުމަތީގައި ނޫރު ޖެހިއެވެ. އެވަގުތަކީ ، އަމީން އިޙްސާން އައިސް  ގެޔަށް ވަތް ވަގުތެވެ. ރަމްޝާގެ ކަންކަށިމަތީ ، ނޫރު އެވީއްލައިލި ބާރު އެތިފަހަރު ، އިޙްސާނަށް ފެނުނެވެ. އަދި އަޑުގެ ނެތްތަނަށް ނޫރުއޭ ބުނެ ހަޅޭއްލަވައިގަތެވެ. އިޙްސާންގެ ދެލޯހުރީ ބޮޑުވެފައެވެ. ރުޅިއައިސް ރަތްވެފައެވެ. ރަމްޝާ ، އޭނާގެ ބައްޕަޔަށް ގޮވައިލަމުން ، ރޮމުންރޮމުން ގޮސް ބައްޕަގެ ގައިގާ ބައްދައިގަތެވެ.

އެވަގުތަކީ ، އޭނާއަށް ބައްޕަގެ ބޭނުން އެންމެ މުހިންމުވި ވަގުތުކަމުގައި ރަމްޝާ ބުންޏެވެ. އޭނާގެ ކޮޅަށް ބައްޕަ ހުރީތީ ﷲ އަށް ޙަމްދުކުރަމުން ، އިޙްސާންގެ ގައިގާ ބައްދައިލަމުން ގެންދިޔައެވެ. އެކަން އިޙްސާނަށް އެނގޭކަމަށް ބުންޏެވެ. ރަމްޝާގެ އެންމެ ކޯލަކަށް ، ލަސްނުކޮށް ކަރާޗީއަށް އޭނާ އެއައީ އެހެންވެގެންކަމުގައި އިޙްސާން ބުންޏެވެ.

" ނޫރުއެވެ ! ރަމްޝާގެ މޫނުމަތީ ނޫރު  ޖެހީ ހެއްޔެވެ ؟  އަހަރެންގެ ހިތަށް ވަރަށް ތަދުވެއްޖެއެވެ. އަހަރެން ނޫރުއަށް ، މިހާރު އިތުބާރުކުރާނީ ކިހިނެއް ހެއްޔެވެ ؟ " އިޙްސާން ނޫރުއާ ދިމާއަށް ބުންޏެވެ.

އިތުބާރުގެ ވާހަކަ ، އިޙްސާންގެ ދުލުން ނުބުނާށޭބުނެ ، އިޙްސާނާ ދިމާއަށް ނޫރު އެނބުރުނެވެ. ގެއްލުނީ ، އިޙްސާނަށް ނޫރު ކުރި އިތުބާރެވެ. އިޙްސާނަކީ ، ކޮންކަހަލަމީހެއްކަން ދެނެގަތުމުގައި ނޫރުއަށް އޮޅުނީއެވެ. ޢިއްޒަތްތެރި ޤަދަރުވެރި އިންސާނެއްގެ އަބުރުވެރިކަމެއް އޮންނަންވާނެއެވެ. އަބުރު ގެއްލިއްޖެނަމަ ޤަދަރުވެރިކަމެއްވެސް އިތުބާރެއްވެސް ނުއޮންނާނެއެވެ. ނޫރުގެ ކިބައިން އިޙްސާން ބޭނުންވަނީ ކޮންކަމެއް ހެއްޔެވެ ؟ އިޙްސާންގެ އަނތްބެއްގެ ގޮތުން ، އެގޭގައި ނޫރުއަށް ލިބިގެންވަނީ ކޮން ޙައްޤުތަކެއް ހެއްޔެވެ ؟ އެގޭގައި ނޫރުއަށް އޮތީ ، މީހަކު ކުރާހާ ޝަކުވާއެއްގެ ޝިކާރަޔަކަށްވުން ނޫން އެހެން ކޮންކަމެއް ހެއްޔެވެ ؟

" ޝަކުވާގެ ވާހަކަ ނުދައްކާށެވެ ! ފައިންފެށިގެން ބޮލާހަމަޔަށް ނަޒަރު ހިންގައިލަ ބަލާށެވެ ! ނޫރުލްޢައިނުއޭ ކިޔާ އާދައިގެ ޢާންމު އަންހެނަކު ، މި އަމީން އިޙްސާންގެ ދިރިއުޅުމަށް އައިސް ، މިއަދާހަމަޔަށް ، ތި ޙާޞިލްކުރީ ކޮންކަންތައްތަކެއް ހެއްޔެވެ ؟ ވިސްނައިލަބަލާށެވެ ! އިޙްސާން ބުންޏެވެ.

ނޫރުލްޢައިނަކީ ، ޢާންމު އަންހެންކުއްޖެއްކަމަށް ވީނަމަ ، އަމީން އިޙްސާންގެ އަނތްބަކަށް ނުވާނެއެވެ. އަމީން އިޙްސާންގެ އަނތްބަކަށްވުމާއެކީ ، ނޫރުގެ ޤަދަރާއި ޢިއްޒަތް ވެއްޔާ މޮޑެވި ، ގެއްލިގެން ހިނގައްޖެއެވެ. ރޮވިފައިހުރެ ، ނޫރު އޭނާގެ އަމިއްލަ ނަފްސު ދިފާޢުކުރަމުން ގެންދިޔައެވެ. އެކަން ނޫރުއަށް ، މިއަދު ވަރަށް ރަނގަޅަށް އިޙްސާސް ކުރެވިއްޖެއެވެ.

 

ތަހުނިޔާގެ ހިތުގައި އުފެދިފައިވާ ހިތްދަތިކަމުގައި ބައިވެރިވުމަށް ، ސާޖިދާ މަސައްކަތްކުރަމުން ގެންދިޔައެވެ. ތަހުނިޔާގެ ބައްޕަ ތަހުނިޔާގެ ބަސް ޤަބޫލުކޮށް ، ގޭގައި ހުރުމަށް ހުއްދަދިނީ ، ސަބަބުތަކެއް އޮވެގެންކަން ، ސާޖިދާ އޭނާގެ ދަރިފުޅަށް ވިސްނައިދެމުން ގެންދިޔައެވެ. ތަހުނިޔާއަށް ދިމާވާ ކަންތައްތައް އަމިއްލަޔަށް ތަޙައްމަލުކޮށް ، ތަހުލީފުތައް ނުއުފުއްލައި މައިންބަފައިންނާ ޙިއްޞާކުރުމަކީ މުހިންމު ކަމެކެވެ. އެހެން ނޫންކަމަށްވަންޏާ މައިންބަފައިންގެ ހިތަށްވެސް ތަކުލީފުތައްލިބި ، ހިތާމަތައް އިތުރުވެގެންދާނެއެވެ. ހަނުހިމޭންކަންމަތީ ، މަންމަގެ ވާހަކަތައް އަޑުއަހަން ، ތަހުނިޔާ އިނެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.