ރައީސުލްޖުމްހޫރިއްޔާ ނިއުދިއްލީ އަށް ވަޑައިގެންފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އިންޑިއާ ސަރުކާރުގެ ކައުންސިލު އޮފް މިނިސްޓަރސް ހުވާކުރެއްވުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިންޑިއާގެ ނިއުދިއްލީއަށް ވަޑައިގެންފިއެވެ.

މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ވަޑައިގެންނެވީ އިންޑިއާގެ ބޮޑުވަޒީރުގެ ދައުވަތަކަށެވެ.

އިންޑިއާގެ އިންދްރާ ގާންދީ އިންޓަރނޭޝަނަލް އެއަރޕޯޓަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުމުން އެއަރޕޯޓުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ އިންޑިއާ ސަރުކާރުގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒް ހިންގުމާ މިވަގުތު އެންމެ އިސްކޮށް ހަވާލުވެ ހުންނެވި މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްގެ ސެކްރެޓަރީ ޕަވަން ކަޕޫރާއި އިންޑިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު އިބްރާހީމް ޝަހީބާއި އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރެވެ.

އިންޑިއާގެ ބޮޑުވަޒީރު އާ ދައުރަކަށް ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވެވުމަށް ހަމަޖެހިފައި ވަނީ މި ޖޫންމަހުގެ 9 ވާ އާދިއްތަ ދުވަހުއެވެ. މި ރަސްމިއްޔާތުގައި އިންޑިއާގެ އަވަށްޓެރި ޤައުމުތަކުގެ އިތުރުން އެހެން ބައެއް ޤައުމުތަކުގެ ލީޑަރުންވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

އިންޑިއާގެ ބޮޑުވަޒީރުގެ މަޤާމާއި ބޮޑުވަޒީރު މޯދީ ހަވާލުވެވަޑައިގަންނަވާ މިއީ ތިންވަނަ ދައުރެވެ. އިންޑިއާގެ ޢާންމު އިންތިޚާބު 2024ގައި ބާރަތިޔާ ޖަނާތާ ޕާޓީ (ބީ.ޖޭ.ޕީ) އާއި އެޕާޓީ އިސްވެ އޮވެ އުފައްދާފައިވާ ނޭޝަނަލް ޑިމޮކްރަޓިކް އެލަޔަންސް (އެން.ޑީ.އޭ) ހޯދި ކާމިޔާބީ ފާހަގަކުރައްވައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ތަހުނިޔާ ވިދާޅުވެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.