ރައީސުލްޖުމްހޫރިއްޔާ، ޖޭސްސީ އަށް ދެ މެންބަރުން ޢައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ދެ މެންބަރުން ޢައްޔަން ކުރައްވައިފިއެވެ.

މިކަމަށްޓަކައި ބޭއްވެވި ރަސްމިއްޔާތު އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނަށް މިއަދު ޢައްޔަންކުރެއްވި ދެ މެންބަރުންނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ލ.ފޮނަދޫ، އަރާއިރު، ޢަބްދުއްރަޙީމް ޢަބްދުﷲއާއި ރައްޔިތުންގެ މަޖިލީހުގެ މާފުށި ދާއިރާގެ މެންބަރު ކ.ގުރައިދޫ، ޝީވީޑް ޙުސައިން ރިޟާ އާދަމެވެ.

ޢަބްދުއްރަޙީމް ޢަބްދުﷲ ޢައްޔަންކުރައްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުންނެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޙުސައިން ރިޟާ ޢައްޔަންކުރައްވާފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން، އެ މަޖިލީހުން ކަނޑައަޅާ މެންބަރެއްގެ ހައިސިއްޔަތުންނެވެ.

މި ރަސްމިއްޔާތުގައި މި ދެ ބޭފުޅުންނަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓްގެ ފަނޑިޔާރު އޮނަރަބަލް ޑޮކްޓަރ މުޙައްމަދު އިބްރާހީމެވެ. މި ރަސްމިއްޔާތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، މި ދެބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އަރުވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.