ފަލްސަފާ (93)

( 1 ޖޫން 2024 ގައި ޝާއިޢުކުރި ބަޔާގުޅޭ )

ނޫރުއަށް ، ސިއްސައިގެންގޮސް ކޮޅަށް ތެދުވެވުނެވެ. މުރުތަޟާ އެދައްކަނީ ކޮންކަހަލަ ވާހަކައެއްތޯ ސުއާލު ކުރިއެވެ. އެވަޒީފާއަކީ މުރުތަޟާއަށް ވަރަށް މުހިންމު ވަޒީފާއެކެވެ. އަދި ، ކުންފުންޏަށްވެސް މުރުތަޟާގެ ބޭނުން އެހާ މުހިންމެވެ. އެކަން މުރުތަޟާއަށްވެސް ވަރަށް ރަނގަޅަށް އެނގޭނެއެވެ.

މުރުތަޟާއަށް ވިސްނޭގޮތުގައި އެއީ މިހާރު ދިމާވަމުންދާ މައްސަލަތަކަށް އޮތް އެންމެ ރަނގަޅު ޙައްލެވެ. ކުއްލިގޮތަކަށް ، ތޫފާނެއްގެ ސިފައިގާ ވަގުތު އައިސް އެމީހުންނާ އެމައްސަލަތައް ކުރިމަތިލާކަށް ފަހެއް ނުޖެހޭނެއެވެ. މިހާރުގެ ޙާލަތަށް ބަލާއިރު އެ ތޫފާނަކީ ނައިސް ނުދާނެ އެއްޗެކެވެ.

ނޫރު ޤަބޫލުކުރާގޮތުގައި ، ރަމްޝާގެ އެއްވެސް ވާހަކަޔަކަށް ހެއްލިގެން ، އަމީން އިޙްސާން އެއްވެސް ކަމެއް ނުކުރާނެއެވެ. ނޫރުގެ އެބަހުން އެނގޭ އެއްޗަކީ ، ރަމްޝާގެ މަސައްކަތުން ، އަމީންއިޙްސާނަށް އެދެމީހުންނާބެހޭ ވާހަކަތަކެއް އޮޅުންފިލައިފި ކަމެވެ. އެއީ އަދި މާނުރައްކާތެރި ކަމެކެވެ. ފިރިހެނުންގެ ވިސްނުމާއި ފިކުރުގެ ތެރެއިން އެކަހަލަ ކަންކަމުގައި ، ފިރިހެނުން ޢަމަލުކުރާނެގޮތް އެންމެ ބޮޑަށް އެނގޭނީ މުރުތަޟާއަށެވެ. ނޫރުއަށްޓަކައޭ ކިޔާފަ ، އަމީން އިޙްސާން އެއްވެސް ކަމެއް ޤުރުބާނެއް ނުކުރާނެއެވެ. އެއީ މުއްސަނދި ވިޔަފާރި ވެރިޔެކެވެ. ނޫރުއަކަށް އެކަންކަމެއް ނުވިސްނޭނެއެވެ.

ނޫރުއާއި މުރުތަޟާއާ ގުޅުވައިގެން ރަމްޝާ އެދެއްކި ހުތުރު ވާހަކަތަކުންބައެއް ، ނޫރުގެ ވާހަކައިގާ މުރުތަޟާއާ ޙިއްޞާ ކުރިއެވެ. ދެން ހަދާނީ ކިހިނެއްތޯ މުރުތަޟާ ސުއާލު ކުރިއެވެ. އަމީން އިޙްސާނަކީ ، ވިސްނޭ ހަރުދަނާމީހެއްކަމަށާއި ، ހުރިހާކަމެއް އޭނާއަށް ވިސްނޭނެކަމަށް ނޫރުއަށް ޤަބޫލު ކުރެވެއެވެ. ރަމްޝާގެ ވާހަކަ ތަކަކަށް އިޙްސާނެއް ނުހެއްލޭނެއެވެ.

ރަމްޝާގެ ބަހަށް ބާރުލިބިދޭކަމެއް މިދޭތެރެޔަކުން ނޫރުއަށްވެސް އޮތީ ކުރެވިފައެވެ. އެއީ ، ކުއްލިޔަކަށް މުރުތަޟާގެ މުސާރަ ބޮޑުކޮށް މަޤާމް މަތިކޮށްދިނުމަށް އިޙްސާންގެ ކިބައިން އެދުމެވެ. އެއީ އަމީން އިޙްސާން ނުވިސްނާ ދޫކޮށްލާނެކަމެއް ނޫނެވެ.

ނޫރު ރަނގަޅުތޯ މުރުތަޟާ ސުއާލު ކުރިއެވެ. އެސުއާލަށް ނޫރު އެއްވެސް ޖަވާބެއް ނުދެއެވެ.

 

ހެނދުނުގެ ނާސްތާގެ ގަޑީގައި ވަޞީމަށް ކެވޭނެތަކެއްޗާއި ނުކެވޭނެ ތަކެތީގެ މަޢުލޫމާތު ، ރައިދާ ސާފުކޮށް ދެމުން ގެންދިޔައެވެ. އެއީ ވަޞީމަށް އުނދަގޫ ކަމަކަށްވިޔަސް ، ޑޮކްޓަރގެ ލަފާގެ މަތިން ، ވަޞީމުގެ ކެއިންބުއިމުގެ ކަންކަން މީގެފަހުން ބަހައްޓަން ޖެހެނީ ވަކިގޮތަކަށެވެ. ހާރިސްވެސް ، ދެހަފުތާއެއްހާ ދުވަހުގެ ތެރޭގައި އިސްލާމްއާބާދަށް ބަދަލުވާން އެބަ ޖެހެއެވެ. އެއީ އޭނާގެ ވަޒީފާ އިސްލާމްއާބާދަށް ބަދަލުވާތީއެވެ. އެއީ ވަޞީމަށް ، އަޑުއަހަން އެހާފަސޭހަ ވާހަކައެއް ނޫނެވެ. ހާރިސް ނިންމާފަ އޮތީ ، ރައިދާވެސް އަދި ބައްޕަވެސް އޭނާއާއެކީ އިސްލާމްއާބާދަށް ގެންދާށެވެ. އެހެނަސް ، ވަޞީމު އެގޮތެއް ބޭނުމެއް ނުވެއެވެ. މުސްކުޅި ޢުމުރުގައި އެގެ ދޫކޮށްލާފައި ދިއުން އެއީ ވަޞީމަށް ކުޅަދާނަކަމެއް ނޫނެވެ. ހާރިސްގެ ދެމަފިރިން އިސްލާމްއާބާދަށް ބަދަލުވުމަކީ ، ވަޞީމަށް މައްސަލައެއްނޫނެވެ. ހާރިސްގެ ވަޒީފާގެ ކުރިއެރުމާއި ދިރިއުޅުމުގެ ކާމިޔާބީތަކަކީ ، ވަޞީމަށްވެސް ލިބޭ އުފަލެކެވެ. އޭނާއެކަނި ، އެ ގޭގައި އުޅެންޖެހުނަސް ، އެގެ ދޫކޮށްލާފައިދާކަށް އޭނާގެ ހިތެއް ނޭދެއެވެ.

އެމީހުންގެ ވާހަކަ ، ބައްޕަޔަށް ޤަބޫލު ނުކުރެވޭނެކަމަށް ރައިދާ ބުންޏެވެ. އެހެންނަމަވެސް ، ނޫރު އައިސް ބައްޕަޔާ އެވާހަކަ ދައްކައިފިއްޔާ ވަގުތުން ޤަބޫލުކުރާނެއެވެ. ހާރިސްވެސް ރައިދާގެ ވާހަކަޔަށް ތާއީދު ކުރިއެވެ. އެކަން ކުރެވޭނީ ނޫރުއަށެވެ.

 

ޢާޞިމް ގެޔަށް އައިސް ވަތްތަނުން ފުރަތަމަވެސް ފެނުނީ ، ސާޖިދާ ، އައިމަލް އުރައިގެން ހުއްޓައެވެ. ވީއުފަލުންގޮސް ، ސާޖިދާ އަތުން އައިމަލް އަތުލައި އުރައިލިއެވެ. އައިމަލް ފެނުމުން ، ޢާޞިމަށް ހަނދާންވަނީ ، ތަހުނިޔާގެ ތުއްތު އިރެވެ. އެއީ ހަމަ ތަހުނިޔާގެ ކޮޕީއެކެވެ. މުރުތަޟާ އެގެޔަށް އައިތޯ ޢާޞިމް ސުއާލުކުރިއެވެ. މުރުތަޟާގެ އެއްވެސް ވާހަކައެއް ، ތަހުނިޔާވެސް ސާޖިދާގާތަކު ނުދައްކައެވެ. ކަމެއް ގޯސްވެގެން އުޅޭހެން ހީވިޔަސް ، އެވާހަކަ ތަހުނިޔާގާތަކުން ނާހައެވެ. އެހިޔަސް ، ތަހުނިޔާއެއް އެއްވެސް ވާހަކައެއް ، ޝަކުވާއެއްގެ ގޮތުގައެއް ނުދައްކާނެއެވެ. މުރުތަޟާއަށް ފޯނުކޮށްފައި ، އެމީހުންނާއެކީ އެރޭގެ ކެއުމުގައި ބައިވެރިވުމަށް މުރުތަޟާއަށް ދަޢުވަތު ދިނުމަށް ސާޖިދާ އެދުނެވެ. ތަހުނިޔާއާ މުރުތަޟާއާ ދެމީހުންގެ މައްސަލައެއް އުޅޭކަމަށް ވަންޏާ ، ތަހުނިޔާ ފޯނުކުރިޔަކަސް މުރުތަޟާއެއް ނާންނާނެއެވެ. އެކަމަކު ، ޢާޞިމް ފޯނުކޮށްފިއްޔާ ، މުރުތަޟާއަކަށް ނައިހެއް ނުކެރޭނެއެވެ.

ވަޞީމު ހޮސްޕިޓަލުން ގެޔަށް ބަދަލުކުރިކަން ޢާޞިމަށް އޮތީ އެނގިފައެވެ. އެހެންކަމުން އެމީހުން އެގެޔަށްގޮސް ވަޞީމާ ބައްދަލުކޮށްލަން ޖެހޭނެކަމަށް ޢާޞިމް ބުންޏެވެ. އެކަމަށް ސާޖިދާވެސް އެއްބަސްވިއެވެ. އަދި އެއީ ކޮންމެހެންވެސް ކުރަންޖެހޭނެކަމެއްކަމަށް ސާޖިދާ ބުންޏެވެ. އެކަން ޢާޞިމް ހަނދާންކޮށްލަދިންކަމަށްޓަކައި ސާޖިދާ ޝުކުރު އަދާކުރިއެވެ.

ސާޖިދާގެ ދެމަފިރިންނާއި ތަހުނިޔާއާ އައިމަލް ގޮވައިގެން ، ނޫރުމެންގެޔަށް ވަޞީމާ ބައްދަލުކުރަންދިޔައިރު ، ޙަފުޞާއާއި ޠާހިރާވެސް އެގޭގައި ތިއްބެވެ. އައިމަލް ފެނުމާއެކު ޠާހިރާ ދުވެފައި އައިސް އައިމަލް އުރައިލިއެވެ. އަދި ތަހުނިޔާ އެއައީ ، އެމީހުންގެ ގޭގެ އަލިކަން ހިފައިގެންކަމަށް ބުންޏެވެ.

" ކައިވެންޏަށްފަހު ، އަންހެންކުއްޖާގެ ގެޔަކީ ފިރިމީހާގެ ގެއެވެ. މައިންބަފައިންގާތަށް ގޮސް އެމީހުންގާތު މަޑުކޮށްލެވިދާނެއެވެ. އެކަމަކު ، އެއަންހެންކުއްޖާގެ ގެޔަށްވާނީ ފިރިމީހާގެ ގެއެވެ. " ޙަފުޞާއަށް ނީނދެވިގެން ތަހުނިޔާއާ ދިމާއަށް ބުންޏެވެ.

މަންމަ އެބުނީ ރަނގަޅު ވާހަކައެއްކަމަށް ތަހުނިޔާވެސް އެއްބަސްވިއެވެ. އެހެނަސް ، އެގެޔެއްގައި ހަމަނޭވާ ނުލެވިގެން ، އަންހެންކުއްޖާއަށް އެ ގެއިން ނުކުމެގެން އަންނަން މަޖުބޫރުވާނީ ، ވަރަށް ބޮޑު ސަބަބެއް އޮވެގެންނެވެ. ތަހުނިޔާގެ އެބަހުން ، އެތާތިބި އެންމެންނަށް ސިހުން ލިބުނެވެ. އެންމެންގެ އަނގަބެދި ހިމޭންވެފައި ތިއްބާ ، ނޫރުއާއި މުރުތަޟާ އެތަނަށް އައިސް ވަނެވެ. މުރުތަޟާއާއެކީ ނޫރުއެއައީ ، އޭނާގެ ކާރު ހަލާކުވެގެން ގަރާޖަށް ފޮނުވާލާފައިވާތީއެވެ. މުރުތަޟާ ގެޔަށްދަމުން ނޫރުގެ ގެޔަށް އޭނާ ގެންގޮސްލަ ދިނުމަށް އެދުމުންނެވެ. މުރުތަޟާއަށް އައިމަލް ފެނުމާއެކު ، ބައްޕަގެ ފުރާނައާއޭ ހާދަބޮޑަކަށް ބައްޕަޔަށް އައިމަލް ހަނދާން ވެއޭ ބުނެ އައިމަލްގެ ގައިގާ ކޮށްޓައިލިއެވެ.

" ދޮގު ނުހަދާށެވެ. މުރުތަޟާ ، އެއްވެސްމީހެއްގެ މަތިން ހަނދާނެއް ނުކުރެއެވެ. " ތަހުނިޔާ ބުންޏެވެ.

މުރުތަޟާއަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. އައިމަލް ނިދާގަޑި ޖެހިއްޖެޔޭ ބުނެ ، އައިމަލް ގޮވައިގެން ތަހުނިޔާ އެގެއިން ނުކުންނަން ހިނގައިގަތެވެ. ތަހުނިޔާގެ އެޢަމަލުން ، އެތާތިބި އެންމެންނަށް ލިބުނު ޙައިރާންކަން ވަކިން ބޮޑުވިއެވެ. އެންމެންވެސް ތިބީ ބުނާނެ އެއްޗެއް ނޭނގި ހަމަހިމޭންކަންމަތީގައެވެ. ތަހުނިޔާ އެދިޔައީ ކީއްވެގެންކަން ނޫރުއަށްވެސް އެނގުނެވެ. އެތާ ހުންނަން ލަދުން ، އެބަ އަންނަމޭބުނެ ، މުރުތަޟާވެސް އެގެއިން ނުކުތެވެ.

ތަހުނިޔާއަށް ގޮވަމުން މުރުތަޟާ ، ފަހަތުން އައެވެ. ތަހުނިޔާ މަޑުނުކޮށް ގޭތެރެޔަށް ވަދެގެން އައެވެ.

" އަހަރެންނަށް އިތުބާރު ނުކުރަނީ ކީއްވެ ހެއްޔެވެ ؟ އަހަރެންނާމެދު ނުޙައްޤު ޝައްކެއްކުރަން އެހެންމީހުންނަށް ފުރުސަތު ތިދެނީ ކީއްވެ ހެއްޔެވެ ؟ އަހަރެންނާ ވަކިވާން ތަހުނިޔާ ބޭނުންވަނީ ހެއްޔެވެ ؟ އަހަރެންނާމެދު ތަހުނިޔާ ތިކުރަމުންދާ ޝައްކުތަކާބެހޭގޮތުން ވަކި އެއްޗެއްބުނާކަށް އަހަރެން ނެތީމެވެ. އެހެނަސް ، އައިމަލްއަކީ ، ތަހުނިޔާގެ ދަރިޔެއްފަދައިން އަހަރެންގެވެސް ދަރިއެކެވެ. " ހިތްދަތިވެފައި ހުރެ ބަލިއަޑަކުން މުރުތަޟާ ބުނަމުން ގެންދިޔައެވެ.

މުރުތަޟާއާއި ތަހުނިޔާގެ ވަކިވުމުގެ ނިޔަތުގައި ޚުލާޞާކޮށް މުރުތަޟާ އެބުނި ވާހަކަތަކަށް ، ތަހުނިޔާ ތަޢުރީފް ކުރިއެވެ. މުރުތަޟާގެ މައްޗަށް އިތުބާރުކުރުމަށްޓަކައި ، ތަހުނިޔާއަށް ބޭނުންވާ އެއްވެސްކަމެއް މުރުތަޟާގެފަރާތުން ފުއްދައެއް ނުދެވެއެވެ. އެ އިތުބާރު ދެމެހެއްޓުމަށް ދެން ފުރުސަތެއް ނެތްކަމަށް ތަހުނިޔާ ބުންޏެވެ.

މުރުތަޟާއާއި ތަހުނިޔާ ވާހަކަ ދައްކަމުން ގެންދަނިކޮށް ،  ޢާޞިމް އައިސް ގެޔަށް ވަނެވެ.

" މުރުތަޟާ ބޭނުންކަމަށް ވަންޏާ ، އަހަރެމެންގެ ގުޅުން މިހާރުވެސް ކަނޑައިލަންވީއެވެ. " ތަހުނިޔާ އޭނާގެ އަޑުގެ ނެތްތަނަށް ބުންޏެވެ. އެއާއެކު ، ޢާޞިމްވެސް ، ގެޔަށްވަދެ ، ތަހުނިޔާއަށް ގޮވާލައި ހަޅޭއްލަވައިގަތެވެ. ތަހުނިޔާއަށް އެބުނެވޭ އެއްޗެއް ރަނގަޅަށް އެނގޭތޯ ޢާޞިމް ސުއާލު ކުރިއެވެ. ތަހުނިޔާއަށް ހުރީ ރޮވިފައެވެ. އޭނާ ވަރުބަލިވެއްޖެކަމަށް ބުނެ ރޮއިގަތެވެ. ލޯބީގެ ފަހަތުން ، ލޯބި ޙާޞިލްކޮށްގެން ، ދިރިއުޅުން އާބާދުކުރުމަށް ދުވެދުވެ އޭނާ ވަރުބަލިވެއްޖެކަމަށް ތަހުނިޔާ ބުންޏެވެ. އެހުރިހާ ގުޅުންތަކެއް ދަމަހައްޓަން އުޅެއުޅެ ތަހުނިޔާ މުޅިން އަވަދިވެއްޖެއެވެ. ދެން ، އޭނާއަކަށް ކެތެއް ނުކުރެވޭނެއެވެ.

ޢާޞިމް އޭނާގެ ދަރިފުޅު ރޯތަން ދެކޭކަށް ބޭނުމެއް ނުވިއެވެ. ސާޖިދާގެ މޫނަށް ބަލައިލުމަށްފަހު ، މުރުތަޟާއާ ދިމާއަށް ބަލައިލަބަލައިލާ ، ޢާޞިމަށް ހުރެވުނީ އަޝޯޚުވެފައެވެ. ތަހުނިޔާ އެހުރީ ތަހުނިޔާގެ ބައްޕަގެ ގޭގައިކަމަށް ބުނެ ، މުރުތަޟާގެ ޝަކުވާ ، އެމީހުންގެ ކުރިމަތީ ހާމަކުރުމަށް ޢާޞިމް ބުންޏެވެ. އެވަރަކުން ޢާޞިމް ފުއްދައެއް ނުލިއެވެ. ތަހުނިޔާ މަޑުކުރަން ބުނެ ، ޙަފުޞާއާ ގުޅައި އެގެޔަށް އައިސްދިނުމަށް އެދުނެވެ. އެމައްސަލަ ޙައްލުކުރާނީ އެންމެން އެއްތާކު ތިބެގެންނެވެ.

ކުއްލިގޮތަކަށް ތަހުނިޔާ އެގެއިން ނުކުމެގެން ދިއުމާއެކު ، ނޫރުމެންގޭގައިވެސް އެންމެންތިބީ ކަންބޮޑުވެފައެވެ. ހުރިހާމީހުންވެސް ބަލަމުން ގެންދަނީ ނޫރުގެ މޫނަށެވެ. ނޫރުވެސް ހުރީ ކަންބޮޑުވެފައެވެ. ފޮރުވިފައިވާ ހިނިތުންވުމަކާއި ތަކުލީފުން ފުރިގެންވާ ހިތްދަތިކަމެއްގެ އަސަރު ، ނޫރުގެ މޫނުމަތިން ފާޅުވާން ހުށްޓެވެ. އެއީ ޚުދު އޭނާގެ ދިރިއުޅުމުގައިހުރި ތަކުލީފުތަކުން ކޮށްފައިވާ އަސަރެއްކަމެއް ނުވަތަ ތަހުނިޔާގެ އެޙަރަކާތުން ކޮށްފައިވާ އަސަރެއްކަމެއް ، ޚުދު ނޫރުއަކަށްވެސް ވަކިކުރާކަށް ނޭނގެއެވެ. ނޫރުއަށް އެކަމުގެ އެއްވެސް މަޢުލޫމާތެއް ލިބިފައި އެބައޮތްތޯ ، ހާރިސް ސުއާލުކުރިއެވެ. އެ ޚުޠޫރަތްތެރި ވަގުތު ، ނޫރުހުރީ ބައްޕަގެ ގާތުގައެވެ. މުރުތަޟާއާއި ތަހުނިޔާއާ ދެމީހުން ދެއްކި އެއްވެސް ވާހަކައެއް ނޫރުއަކަށް ، ރަނގަޅަކަށް އަޑެއްވެސް ނީވެއެވެ. އެކަމަކުވެސް ، ނޫރުހުރީ ކަންބޮޑުވެފައިކަން އެންމެންނަށްވެސް އެނގެއެވެ. ކޮންކަމަކާކަމެއް ނޭނގެއެވެ.

ރައިދާއަކީ ނޫރުގެ ޢަމަލުތައް އެންމެ ބޮޑަށް އެނގޭނެ އެކެކެވެ. ބައްޕަ ބަލިވެގެން ރައިދާގުޅިދުވަހު ، ނޫރުހުރީ ކޮންތާކުތޯ ރައިދާ ސުއާލުކުރިއެވެ. އެއީ ކީއްވެގެން ، ރައިދާކުރި ސުއާލެއްކަމެއް އެއްވެސް މީހަކަށް ނޭނގެއެވެ. އެދުވަހު ، ނޫރު އުޅުނީ ކާކާއެކީގައި ކޮންތާކުކަމެއް ނޫރު ހަނދާނެއް ނެތެވެ. ރަސްމީ އަދި ނުރަސްމީ ކަންކަމުގައި ، ދިރިއުޅުމުގެ ހާސްކަންމަތީ ނޫރު އެދުވަހު އުޅުނީ ވަރަށް ޙާލުގައި ، ނުތަނަވަސްކަމާ އެކުގައެވެ. އޭނާއާއެކީ ، މުރުތަޟާހުރިވާހަކަ ބުނުން އެއީ އެހާ މުނާސަބު ކަމެއްނޫންކަން ނޫރުއަށް އެނގުނެވެ. ކޮންމެވެސް ކަމެއްގައި އަވަދިނެތި އުޅެވުނު ވަގުތެއްކަމަށާއި އޭނާއަށް އެވަގުތު އުޅެވުނީ ކޮންތާކުކަން ހަނދާންނެތްކަމަށް ބުނެ ، އެވާހަކަ އޮއްބައިލިއެވެ. އެވަގުތު ނޫރުއަށް ފޯނެއް އައުމުން ، އެތަނުން ދުރަށް ޖެހިލިއެވެ. ރައިދާއާއި ހާރިސް ، އެކަކު އަނެކެއްގެ މޫނަށް ބަލައިލިއެވެ. ކޮންމެވެސް ކަމެއް ހިނގައިގެން އެބައުޅޭކަމުގެ އިޙްސާސް އެދެމީހުންނަށްވެސް ކުރެވުނެވެ. އެހެނަސް ، އެވަގުތަކީ ބައްޕަގެ ކުރިމަތީ ތިބެގެން އެވާހަކަ ދެއްކުން އެހާ ރަނގަޅު ވަގުތެއްނޫންކަން ދެމީހުންވެސް ދެނެގަތެވެ.

 

ޢާޞިމް ގުޅުމާއެކު ، އަވަސް އަރުވާލައިފާ ޙަފުޞާވެސް އަތުވެއްޖެއެވެ. ޠާޙިރާއަށްވެސް މަންމަޔާއެކީ ނައިހެއް ނުހުރެވުނެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަނީ ކަންބޮޑުވުމާއި މޮޅިވެރިކަމެވެ. ތަހުނިޔާގެ ރުއިން އަދިވެސް ނުހުށްޓެއެވެ. ތަނަށް ވެރިވެފައިވާ ހަމަހިމޭންކަން ކަނޑުވައިލީ ، ރޮވިފައިހުރެ ، ތަހުނިޔާ ދައްކަންފެށި ވާހަކަތަކުންނެވެ.

"  އެންމެންގެ ކުރިމަތީ ، މިވާހަކަ ދެއްކުމަކީ އަހަރެންނަށް އެހާ ފަސޭހަކަމެއްނޫނެވެ. އެކަމަކު ، އަހަރެންކުރާނީ ކީއްހެއްޔެވެ ؟ އަހަރެންގެ ކުރިމަތީ ލޮލަށް ފެންނަމުންދާ ކަންކަން ބަލަން ހުންނާކަށް ދެން ، އަހަރެންނަކަށް ކެތެއް ނުވާނެއެވެ. "

ތަހުނިޔާ ބުނަން ބޭނުންވާ ވާހަކައެއް ސާފުކޮށް ކިޔައިދިނުމަށް ވަޞީމު އެދުނެވެ. ސާޖިދާވެސް އަދި ވަޞީމުވެސް އެތިބީ ، ތަހުނިޔާގެ ދިފާޢުގައެވެ. ކަންބޮޑުވާންޖެހޭ އަދި ބިރުގަންނަންވީ އެއްވެސް ސަބަބެއް ނެތެވެ. ލޮލުން ފައިބަމުންދިޔަ ކަރުނަތައް ، ފުހެލައި ތަހުނިޔާގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ.

" ކުރިން އަހަރެންނަށް ވީ ޝައްކެކެވެ. އެކަމަކު ، ނޫރުއާ މުރުތަޟާގެ ގުޅުން އަނެއްކާވެސް ފެށިއްޖެކަން އަހަރެންނަށް މިހާރު ޔަޤީން ކުރެވިއްޖެއެވެ. އެކަމަށް ހެކިދޭ ކަންކަން އަހަރެންގެ ލޮލަށް އޮތީ ފެނިފައެވެ. އެކަންކަން އަހަރެންނަށް ސާފުކޮށްދިނުމުގެ ބަދަލުގައި ، ނޫރުގެ މަޢުޞޫމިއްޔަތުގެ ނަމުގައި ، މުރުތަޟާ އެގެންދަނީ ނޫރުއާ ކައިރިވަމުންނެވެ. ނޫރުގެ ރޭވުންތަކުގައި ފުރިހަމަޔަށް ބައިވެރިވަމުންނެވެ. "

އެހިސާބުން ، އޭނާގެ ދިފާޢުގައި ވާހަކަ ނުދައްކާ މުރުތަޟާއަކަށް ނުހުރެވުނެވެ. ތަހުނިޔާއަށް އެއުޅެނީ ކުށްހީތަކެއް ކުރެވިގެންކަމުގައި މުރުތަޟާ ބުންޏެވެ.

" މިއަދުވެސް ، ތަހުނިޔާ ދެކެ އަހަރެން އިންތިހާއަށް ލޯބި ވެއެވެ. އެލޯތްބަށް އަހަރެން ބޭވަފާތެރިއެއް ނުވާނަމެވެ. އަހަރެންނަކީ ، އައިމަލްގެ ބައްޕައެވެ. " މުރުތަޟާ ބުންޏެވެ.

ޢާޞިމްވެސް ވާހަކައިގެ ތެރެޔަށް ވަނެވެ. ކައިވެންޏެއްގެ މަތީ ދެމިހުރި ފިރިހެނަކު ، އެގޮތަކަށް ޢަމަލުކޮށްގެން ނުވާނެކަމަށް ޢާޞިމް ބުންޏެވެ. ތަހުނިޔާގެ ހިތަށް އުނދަގޫވާ ކަމެއް އޮތްނަމަ ، އެވާހަކަ އެމީހުންވެސް އަޑުއަހަންޖެހޭނެއެވެ. ތަހުނިޔާއަށް އެ ހީވާ ހީވުމުގެ އަސްލަކީ ކޮބައިކަން ސާފުކޮށް ކިޔައިދިނުމަށް ޢާޞިމް އެދުނެވެ.

" ނޫރު އެނބުރި އައިސް ، ކުންފުނީގެ އެމްޑީގެ ޒިންމާއާ ޙަވާލުވީފަހުން ، މުރުތަޟާއާ ނޫރުގެ ވަގުތުތައް ހޭދަކުރަނީ ދެމީހުން އެކުގައެވެ. އަހަރެންނަށްވެސް އަދި އެންމެ ދެރަވެގެން އައިމަލްއަށްވެސް އެއްވެސް ވަގުތުކޮޅެއް ، މުރުތަޟާއަކަށް ނުދެވެއެވެ. އަބަދުވެސް އުޅެނީ ނޫރުއާ އެކީގައެވެ. ހެނދުނު އޮފީހަށްދާގޮތަށް ، ގެޔަށް އަންނަނީ ރޭގަނޑު ލަސްވާފަހުން ، އައިމަލްވެސް ނިދާހާއިރުކޮށްފައެވެ. ހުރިހާ ވަގުތެއްވެސް އޮންނަނީ ނޫރުއަށް ޚާއްޞަ ކޮށްފައެވެ. "

ތަހުނިޔާ އެދައްކާ ވާހަކަޔަކީ ، ޔަޤީންކަމާއެކީ ދައްކާ ވާހަކައެއްތޯ ނުވަތަ އޭނާއަށް ހީވާ ހީވުމެއްގެ މައްޗަށް ބިނާކޮށް ދައްކާ ވާހަކައެއްތޯ ޙަފުޞާ ސުއާލުކުރިއެވެ. އިތުރަށް ދައްކާނެވާހަކައެއް އެކަމުގައި ނެތްކަމަށް ތަހުނިޔާ ބުންޏެވެ. އޮފީސް ނިމިގެންވެސް ، ހުރިހާ ވަގުތެއް މުރުތަޟާ ހޭދަކުރަމުންގެންދަނީ ނޫރުއާއެކީގައިކަން ، ތަހުނިޔާއަށް ޔަޤީނެވެ. ތަހުނިޔާގެ ޝައްކުތަކަށް އެވަރު ފުދެއެވެ.

" އެއްފަހަރު އަހަރެންނަށް ފެންނާނީ ދެމީހުން ރެސްޓޯރެންޓަށް ކާންގޮސް ތިއްބައެވެ. އަނެއްބައި ފަހަރަށް އެނގޭނީ ނޫރުގެ ގޭގައި މުރުތަޟާ އުޅޭކަމެވެ. އެވަރުން ނުވެގެން ، ހާމަތަންތަނުގައިވެސް ބައްދަލުކުރަމުން ގެންދެއެވެ. އަހަރެމެންނާއެކީ ތަނަކަށްދާން އެއްބަސްވެފައި ، ވަގުތުޖެހޭއިރުވެސް ނައުމުން ގުޅައިލީމަ ބުނާނީ އޮފީސް މަސައްކަތުގައި އަވަދިނެތި އުޅޭ ވާހަކައެވެ. އޭރު ، އޮފީހުގައި މުރުތަޟާއާއެކީ ނޫރުހުންނާނެއެވެ.  " ތަހުނިޔާ ކިޔައިދެމުން ގެންދިޔައެވެ.

" ވަޞީމުބޭބެއަށް ހާޓްއެޓޭކް ޖެހުނު ދުވަހުވެސް ، ނޫރުއާއި މުރުތަޟާ ތިބީ އެއްތަނެއްގައިކަމަށް ރައިދާ ބުންޏެވެ. ރައިދާގެ ފޯނު ނެގިއިރު ، އަހަރެންކުރި އެއްވެސް ފޯނެއް މުރުތަޟާއެއް ނުނަގައެވެ. އެމީހުން އެއްތަނެއްގައި ނުތިބޭކަމަށް ، އައިމަލްގެ ޙައްޤުގައި ހުވާކުރުމަށް މުރުތަޟާގާތު ބުނުމުން ، އެކަމަށް މުރުތަޟާ ސާފުކޮށް އިންކާރު ކުރިއެވެ. އަމިއްލަ ދަރިފުޅުގެ ޙައްޤުގައި ދޮގުހުވައެއް ކުރާކަށް އެއްވެސްމީހަކު ނޭދޭނެ ނޫންހެއްޔެވެ ؟ " ރޮމުންރޮމުން ތަހުނިޔާ ، އޭނާގެ ވާހަކަ ކިޔައިދެމުން ގެންދިޔައެވެ.

މުރުތަޟާ ވާހަކަ ދައްކަން އަނގަ ހުޅުވައިލިތަނާ ، މުރުތަޟާ މަޑުން ހުރުމަށް ޢާޞިމް އެންގިއެވެ. އޭނާގެ ދަރިފުޅުގެ ލޮލުން ކަރުނައައުމަކީ ، އޭނާއަށް ކެތްކުރެވޭނެކަމެއް ނޫންކަމަށް ޢާޞިމް ބުންޏެވެ. އަދި ، ތަހުނިޔާ ދެރަނުވުމަށާއި ، ބައްޕަ އެހުރީ އޭނާއާއެކީގައި ކަމަށް ޢާޞިމް ބުންޏެވެ. މައްސަލަ ލެނބެމުން އެދަނީ ތަހުނިޔާގެ ކޮޅަށެވެ. މުރުތަޟާހުރީ ، އޭނާގެ ދިފާޢުގައި އެއްޗެއް ބުނެލާނެ ފުރުޞަތެއް ނުލިބި ، އިންތިހާއަށް މޮޅިވެފައެވެ. މުރުތަޟާގެ ލޮލުންވެސް ހުރީ ކަރުނަ ހިލިފައެވެ. (ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

  1. ވަރަށްވެސް ރީތި. މުރުތަޟާ އޭނާގެ ގޮތުގައި އަދި ތަހުނިޔާ އޭނަގެ ގޮތުގައި ރަނގަޅު. މި ހޫނުގަނޑު ނިމޭނީ ކޮންގޮތަކަށްބާއޭ ހިތަށް އަރާ. ޝުކުރިއްޔާ ފާރޫޤު ސަރ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.