ބޭންކް އޮފް މޯލްޑިވްސްގެ ހިއްސާދާރުންނަށް ފައިދާގެ ގޮތުގައި ރެކޯޑް އަދަދެއް ބެހުމަށް ފާސްކޮށްފި

ރޭ ބޭއްވުނު ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންވަނީ ހިއްސާގެ ފައިދާގެ ގޮތުގައި ރެކޯޑް އަދަދެއް ކަމަށްވާ ހިއްސާއަކަށް 50 ރުފިޔާގެ މަގުން ޖުމްލަ 269 މިލިއަން ރުފިޔާ ބެހުމަށް ފާސްކޮށްފިއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ " ބޭންކުގެ ތާރީޚުގައިވެސް ހިއްސާގެ ފައިދާގެ ގޮތުގައި ދެވޭ އެންމެ ބޮޑު އަދަދު ބެހުމަށް ފާސްވެގެން ދިޔައީ  އަޅުގަނޑުމެންނަށް މިހާތަނަށް ލިބުނު އެންމެ ރަނގަޅު ނަތީޖާ މިވޭތުވެދިޔަ 2023 ވަނަ ހޯދުމުގެ ސަބަބުން. މި ފުރުސަތުގައި އަޅުގަނޑުމެންގެ ކަސްޓަމަރުން މެދުކެނޑުމެއްނެތި ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރަން. އަދި ކަސްޓަމަރުން ހިދުމަތް ހޯދުމުގައި ކުރާ ތަޖުރިބާ ރަނގަޅުކޮށް، ހިދުމަތްތައް ހޯދުމުގައި ވީހާވެސް ފަސޭހަގޮތްތައް ފޯރުކޮށްދިނުމަށް މަސައްކަތްކުރާނަން."

" އަޅުގަނޑުމެން ހަރުދަނާ ހިންގުންތެރިކަމެއް ގާއިމުކުރުމަށާއި ކަސްޓަރުންނަށް ދޭ ހިދުމަތް އެންމެ މަތީ މިންގަނޑެއްގައި ހިފަހައްޓައި، ޑިޖިޓަލައިޒޭޝަންއަށް ހާއްސަ ސަމާލުކަމެއްދީގެން، ދެމެހެއްޓެނެވި އަދި ގުޅިގެން އެންމެންނަށްވެސް އަދަށްވުރެ ފެހި މާދަމައެއް ހޯދައިދިނުމަށް އަޅުގަނޑުމެން މަސައްކަތްކުރާނަން. ބޭންކް އޮފް މޯލްޑިވްސްއަށާއި ދިވެހިރާއްޖެއަށް މިހާރަށްވުރެ ހަރުދަނާ އަދި ފާގަތި މުސްތަގްބަލެއް ބިނާކުރުމަށް އަޅުގަނޑުމެން އެންމެންނާއެކު މަސައްކަތްކުރާނަން."

"އަޅުގަނޑުމެންގެ ޑިރެކްޓަރުންގެ ބޯޑުން ދެއްވި އިރުޝާދާއި ހިއްސާދާރުން ބޭންކް އޮފް މޯލްޑިވްސް އަށް ކުރައްވާ އިތުބާރަށް އަޅުގަނޑު ޝުކުރު އަދާކުރަން. އަޅުގަނޑުމެން މަސައްކަތް ކުރަމުންދާނީ ރާއްޖޭގައި އެންމެން އިހުތިޔާރު ކުރާ ބޭންކަށްވުމަށް.  މި އަމާޒަށް ވާސިލްވުމަށް އަޅުގަނޑުމެން މެދުކެނޑުމެއްނެތި މަސައްކަތްކުރަމުންދާނަން."

މި ނަތީޖާއާއެކު ބޭންކުގެ އެންމެ ބޮޑު ހިއްސާދާރުކަމަށްވާ ދިވެހި ސަރުކާރަށް ހިއްސާގެ ފައިދާގެ ގޮތުގައި 136.6 މިލިއަން ރުފިޔާ އަދި 2023 ވަނަ އަހަރުގެ ޓެކުހުގެ ގޮތުގައި އިތުރު 628 މިލިއަން ރުފިޔާ ލިބޭނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.