ކެލާގައި ހިންގި މޫދު ކަސްރަތުން އުފާވެރިކަން ޕްރޮގްރާމް ނިންމައި، ސެޓްފިކެޓް ދީފި

އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑާއި ހއ.ކެލާ ކައުންސިލް ގުޅިގެން ހއ.ކެލާގެ ރައްޔިތުންނަށް ޚާއްޞަކޮށްގެން އެ ރަށުގައި ހިންގި "މޫދު ކަސްރަތުން އުފާވެރިކަން" ޕްރޮގްރާމްގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މި ޕްރޮގްރާމް ނިންމުމުގެ ގޮތުން މޭ 25 ވަނަ ދުވަހުރޭ ހއ.ކެލާ ޝޭޚް އިބްރާހީމް ސްކޫލުގެ މަލްޓިޕާޕަސް ހޯލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ޑެޕިއުޓީ ކޮމާންޑަރ، ލެފްޓިނެންޓް ކާނަލް އަޙްމަދު ބޫލާޤެވެ. ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާން ވަނީ ރަސްމިއްޔާތުގެ ބައިވެރިންނާ މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.
މޭ 03 އިން 23 އަށް ހިންގި މި ޕްރޮގްރާމްގައި އެރަށު އަންހެނުންނާއި، ފިރިހެނުން އަދި ކުޑަކުދިން ހިމެނޭހެން ޖުމްލަ 40 މީހުން ބައިވެރިވެ، 27 މީހުން ވަނީ ޕްރޮގްރާމް ފުރިހަމަކުރައްވާފައެވެ. މި ޕްރޮގްރާމަކީ، ރައްޔިތުންނަށް ބޭނުންވާ ދުޅަހެޔޮކަމާއި، ދުޅަހެޔޮ ސިއްޙަތާއި، ރައްޔިތުން ބާރުވެރިކުރުމާއި އިޖުތިމާޢީ ފޭރާން ވަރުގަދަ ކުރުމުގެ އިތުރުން އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމްކުރާ، އެކުވެރިކަމާއެކު ގުޅިގެން މަސައްކަތްކުރާ އެއްބައެއްވަންތަ މުޖުތަމަޢުއެއް ބިނާކުރުމުގެ މަޤްޞަދުގައި އެ ރަށު ކައުންސިލްއާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ރަންވަނަތައް ހާސިލުކުރެއްވި ފަރާތްތަކަށް ވަނީ ސެޓްފިކެޓާއި އެވޯޑް ހަވާލުކޮށްފައެވެ. މިގޮތުން އެޓެންޑެންސް އެވޯޑާއި، މި ޕްރޮގްރާމްގެ މުއްދަތުގައި ބަރުދަން ލުއިކުރި ބައިވެރިންގެ ތެރެއިން އެންމެ ބޮޑަށް ބަރުދަން ލުއިކުރި އަންހެން ބައިވެރިންގެ ތެރެއިން ތިންވަނަ، ދެވަނަ އަދި އެއްވަނަ ބައިވެރިޔާއާއި، ފިރިހެން ބައިވެރިންގެ ތެރެއިން އެއްވަނައަށް ދިޔަ ބައިވެރިޔާ އަދި ޕްރޮގްރާމްގެ މޮރާލް އެންޑް މޯޓިވޭޓް ބައިވެރިޔާ ހޮވައި، ސެޓްފިކެޓާއި އެވޯޑް ހަވާލުކޮށްދެއްވީ، ރަސްމިއްޔާތުގެ ޝަރަފުވެރިމެހެމާނެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް މިފަދަ ޕްރޮގްރާމެއް ހިންގައިދިނުމަށް ތަމްރީނުކުރެވުނު ބައިވެރިންނަށް ކަށިގަނޑާއި ސެޓްފިކެޓް ޙަވާލުކޮށްދެއްވީ ވެސް ޝަރަފުވެރި މެހުމާން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ޑެޕިއުޓީ ކޮމާންޑަރ، ލެފްޓިނެންޓް ކާނަލް އަޙްމަދު ބޫލާޤެވެ.
މި ރަސްމިއްޔާތުގައި، "މޫދު ކަސްރަތުން އުފާވެރިކަން" ފުރިހަމަކުރެއްވި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ މެރިން ޑިޕްލޯއިމަންޓް ޔުނިޓް 6 ގެ އެކްޓިންގ ކޮމާންޑަރ، ފަސްޓް ލެފްޓިނެންޓް މުޙައްމަދު ރައިހާނެވެ.
މީގެ އިތުރުން ޕްރޮގްރާމުގެ ހުރިހާ ކުލާހަކަށް ގަޑިނުޖެހި ހާޒިރުވި 18 ބައިވެރިންނަށް އެޓެންޑެންސް އެވޯޑާއި، ސެޓްފިކެޓް ހަވާލުކޮށްދެއްވީ ހއ.ކެލާ ކައުންސިލް މެމްބަރު، އަލްފާޟިލާ ޚަދީޖާ މަޢުރިފާއެވެ.
މި ޕްރޮގްރާމްގައި ރައްޔިތުންނަށް ބޭނުންވާ ދުޅަހެޔޮ ޞިއްޙަތާއި ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ކަސްރަތު ކުރުމުގެ މުހިންމުކަމާއި، ކަސްރަތުން ލިއްބައިދޭ ފައިދާތަކާއި ކަސްރަތު ކުރަންވީ ރަނގަޅު ގޮތްތަކާއި އަދި ރަނގަޅު ޞިއްޙަތެއްގައި ހުރުމަށް ރަނގަޅު ކާނާ ކެއުމުގެ މުހިންމުކަމާއި ބެހޭގޮތުން ޕްރޮގްރާމުގެ ބައިވެރިންނަށް ވަނީ މަޢުލޫމާތު ދީފައެވެ. އަދި މީގެ އިތުރުން މި ޕްރޮގްރާމްގައި ބައިވެރިންނަށް އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމްކުރުމާއި ލީޑަރޝިފާއި ތަރުތީބުން ކަންކަން ކުރުމުގެ މުހިންމުކަމާއި އަދަބު އަޙްލާޤާއި ރިވެތި އާދަކާދަތަކާއި ގަޑިއަށް ފަރުވާތެރިކަން ބެހެއްޓުމާއި އަދި އެކުވެރިކަމާއެކު ގުޅިގެން މަސައްކަތްކުރާ އެއްބައިވަންތަ ބައެއްގެ ގޮތުގައި މަސައްކަތްކުރާނެ ގޮތާއި އާދަތައް ކިޔަދީފައިވެއެވެ. މީގެ އިތުރުން އިންސްޓްރަކްޝަނަލް ޓެކްނިކްސްގެ ބައެއް ކުރިއަށް ގެންދެވިފައިވެއެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް މިފަދަ ޕްރޮގްރާމެއް ހިންގައިދޭނެ 11 ބައިވެރިން ވަނީ ތަމްރީނުކުރެވިފައެވެ.
ހއ.ކެލާގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ކުލާސްތައް ނަގައިދިނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ފިޒިކަލް ފިޓްނަސް އިންސްޓްރަކްޓަރުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.