މަޖިލީހުގެ ރައީސްގެ މަގާމަށް އަދުރޭ ނައިބު ރައީސްގެ މަގާމަށް ނާޒިމްގެ ނަން ހުށަހަޅުއްވައިފި

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ފޮނަދޫ ދާއިރާގެ އިންތިޚާބީ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާއި ނައިބުރައީސް ކަމަށް ދިއްގަރު ދާއިރާގެ އިންތިހާބީ މެމްބަރު އަހުމަދު ނާޒިމް އިންތިހާބުކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނަން ހުށަހަޅުއްވާފައިފިއެވެ.

މި ނަންތައް ރައީސް ހުށަހަޅުއްވާފައިވަނީ މުލިއާގޭގައި ސަރުކާރު ކުންފުނިތަކުގެ ވެރިންނާއި ސަރުކާރު ހިންގާ ޕީއެންސީގެ އިންތިޚާބީ މަޖިލިސް މެމްބަރުންނާއެކު ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައެވެ.

އެ ދެ ބޭފުޅުންގެ ނަން މަޖިލީހުގެ ކުރިއަށް އޮތް ދައުރުގައި ހުށަހަޅަން، ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

މިކަމާ ގުޅިގެން އެ ދެ ބޭފުޅުންނަށް މަރުހަބާ ވިދާޅުވެ ނައިބުރައީސް އެކްސް ޕްލެޓްފޯމުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ދެ ބޭފުޅުންގެ ރިޔާސަތުގައި ފެށިގެން މިދާ މަޖިލީހުގެ އައު ދައުރަކީ، ދިވެހީންނަށް ނަފާވެރި، ކާމިޔާބު ދައުރަކަށް ވެގެންދާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ.

މީގެ އިތުރުން ޕީއެންސީގެ ޕާލިމެންޓަރީ ގުރޫޕުގެ މަގާމުތަކަށް ވެސް ރައީސް ވަނީ ނަންތަކެއް ހުށަހަޅުއްވާފައެވެ. އެގޮތުން ޕީޖީ ލީޑަރަކަށް އިނގުރައިދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަހުމަދު ފަލާހައި ސީނިއާ ޑެޕިއުޓީ ލީޑަރަކަށް ބާރަށު ދާއިރާގެ އިންތިހާބީ މެމްބަރު އަހުމަދު ސުޖާއުގެ ނަން ރައީސް ވަނީ ހުށަހަޅުއްވާފައެވެ.

ޕީއެންސީގެ ޕީޖީގައި އިސްކޮށް ދެން ތިއްބަވާނެ ޑެޕިއުޓީ ލީޑަރުންގެ ރައީސް ހުށަހެޅުއްވީ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) އާއި ވިލިމާލޭ ދާއިރާގެ އިންތިހާބީ މެމްބަރު މުހައްމަދު އިސްމާއިލްގެ އިތުރުން ހުޅުދޫ ދާއިރާގެ އިންތިހާބީ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު) އެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގައި 93 ގޮނޑީގެ ތެރެއިން 74 ގޮނޑިއަކީ ޕީއެންސީގެ މެމްބަރުން ތަމްސީލުކުރައްވާނެ ގޮނޑިތަކެކެވެ. އައު މަޖިލީހުގެ މެމްބަރުން ހުވާކުރެއްވުން އޮންނާނީ އަންނަ ހަފްތާގެ އަންގާރަ ދުވަހުއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.