މިނިސްޓަރ އާދަމް ޝަރީފް އީރާނަށް ފުރާވަޑައިގެންފި

އިސްލާމިކް ރިޕަބްލިކް އޮފް އީރާންގެ ރައީސް ޑޮކްޓަރ ސައްޔިދު އިބްރާހީމް ރައީސީއާއި ޚާރިޖީ ވަޒީރު ޙުސައިން އާމިރު-ޢަބްދުއްލަހިޔާނަށް އެންމެ ފަހުގެ އިޙްތިރާމް އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން، މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް، އާދަމް ޝަރީފް ޢުމަރު، ރޭ އީރާނަށް ފުރާވަޑައިގެންފިއެވެ.

މިދަތުރުފުޅުގައި އެ ދެ ބޭފުޅުން ފަސްދާނުލުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެން، އަދި އީރާނުގެ ސަރުކާރާއި ރައްޔިތުންނަށް ތަޢުޒިޔާ ދެންނެވުމަށް ނިންމާފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ، އީރާނުގެ ރައީސް އާއި ޚާރިޖީ ވަޒީރު އަވަހާރަވި ހިތާމަވެރި ޚަބަރާ ގުޅިގެން އީރާނުގެ އިންތިޤާލީ ރައީސް މުޙައްމަދު މުޚްބަރުއަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފައެވެ. އަދި އީރާނަށް ކުރިމަތިވެފައިވާ ޤައުމީ ހިތާމައިގެ މި ދަނޑިވަޅު އެ ޤައުމުގެ ސަރުކާރާ ރައްޔިތުންނާއެކު ދިވެހި ސަރުކާރާ ރައްޔިތުން ތިބިކަން ހާމަކުރައްވައިފައެވެ.

އީރާނުގެ ރައީސް އަވަހާރަވުމުގެ ހިތާމައިގާ ރަސްމީގޮތުން ހިތާމަ ފާޅުކުރެއްވުމުގެ ގޮތުން، 21 މެއި 2024 ވީ އަންގާރަދުވަހުން ފެށިގެން 3 ދުވަސް ވަންދެން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.