ޖަމިއްޔާތަކުގެ މަހާސިންތާ ބާއްވަން ތައްޔާރުވެއްޖެ

"ޖަމްއިއްޔާތަކުގެ މަހާސިންތާ 2024" ހުވަދު އަތޮޅުއުތުރުބުރީގައި މިމަހު ފަށަން ތައްޔާރުވެއްޖެއެވެ.

މި މަހާސިންތާ އަކީ މަދަނީ ޖަމްއިއްޔާތައް ހިންގުމުގައި ހުރި ދަތިތަކާއި ގޮންޖެހުންތައް ދެނެގަނެ، ހަރުދަނާ މަދަނީ މުޖުތަމައުއެއް ބިނާކޮށް ފަހި ވެއްޓެއް ގާއިމްކުރުމަށް ބޭނުންވާ ކަންކަން ދެނެގަތުމަށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ މަހާސިންތާއެކެވެ.

މީގެ އިތުރުން ގައުމީ ތަރައްގީއާއި، މުޖުތަމައުގައި (ވަކިވަކި ރަށްރަށުގައި އާއި އަތޮޅު ތެރޭގައި) ހިގަމުންދާ އިޖުތިމާއީ ތަފާތު މައްސަލަތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތުގައި ޖަމްއިއްޔާތަކުގެ ދައުރާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކޮށް، ޖަމްއިއްޔާތައް ގުޅިގެން މަސައްކަތްކުރުމަށް ބާރުއެޅުމަށް ވެސް މި މަހާސިންތާގައި ވަނީ ރާވާފައެވެ.

މި މަހު ގއ. ވިލިގިލީގައި ކުރިއަށް ގެންދިއުމަށް ރޭވިފައިވާ މިހަރާކާތުގެ ބައިވެރިންގެ ތެރޭގައި އަތޮޅަށް ނިސްބައްވާ މަދަނީ ޖަމްޢިއްޔާތަކާއި  ރަށްރަށުގެ ރަށު ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކާއި މިނިސްޓްރީ އޮފް ފެމިލީ އެންޑް ސޯޝަލް ޑިވެލޮޕމެންޓް އަދި މޯލްޑިވްސް ޕޮލިސް ސާވިސްގެ ގއ. އަތޮޅުގައި ހަރަކާތްތެރިވާ މުއައްޒަފުން ހިމެނެއެވެ.

މި މަހާސިންތާގެ މަގުސަތުތައް:

·         ގއ. އަތޮޅުގައި ހަރަކާތްތެރިވާ ޖަމުއިއްޔާ ތަކުގެ ހިންގުން ހަރުދަނާ ކުރުން

·         ޖަމްއިއްޔާ ތަކުގެ މަސައްކަތާއި ގުޅުން ހުރި ސެކްޓަރ ތަކާއި ދެމެދު ގުޅުން ބަދަހިކުރުން

·         އަމާން ވެއްޓެއް ގާއިމް ކުރުމަށް ކުރެވޭ މަސައްކަތުގައި ޖަމްއިއްޔާ ތަކުގެ ދައުރު އިތުރު ކުރުން

·         މުޖުތަމައު ބާރުވެރިކުރުވުމަށް ކަމާއި ކުޅޭ މުއައްސަސާ ތަކުން ކުރާ މަސައްކަތުގައި މަދަނީ ޖަމްއިއްޔާ ތަކުގެ ބައިވެރިވުން އިތުރު ކުރުން.

ޖުމުލަ 60 ބައިވެރިންނާއެކު ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ މި މަހާސިންތާ އޮންނާނީ 25-27 މޭއި 2024ގައި ގއ. ވިލިގިލީ ތައުލީމީ މަރުކަޒުގެ ހޯލު ގައެވެ.

މި މަހާސިންތާގައި ޖުމުލަ 6 ފަރާތަކުން ތަފާތު އެކި އެކި މައުލޫއުތަކަށް ސެޝަންތައް ނަގާދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.