ވާރކް ވިސާ އަށް އޭންޓް ކިޔޫ މެދުވެރިކޮށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް، ސަރުކާރުގެ އިދާރާތަކުން ދޭ ޚިދުމަތްތައް ވީހާވެސް ލުއިފަސޭހަކަމާއެކު ފޯރުކޮށްދިނުމަށްޓަކައި، އިމިގްރޭޝަންގެ ޚިދުމަތްތައް ވެސް މިގޮތަށް ބައްޓަންކޮށް، މިއަދު (19 މޭ 2024) އިން ފެށިގެން ވަރކް ވިސާ ޖެހުމަށްފަހު ޕާސްޕޯޓާއި ހަވާލުވުމަށް އޮންލައިންކޮށް "އޭންޓް ކިޔޫ" އެޕްލިކޭޝަން މެދުވެރިކޮށް ނަންބަރު ދޫކުރުމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަހީދު ވަނީ ނިންމަވާފައެވެ.

މީގެ ކުރިން ވަރކް ވިސާ ޖެހުމަށްފަހު ޕާސްޕޯޓާއި ހަވާލުވުމަށް އަންނަ ފަރާތްތަކުން، ކަނޑައެޅިފައިވާ ގަޑިއަކަށް އިމިގްރޭޝަނަށް ހާޒިރުވެ، އެފަރާތެއްގެ ނަންބަރު ޖެހެންދެން އިމިގްރޭޝަންގައި މަޑުކުރަން ޖެހެއެވެ. އަދި މިއީ މި ޚިދުމަތް ހޯއްދަވާ ފަރާތްތަކުގެ ޝަކުވާ ލިބެމުން އައި ކަމަކަށް ވުމުން، މިކަމަށް ހައްލެއް ހޯދުމަށްޓަކައި، ޒަމާނާއި އެއްގޮތަށް މި ޚިދުމަތް އޮންލައިންކޮށް، މިހާރު ކަނޑައެޅިފައިވާ ގަޑީގައި "އޭންޓް ކިޔޫ" މެދުވެރިކޮށް ކޮންމެ ތަނެއްގައި ހުރެވެސް އޮންލައިންކޮށް ނަންބަރު ނަގާލެވޭނެއެވެ. އަދި ކިއުގެ ޚިދުމަތް ދެމުންދާ ތަރުތީބު ވަގުތުން ބަލާލެވޭނެއެވެ. އެހެންކަމުން، މިއީ ޚިދުމަތް ހޯއްދަވާ ފަރާތްތަކުގެ ވަގުތު ސަލާމަތްވެ، ޚިދުމަތް ހޯދުމުގައި އިތުރު ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމެކެވެ.

ވަރކް ވިސާ ޖެހުމަށްފަހު ޕާސްޕޯޓާއި ހަވާލުވުމަށް ނަންބަރު ނެގުމަށްޓަކައި "އޭންޓް ކިޔޫ" އެޕްލިކޭޝަން މެދުވެރިކޮށް ފަހެއް ނުވަތަ އެއަށްވުރެ މަދު ޕާސްޕޯޓާއި ހަވާލުވާ ފަރާތްތަކުން ނަންބަރު ނަންގަވާނީ، ހެނދުނު 9:00 އިން 10:30 އާއި ދެމެދުގައެވެ. މި ނަންބަރު ތަކަށް ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 10:00 އިން މެންދުރުފަހު 3:00 އަށެވެ. ހައެއް ނުވަތަ އެއަށްވުރެ ގިނަ ޕާސްޕޯޓާއި ހަވާލުވާ ފަރާތްތަކުން ނަންބަރު ނަންގަވާނީ، މެންދުރު 11:30 އިން 12:30 އާއި ދެމެދުގައެވެ.

މި ނަންބަރު ތަކަށް ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މެންދުރު 1:15 އިން 03:00 އަށެވެ. ނަންބަރު ނެގުމަށްޓަކައި ސަބްމިޝަން ރިސިޓްގައި ހިމެނޭ ޕީ.ޕީ.އެޗް ނަންބަރ އަދި ބޮކްސް ނަންބަރު ޖެހުމަށްފަހު، ސަބްމިޝަން ރިސިޓް އަޕްލޯޑް ކޮށްލުމުން ނަންބަރު ނެގޭނެއެވެ. އަދި އެއް ޕީ.ޕީ.އެޗް ނަންބަރު ނުވަތަ އެއް ބޮކްސް ނަންބަރަށް ވުރެ ގިނައިން ވެސް މި ބައިގައި ޖެހިދާނެއެވެ.

އިމިގްރޭޝަންގެ މަޤްސަދަކީ ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް ވީހާވެސް އަވަސް، ލުއިފަސޭހަ ޚިދުމަތްތަކެއް ހޯދޭނެ މަގު ފަހިކޮށްދީ، ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.