ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާގެ ދިފާއީ ވަޒީރާ ބައްދަލު ކުރައްވައި ރާއްޖޭގެ ހާލަތާގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް ވިދާޅުވެ ކުރެއްވި ޓްވީޓް އިންޑިއާގެ ދިފާއީ ވުޒާރާގެ އިސްބޭފުޅަކާ ހަވާލާ ދެއްވައި އިންޑިއާގެ ނޫހަކުން ދޮގު ކޮށްފިއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު މިމަހުގެ 18 ވަނަ ދުވަހު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ އިންޑިއާގެ ދިފާއީ ވަޒީރާ ބައްދަލު ކުރައްވައި، ރާއްޖޭގެ ހަލާތާބެހޭ މައުލޫމާތު ފޯރުކޮށްދެވުނު ކަމަށްޓަކައި އުފާފުޅު ކުރައްވާ ކަމަށެވެ.
އިންޑިއާގެ ދިފާއީ ވުޒާރާގެ އިސްބޭފުޅަކާ ހަވާލާ ދެއްވައި "އިންޑިއާ ޓުޑޭ" ގައި ބުނެފައިވަނީ، ރައީސް ނަޝީދާއި އިންޑިއާގެ ދިފާއީ ވަޒީރު ނިރްމަލާ ސީތާރާމް އާ ބައްދަލުވީ ބެންގަލޫރުގެ މަޝްހޫރު މީޑިއާ ހައުސް އަކުން އިންތިޒާމު ކުރި ސެމިނަރއަކަށްފަހު ބޭއްވި ބިލެއްތްމީރު ކޮށްލުމުގެ ތެރެއިން ކަމަށެވެ. އެއީ ކުރިން އިންތިޒާމް ކޮށްގެން ބޭއްވި ބައްދަލުވުމެއް ނޫންކަމަށްވެސް އެނޫހުގައި ބުނެފައިވެއެވެ.
ރައީސް ނަޝީދަކީވެސް އެ ސެމިނަރއަށް ދައުވަތު ދެއްވައިގެން ވަޑައިގެންނެވި ބޭފުޅަކަށްވާތީ ބިލެތް މީރުކޮށްލެއްވުމަށްވެސް އެމަނިކުފާނު ވަޑައިގެންނެވިއެވެ. އެތަނުން އެމަނިކުފާނަށް އިންޑިއާގެ ދިފާއީ ވަޒީރު ފެނިވަޑައިގެންނެވުމުން އެމަނިކުފާނު އަމިއްލަފުޅަށް ވަޒީރު އަރިހަށް ވަޑައިގެންނެވީ ކަމަށް އެނޫހުގައި ބުނެފައިވެއެވެ.
އެގޮތަށް ވަޑައިގެންވެސް މާގިނަ ވާހަކަފުޅުތަކެއް ނުދެކެވޭ ކަމަށާއި، ދެ ބޭފުޅުންގެ މެދުގައި ބަދަލު ކުރެވިފައިވަނީ ހަމައެކަނީ ތަހުނިޔާ ކަމަށްވެސް އެނޫހުގައި ބުނެފައިވެއެވެ. އެހެންކަމުން ރައީސް ނަޝީދުގެ އެ ޓްވީޓުގައި ވިދާޅުވެފައިވަނީ އެއްވެސް އަސާސެއްނެތް ވާހަކަފުޅުތަކެއް ކަމަށް އިންޑިއާގެ ދިފާއީވުޒާރާއިން ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި ކަމަށް އެނޫހުގައި ބުނެފައިވެއެވެ. އެ ކަމާ ގުޅޭ ގޮތުން ރައީސް ނަޝީދުގެ ބަސްފުޅެއް ލިބިވަޑައިނުގަތް ކަމަށްވެސް އެނޫހުން ބުނެފައިވެއެވެ.
ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ ގުޅިގެން ރައީސް ނަޝީދު ވަނީ އިންޑިއާގެ ސަފީރަކާ އެކު އަސްކަރީ އެހީ ރާއްޖެއަށް ފޮނުވައި ދެއްވުމަށް އެދިވަޑައިގެން ޓްވީޓު ކުރައްވައިފައެވެ.