ރައީސް ދެއްވާ ސްކޮލަރޝިޕަށް ކުރިމަތިލުމަށް ޖުލައި މަހުގެ ނިޔަލަށް

މިދިޔަ އަހަރު މަތީ ސާނަވީ އިމްތިހާނު ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން، ރައީސް ދެއްވާ ޚާއްސަ ސްކޮލާޝިޕަށް ޝަރުތުހަމަވާ ދަރިވަރުން އެ ސްކޮލާޝިޕަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވައިލައިފިއެވެ.

މި ސްކޮލާޝިޕް ލިބޭ ދަރިވަރުން ކިޔަވަން ބޭނުންވާ ދާއިރާއަކުން ބޭނުން ގައުމެއްގައި ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމުގެ ޚަރަދު ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

ސްކޮލަޝިޕް ލިބުމަށް ފުރިހަމަވާންޖެހޭ ޝަރުތުތަކަކީ، ރާއްޖޭގެ ސްކޫލެއްގެ ދަރިވަރެއްގެ ގޮތުގައި މިދިޔަ އަހަރު މަތީ ސާނަވީ އިމްތިހާނު ނުވަތަ ޝަހާދާ ސާނަވީ އިމްތިހާނު ހެދި ދިވެހި ދަރިވަރަކަށްވުމާއި އިސްލާމާއި ދިވެހި ހިމެނޭ ގޮތަށް ފަސް މާއްދާއިން އޭ ސްޓާ ހޯދާފައިވުން އަދި ޖީސީއީ އޯލެވެލް/ އައިޖީސީއެސްސީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން އިނގިރޭސިން ސީއިން ފެށިގެން މަތީ ފާހެއް ހޯދައިފައިވުމެވެ.

ނުވަތަ، ރާއްޖޭގައި އަރަބި މީޑިއަމަށް ކިޔަވައިދޭ ސްކޫލަކުން މިދިޔަ އަހަރު ޝަހާދާ ސާނަވީ އިމްތިހާނު ހެދި ދަރިވަރެއް ނަމަ، ޝަހާދާ ސާނަވީ އިމްތިހާނުން ފައިނަލް އެވްރެޖްގައި އޭ ސްޓާ ފާހެއް ހޯދައިފައިވުން އަދި އެޗްއެސްސީ ދިވެހި މާއްދާއިން އޭ ސްޓާ ފާހެއް ހޯދައިފައިވުމާއެކު ޖީސީއީ އޯލެވެލް / އައިޖީސީއެސްސީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން އިނގިރޭސިން ސީއިން ފެށިގެން މަތީ ފާހެއް ހޯދައިފައިވާނަމަ ވެސް ސްކޮލަޝިޕަށް ކުރިމަތިލެވޭނެއެވެ.

ނުވަތަ، އަލްމަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާއިން ޝަހާދާ ސާނަވީ އިމްތިހާނުން އެއް ވަނަ ހާސިލުކޮށްފައިވާ ދަރިވަރުންނަށް ވެސް ސްކޮލަޝިޕަށް އެދި ހުށަހެޅޭނެއެވެ.

ރައީސް ދެއްވާ ސްކޮލާޝިޕްގެ އިތުރުން ،ހައި އެޗީވާސް ސްކޮލާޝިޕަށް ކުރިމަތިލުމަށް ވެސް ފުރުސަތު ވަނީ ހުޅުވާލައިފައެވެ. އެ ސްކޮލާޝިޕް ލިބޭ ދަރިވަރުންނަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ 'ނެޝަނަލް ޓްރެއިނިން ނީޑްސް ލިސްޓް'ގައި ހިމެނޭ ދާއިރާތަކުން ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމަށް ފުރުސަތު ލިބޭނެއެވެ.

އެ ދެ ސްކޮލާޝިޕަށް ވެސް ލިޔެކިޔުން ހުށަހަޅަން ޖެހޭނީ މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށެވެ. ދެ ސްކޮލާޝިޕަށް ވެސް ލިޔެކިޔުން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ 13:30 އެވެ.

އެ ސްކޮލާޝިޕްތަކުގެ އުސޫލާއި އިތުރު މައުލޫމާތު ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. އަދި 3026947 އަށް ގުޅުމުން ވެސް މައުލޫމާތު ސާފު ކުރެވޭނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.