ފޮރިން މިނިސްޓަރ ޤަތަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ފޮރިން މިނިސްޓަރ މޫސާ ޒަމީރު ޤަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

މިމަހުގެ 11 އިން 13 އަށް ޤަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުންކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

މި ދަތުރުފުޅުގައި ޤަތަަރުގެ ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު މުހައްމަދު ބިން ޖާސިމާއި ބައްދަލުކުރައްވައި، މުހިއްމު މަޝްވަރާތަކެއް ބޭއްވެވިއެވެ.

އެގޮތުން ދެ ޤައުމުގެ ގާތް ގުޅުން އިތުރަށް ބަދަހިކޮށް، އިތުރު ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމާއި ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ.

މި ބައްދަލުކުރެއްވުމުގައި ޚާރިޖީ ވަޒީރު ވަނީ ރާއްޖޭގެ އިޖްތިމާޢީ އިޤްތިޞާދީ ގުޅުމަށް ޤަތަރުގެ ފަރާތުން ދެއްވާ އެއްބާރުލުމަށް ޝުކުރުވެސް އަދާ ކުރައްވާފައެވެ. މީގެއިތުރުން ފަލަސްޠީނުގެ މައްސަލާގައި ސުލްހަ ޤައިމް ކުރުމަށް ޤަތަރުން ކުރަމުންދާ މަސައްކަތްތަކަށް ޚާރިޖީ ވަޒީރު ވަނީ މަރުހަބާ ވިދާޅުވެފައެވެ. އަދި ބައިނަލްއަޤްވާމީ މައްސަލަތަކުގައި ދޭދޭ ޤައުމުތައް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ފަދަ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުމަށް ވަނީ މަޝްވަރާ ކުރައްވާފައެވެ.

ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅުގައި އެ ވުޒާރާގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ. އެގޮތުން ބައިލެޓްރަލް ސެކްރެޓަރީ ޑރ. ހާލާ ހަމީދާއި، އެމްބެސެޑަރ އެޓް ލާޖް ޑރ. ފަޒީލް ނަޖީބު މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.

މި އަހަރަކީ ރާއްޖެއާއި ޤަތަރާއި ދެމެދު ޚާރިޖީ ގުޅުން ޤާއިމު ކުރިތާ 40 އަހަރު ފުރޭ އަހަރުކަން ޚާރިޖީ ވުޒާރާއިން ފާހަގަކުރެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.