ހަގީގަތާ ޚިލާފު ވާހަކަ ފަތުރާ މީހުން އިތުރަށް ވާނީ ފަޟީހަތް: އަދުރޭ

ހަގީގަތާ ޚިލާފު ވާހަކަ ފަތުރާ މީހުން އިތުރަށް ވާނީ ފަޟީހަތް ކަމަށް ކޮންގްރެސް ޕާޓީގެ ޗެއަރޕާސަން އަދި ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެސިޑެންޓް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ދިވެހީންގެ ކުރިމަތީގައި އެ މަނިކުފާނުގެ އަގު ވައްޓާލައި އިތުބާރު ގެއްލުވާލުމަށް ކެނޑިނޭޅި ޙަގީގަތާ ޚިލާފު ދޮގު ވާހަކަތައް ފަތުރަމުންދާ ކަމަށާއި އެކަމަކު ޑރ. މުއިއްޒުއަށް ފުރިހަމަ ތާއީދާ އިތުބާރު އެބަ އޮތްކަން ނިމިދިޔަ މަޖިލިސް އިންތިޚާބުގައި ދިވެހީން ނުކުމެ ސާބިތުކޮށްދީފައިވާކަން އޭނާ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ އެކަން ބަލައި ނުގަނެވިގެން ރައީސްގެ ޓީމު ރޫޅާލުމަށް އިތުރަށް ފަތުރާ ދޮގު ޚަބަރުތަކުން، އެ ފަދަ ޚަބަރުތައް ފަތުރާ ފަރާތްތައް ފަޟީހަތްވުން ނޫން އިތުރުކަމެއް ޙާޞިލެއްނުވާނެ ކަމަށެވެ.

މީގެ އިތުރުން ރައީސް ޑރ. މުޢިއްޒުގެ ދެ ކަނބަލުން ސަޢުދީ ރަސްގެފާނުގެ މެހުމާންދާރީގައި ޢުމްރާއަށް ވަޑައިގަތުމަކީ އަދި އެ ދަތުރުފުޅަށް ސަޢުދީ ސަރުކާރުން ޚާއްޞަ ބަޖެޓެއް ހަމަޖައްސަވައި ދެއްވުމަކީ ނުވަތަ މަދީނާއަށް ރައީސްގެ ދެ ކަނބަލުން ވަޑައިގަތުމުން މަދީނާގެ ގަވަރުނަރު ވަޑައިގެން ރިސީވް ކުރައްވާ އޮނަރގާރޑެއް އެރުވުމަކީ ބަޔަކު ޙަސަދަވެރިވާން ޖެހޭކަމެއްތޯ ސުވާލުކުރައްވާފައެވެ.

މިއީ މީ ދިވެހީން އުފާކުރަންވީކަމެއް ނޫންތޯ ސުވާލުކުރައްވާފައިވެއެވެ. ޙަސަދަވެރި ވިޔަސް ހަގީގަތާ ކުރިމަތިލުމުގެ ހިތްވަރު ހުންނަންވާނެކަމަށްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.