ނޫސްމީޑިއާތަކަށް ކަނޑައެޅޭ ވަކި އިނާޔަތެއް ދިނުން ހަޤީޤަތަކަށް ހަދާނަން: ރައީސް

ދައުލަތުގެ ބަޖެޓުން ނޫސްމީޑިއާތަކަށް ކަނޑައެޅޭ ވަކި އިނާޔަތެއް ދިނުމަށް މި ސަރުކާރުން ނަގާފައިވާ އިސްނެންގެވުން ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.

ރައީސް ވަނީ ރާއްޖޭގައި ނޫސްވެރިކަމުގެ ދާއިރާއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ލިބޭ އެއްޗަކުން ދެކޮޅު ޖެހޭނެ އާމުދަނީއެއް ހޯދަން އޮތް ދަތިކަންކަމުގައި ފާހަގަކުރައްވާފައެވެ.

ޤައުމެއްގެ ދެމިއޮތުމާ ކުރިއެރުމުގައި ނޫސްވެރީންގެ ބައިވެރިވުމާ ޚިދުމަތް ވަރަށް މުހިންމުކަމުގައި ފާހަގަކުރައްވާ ރައީސް ވިދާޅުވީ ރެއާދުވާލު ހިނގަމުންދާ ކަންކަމުގެ ޚަބަރު ހޯދައި ފޯރުކޮށްދިނުމާ، މުޖްތަމަޢު ހޭލުންތެރިކުރުވުމާ، ސަރުކާރާ ރައްޔިތުންނާ ދެމެދު ގުޅުވައިދިނުމާ، ދައުލަތުގެ ކަންކަން ހިނގާ ނުހިނގާގޮތް ރައްޔިތުންނަށް ބުނެދިނުމާ، ރައްޔިތުންގެ އަޑު ސަރުކާރަށް އިއްވުމުގައިވެސް ނޫސްވެރީންގެ ދައުރު އަދާކުރުން ބޭނުންތެރިކަމުގައެވެ.

އެހެންކަމުން ނޫސްވެރިންގެ ހުށަހެޅުންތަކާއި، އުންމީދުތައް ދެނެގަނެ، އެކަންކަން ހަގީގަތަކަށް ހަދައިދިނުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެއްވާނެކަމުގައި އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

މީގެ އިތުރުން، ނޫސްވެރީން މަސައްކަތްކުރާނެ އޮފީސް ޖާގަ އަގުހެޔޮކޮށް ލިބޭނެ މީޑިއާ ވިލެޖެއް ބިނާކުރުމާ، އެކި ދާއިރާތަކުން ތަޢުލީމާ ތަމްރީނުގެ ފުރުޞަތު މީޑިއާތަކަށް އިތުރުކޮށްދިނުމާ، ޚަބަރު ފެތުރުމުގެ ދާއިރާ ކުރިއަރުވަން އުފައްދާފައިވާ ބައިނަލްއަޤްވާމީ ޖަމާޢަތްތަކާ ދިވެހި ނޫސްވެރީންނާ ގުޅުން ބަދަހިކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ފާހަގަކުރައްވާފައިވެއެވެ.

ސަރުކާރުގެ އަމާޒަކީ، ޓީވީ، ރޭޑިއޯ، ކަރުދާސް އަދި އިންޓަނެޓާ ޒަމާނީ ޓެކްނޮލޮޖީއާއެކު ކުރިއަރަމުން އަންނަ ހުރިހާ ބާވަތެއްގެ ނޫސްވެރިކަމަށްވެސް ފަހި މާޙައުލެއް ރާއްޖޭގައި ދެމެހެއްޓުންކަމުގައި އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.