ފޮރުވިގެން ތިބެ މީޑިއާތަކަށް އިންޒާރުދިނުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

މީސް މީޑިއާގައި އަދި ފޯނު މެދުވެރިކޮށް ކާކުކަން ދެނެނުގަނެވޭގޮތަށް ފޮރުވިގެން ތިބެ ރާއްޖޭގެ ބައެއް މީޑިއާތަކަށް ބަޔަކު އިންޒާރުދެމުންދާތީ، ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން މި ޢަމަލު ކުށްވެރިކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ ދިވެހި މީޑިއާތަކާ ނޫސްވެރީންގެ ޙިމާޔަތުގައި ދިވެހި ސަރުކާރުން ފުރިހަމަ ސަމާލުކަމާއެކު މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ދިވެހި އެންމެހާ ރައްޔިތުންނަށާ މީޑިއާތަކަށް އަރުވާ ކަމަށެވެ. އަދި ފޮރުވިގެންތިބެ ނޫސްވެރީންއިނަށާ މީޑިއާތަކަށް އިންޒާރުދެމުންދާތީ އެކަމުގެ ތަޙްޤީޤް ދިވެހި ފުލުހުންގެ އިދާރާ އިން މިހާރު ވަނީ ފަށާފައި ކަަމަށެވެ.

އެކަން އެކުރާ ބަޔަކު ދެނެގަތުމަށް ފުލުހުންނަށް ލިބިފައިވާ ހުރިހާ ވަސީލަތަކާ ޤާބިލްކަމެއްގެ ބޭނުންކޮށްގެން މަސައްކަތްކުރަމުން ދާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރުން އެއްވެސް މީޑިއާއަކަށް ނުވަތަ ނޫސްވެރިއަކަށް ބިރުދެއްކުމުގެ އެއްވެސް ޢަމަލެއް އެއްވެސް ފަރާތަކުން ހިންގަމުންދާނަމަ، ނުވަތަ އެފަދަ ކަމެއް ކުރަން އުޅޭކަމުގެ މަޢުލޫމާތެއް ލިބިވަޑައިގެންފައިވާ ނަމަވެސް ޤައުމީ މަޞްލަޙަތު އިސްކުރެއްވުމުގެ ޒިންމާ ކޮންމެ ދިވެހި ރައްޔިތަކުވެސް އަދާކުރައްވައި، އެކަން ފުލުހުންނަށް އަވަހަށް ރިޕޯޓްކުރެއްވުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

މިސަރުކާރުގެ ސިޔާސަތަކީ ނޫސްވެރީންގެ އަޑުއަހައި، މީޑިއާތަކުގެ މަސައްކަތް ކުރިއަރުވައި، ޒިންމާދާރުކަމާއެކު ޚަބަރާ މަޢުލޫމާތު ފެތުރުމަށް ފުރުޞަތު ދިނުމަކީ މި ސަރުކާރުން އަބަދުވެސް ނަގަހައްޓާނޭ ސިޔާސަތެއް ކަަމަށެވެ.

ރައީސް އޮފީހުން ބުނީ ނޫސްވެރިންނަށާ މީޑިއާތަކަށް ބިރުދައްކައި، ޤައުމުގެ އަމްނަށް ނުރައްކާވާނެގޮތަށް ކުރާ ކޮންމެކަމެއް ހުއްޓުވައި ދިވެހި މުޖްތަމަޢުގެ މަސަލަސްކަމާ ހަމަޖެހުން ހިފެހެއްޓުމުގައި ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާއަކުންވެސް ވަފާތެރިކަމާ އިޚްލާޞްތެރިކަމާއެކު ރެޔާދުވާލު މަސައްކަތްކުރަމުން ގެންދާނެ ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.