މުޖުތަމަޢަށް ފައިދާހުރި ދަރީންތަކަކަށް ހެދުމަށް މަސައްކަތް ކުރުމަށް ނައިބު ރައީސްގެ އަނބިކަނބަލުން އެދިވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުން ޢާއިޝަތު އަފްރީން މުޙައްމަދު، ކިންޑަރ ޕްރީސްކޫލުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މި ރަސްމިއްޔާތު ކުރިއަށް ދިޔައީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.

މި ޖަލްސާގައި ދަރިވަރުންނާއި ބެލެނިވެރިންނާ އަދި މުދައްރިސުންނާއި މުޚާޠަބު ކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި ދަރިންނަކީ މުޖުތަމަޢަށް ފައިދާހުރި ދަރީންތަކަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގައި ދެމިތިބުމަށް ބެލެނިވެރިންގެ ފަރާތުން އެދިވަޑައިގެންނެވިއެވެ.

ކުރިއަށް އޮތް ބަންދު ދުވަސްތަކުގައި ކުދިންގެ "ސްކްރީން ޓައިމް" މަދުކުރުމަށް މަސައްކަތްކުރުމަށާއި އެކުދިންގެ ވަގުތުތައް ފައިދާހުރި ގޮތުގައި ހޭދަކުރުމަށް ބާރުއެޅުމަށް ބެލެނިވެރިންގެ ފަރާތުން އެދިވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުން ވަނީ މުދައްރިސުން މިޤައުމުގެ މުސްތަޤުބަލު ބިނާކުރުމަށް ކުރައްވާ ބުރަ މަސައްކަތްތައް ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުންވެސް މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުން ވަނީ ދަރިވަރުން މައިންބަފައިންނާއި މުދައްރިސުންގެ ހެޔޮބަސް އަހައި އެގޮތަށް އުޅުން ބައްޓަންކުރުމަށް ބާރުއަޅުއްވާފައެވެ. އަދި އަޚްލާޤު ރަނގަޅު ދީނުގެ ކަންކަމަށް ފަރުވާތެރިވާ ދީނަށް ލޯބިވާ ކުދިންތަކަކަށްވުމަށް ނަޞޭހަތްތެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ދަސްވެނިވި 55 ދަރިވަރުންނަށް ދަސްވެނިވިކަމުގެ ލިޔުމާއި، ސޭޝް އަދި ޓްރޮފީ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުންނެވެ. ހަމަ އެއާއެކު އެކަމަނާ ވަނީ އަންމާފޮތް ޙިފްޛުކޮށްފައިވާ 13 ދަރިވަރުންނަށް ސްކޫލުގެ ފަރާތުން ދެއްވާ ޓްރޮފީ ހަވާލުކޮށްދެއްވާފައެވެ.

މި ރަސްމިއްޔާތުގައި ކިންޑަރ ޕްރީސްކޫލުގެ ފަރާތުން ހަނދާނީ ފިލާއެއް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުންނަށް ދެއްވިއެވެ.

ކިންޑަރ ޕްރީސްކޫލުގައި މިހާރު 257 ދަރިވަރުން ތަޢުލީމު ހާސިލުކުރަމުންދެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.