ޗައިނާއިން ޖައްވުގައި މަސްދިރުވަނީ

ޗައިނާގެ އުތުރު ހުޅަނގުގައި ޤާއިމްކޮށްފައިވާ ، ރޮކެޓް އުދުއްސާ " ޖީކުއާން ސެޓެލައިޓް ސެންޓަރު " އިން ، ހަވަޔަށް ފޮނުވާ ރޮކެޓް މިއަދު އުދުއްސާލައިފިއެވެ. މި ރޮކެޓްގައި ، ޗައިނާގެ ތިން އެސްޓްރޮނޯޓަކު ހަވަޔަށް ދިޔައެވެ. މިއީ ، ހަވަޔަށް އިންސާނުން ގެންދިޔަ ތޭރަވަނަ ފަހަރެވެ. އެންމެ ފާހަގަ ކޮށްލެވޭ ކަމަކީ ، ކަނޑުގައި އުފެދޭ މަސްވެސް މި ރޮކެޓްގައި ހަވަޔަށް ދަތުރު ކުރުމެވެ. މިއީ ، ފުރަތަމަ ފަހަރަށް ، ޗައިނާގެ ރޮކެޓެއްގައި ދަތުރުކުރުމަށް ،  މަހަށް އެނަސީބު ލިބުނު ތާރީޚީ ދުވަހެވެ. މަސް ، އެންމެ ފުރަތަމަ ހަވަޔަށް ގެންދެވިފައިވަނީ 1973 ގައެވެ. އެއީ އެޓްލާންޓިކް ކަނޑުގައި ދިރިއުޅޭ " މަމިޗޮގް " އެވެ ކިޔުނު ކުޑަމަހެކެވެ. އެފަހަރުގެ މަޤްޞަދަކަށްވެފައި އޮތީ ، ތިންދިމާލަކަށް ބިމުގައި ދަތުރުކުރާ މަސް ، ބަރުދަނެއް ނެތް ހަވާގައި ދަތުރުކުރާ ގޮތް އުނގެނި ދަސްކުރުމެވެ. އެފަހަރު ، ހަވާގައި އެމަސް ވަނީ ވިއްސާފައެވެ. ވިހޭ ކުދިމަސްތަކާބެހޭ އިތުރު ތަހުލީލުތަކާއި ދިރާސާތައް އެފަހަރު ، ކުރިޔަށް ގެންދެވިފައި ވެއެވެ.

ކުދިމަހާ ބެހޭ ސައިންޓިފިކް ދިރާސާތަކެއް ، ޖައްވީ ތަހުލީލުތަކުގައި ކުރިންވެސް ބޭނުންކުރެވިފައި ވެއެވެ. ބައިނަލްއަޤްވާމީ ޖައްވީ އުޅަނދުގައި 2012 ވަނައަހަރު ، މިފަދަ މަރުކަޒެއް ޤާއިމްކުރެވުނެވެ. އެފަހަރުވެސް ބޭނުންކުރާގޮތަށް ހަމަޖައްސާފައި އޮތީ ، ޒިބްރާފިޝް އެވެ. އޭގެ އިތުރަށް މެޑަކާފިޝް ހިމަނާފައި ވެއެވެ. މެޑަކާފިޝް ބޮޑަށް އެނގިފައި އޮންނަނީ ޖަޕަނީސް ރައިސް ފިޝްގެ ނަމުގައެވެ. އެފަހަރުގެ ތަހުލީލުތައް އަމާޒުކޮށްފައި އޮތީ ، ކަށިނެތް މަސް ޖައްވުގައި އާލާކޮށް ދިރުވުމުގެ މައްޗަށެވެ. އެމަސައްކަތް އޮތީ ވަކިހިސާބަކަށްގޮސް ހުށްޓިފައެވެ.

ރަޝިއާއާއި ޖަޕާނުގެ ސައިންޓިސްޓުން ، 2016 ވަނައަހަރުވެސް ، ބައިނަލްއަޤްވާމީ ޖައްވީ ސްޓޭޝަނަށް މެޑަކާފިޝް  ގެންދިޔައެވެ. މަސް ގެންދިއުމާއެކު ، މަހުގެ ކަށިތައް ވިރެމުންދިޔަކަން އޮތީ ފާހަގަ ކުރެވިފައެވެ.

ޝެންޒޯ – 18 ގައި ، ހަވަޔަށް މަސްގެންގޮސް ، ހަވާގައި މަސް ދިރުވުމާބެހޭ ދިރާސާތަކެއް ، ޗައިނާއިން ކުރިޔަށް ގެންދާނެއެވެ. އެއީ ، ދިރުންހުރި އެހެނިހެން ތަކެތިވެސް ، ހަވާގައި ދިރުވައި އާލާކުރުމަށް ، ޗައިނާއިން އީޖާދުކުރާ ސައިންސްގެ ދިރާސާތަކަށް މަގުފަހިކުރުމަށް ކުރަމުންގެންދާ މަސައްކަތުގެ ފުރަތަމަ ފިޔަވައްސެވެ.

ޝެންޒޯ – 18 ރޮކެޓްގައި ދަތުރުކުރާ ތިން އެސްޓްރޮނޯޓުންގެ ތެރެއިން އިސްކޮށް ހުންނާނީ ކޮމާންޑަރ ޔީ ގުއަންފޫއެވެ. އަނެއް ދެ އެސްޓްރޮނޯޓުން ކަމުގައިވާ ، ލީ ކޮންގއާއި ލީ ގުއަންސޫ އަކީ ފުރަތަމަ ފަހަރަށް ހަވަޔަށް ދަތުރުކުރާ ދެ އެސްޓްރޮނޯޓުންނެވެ.

ޝެންޒޯ  - 18 ހަވަޔަށް ގޮސް ، ޝެންޒޯ – 17 އާ ބައްދަލުކޮށް ، މިމަހުގެ 30 ވަނަދުވަހު ، ޝެންޒޯ – 17 ބިމަށް ފޮނުވާނެއެވެ. ޝެންޒޯ 0 17 އަނބުރާ ބިމަށް އެ އަންނަނީ ހަމަސްދުވަހު ހަވާގައި އޮތުމަށްފަހުގައެވެ. ޗައިނާގެ ޓިއަންގޮން ޖައްވީ މަރުކަޒުގައި ، ޝެންޒޯ – 18 މަޑުކުރާނީ އޮކްޓޯބަރ މަހުގެ ފަހުކޮޅާ ހަމަޔަށެވެ. އެއިން ދަތުރުކުރާ ތިން އެސްޓްރޮނޯޓުންވެސްވެސް އޮކްޓޯބަރ މަހާ ހަމަޔަށް ، ހަމަސް ވަންދެން ، ޓިއަންގޮން ޖައްވީ މަރުކަޒުގައި މަޑުކުރާނެއެވެ.

ޝެންޒޯ – 18 ގެ ތިންފަޅުވެރިން ޓިއަންގޮން ޖައްވީ މަރުކަޒުގައި ތިބޭއިރު ، ޓިއަންގޯ – 8 އެތަނަށް ދަތުރުކޮށް އެމީހުންނަށް ކާބޯތަކެއްޗާއި ، ޟަރޫރީ އެހެނިހެންތަކެތި ގެންގޮސް ދޭނެއެވެ. ޓިއަންގޯ – 8 އެއީ މުދާ އުފުލާ ރޮކެޓެކެވެ. ޝެންޒޯ – 18 އެނބުރި ބިމަށް އަންނާނީ ، ހަމަސްވާއިރަށް ، ޝެންޒޯ – 19 ޓިއަންގޮން ޖައްވީ މަރުކަޒަށް ދިއުމުންނެވެ.

ހަވަޔަށް މަސް ގެންގޮސް އާލާކުރުމުގެ ދިރާސާތައް ކުރުމަށް ، ޗައިނާއިން އިސްނެގުމަކީ ،   ޓެކްނޮލޮޖީގެ ދާއިރާގައި ޗައިނާގެ ކުރިއެރުން ، ދުނިޔެއަށް ސާބިތުވެގެންދިޔަ ތާރީޚީ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ، ޗައިނާއިން ކުރާނެ އެއްކަމަކީ ، ޖައްވުގައި މަސް ދިރުވައި އާލާކުރުމުގެ ފުރުސަތު އޮތްމިންވަރެއް ބެލުމަށް ދިރާސާ ކުރުމެވެ. މި ދިރާސާތަކުގައި ޗައިނާއިން ބޭނުންކުރަނީ ، ޒިބްރާފިޝް އަދި ހޯރންވޯރޓް އެވެ ކިޔޭ ދެބާވަތެއްގެ މަހެވެ. މި ޕްރޮޖެކްޓް ކާމިޔާބު ވެއްޖެނަމަ ، ފުރަތަމަ ފަހަރަށް ، ހަވާގައި މަސް ދިރުވައި އާލާކުރުމުގެ ތާރީޚީ ރިކޯޑް ޗައިނާއިން ޤާއިމް ކުރާނެއެވެ.

ޗައިނާގެ ސައިންޓިސްޓުންގެ މި ތާރީޚީ ދިރާސާގައި ، ޒިބްރާފިޝް ބޭނުންކުރަނީ ، އެމަސް ސައިޒުން ކުޑަވުމާއި ، އެމަހަށް  އާދައިގެ ސިކުނޑިއެއް ލިބިފައި އޮތުމުގެ ސަބަބުންނެވެ. ސާފު ފެނުގައި ޒިބްރާފިޝް ދިރިއުޅެމުންގެންދާ ގޮތުގެ ދިރާސާއެއް ، ޗައިނާގެ ސައިންޓިސްޓުން ކުރިން އޮތީ ކޮށްފައެވެ. ޗައިނާގެ ސައިންޓިސްޓުންނަށް ބޭނުން ހިފިދާނެފަދަ ކަންތައްތަކެއް ، ޒިބްރާފިޝްގެ ދިރިއުޅުމުންވަނީ ފާހަގަ ކުރެވިފައެވެ. ސިކުނޑި ކޮންޓްރޯލްކުރާ ކޮމްޕިއުޓަރުގެ ނިޒާމަކުން އެއްހާސް ޒިބްރާފިޝްގެ ފޮރުވިފައިވާ ސިއްރުތަކެއް ، ޗައިނާގެ ސައިންޓިސްޓުން ، މިދިޔަ މާރޗްމަހުގެ ތެރޭގައިވަނީ ހޯދާ ތަޖުރިބާ ކޮށްފައެވެ.

ޗައިނާގެ ޖައްވީ މަރުކަޒު ޓިއަންގޮން ގެ ދިރާސާކުރި ޗައިނާއާއި ބައިނަލްއަޤްވާމީ  500 މަރުކަޒަކުން މިހާރުވަނީ ، 130 ޕްރޮޖެކްޓެއް ހިންގާފައެވެ.  މި ޕްރޮޖެކްޓްތަކުގެ ތަހުލީލުތަކަކީ ، ބިމުގައި ދިރުންހުރި ތަކެތި ޖައްވަށް ގެންގޮސް ޖައްވުގައި ދިރުވައި އާލާކުރުމާ ގުޅުންހުރި ، ސައިންސްގެ ތަހުލީލުތަކެވެ. އެއީ ، އާ ހޯދުންތަކާއި އުފެއްދުންތާކާ އަދި އިޤްތިޞާދީ ފައިދާތަކަށް އަމާޒު ކުރެވިފައިވާ ތަހުލީލު ތަކެކެވެ. އެހުރިހާ ތަހުލީލުތަކާއި ހޯދުންތަކަކީ ، ބިމުގައި ދިރިއުޅޭ އިންސާނާގެ ހަށިގަނޑާ އަދި އިންސާނާގެ ދިރިއުޅުމާ ގުޅުންހުރި ، އަދި އެކަންކަމަށް ލާބައާއި މަންފާ ލިބިގެންދާނެ ހޯދުން ތަކެކެވެ.

އިންސާނާ ފިޔަވައި ދިރުންހުރި ޖަނަވާރެއް ، އެންމެފުރަތަމަ ޖައްވަށް ގެންދިޔައީ ރޫސީވިލާތުން ، 1947 ގައެވެ. މަސްވެސް އެންމެ ފުރަތަމަ ޖައްވަށް ގެންދިޔައީ ، 1976 ގައި ރޫސީވިލާތުންނެވެ.

ޗައިނާގެ އުތުރު ހުޅަނގުގައި ޤާއިމްކޮށްފައިވާ ، ރޮކެޓް އުދުއްސާ " ޖީކުއާން ސެޓެލައިޓް ސެންޓަރު " އިން ، ހަވަޔަށް ފޮނުވާ ރޮކެޓް ، ޝެންޒޯ  - 18 މިއަދު އުދުއްސާލީ ޗައިނާގަޑިން ރޭގަނޑު 9 ޖެހިއިރުއެވެ. މީގެ ބައިގަޑިއިރެއްހާ އިރު ކުރިންނެވެ. އެއީ މާލޭގަޑިން ހަވީރު 6 ޖެހިއިރުއެވެ. ހުރިހާކަމެއްވެސް ރަނގަޅުކަމަށް ، ރަސްމީ އިދާރާތަކުން މަޢުލޫމާތު ދެއެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.