ފަލްސަފާ (81)

( 22  އެޕްރީލް 2024 ގައި ޝާއިޢުކުރި ބަޔާ ގުޅޭ )

ނޫރުގެ ބިޔަ އަދި ބޮޑު ނިދާކޮޓަރީގައި އިށީނދެލައިގެން އިންދާ ، އަމީން އިޙްސާން އައިސް ވަނެވެ. މިއަދުވެސް ވަގުތެއް ނުލިބިގެން ، ނޫރުގެ ބައްޕައާ ބޭބެމެންނަށް ޒިޔާރަތް ކުރެވޭގޮތެއް ނުވިއެވެ. އެކަމަށް ، ނޫރުގެ ކިބައިން އިޙްސާން މަޢާފަށް އެދުނެވެ. އަދި ، މާދަމާ ކޮންމެހެންވެސް އެކަން ކުރާނެކަމަށް ވަޢުދުވިއެވެ. އެމެރިކާއިން ނޫރު އައިފަހުން ، އަދި ބައްޕަމެންނާ ދިމަލެއް ނުވެއެވެ. އެއީ ، އޭނާ ކޮންމެހެން ކުރަންބޭނުންވާ ކަމެއްވެސް ނޫނެވެ. އެއީ އޭނާގެ ކުރިއެރުމަށް އެންމެބޮޑަށް ހުރަސްއެޅި މީހުންނެވެ.

އެހެނަސް ، ލޭގެގުޅުމަކީ ދަމަހައްޓަންޖެހޭނެ ގުޅުމެއްކަން ، ނޫރުއަށް އެނގެއެވެ. އަމީން ، އެހާބޮޑަށް ބުރަކޮށް އުޅެން ހަދައިގެން ވަގުތެއް ނުލިބިގެން ، މިއަދު ނުދެވުނީކަން ބައްޕަމެންނަށް ، ނޫރުއޮތީ އަންގާފައެވެ. އަދި މާދަމާ އެމީހުން ބައްޕަމެންނަށް ޒިޔާރަތްކުރާނެ ވާހަކަވެސް އޮތީ ބުނެފައެވެ.

އެހާބުރަކޮށް އުޅެން ޖެހޭނެކަން އެނގުނުނަމަ ، ކުރީރޭގެ ޕާޓީއަށް ބައްޕަމެންނަށް ކިޔުނުނަމަ މާރަނގަޅުވީސްކަމަށް އިޙްސާން ބުންޏެވެ. އެއީ ނޫރުއަށް އެހާ ކަމުދާ ކަމަކަށް ނުވިއެވެ. ރަސްމީ މަސައްކަތާއި އަމިއްލަ ދިރިއުޅުމުގެ ކަންކަން މަސްހުނި ކުރުމަކީ ނޫރު އެދޭނެ ކަމެއްނޫނެވެ. އެކަން އިޙްސާންއަށްވެސް އެނގެއެވެ. ކޮންމެ ކަމެއްގައިވެސް ނޫރު ނިންމާނީ އެންމެ ރަނގަޅަށެވެ. އެޔަޤީންކަން އޭނާއަށް އޮވެއެވެ. އެކަހަލަ ކަންކަމަށް ނޫރު މާމޮޅުވާނެއެވެ. ދިރިއުޅުމެއްގައި ، ޙަޔާތުގެ ބައިވެރިޔަކަށް ރަނގަޅުމީހަކު ލިބުމަކީ ، ރަޙުމަތެކެވެ. ހިތަށާއި ނަފުސަށް ހަމަޖެހުން ލިބޭނެ ކަމެކެވެ. އެ ފޮނި އިޙްސާސް އިޙްސާނަށް މިހާރު އެބަ ކުރެވެއެވެ. އެއީ ނޫރުއާ ކައިވެނިކުރުމުގެ ކުރިން ، އިޙްސާނަށް ލިބުނު އިޙްސާސެއްނޫނެވެ.

އިޙްސާން ، ނޫރުގެ އަތުގައި ހިފައިލިއެވެ. ބުރަ ދުވަހަކަށްފަހު ، ގެޔަށް އައިސް ، އަނބިމީހާއާ ވާހަކަ ދައްކައިލުމަކީ ، ހިތަށް އަރާމުލިބޭނެ ކަމެކެވެ. އިޙްސާޏްގެ ދިރިއުޅުމަށް އައިކަމަށްޓަކައި ، ނޫރުއަށް ޝުކުރު އަދާކުރިއެވެ. ނޫރުވެސް ، އިޙްސާނަށް ޝުކުރު އަދާކުރިއެވެ. އޭނާ ، އިޙްސާނަށް ދަރާފައިވާ ދަރަނި މާބޮޑެވެ. އޭނާއަށްޓަކައި އިޙްސާން އެކޮށްދެނީ ، ފިރިޔަކު ކޮށްދޭންޖެހޭ ވަރަށްވުރެ ބޮޑު ވަރެކެވެ. ހަނދުގެ އަލި ނޫރު ، ތަރިތަކާ ހަމަޔަށް ވާޞިލްވުމަކީ ، އެހާ ފަސޭހަކަމެއްނޫންކަން ނޫރުއަށް އެނގެއެވެ. އެއީ އޭނާގެ ފަލްސަފާގައި ލިޔެ ކަނޑައަޅާފައިވާ ކަމެއްވެސް ނޫނެވެ. އެހެނަސް ، އެއަލިގަދަ ހަނދުގެ ނޫރު ، ތަރިތަކާ ހަމަޔަށް ފޯރުމުން ، އޭޣެފަހުން ދެން ހިތުގައި އިތުރަށް އޮންނާނީ ކޮންފަދަ އުއްމީދެއްކަމެއް ނޫރުގެ ޚިޔާލަކު ނެތެވެ.

ނޫރުއަށް ބޭނުންވާ ހުރިހާކަމެއް ، އިޙްސާންވަނީ ފުރިހަމަކޮށްދީފައެވެ. ފުރިހަމަ އިތުބާރާއި ބަރޯސާ ، އެހާ ލޯތްބާއި އަހަންމިއްޔަތުކަން އިންސާނެއްގެ ފަރާތުން ނޫރުއަށް ލިބިދާނެކަމަކަށް ނޫރުއަށް ޚިޔާލުކޮށްލެވިފައެއް ނެތެވެ. ނޫރުއަށް އިތުރަށް ބޭނުންވާނީ ކޮންއެއްޗެއްކަމެއް ، ޚުދު ނޫރުއަކަށްވެސް ނުވިސްނެއެވެ.

" މިވަގުތަށް މިއޮތީ އަހަރެންނާއިނޫރުއެވެ. އެކަތިގަނޑަކަށްވެފައެވެ. އަހަރެންގެ ހުރިހާ އެއްޗަކީ ނޫރުގެވެސް އެއްޗިއްސެވެ. އެކަމަށް ހުރަސް އަޅާނެ އެހެންމީހަކު ނުހުންނާނެއެވެ. އަހަރެމެން ދެމީހުންނަކީ އެކަކު އަނެކެއްގެ އުފަލާއި އަރާމެވެ.

ތަހުނިޔާ ، ލާހޯރަށް ދިއުމަށްޓަކައި އެއަރޕޯރޓަށް ގެންދިޔައީ މުރުތަޟާ އެވެ. އެއަރޕޯރޓަށް ދިޔަމަގުމަތީ ތަހުނިޔާއިނީ އުފަލުންގޮސް ފޮޅިފައެވެ. އޭނާ ކޮޅަށް ނަގައި ހިންދެމިލުމަށް ފުރުޞަތު ދެމުންގެންދާތީ ، މުރުތަޟާއަށް ތަހުނިޔާ ޝުކުރު އަދާކުރިއެވެ. ތަހުނޔާގެ އަތުގައި މުރުތަޟާ ހިފައިލިއެވެ. ތަހުނިޔާގެ ކުރިއެރުމަށް ބޭނުންވާ ހުރިހާކަމެއްގައިވެސް ، މުރުތަޟާ ހުންނާނީ އޭނާއާއެކީގައި ކަމުގައި މުރުތަޟާ ބުންޏެވެ. ތަހުނިޔާގެ މުސްތަޤްބަލަށް ކުރެވޭ އުއްމީދުތަކަށް ، މުރުތަޟާ އެވަނީ ދޮރުހުޅުވައިލަ ދީފައެވެ. ދެން އޮތީ ތަހުނިޔާގެ ހިތްވަރެކެވެ. ދެވޭނެ އެންމެ ކުރިޔަކަށް ތަހުނިޔާ ދާންވީއެވެ. މުރުތަޟާ ނެތްނަމަ ، އައިމަލް ބަހައްޓާފައި ރަށުން ބޭރަށް ދިއުމަކީ ، ތަހުނިޔާއަށް ކުރެވޭނެ ކަމެއްނޫނެވެ.

ތަހުނިޔާ އެއަރޕޯރޓަށް ލާފައި މުރުތަޟާއަށް އޮފީހަށް އާދެވުނީ ކުޑަކޮށް ލަސްވިފަހުންނެވެ.

" މިއީ އޮފީހަށް އަންނަން ކޮން ގަޑިއެއް ހެއްޔެވެ ؟ ގަޑިޔަށް ތާވަލުކޮށްފައި އޮތް މީޓިންގ ނިމިއްޖެއެވެ. މުރުތަޟާ އަންނާނެ އިރަކުން އަންނަންދެން ، އަހަރެމެންނަށް އިންތިޒާރެއް ނުކުރެވޭނެއެވެ. ތަންކޮޅެއް ޒިންމާދާރު މީހަކަށް ވާށެވެ. " މުރުތަޟާ އައިސް ވަތްތަނުން ނޫރު ބުންޏެވެ.

ހުރިހާ މުއައްޒަފުންގެ ކުރިމަތީ މުރުތަޟާގެ މޫނުމަތީ ، ނޫރު އެޖެހި ތަފާލަކީ ، މުރުތަޟާ ވަރަށް ކަންބޮޑުވި ކަމެކެވެ. އެހާމެ ލަދުވެސް ގަތެވެ. އެއީ ، ކުރިޔަށް އޮތްތާނގައި މުރުތަޟާ ވަރަށް ވިސްނަންޖެހޭނެ ކަމެކެވެ. އެކަން އެ ކުރިމަތިވީ ދެވަނަ ފަހަރަށެވެ. ނޫރުއަކީ ކޮންކަހަލަ ކާކުކަން އެންމެ ބޮޑަށް އެނގޭނީ މުރުތަޟާއަށެވެ. މީހުން ތިއްބަސް އަދި ނެތަސް ، ނޫރު ބޭނުންވާ އެއްޗެއް ބުނާނެއެވެ. ކުރާކަމެއްވެސް ކުރާނެއެވެ.

އެކަމާ ކަންބޮޑުވެފައި ކުޑަދޮރުން ބޭރުބަލަހައްޓައިގެން ހުއްޓާ ، ނޫރުގެ ސެކްރެޓަރީ އައިސް ، އެމްޑީގެ ރޫމަށް މުރުތަޟާ އައުމަށް ، އެމްޑީ އެދޭވާހަކަ ބުންޏެވެ.

މުރުތަޟާ ގޮސް ނޫރުގެ ކޮޓަރިޔަށް ވަތްއިރު ، ނޫރުއިނީ ފިރިމީހާ ، އިޙްސާނުގެ ފޯނެއްގައި ވާޙަކަ ދައްކާށެވެ. މުރުތަޟާ ވަނުމާއެކު ، މުރުތަޟާއަށް އަޑުއިއްވައިލަން ނޫރު ބޭނުންވާ ވާހަކަތަކެއް ދައްކައިލުމަށްފަހު ފޯނުބޭއްވިއެވެ. ނޫރުގެ އެންމެ ފަހުގެ ވާހަކަޔަކަށްވީ ، އެގޮނޑީގައި އިޙްސާން އިނަސް އަދި ނޫރުއިނަސް ތަފާތެއް ނާންނާނެކަމުގައެވެ. ކަންކަން ގެންދަންވީ ގޮތް އޭނާއަށް ވަރަށް ރަނގަޅަށް އެނގޭކަމުގައެވެ.

މުރުތަޟާ ވަދެ ، އޭނާއަންނަން ބުނިންތޯ ނޫރުއާ ސުއާލުކުރިއެވެ. މުރުތަޟާގެ ބަސްމަގުގައި އެއްވެސް އަދަބެއް ސަދަބެއް ނެތެވެ. އެއީ ނޫރު އަށް ކަމުދިޔަކަމަކަށް ނުވިއެވެ.

" މރ. މުރުތަޟާއެވެ ! އަހަރެންނަކީ މިކުންފުނީގެ މެނޭޖިންގ ޑިރެކްޓަރެވެ. ކުރިން އާދަވެފައިހުރިގޮތަށް ، އަދަބެއް ސަދަބެއްނެތި އަހަރެންނާ ވާހަކަ ދެއްކުން ، އަހަރެން ބަލައެއް ނުގަންނާނަމެވެ. " ނޫރު ބުންޏެވެ.

މުރުތަޟާއަށް ނޫރުގޮވީ ، ޕްރޮޖެކްޓެއް ޙަވާލު ކުރުމަށެވެ. ކަމަކާ ނުލައި މުރުތަޟާ އަންނާކަށް ، ނޫރުއެއް ނުބުނާނެއެވެ. މުރުތަޟާ މިހާރު އެހުރީ ނޫރުގެ މުށުތެރޭގައެވެ. އެޕްރޮޖެކްޓްގެ ހުރިހާކަމެއް ބަލަހައްޓާނީ ނޫރުއެވެ. ލަހުން އޮފީހަށް އައުމާއި ، ވަގުތު ނެތިގެން މަސައްކަތް ނުނިމުމާ އަދި އެނޫންވެސް ކޫސަނި އެއްވެސް ޙުއްޖަތެއް ނޫރުގެ ކުރިމައްޗަށް އައިސްގެން ނުވާނެކަމަށް ނޫރު ބުންޏެވެ. ފައިލްނަގާ ކިޔާލަން ކޮޅަށް ހުއްޓައި ، މުރުތަޟާ ދެން އެތަނުން ދިޔަޔަސް އެންމެ ރަނގަޅުކަމުގައި ނޫރު ބުންޏެވެ.

" މިއަދަށް ވާވަރަށް ނޫރުލްޢައިނުގެ ހިތްހަމަޖައްސައިލެވިއްޖެކަމަށް އަހަރެން ދެކެމެވެ. " މުރުތަޟާ ބުންޏެވެ.

ނޫރުގެ ދަށުން މަސައްކަތްކުރަން މުރުތަޟާއަށް ޖެހުމާގުޅިގެން ، މުރުތަޟާއަށް ދެމުންގެންދާ ތަކުލީފުތަކުގެ މަތިން ، ހަނދާން ކޮށްލަދިނުމަށް ، ނޫރުގާތު އެވާހަކަ ބުނުމާއެކު ، މުރުތަޟާއާ ދިމާއަށް ބަލައިލާ ، ދެން އެތަނުން ނުކުތުމަށް ، ނޫރުގެ ލޮލުން މުރުތަޟާއަށް އެންގިއެވެ.

ތަހުނިޔާވެސް އެދުވަހު ހަތަރުދަމު އުޅުނީ ، އެގްޒިބިޝަންގެ ކަންކަމާ އަވަދިނެތިއެވެ. މުރުތަޟާއާ ގުޅާލައި ، ތަހުނިޔާއަށް ފޯނުކޮށްލައި ، އައިމަލްގެ ޚަބަރު ބަލައިލާކަށްވެސް ވަގުތެއް ނުވިއެވެ. އެގްޒިބިޝަން ހުޅުވައި އެރޭގެ ރަސްމިއްޔާތު ވަރަށް ފުރިހަމައަށް ތައްޔާރު ކުރިއެވެ. މުހުޞިނާ ނެތްތަން ފޫބައްދަމުން ހުރިހާކަމެއް ބަލައި ، ޚާއްޞަ މެހެމާނުންނަށް ޚިޔާލު ބަހައްޓަމުން ގެންދިޔައެވެ. އެންމެ އިރުކޮޅަކުވެސް ވަރުބަލިފިލުވައިލުމަށް ތަނެއްގައި މަޑުކޮށެއް ނުލައެވެ.

އެރޭގެ ދިހައެއްޖެހިއިރުވެސް މުރުތަޟާ އިނީ ، ނޫރު ޙަވާލުކުރި ޕްރޮޖެކްޓްގެ މަސައްކަތުގައި އޮފީހުގައެވެ. މުރުތަޟާގެ ސެކްރެޓަރީ އައިސް ، އޭނާ ގެޔަށް ދިއުމުގެ ހުއްދައަށް އެދުމުން ، އޭނާ ފޮނުވާލާފައިވެސް ، މުރުތަޟާ އޮފީހުގައި މަޑުކުރިއެވެ. އެހްނ އިންދާ ޙަފުޞާ ފޯނުކޮށް ، މުރުތަޟާ އެއުޅެނީ ކޮންތާކުތޯ ސުއާލު ކުރިއެވެ. މުރުތަޟާ އޮފީހުގައި އުޅޭކަމެއް ޙަފުޞާއަކަށް ނޭނގެއެވެ. ތަހުނިޔާވެސް ރަށުގައި ނެތްއިރު ، މުރުތަޟާވެސް ގެޔަށް ނައިސް ލަސްވާތީ ، ޙަފުޞާގެ ކަންބޮޑުވުން ހާމަކުރިއެވެ. އައިމަލް ރޮއިރޮއި ހަލާކުވިޔަސް ، މުރުތަޟާއަކަށްވެސް އަދި ތަހުނިޔާއަކަށްވެސް އެއީ މައްސަލަޔަކަށް ނުވެއެވެ. ތަހުނިޔާ މަސައްކަތަށް ދާން ޙަފުޟާއަށް ހުއްދަ ނުދެވިގެން އުޅެނީ އެހެން ވެދާނެތީއެވެ. މިރޭވެސް ގެޔަށް އަންނާނެކަމެއް ނެތޭ މާދަމާރޭ ވަންދެން އޮފީހުގައި އުޅޭށޭ ބުނެ ، ރުޅިއައިސް ، މުރުތަޟާއާ ދިމާއަށް އެތިވަރު ގޮވަމުން ޙަފުޞާ ފޯނު ކަނޑައިލިއެވެ.

މުރރުތަޟާއަށް ގެޔަށް އާދެވުނުއިރު ، ގޯތިތެރޭގައި އިށީނދެލައިގެން ސައިތަށްޓެއް ބޯލަން ، އޭނާގެ އިންތިޒާރުގައި ޙަފުޞާ އިނެވެ. އެތައް އިރަކު ރޮއެރޮއެފައި ، އައިމަލްއަށްވެސް އެނިދުނީ ހަމަ ދެންމެއެވެ. މުރުތަޟާއައިތަނުން ، ޠާހިރާއަށްވެސސް އެތަނަށް ނުކުމެވުނެވެ. މުރުތަޟާ ވަނުމާއެކު ، ޙަފުޞާ ތެދުވެގެން މުރުތަޟާގާތަށް ޖެހިލިއެވެ. ޙަފުޞާހުރީ ރުޅިއައިއްސައެވެ.

" ތަހުނިޔާއަށް ފޯނުކޮށްފައި މާދަމާ ، ފުރައިގެން ކަރާޗީއަށް އަންނަން ތަހުނިޔާގާތު ބުނާށެވެ. ދަރިފުޅަށްވުރެ ބޮޑަށް ، އަނބިމީހާގެ ވަޒީފާގެ ކުރިއެރުމަށް މުރުތަޟާ އެބަ ވިސްނަމުއެވެ. އެއީ އަހަރެންނަށް ޤަބޫލުކުރެވޭނެކަމެއް ނޫނެވެ. ޠާހިރާވެސް ދުވާލު ހަތަރުދަމު އެއުޅެނީ ، ތަނަކު އިށީނދެނުލައެވެ. އަރުސަލާން އާއި އައިމަލްގެ ކަންތައްތަކުގައި އަވަދިނެތި އުޅޭއިރު ، އެއީވެސް  އިންސާނެއްކަން ހަނދާން ބަހައްޓަންވާނެ ނޫންހެއްޔެވެ ؟ " ޙަފުޞާ ، މުރުތަޟާ އާ ދިމާލަށް އެއްޗެތި ކިޔައިގަތެވެ.

ތަހުނިޔާގެ ދަތުރު ނިންމާފައި ކަރާޗީއަށް އަންނަން ދެންއޮތީ ދެދުވަހެވެ. އެއީ ތަހުނިޔާގެ މުސްތަޤްބަލަށް މުހިންމު ކަމެކެވެ. އެފުރުސަތު ތަހުނިޔާއަށް ދޭންޖެހޭނެކަމަށް މުރުތަޟާއަށް ފެނުނެވެ. ޠާޙިރާވެސް މުރުތަޟާއާ ބައިވެރިވެ ، މަންމަ އެކަމާ ކަންބޮޑުނުވުމަށް އެދުނެވެ.

މަންމަގެ ކަންތަކާހުރެ ، ތަހުނިޔާއަށް ފޯނުނުކޮށް މުރުތަޟާއަކަށް ނުހުރެވުނެވެ. ޠަހުނިޔާގެ މަސައްކަތް އެހާފުރިހަމަޔަށް ދިޔައީތީ އޭނާހުރީ ވަރަށް އުފާވެފައެވެ. އެގްޒިބިޝަނަށް ލިބުނު ތަރުޙީބު ބޮޑުކަމުން ، އިތުރު ދެދުވަހަށް ދަންމާލަން މުހުޞިނާ އެދުނު ވާހަކަ ތަހުނިޔާއަށް ބުނެވުމާއެކު ، މުރުތަޟާ އިތުރަށް ކަންބޮޑުވިއެވެ. ތަހުނިޔާ އެދުނީ ، މުރުތަޟާ ދެދުވަހަކަށް ޗުއްޓީއެއްނަގައި އައިމަލްގެ ކަންކަމުގައި ޠާޙިރާއަށް އެހީތެރިވުމަށް ގޭގައި މަޑުކޮށްލުމަށެވެ. އެހެނަސް ، އެދުވަސްވަރު ، ޗުއްޓީއެއް ނެގުމަކީ މުރުތަޟާއަށް ކުރެވޭނެކަމެއްނޫނެވެ. އެކަންކޮށްފިނަމަ ، އޭނާގެ ވަޒީފާ ގެއްލޭނެއެވެ. ޗުއްޓީއެއް ދިނުމުގެ ބަދަލުގައި ނޫރު ، އޭނާ އޮފީހުން ވަކިނުކޮށެއް ނުހުންނާނެއެވެ.

ޕްރޮޖެކްޓްގެ މަސައްކަތުގައި މުއައްޒަފުންނަށް މަސައްކަތް ސާފުކޮށްދޭން އުޅެނިކޮށް ، އެތަނަށް މޫނު ދިއްކޮށްލުމަށްފަހު ، އޭނާގެ ކޮޓަރިޔަށް މުރުތަޟާ އައުމަށް ނޫރު އެދުނެވެ.

މުރުތަޟާ ގޮސް ނޫރުގެ ކޮޓަރިޔަށް ވަނުމާއެކު މުރުތަޟާ އިށީނުމަށް އެދުނެވެ. މިދުވަސްކޮޅު ، ރޭގަނޑު ވަރަށް ލަސްވަންދެން މުރުތަޟާ މަސައްކަތްކުރާކަން ނޫރުއަށް އެނގޭކަން އަންގައިލިއެވެ. މަސައްކަތް ނުނިމިދާނެތީ ، މުރުތަޟާ ބިރުގަންނަނީތޯ ނޫރު ސުއާލު ކުރިއެވެ.

މުރުތަޟާއަށް ނުކުރެވޭނެކަމެއް ނޯންނާނެއެވެ. ކަމެއް ކުރަން އެނގެންޏާ އެކަމެއް އުނނދަގޫ ނުވާނެކަން މުރުތަޟާގެ ވާހަކައިގާ ނޫރުއަށް ހަނދާން ކޮށްދިނެވެ. އެކަމާ ނޫރު އުފާކުރިއެވެ. އެހެންނަމަވެސް ، ދީފައިވާ ވަގުތަށް އެ ޕްރޮޖެކްޓް ނިންމުމަކީ ނޫރުގެ އެދުމެކެވެ. އެކަން ކުރާނީ ކިހިނެއްކަން އެނގޭނީ މުރުތަޟާއަށެވެ. މުރުތަޟާގެ އަމިއްލަ ނަފުސަށް އެކަމުގެ ޔަޤީންކަން އެބައޮތެވެ.

ރޭގަނޑު ލަހުން ގެޔަށް ދާތީ ، މުރުތަޟާގެ ދިރިއުޅުމުގައި މައްސަލަތަކެއް ހުރެދާނެތީ ކަންބޮޑުވާކަން ނޫރު ހާމަކުރިއެވެ. މުރުތަޟާގެ އަންހެނުންވެސް އެކަމާ އެހާ ހިތްހަމައެއް ނުޖެހޭނެއެވެ.

" އަހަރެންގެ އަންހެނުންގެ ނަމަކީ ތަހުނިޔާއެވެ. އެއީ ، ކަންކަމުގައި ގޮތްދޫކުރާ ކެތްތެރި އަންހެނެކެވެ. " މުރުތަޟާ ބުންޏެވެ.

އެއީ ނޫރުވެސް އުފާކުރާ ކަމެކެވެ. ދިރިއުޅުމުގައި ކުރިޔަށް ދިއުމުގައި ގޮންޖެހުންތައް ހުންނާނެއެވެ. ދިރިއުޅުން ކާމިޔާބު ކުރެވޭނީ ބުރަކޮށް މަސައްކަތް ކޮށްގެންނެވެ.

ތަހުނިޔާވީ ، އެގްޒިބިޝަން ހުޅުވުމުގެ ކަންކަން ފުރިހަމަކުރުމަށް ލާހޯރުގައިކަމަށް މުރުތަޟާ ބުންޏެވެ. ދިރިއުޅުމުގެ ހުރިހާކަމެއްގައި އެންމެ ފުރިހަމަޔަށް ޒިންމާނަގައިގެން ތަރުތީބުން ގެންދަން ތަހުނިޔާއަށް އެނގޭނެއެވެ. ކޮންމެ ކޮންމެ ގޮތަކަށް އެއްވެސްކަމެއް ނުކުރާނެއެވެ. ތަހުނިޔާ ކަމެއްކުރަންޏާ އެކަމެއް ކުރާނީ އޮތް އެންމެ ރަނގަޅަކަށް ، އެންމެ ފުރިހަމަޔަށެވެ. އެހެންނޫނީ އެކަމެއް ނުކުރާނެއެވެ. މުރުތަޟާގެ ވާހަކައިން ނޫރުގެ އަނގަ ބެދުނެވެ. އިތުރަށް ބުނާނެއެއްޗެއް ނެތުނެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.