ފަލްސަފާ (80)

( 20 އެޕްރީލް 2024 ގައި ޝާއިޢުކުރި ބަޔާ ގުޅޭ )

މިއަދަކީ ، އަމީން އިޙްސާންގެ ބިޔަ ވިޔަފާރީގެ އިތުރު ކާމިޔާބީއެއް ފާހަގަ ކުރެވޭ ދުވަހެކެވެ. އޭނާގެ ވިޔަފާރީގެ އިތުރު ބްރާންޗެއް ހުޅުވުމުގެ ރަސްމިއްޔާތަށް ، އަމީން އިޙްސާންގެ ދެމަފިރިންވެސް އައިސް ތިއްބެވެ. ތަން ހުޅުވުމުގެ ރަސްމިއްޔާތުގެ ރިބަން ކެނޑުމަށް ، އަމީން އިޙްސާންއަށް ކަތުރު ދިއްކޮށްލެވުނެވެ. ކަތުރުގައި ހިފައި ، އަމީން އިޙްސާން މަޑުކޮށްލިއެވެ. އެ ބްރާންޗަކީ ނޫރުލްޢައިނަށް އޭނާ ހުޅުވައިދިން ތަނެއްކަމަށް ބުނެ ، ރިބަން ކަނޑައި އެރަސްމިއްޔާތު ޝަރަފްވެރި ކޮށްދޭނީ ނޫރުލްޢައިނުކަމަށް އަމީން އިޙްސާން އިޢުލާން ކުރިއެވެ.

ނޫރުއަށް ލިބުނު އެ ފުރުސަތުގައި ، ޝުކުރު އަދާކުރުމަށްފަހު ، ރިބަން ކަނޑައިލިއެވެ. ކުންފުނީގެ ހުރިހާ އެގްޒެކެޓިވުން އެވަގުތު އެތަނަށް ޖަމާވެފައި ތިއްބެވެ. އެހެނަސް ، މުރުތަޟާއެއް ނާދެއެވެ. އެކަމާބެހޭގޮތުން ، އަމީން އިޙްސާން ، ފާރޫޤާ ސުއާލު ކުރިއެވެ. ފާރޫޤަށް ޖަވާޞުނުދެވިގެން އުޅެނިކޮށް ، ތެޅެމުން ފޮޅެމުން އައިސް މުރުތަޟާ އެތަނަށް ވަނެވެ.

" މުރުތަޟާއެވެ ! ތިއުޅުނީ ކޮންތާކު ހެއްޔެވެ ؟ ގަޑިޔަށް ބަލައިލަބަލާށެވެ ! އެންމެ ފުރަތަމަ މިތާ ހުންނަންޖެހޭނީ ، މުރުތަޟާކަމެއް ނޭނގޭ ހެއްޔެވެ ؟ އެހެންކަމަކަށް ނުވިސްނިޔަސް ، މުރުތަޟާގެ މަޤާމަށް ވިސްނައިލަން ވާނެދޯއެވެ. މުރުތަޟާ ގަޑިޔަށް ފަރުވާ ނުބަހައްޓަންޏާ އެހެން މުއައްޒަފުންނަށް ދަސްވާނީ އެގޮތްކަމެއް ނުވިސްނޭ ހެއްޔެވެ ؟ މިއީ އޮފީހެވެ. މުރުތަޟާގެ ގެޔެއްނޫނެވެ. " ނޫރު ބުނަމުން ގެންދިޔައެވެ.

ސާހިބުކަމަނާއޭ ބުނެ ، ނޫރުގެ ކިބައިން މުރުތަޟާ މަޢާފަށް އެދުނެވެ. ނޫރުއަކީ ، ގަޑިޔަށް ވަރަށް ފަރުވާތެރިވާ މީހެއްކަމަށާއި ކުރިޔަށް އޮތްތާނގައި އެކަމަށް ސަމާލުވުމަށް ، އަމީރު އިޙްސާން ، މުރުތަޟާއަށް ނަސޭޙަތްތެރިވިއެވެ. ނޫރު ބޭނުންވަނީ ، އޭނާފަދައިން އޮފީހުގެ ހުރިހާ މުއައްޒަފުންވެސް ގަޑިޔަށް ބަރާބަރަށް އޮފީހަށް އައުމެވެ. އެއަށްފަހު ، އަމީން އިޙްސާން މުއައްޒަފުންނާ މުޚާތަބުކޮށް ވާހަކަ ދައްކަން ފެށްޓިއެވެ.

އެންމެފުރަތަމަ ، އޭނާ ތަޢާރުފްކޮށްދިނީ ނޫރުލްޢައިނުއެވެ. އެއީ ، މިހާރު އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރެވެ. އަމީން އިޙްސާން ގިނައިން އުޅެނީ އެމެރިކާގައެވެ. އޭނާ ރަށުގައިނެތިއްޔާ ، ކުންފުނީގެ ހުރިހާކަމެއް ބަލަހައްޓާނީ ނޫރުލްޢައިނުކަން އިޢުލާން ކުރިއެވެ. އަދި ، ޕާކިސްތާނުގައި ހުޅުވިފައިވާ ކުންފުނީގެ ހުރިހާ ބްރާންޗްތަކެއް ބަލަހައްޓާނީވެސް ނޫރުއެވެ. އެއަށްފަހު ، ނޫރުގެ ޝަޚުޞިއްޔަތާ ބެހޭގޮތުން އަމީން އިޙްސާން ވާހަކަ ދެއްކިއެވެ.

ނޫރުއަކީ މީހުންނާގުޅޭ ، މީހުންނާ ރައްޓެހި ، ވަރަށް ހީވާގި ، މުރާލި އަންހެނެކެވެ. އެކަމަކު ކޮންމެވެސް ވަރަކަށް ބޮސީވާނެއެވެ. ބޮސްއަކަށް އަންހެނަކުވީމަ ، ކުރިމަތިވާނެ ހުރިހާކަމެއް އަންނާނެއެވެ. މަސައްކަތަށް ފަރުވާކުޑަ ވަންޏާ ފިޔަވަޅު އަޅާނެއެވެ. ކުށެއްކޮށްފިއްޔާ ، އަދަބު ދޭނެއެވެ. އެއްވެސް މީހެއްގެ ޙައްޤު ، އެމީހަކަށްނުދީއެއް ނުހިފަހައްޓާނެއެވެ. ނޫރުލްޢައިނު މަސައްކަތްކުރާނީ ، ހުރިހާ މުއައްޒަފުންނަކީވެސް އޭނާގެ ޢާއިލާގެ މީހުންގެ ގޮތުގައި ބަލައިގެން ވަރަށް ގާތްގޮތަކަށެވެ.

ނޫރުލްޢައިނުވެސް ވާހަކައެއް ބުނެލަން ބޭނުންކަމަށް ބުނެ ، އެތަނަވަސްކޮށްދިން ފުރުސަތަށް އަމީން އިޙްސާނަށް ޝުކުރު އަދާކޮށް އޭނާގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ. އޭނާއަކީ ، މަސައްކަތަށް ފަރުވާ ބަހައްޓާ ބުރަކޮށް އުޅުމަށް ލޯބިކުރާ މީހެކެވެ. އެކަމަކު ، އޭނާއަކީ ފަހަރެއްގައިވެސް ، ބޮސްއަކަށްވެގެން އެ ފަޚުރުގައި ބޮޑާވެގަންނާނެމީހެއްނޫންކަމަށް ނޫރު ބުންޏެވެ. މެނޭޖިންގ ޑިރެކްޓަރގެ ޙައިޞިއްޔަތުން ، އޭނާގެ ވާޖިބު އަދާކުރުމުގައި ، ހުރިހާ މުއައްޒަފުންގެ ޙައްޤުތަކަށް ރައްކާތެރިވާނެކަން ނޫރު ހާމަކުރިއެވެ. އަދި ، އެއްޢާއިލާއެއްގެ ގޮތުގައި ، ކުންފުނީގެ ލަނޑުދަނޑިތައް ޙާޞިލްކުރުމަށް ، އޭނާއާއެކީ ހީވާގިކަމާއެކު މަސައްކަތް ކޮށްދިނުމަށް ހުރިހާ މުއައްޒަފުންގެ ފަރާތުން ، ނޫރު އެދުނެވެ. ކުންފުންޏަށްލިބޭ ކޮންމެ ކާމިޔާބަކީވެސް ، ކުންފުނީގެ ހުރިހާ މުއައްޒަފުންނަށްވެސް ލިބޭނެ ކުރިއެރުމެކެވެ. އެކަން ، ކުންފުނީގެ ފަރާތުން ބަލައިގަންނާނެއެވެ. އެހެންނަމަވެސް ، އެއްވެސް ކަމެއްގައި ފަރުވާކުޑަވުމާއި ، ގަޑިޔަށް އޮފީހަށް ނައުންފަދަ ކަންކަމަކީ ނޫރު ބަލައިގަންނާނެކަމެއްނޫންކަމަށް ބުނެ ، މުރުތަޟާއާ ދިމާއަށް ބަލައިލިއެވެ. އެއީ މުރުތަޟާއާ ދިމާއަށް އެއްލި ބަހެއްކަން މުރުތަޟާ ދެނެގަތެވެ. ލަދުގަތެވެ. އެހެންނަމަވެސް ، ކުންފުނީގެ ވެރިމީހާއަށް ، ރައްދު ދިނުމަކީ އެވަގުތަށް ، އެންމެ އެކަށީގެންވާ ކަމެއްނޫންކަން މުރުތަޟާއަށް ވިސްނުނެވެ. އެހެންނޫނަސް ، އެކަމުގައި އޮތީ މުރުތަޟާގެ ކުށެވެ.

ތަހުނިޔާހުރީ ، ހަދާނެގޮތް ބޮޑުވެފައެވެ. އެންމެފަހުން މުޙުސިނާއަށް ފޯނުކުރިއެވެ. އައިމަލް ބަލިވެއުޅޭ ވާހަކަ ބުނެ ، މިއަދު އޮފީހަށް ދާން ޢުޒުރުވެރިވާ ވާހަކަ ބުންޏެވެ. ނަސީބަކުން ، އެއީ މާބޮޑުކަމަކަށް މުޙުސިނާއެއް ނުހެދިއެވެ. އައިމަލް ރަނގަޅަށް ބެލުމަށް ބުނެ ، ރަބީޢާއަށް ފޯނުކޮށްފައި ، ކަންކަން ކުރިޔަށް ގެންދިއުމަށް އެދޭނެވާހަކަ ބުންޏެވެ. ނަމަވެސް ، އެގްޒިބިޝަން ހުޅުވުމުގެ ރަސްމިއްޔާތުގެ ކަންތައް ތަހުނިޔާ ކުރިޔަށް ގެންދިއުމަށް އެދުނެވެ. އެކަމުގައި ތަހުނިޔާ އަދާކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަ ކުރުމަކީ ތަހުނިޔާގެ ޒިންމާއެކެވެ. އެއީ ޙުއްޖަތެއް ދެއްކިގެން ވާންއޮތް ކަމެއްނޫންކަން ތަހިނުޔާއަށް ހަނދާން ކޮށްދިނެވެ. މުޙުސިނާގެ ޣައިރު ޙާޟިރުގައި އޭނާގެ ހުރިހާ ޒިންމާއަކާއި މަސްއޫލިއްޔަތެއް އަދާކުރަންހުރީ ތަހުނިޔާއެވެ. މުޙުސިނާ ފިކުރުބޮޑުވާނެ އެއްވެސްކަމެއް ވިޔަނުދޭނެކަމަށް ތަހުނިޔާ ވަޢުދުވިއެވެ.

މުރުތަޟާހުރީ އައިމަލްގެ ކަންތަކުގައި ހާސްވެފައެވެ. އެދުވަހަށް ކުރަންޖެހޭ ހުރިހާކަމެއްހުރީ ނިމިފައެވެ. އެހެންކަމުން އޭނާ ގެޔަށް ދިއުމުގެ އިޒުނަޔަށް ، ފާރޫޤުގެ ކިބައިން އެދުނެވެ. އެކަމަށް ފާރޫޤަށް އެއްބަހެއް ނުވެވުނެވެ. މިއަދު މުރުތަޟާ އޮފީހަށް އައީވެސް ލަހުންނެވެ. އެއީ ، ކުންފުނީގެ ވެރިންގެ ކުރިމަތީގައި އޭނާވެސް ލަދުގަތް ކަމެކެވެ. މުރުތަޟާގެ މަސައްކަތަށް އެހާ ތަޢުރީފްކޮށް ، އަމީން އިޙްސާން އަށް މުރުތަޟާގެ ރަނގަޅުކަމުގެ ވާހަކަ ކިޔައިދީފައި އޮއްވާ ، ފުރަތަމަ ދިމާވި ފަހަރުވެސް ، ކުންފުނީގެ އެހާ މުހިންމު ރަސްމިއްޔާތަކަށް ލަހުން އައިމަ ، ވެރިންނަށް އެފެނުނީ މުރުތަޟާގެ ފަރުވާ ކުޑަކަމެވެ. ކުރިން ތައްޔާރުކުރި ޕްރެޒެންޓޭޝަންވެސް އޮތީ އަލުން ހުށަހަޅަން ޖެހިފައެވެ. އެކަން ، ހަވީރާ ހަމަޔަށް ދެމިއޮންނާނެއެވެ. އެއްވެސް މީހަކަށް އެހާ އަވަހަކަށް އެދުވަހު ، ގެޔަކަށް ނުދެވޭނެއެވެ.

ކުރިން ، މުރުތަޟާގެ ބޮސްއަކީ ފާރޫޤެވެ. މިހާރު އޭނާގެ ބޮސްއަކީ ، މިސިޒް އަމީން އިޙްސާނެވެ. މިސިޒް އިޙްސާނާ ސީދާ އެވާހަކަ ދައްކައިގެން ޙައްލެއް ހޯދުމަށް ފާރޫޤު ލަފާދިނެވެ. އެހެނަސް ، މުރުތަޟާއަށް އެއީ އޭނާކުރަން އެންމެ ރަނގަޅުކަމެއް ކަމަކަށް ނުފެނުނެވެ. އޭނާ ގެޔަށްދާނީ ، އޮފީހުގެ ހުރިހާކަމެއް ނިމުނީމާކަމުގައި ނިންމިއެވެ.

މުރުތަޟާ ދޫކޮށްލީ އޭނާކަމަށް މުރުތަޟާގާތު ނޫރު ބުނިވާހަކައާއި ، ޙަޤީޤަތަކީ އެއީ ނޫންކަމާއި ، ނޫރު ދޫކޮށްލީ އޭނާކަމަށާއި އެކަން އަބަދުވެސް ހަނދާނުގައި ބެހެއްޓުމަށް މުރުތަޟާ ބުނެފައިވާ ވާހަކައިގެ މަތިން  ، މުރުތަޟާ ހަނދާންވިއެވެ. ހިތްވަރުކޮށްފައި ގޮސް ، ނޫރުގެ ކޮޓަރީގައި ޓަކިޖަހައިލުމުން ، ނޫރު އިޒުނަ ދިނުމުން މުރުތަޟާ އެކޮޓަރިޔަށް ވަނެވެ. މުރުތަޟާ އެދިޔައީ ، އޭނާ އައުމަށް ނޫރު ބުނެގެންނެވެ.

" މިއަދަކީ ވަރަށް އަވަދިނެތި އުޅެން ޖެހުނު ދުވަހެކެވެ. ކަމަކާ ކަންބޮޑުވެފައި މުރުތަޟާ ހުރިހެން އެބަ ހީވެއެވެ. ވީ ކިހިނެއް ހެއްޔެވެ ؟ " ނޫރު ބުންޏެވެ.

ހުރިހާކަމެއް ރަނގަޅުކަމަށް މުރުތަޟާ ބުންޏެވެ. ކުރިމަތީހުރި ގޮނޑީގައި މުރުތަޟާ އިށީނުމަށް ނޫރު އެދުނެވެ. މުރުތަޟާ ގެޔަށްދާން ބޭނުންވި ވާހަކަ ، ނޫރުގާތުގައި ފާރޫޤު ބުނީ ވަރަށް ފަހުންނެވެ. އެއްވެސް ކަމެއް ބޭނުންނަމަ ، އޭނާގާތު ބުނުމަށް ނޫރު އެދުނެވެ. އެހެނަސް ، ގޭގެ އެއްވެސް ވާހަކައެއް ނޫރުގާތު ބުނުމަކަށް މުރުތަޟާގެ ހިތެއް ނޭދުނެވެ.

މާދަމައިން ފެށިގެން ، މުރުތަޟާގެ އާ ވަޒީފާއަށް ސަމާލުކަން ދިނުމަށް ނޫރު އެދުނެވެ. އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ ، ސީދާ އޭނާއަށް ރިޕޯޓް ކުރުމަށް ބުންޏެވެ. މާދަމައަށް ވަރަށްގިނަ ކަންކަން އިންތިޒާމްކުރެވިފައި އެބަހުށްޓެވެ. ނޫރުއެވެ !

ނޫރުއަށް ނޫރުގެ ނަމުން މުޚާތަބު ނުކޮށް ، ނޫރު މެޑަމް އޭ ބުނެ އޭނާއާ މުޚާތަބު ކުރުމަށް މުރުތަޟާގާތު ބުންޏެވެ. މުރުތަޟާ މަސައްކަތްކުރާ ކުންފުނީގެ އެމްޑީއަކީ ނޫރުލްޢައިނެވެ. ކަންކަމުގައި އެމްޑީ އިންނާ ބަހުސެއް ނުކުރެވޭނެއެވެ. އެމްޑީން ބުނާކަމެއް ބުނާގޮތަކަށް ހެދުމަކީ ދަށުން މަސައްކަތްކުރާ މީހުންގެ ވާޖިބެއްކަން މުރުތަޟާއަށް ނޫރު ހަނދާން ކޮށްދިނެވެ.

މުރުތަޟާ އެކަމަށް މަޢާފަށް އެދުނެވެ. އަދި ކުރިޔަށް އޮތްތަނުގައި އެކަމަށް ސަމާލުވާނެކަމަށް މުރުތަޟާ ބުންޏެވެ. ހިތާ ދެކޮޅަށް ނަމަވެސް މުރުތަޟާއަށް އެހުރެވެނީ ނޫރުގެ ބަސްދަށުވެފައެވެ. ނޫރު ބޭނުން ކޮންމެ ގޮތެއް މުރުތަޟާއަށް ހަދައިލެވިދާނެއެވެ. މުރުތަޟާއަށް އެކަން އިޙްސާސް ކުރެވެއެވެ. ތަޤްދީރު ނިޔާކުރިގޮތުން ، މުރުތަޟާގެނެސް މިހާރު އެހުރީ ނޫރުގެ ފައިބުޑަށް ލާފައެވެ. އެހެންކަމެއް ނެތިއްޔާ ދިއުމުގެ އިޒުނަ ހޯދައިގެން ، މުރުތަޟާ ނުކުތެވެ. މާދަމާ ބައްދަލުވާނެކަމަށް ނޫރު ބުނިއަޑު މުރުތަޟާއަށް އިވުނެވެ. އޭނާގެ ޙަޔާތުގެ ކޮންމެ ދުވަހަކީ ، ނޫރުއާ ކުރިމަތިލާންޖެހޭނެ ދުވަހެކެވެ. ހިތް ނޭދުނަސް ، އަދި ހިތަށް އުނދަގޫވިޔަސް އެއީ އޭނާއަށް މިއަދު ކުރިމަތިވެފައިވާ ޙާލަތެވެ.

މުޙުސިނާއަށް ޑުބާއީން މާއަވަހަށް ފުރޭކަށެއް ނެތެވެ. އޭނާގެ ދައްތައެއްގެ ސާޖަރީގެ ކަންތަކުގައި ދުވަސްކޮޅަކު މަޑުކުރަން ޖެހުނީއެވެ. އެކަން ތަހުނިޔާއަށް އެނގިއެވެ. އަދި އޭނާގެ ބަދަލުގައި ލާހޯރަށްގޮސް ، އެގްޒިބިޝަންގައި މުޙުސިނާގެ ބަދަލުގައި އޭނާކުރަންޖެހޭ ހުރިހާކަމެއް ކޮށްދިނުމަކީ ތަހުނިޔާގެ ޒިންމާއެއްކަމުގައި ބުންޏެވެ.

އޮފީސް ނިންމާފައި ގެޔަށް އައި މަގުމަތީ ، ތަހުނިޔާއިނީ އަނގައިން ނުބުނެ ހަމަހިމޭނުންނެވެ. ތަހުނިޔާ އެއިނީ ލާހޯރަށް ދާންޖެހޭތީ ކަންބޮޑުވެފައެވެ. އެކަމަށް އިންކާރުކުރެވޭކަށް ނެތެވެ. އެގްޒިބިޝަންގެ ހުރިހާ ޒިންމާއެއް އެވަނީ އޭނާގެ ބޮލުގައި އެޅިފައެވެ.

މުރުތަޟާއަށް ތަހުނިޔާ ކަންބޮޑުވެފައި އިންކަން އެނގުނެވެ. މިސިޒް ފާރޫޤު އެނިންމީ ރަނގަޅަށް ކަމުގައި މުރުތަޟާ ޤަބޫލު ކުރިއެވެ. އެފަދަ ފުރުސަތަކީ ، ދުނިޔޭގައި އުޅޭއިރު ، އިރުއިރުކޮޅުން ލިބޭނެ ފުރުސަތެއްނޫނެވެ. އެއީ ، ތަހުނިޔާގެ ޤާބިލްކަން ދުނިޔެއަށް ދައްކައިދިނުމަށް ލިބުނު ރަނުގެ ފުރުސަތެކެވެ.

މުރުތަޟާގެ ފަރާތުން އެކަމުގައި ، ތަހުނޔާއަށް ހިތްވަރުލިބޭނެކަމަކަށް ، ތަހުނިޔާއަށް ހީކުރެވިފައެއް ނެތެވެ. ތަހުނިޔާ ނިންމައިގެން ހުރީ ، އޭނާ ލާހޯރަށް ދިއުމަކީ ، މުރުތަޟާ ހުއްދަކުރާނެކަމެއް ނޫންކަމަށެވެ. މުރުތަމާފަދަ ފިރިޔަކު ލިބުނީތީ ، ތަހުނިޔާ އުފާކުރިއެވެ. މުރުތަޟާގެ ހުއްދަ ލިބުނަސް ، އެކަމުގައި ޙަފުޞާ ނިންމާނީ ކިހިނެއްކަމެއް ނޭނގެއެވެ. އައިމަލް ބަހައްޓާފައި ލާހޯރަށް ދިއުމަކީ ، ތަހުނިޔާގެ ހިތަށްވެސް އުނދަގޫ ކަމެކެވެ. ދެދުވަސްވެސް އެއީ ، އައިމަލްއާ ނުލައި ހޭދަކުރަން ތަހުނިޔާއަށް އުނދަގޫ މުއްދަތެކެވެ. މަންމައާއި ދައްތާއާ އަދި އޭނާއާ ތިންމީހުންވެގެން އައިމަލް ބަލަހައްޓާނެކަމަށް މުރުތަޟާ ބުނުމާއެކު ، ތަހުނިޔާގެ ލޮލުން ފެން އައެވެ.

އައިމަލް ދޫކޮށްލާފައި ތަހުނިޔާ ، ދެދުވަހަށް ލާހޯރަށް ދިއުމަކީ ޙަފުޞާއަށް އާނބަސް ބުނެވޭވަރުގެ ކަމަކަށް ނުވިއެވެ. އައިމަލް ބަލިވެސް ވެދާނެއެވެ. އެއީ ތުއްތު ކުއްޖެކެވެ. މަންމަޔާ ނުލައި އެންމެ އިރުކޮޅެއްވެސް އެކުދިންނަކަށް ނޫޅެވޭނެއެވެ. ތަހުނިޔާ ދާންޖެހުނީ ކީއްވެގެންކަމާއި ، އެކަމުގެ މުހިންމުކަން ޙަފުޞާއަށް ވިސްނައިދެވޭތޯ މުރުތަޟާ މަސައްކަތްކުރަމުން ގެންދިޔައެވެ.

މިޒަމާނުގައި ޒުވާން އަންހެންކުދިންގެ ކުރިއެރުމަށާއި މުސްތަޤްބަލަށް ކުރާ މަސައްކަތާ ދެކޮޅުވުމަކީ ، ޙަފުޞާ ބޭނުންވާނެ ކަމެއްނޫނެވެ. އެކަން ތަހުނިޔާއަށްވެސް އެނގޭނެއެވެ. އެހެނެއްކަމަކު ، ތުއްތު ދަރިފުޅަކު ދޫކޮށްލާފައި މަޔަކު ފުރައިގެން ، ރަށުން ބޭރަށް ދިއުމާ ޙަފުޞާ ދެކޮޅެވެ. އެހެނަސް ، މަންމަގެ ނިންމުމާ މުރުތަޟާ ދެކޮޅެވެ. މުރުތަޟާ ބޭނުންވަނީ ތަހުނިޔާގެ މަސައްކަތުގައި ޒިންމާ އުފުލުމަށެވެ. އެއްދުވަހުން އަނެއްދުވަހަށް ކުރިޔަށްގޮސް ކާމިޔާބު އަންހެނަކަށް ވުމަށެވެ. އަދި ، ތަހުނިޔާ ދިއުމަށް ހުއްދަ ދިނުމަށް މަންމަގެ ކިބައިން އެދުނެވެ. ޠާހިރާވެސް މުރުތަޟާގެ ނިންމުމަށް ތާއީދު ކުރިއެވެ. ތަހުނިޔާ ހުއްޓުވުމުގެ ބަދަލުގައި އެ ވަގުތަކީ ތަހުނިޔާއަށް ހިތްވަރުދީ ، ކުރިޔަށް ދާން އެހީތެރިވާންވީ ވަގުތެވެ. އެއީ އެންމެ ދެދުވަހެވެ. ތިންމައިންވެގެން އައިމަލް ބެލެހެއްޓޭނެއެވެ.

ތަހުނިޔާ ޢަމަލުކުރާނީ މަންމަ ނިންމާގޮތަކަށް ކަމަށް ތަހުނިޔާ ބުންޏެވެ. މަންމަގެ ހިތަށް އުނދަގޫކޮށްފައި ، ފުރައިގެން ދިއުމަކީ އޭނާ ކުރާނެކަމެއް ނޫނެވެ. ތަހުނިޔާގެ އެ ނިންމުމަށް ޙަފުޞާ އުފާކުރިއެވެ. އެހާ ކިޔަމަންތެރި ދަރިޔަކު ލިބުނީތީ އުފާކޮށް ﷲ އަށް ޙަމްދު ކުރިއެވެ. ހިނިތުންވެލައި ، ތަހުނިޔާގެ ބޮލުގައި ފިރުމައިލުމަށްފަހު ، ތަހުނިޔާ ލާހޯރަށް ދިއުމުގެ ހުއްދަ ދިނެވެ. ތަހުނިޔާއަށް އެލިބުނީ ރަނުގެ ފުރުސަތެކެވެ. އެކަމުގައި މުރުތަޟާގެ އެހީތެރިކަން އިންތިހާއަށް ލިބުނެވެ. ދެން އޮތީ އޭނާގެ ދައުރެވެ. އެގްޒިބިޝަނުގެ އެއްވެސްކަމެއް ގޯސްކޮށް ނުދާނެގޮތަކަށް ތައްޔާރު ވުމެވެ. މުޙުސިނާ އޭނާގެ މައްޗަށް ކުރާ އިތުބާރު އިތުރުކުރުމެވެ. އިތުރު ހަރުފަތަކަށް ދިއުމަށް ކުރެވޭ ފޮނިއުއްމީދުގައި ، ތަހުނިޔާ އޭނާގެ މަސްއޫލިއްޔަތާއި ޒިންމާއާ ކުރިމަތި ލިއެވެ. (ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.