ފަލްސަފާ (79)

( 14 އެޕްރީލް 2024 ގައި ޝާއިޢުކުރި ބަޔާ ގުޅޭ )

އައިމަލްއަކީ ، ތަހުނިޔާއާއި މުރުތަޟާގެ ދުނިޔެ އުޖާލާކޮށްލަދިން ހަނދެވެ. އެ ތުއްތު އަންހެންކުއްޖާ ވެގެންދިޔައީ ، ޙަފުޞާއާއި ސާޖިދާގެ މުސްކުޅި ޢުމުރުގައި ، އެދެމީހުންނަށް ﷲ ލެއްވި ރަޙުމަތަކަށެވެ. ފުރާނަޔަށް ދިރުން ލިބިގެންދިޔަ ނިޢުމަތަކަށެވެ. ޙަފުޞާގެ ގެޔަށް ހީވަނީ ޢީދެއް އައިސްގެން އުޅޭ ހެންނެވެ. އައިމަލް މޮޑެނުލާ ހިތަށް ހަމަޖެހުމެއްލިބޭ ހަމައެކަކުވެސް ނެތެވެ.

ތިންމަހެއްހާ ދުވަސްފަހެވެ. މުރުތަޟާގެ އޮފީހުގެ ސީއީއޯ ، އަމީން އިޙްސާން ދޭ ރޭގަނޑުގެ ކެއުމަކަށް މުރުތަޟާގެ ދެމަފިރިންނަށް އޮތީ ދަޢުވަތެއް ލިބިފައެވެ. ސީއީއޯ އެއައީ ވަރަށްގިނަދުވަހު ، އެމެރިކާގައި އުޅެފައެވެ. ހުރިހާ އެގްޒެކެޓިވް އިންވެސް އެ ކެއުމަށް ދާނެއެވެ. އެހެނަސް އެ ކެއުމަށް ދާން ، ތަހުނިޔާއަކަށް އެހާ ފަސޭހައެއްނޫނެވެ. މުޙުސިނާ ފާރޫޤުވެސްވީ ، ވިޔަފާރި ދަތުރެއްގައި ، ޑުބާއީއަށް ގޮހެވެ. މުޙުސިނާ ދިޔައީ ތަހުނިޔާއާ ، ވަރަށްގިނަ މަސައްކަތް ޙަވާލުކޮށްފައެވެ. ދުވާލު ހަތަރުދަމު މަސައްކަތުގައި އުޅެފައި ، ގެޔަށް އައިސް ، ކުޑަދަރިފުޅު ، އައިމަލްއަށް ދޭނެ ވަގުތެއް ނޯވެއެވެ. މުރުތަޟާވެސް އުޅެނީ ހަމަ އެފަދަ ޙާލެއްގައެވެ. އެހެންނަމަވެސް ، އެ ދަޢުވަތަކީ ، ޤަބޫލުނުކޮށް ދޫކޮށްލެވެން އޮތް ދަޢުވަތެއްނޫނެވެ. ކުންފުނީގެ ސީއީއޯ ދޭ ދަޢުވަތެއް ޤަބޫލުނުކުރުމަކީ ، ކުރަން ހެޔޮވާވަރުގެ ކަމެއްނޫނެވެ. މުރުތަޟާގެ ބޮސް ، ފާރޫޤު ޙަސަންވެސް ވަނީ އެކަމަށް ބާރުއަޅާފައެވެ. އޭނާގެ އަންހެނުން މުޙުސިނާވެސް ރަށުގައި ނެތުމާއެކު ، ކޮންމެހެންވެސް ، މުރުތަޟާއާއެކު ތަހުނިޔާ  ގެންނަން އޮތީ ބުނެފައެވެ.

މުރުތަޟާއާއި ތަހުނިޔާއާ ދެމަފިރިންނަށް ޕާޓީއަށް ދެވުނުއިރު ، ގިނަމެހެމާނުން ތިބީ އެތަނަށް އައިހެވެ. އެއީ ރޭގަނޑުގެ ކެއުމާއެކު ތައްޔާރު ކުރެވި ، ހުޅުވިފައިވާ މާޙައުލެއްގައި ޒީނަތްތެރިކުރެވިފައި އޮތް ޕާޓީއެކެވެ. މުރުތަޟާމެން ދިއުމާއެކު ، ތަހުނިޔާއާ ދެމީހުން ، ސީއީއޯއަށް ތަޢާރުފް ކޮށްދިނުމަށް އޭނާގާތަށް ގެންދެވުނެވެ.

އަމީން އިޙްސާން އެމެރިކާއިން އެއައީ ކައިވެންޏެއްކޮށްގެންކަން ، ތަޢާރުފްގެ ތެރޭގައި ހާމަ ކުރެވުނެވެ. މުރުތަޟާއާއި ތަހުނިޔާ ، އޭނާއަށް މުބާރަކްބާދީ އަދާކުރިއެވެ. ކުއްލިޔަކަށް މިއުޒިކްގެ އަޑުން މުޅިތަން ގުގުމާލިއެވެ. އަދި މެހެމާނުންގެ ކުރިމަތީހުރި ބޯޑެއް ދިއްލުނެވެ. ބޯޑުގައި ލިޔެވިފައި އޮތީ " މަރުޙަބާ ނޫރު " އެވެ. ބޯޑުގެ ކުރިމައްޗަށް އައިސް އެ ހުއްޓުނީ ނޫރުލްޢައިނު އެވެ. އަމީން އިޙްސާންވެސް ނޫރުއައުމާއެކު ، ނޫރާދިމާއަށް ގޮސް ނޫރުގާތުގައި ހުށްޓުނެވެ. އަދި އެތަނަށް އެއްވެފައިވާ މެހެމާނުންނަށް މަރުޙަބާ ކިޔައި މުޚާތަބު ކުރިއެވެ.

" އަހަރެންގެ ޙަޔާތުގެ ވަރަށް ޚާއްޞަ އިންސާނަކާ މިރޭ ، ތިހުރިހާ މެހެމާނުންނާ ބައްދަލުކުރުވަން އަހަރެން ބޭނުމެވެ. މިރޭގެ ހުރިހާ އުފާތަކެއް ޚާއްޞަ ކުރެވިގެންވަނީ އެ އިންސާނާއަށެވެ. މިއީ ، މިސިޒް އަމީން އިޙްސާން އެވެ ! އަހަރެންގެ އަންހެނުން ނޫރުލްޢައިނު އެވެ. ތިހުރިހާ މެހެމާނުންނާއި އަހަރެންގެ ކުންފުނީގެ އެކި ބްރާންޗްތަކުގައި މަސައްކަތްކުރާ ފަސްހާހެއްހާ މުއައްޒަފުންގެ މެޑަމް އެވެ. ހުރިހާ މީހުންވެސް ނޫރުއަށް މަރުޙަބާ ކިޔަމާ ހިނގާށެވެ ! " އަމީން އިޢުލާން ކުރިއެވެ.

މުރުތަޟާއަށާއި ތަހުނިޔާއަށް ލިބުނު ކުއްލި ޙައިރާންކަމުގައި ، އެކަކު އަނެކަކަށް ބަލައި ލެވުނެވެ. އެންމެންގެ އަތްތިލަބަޑިއާއެކީ ، މުރުތަޟާވެސް އަތްޖަހަން ފެށިއެވެ. ތަހުނިޔާހުރީ ، ލިބުނު ޙައިރާންކަމުގައި ،  އޭނާގެ އަތް އުފުލައިލަންވެސް ނޭނގިފައެވެ.

އެއަށްފަހު ނޫރުގެ ދެމަފިރިން ، މެހެމާނުންނާ ބައްދަލުކޮށް ތަޢާރުފް ވުމުގެ ބުރެއް ދިޔައެވެ. އެދެމަފިރިންތިބީ އެކަކު އަނެކަކަށް އަތުގައި ހިފާލައިގެންނެވެ. ލިބިފައިވާ ، އުފާވެރިކަން ދެމީހުންގެ މޫނުމަތިންވެސް ފާޅުވެއެވެ. ހިނގަމުންގޮސް ، މުރުތަޟާގެ ދެމަފިރިންނާ ހަމަޔަށް ދެވުނެވެ. އަމީން ނޫރުއަށް ގޮވައިލިއެވެ. އަދި މެހެމާނަކާ ބައްދަލުކޮށްލުމަށް އެދުނެވެ.

" ނޫރު އެވެ ! މި މެހެމާނާ ބައްދަލުކޮށްލާށެވެ ! މިއީ މުރުތަޟާ އެވެ. އަހަރެމެންގެ ކްލިފްޓަން ބްރާންޗުގެ ސީނިއަރ މެނޭޖަރެވެ. "

ނޫރުއަށް މުރުތަޟާގެ ނަން އިވިގެން އެނބުރިލިއިރު ، ކުރިމަތީގައި އެތިބީ މުރުތަޟާއާއި ތަހުނިޔާއެވެ. ނޫރުއަށްވެސް ކުއްލި ސިހުމެއް ލިބުނެވެ. އެފަދަ ގޮތަކަށް މުރުތަޟާމެންނާ ދިމާވެދާނެކަމަކަށް ނޫރުއަށް ހީކުރެވިފައެއް ނެތެވެ. މުރުތަޟާއާ ދިމާއަށް އެނބުރިލައި  ނޫރު ސަލާމް ގޮވައިލިއެވެ. މުރުތަޟާއަށް ލިބިފައިވާ ޙައިރާންކަން ފޮރުވުމަށް މަސައްކަތް ކުރަމުން ، ހިނިތުންވެލައި ނޫރުގެ ސަލާމް ބަލައިގަތެވެ. އެމީހުންނާ ދިމާވީތީ އުފާކުރާކަން ނޫރު ހާމަކުރިއެވެ. މުރުތަޟާއާ ބެހޭގޮތުން ، ފާރޫޤު ޙަސަން ވަރަށް ތަޢުރީފް ކުރިކަމަށް އަމީން ބުންޏެވެ. އިންސާނުންނަށް ކުރެވޭ ތަޢުރީފަކީ ، ބޭކާރުގޮތުގައި ހޭދަކޮށްލެވޭ އެއްޗަކަށް ވެގެންނުވާނެއެވެ. ތަޢުރީފަކީ ހަމައެކަނި ، އިންސާނާގެ މަސައްކަތަށް ލިބޭ ޙައްޤު ދަރަޖައެކެވެ. އަހަރެމެންގެ ކުންފުނީގައި ، މުރުތަޟާ މަސައްކަތްކުރަނީ ކިހިނެއްތޯ ބަލަމާ ހިނގާށެވެ.

ނޫރުގެ ވާހަކަ ސީރިއަސްކޮށް ނުނެގުމަށާއި އެއީ ސަމާސާއެއްކަމަށް އަމީން ބުންޏެވެ. އަދި ، ނޫރު އެތަނަށް ދޫކޮށްލާފައި އެހެން ކަމަކަށް އޭނާ އެނބުރުނެވެ. އަމީން ދިއުމާއެކު ، މުރުތަޟާ ކިހިނެއްތޯ ނޫރު ސުއާލުކުރިއެވެ. މުރުތަޟާގެ ޖަވާބަކަށްވީ ، ނޫރުގެ އަމިއްލަ ލޮލުން ދެކިލުމަށެވެ. އޭނާ އެހުރީ ނޫރުގެ ކުރިމަތީގައެވެ.

ވަގުތާއެއްކޮށް ، ކަންކަންވެސް ވަރަށް ބޮޑަށް ބަދަލު ވެއްޖެއެވެ. ނޫރުގެ އެ ސުއާލަކީ އޭނާ އެޙާޞިލްކުރި މަޤާމަށް ނިސްބަތްކޮށް ބުނި އެއްޗެއްކަން މުރުތަޟާ ވިސްނައިގަތެވެ. އަދި ، ނޫރު އެބުނީ ރަނގަޅު ވާހަކައެއްކަމަށް ބުންޏެވެ. އެހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ، ނޫރު އެޙާޞިލްކުރި މަޤާމުގެ މަތިން ނޫރުއަށް ހަނދާން ކޮށްލަދިނެވެ. އެފަދަ މަޤާމަކަށް ވާޞިލްވުމަށް ބައެއްމީހުންނަށް މުޅިޢުމުރު ހޭދަކުރަން ޖެހެއެވެ. އެކަމަކު ، ނޫރުއަށް ނިކަން ބަލައިލަ ބަލާށެވެ ! ނޫރުއަށް އެއީ އިރުއަރާފައި އޮއްސޭވަރުގެ ވަގުތުކޮޅެއްވެސް ބޭނުންނުވާނެ ކަމެކެވެ. އަމީން އިޙްސާނަށްވެސް ، ޢުމުރުގެ އެހިސާބުން ނޫރު އެލިބުނީ ކުޑަދުވަސް ކޮޅަކުންނެވެ. އެއީ ކިހާ ނަސީބުގަދަ އިންސާނެއް ހެއްޔެވެ ؟ މުރުތަޟާގެ މަލާމާތުގެ ބަސްތަކުން ނޫރުގެ މޫނުމައްޗަށް ބަދަލު އައެވެ. ތަހުނިޔާއަށްވެސް މުރުތަޟާއާ ދިމާއަށް ބަލައި ލެވުނެވެ.

ނަސީބު ރަނގަޅުވުން އެކަންޏެއްނޫނެވެ. އެއީ މީހަކަށް ނުލިބޭފަދަ ފުރިހަމަ އިންސާނެއްކަމަށް ނޫރު ބުންޏެވެ. ޙަޔާތުގެ ބައިވެރިޔަކަށް ، ނޫރު ހޯދަމުން އެގެންދިޔައީ އެކަހަލަ އިންސާނެކެވެ. މުރުތަޟާއާއި ތަހުނިޔާއަށް ޝުކުރު އަދާކުރުމަށްފަހު ، ނޫރު އެތަނުން ހިނގައިގަތެވެ.

ގެޔަށް އައިސް ، ފާޚާނާއަށްވަދެ ، ލޯގަނޑުގެ ކުރިމަތީ ، މުރުތަޟާ ހުއްޓިލިއެވެ. އޭނާގެ ކަންފަތް ބަށްވާވަރަށް ކަންފަތްދޮށުގައި ގުގުމަމުން އެދަނީ ، އަމީން އިޙްސާން އިޢުލާންކުރި ބަސްތަކެވެ. ނޫރު ހޯދަމުން އެގެންދަނީ ، އެކަހަލަ އިންސާނެއްކަމަށް ބުނުމާ ހަމައިން ، މުރުތަޟާ އިސްއުފުލައިލިއެވެ. މޫނުމައްޗަށް އަތްގޮށިން އެތައްފަހަރަކު ފެންޖަހައި މޫނު ދޮވެލިއެވެ. އޭރުވެސް ނޫރުގެ ކުރީގެ ބަސްތައް މުރުތަޟާގެ ސިކުނޑިޔަށް އުނދަގޫ ކުރަމުން ގެންދިޔައެވެ. ކައިވެންޏަށް އިންކާރުކޮށް ނޫރު ދޫކޮށްލި ކަމުގެ ދެރަ ، ކޮންމެވެސް އެއްދުވަހަކުން މުރުތަޟާއަށް އިޙްސާސްވާނެކަމަށް ނޫރުބުނި ވާހަކައިން ، މުރުތަޟާގެ ހިތަށް އުނދަގޫ ކޮށްގަތެވެ.

ގެޔަށް އައިސް އައިމަލް އުރާލައިގެން ތަހުނިޔާ ހުއްޓާ ، ކޮޓަރިތެރެޔަށް ޠާހިރާ ވަނެވެ. އަދި ، މުރުތަޟާއަށް ވެފައި އެހުރީ ކީއްތޯ ސުއާލު ކުރިއެވެ. ގެޔަށް ވަތްއިރުވެސް ، މުރުތަޟާހުރީ ޚިޔާލެއްގެ ތެރެޔަށް ގެއްލިފައެވެ. ޢަޞުރަށް އިރު ތިރިވެ ދެމިޔަކަނުން ހަނދު އޮއްސިފައެވެ.

ތަހުނިޔާމެންދިޔަ ޕާޓީއަކީ ނޫރުލްޢައިނުގެ ޝަރަފްގައި ބޭއްވުނު ޕާޓީއެއްކަމުގައި ތަހުނިޔާއަށް ބުނެވުނު ހިނދު ، ޠާޙިރާ ދިޔައީ ސިއްސައިގެންނެވެ. އެކަން ތަހުނިޔާމެންނަށް އެނގުނީ ، އެތަނަށް ގޮސް ވަނީމައެވެ.

އަނެއްކާ އަނބުރާ އައީދޯއޭ ޠާހިރާއަށް ބުނެވުނެވެ. އެކަމަށް އެއްބަސްވެ ، ތަހުނިޔާވެސް ބޯޖަހައިލިއެވެ.

ހެނދުނުގެ ނާސްތާގެ ގަޑީގައި ޙަފުޞާގެ ސުއާލެއް މުރުތަޟާއާ ކުރިމަތިވިއެވެ. ރޭގެ ޕާޓީން ނޫރުލްޢައިނާ ދިމާވިތޯ ޙަފުޞާ ސުއާޅު ކުރިއެވެ. މުރުތަޟާ ބޯން ތުނބުގައި ޖައްސާލި ސައިތަށި އެހުރި ހިސާބުގައި ހުއްޓުނެވެ. އެކަމަށް މުރުތަޟާ އެއްބަސްވިއެވެ. ނޫރުލްޢައިނާ އެމީހުންނާ ރޭގައި ޕާޓީން ދިމާވިއެވެ. ވަރަށް ބޮޑުވިޔަފާރި ވެރިޔަކާ ނޫރު ކައިވެނި ކުރީކަމަށް ޙަފުޞާ ބުންޏެވެ. ޙަފުޞާއަށް އެވާހަކަ ކިޔައިދިނީ ތަހުނިޔާއެވެ. ހުރިހާ ގޮތަކުންވެސް އެއީ ބޮޑުމީހެއްކަމަށް ބުނެ މުރުތަޟާ މަލާމާތުގެ ބަހެއް އިއްވައިލިއެވެ. އެއީ މަޝްހޫރުކަމުން ޤަދަރާއި ޢިއްޒަތް އުފުލިގެންވާ މީހެކެވެ. ވިޔަފާރީގައި ކާމިޔާބު ، މުއްސަނދި މަހުޖަނެކެވެ. ޢުމުރުންވެސް ބޮޑެވެ. ޙަފުޞާއަށް އެއީ މައްސަލައެއްނޫނެވެ. ފިރިހެނުންގެ މިޒާޖާއި ގޮތަށް ބަލަނީ ކާކު ހެއްޔެވެ ؟ ފުރަތަމަ ބަލާނީ މުއްސަނދިކަމަށެވެ. ލާރިހުރި މީހެއްތޯއެވެ. އެގޮތަށް ބަލާއިރު ، ނޫރުލްޢައިނުގެ އެ ނިންމުމަކީ ރަނގަޅު ނިންމުމެކެވެ. ޙަފުޞާގެ ރަޢުޔު ފާޅުކުރިއެވެ.

އެވާހަކަތައް ދައްކައިގެން ކަންބޮޑުވާކަށް ޠާހިރާ ބޭނުމެއް ނުވިއެވެ. ޠާހިރާ ބޭނުންވީ އެހިސާބުން އެވާހަކަ ހުއްޓައިލާށެވެ. އެވަގުތު މުރުތަޟާގެ ކޮޓަރިތެރެއިން އައިމަލް ވަރަށްބާރަށް ރޮއިގަތްއަޑު އިވުނެވެ. އެންމެން ދުވެގޮސް ، ކޮޓަރިޔަށްވަތްއިރު ، އައިމަލް އަޑުން އަޑުނަގާ ރޮނީއެވެ. އެންމެންނަށް އެއްފަހަރާ އަހައިލެވުނީ އައިމަލްއަށް ކިހިނެއްވީތޯއެވެ.

ދޯޕައްޓާ ނަގަން ތަހުނިޔާ އަލަމާރިކައިރިޔަށް ޖެހިލިތަނާ އެނދުން އައިމަލް ވެއްޓުނީއެވެ. އެކަމާ ޙަފުޞާ ހިތްހަމަ ނުޖެހިގެން ތަހުނިޔާއާ ދިމާއަށް އެއްޗެތި ކިޔައިގަތެވެ. ދެން އެކަހަލަ ކަމެއްވިޔަނުދިނުމަށް ބުނެ ތަހުނިޔާއާ ދިމާއަށް އަޑުގަދަކޮށްލިއެވެ. ތަހުނިޔާއާ ދިމާއަށް އެއްޗެކޭ ނުބުންޏަސް ،  މުރުތަޟާވެސް ހުރީ ރުޅިއައިސް ތަހުނިޔާއާ ދިމާއަށް ލޯއަޅައިގެންނެވެ. އެކަމެއް އެދިމާވީ ، ތަހުނިޔާ އޮފީހަށްދާން ހެނދުނު ތައްޔާރުވާން އުޅެނިކޮށްނެވެ. އައިމަލްގެ ބޯޖެހުނީ ތަޅުނަގަނޑުގައެވެ. އެކަމަކު ، ނަސީބަކުން ކަމެއްވެފައެއް ނެތެވެ. ޠާހިރާ އެއައީ އައިމަލް ނިންދަވައިލާފައެވެ. ތަހުނިޔާ ބޭރަށް ނުކުމެ ، އައިމަލް ނިދައިފިއްޔާ އޭނާ އޮފީހަށްދާން ނުކުންނަނީކަމަށް ބުންޏެވެ. ޙަފުޞާ ، ވަގުތުން އެކަމާ ދެކޮޅު ހެދިއެވެ. ތަހުނިޔާގެ ދަރިފުޅު އެއޮތީ ތަދުވެގެން ރޮމުންރޮމުންގޮސް ނިދިފައެވެ. ތަހުނިޔާގެ ބޭން އެފަކީރަށް މިއަދު ވަރަށް މުހިންމު ވާނެއެވެ. އޮފީހަށްނުގޮސް އެދުވަހު ގޭގައި މަޑުކޮށްލުމަށް ޙަފުޞާ ތަހުނިޔާއަށް އަމުރު ކުރިއެވެ.

މިއަދަކީ ، އޮފީހުގައި ތަހުނިޔާއަށް ވަރަށް ބުރަ ދުވަހެކެވެ. ރާވަމުންއެދާ އެގްޒިބިޝަންވެސް އަންނަ ހަފުތާގައި ހުޅުވަން އެދަނީ ތައްޔާރުތައް ވަމުންނެވެ. އެހެންވީމާ ، ކޮންމެހެންވެސް އޭނާ އޮފީހަށްދާންޖެހޭކަމަށް ތަހުނިޔާ ބުންޏެވެ. އެހެންނަމަވެސް ، ޙަފުޞާގެ ގޮތް ދުލެއް ނުކުރިއެވެ. މަސައްކަތަކީ އަބަދުވެސް ހުންނާނެ އެއްޗެކެވެ. ތުއްތު ދަރިޔަކަށް އެންމެ މުހިންމުވާނީ މަންމައެވެ. އައިމަލް އެއުޅެނީ ބަލިވެއެވެ. ތަހުނިޔާ ، މިއަދު އޮފީހަށްދާކަށް އެއްގޮތަކަށްވެސް ޙަފުޞާއަކަށް ނުފެނުނެވެ. މުރުތަޟާ އިނީ ހިތްހަމަ ނުޖެހިފައެވެ. އެކަމާބެހޭގޮތުން އެއްވެސް އެއްޗެކޭ ބުނާކަށް މުރުތަޟާ ބޭނުމެއް ނުވިއެވެ. އެހެނަސް ޠާހިރާ އެކަމަކަށް އެއްބަހެއް ނުވިއެވެ. ދެމައިންވެގެން އައިމަލް ބަލާނީއެވެ. އެއީ ޠާހިރާއަށް އެއްވެސް މައްސަލައެއް ނޫނެވެ. ތަހުނިޔާ އެހާ ބުރަކޮށް އުޅެންޏާ ، އޮފީހަށް ދާން ތަހުނިޔާ ދޫކޮށްލަން ޠާހިރާ އެދުނެވެ. އެހިސާބުން ، އެވާހަކައިގެ ތެރެޔަށް މުރުތަޟާ ވަނެވެ. މަންމަ އެބުނީ ރަނގަޅަށް ކަމަށް މުރުތަޟާ ބުންޏެވެ. އެއްދުވަހު އޮފީހަށް ނުދިޔަޔަސް އެއީ މާބޮޑުކަމެއް ނޫންކަމަށާއި ، އޮފީހަށް ނުގޮސް މިއަދު ގޭގައި މަޑުކުރުމަށް މުރުތަޟާވެސް އެދުނެވެ. އަދި ، އައިމަލް ބަލިވެ އުޅޭތީ ، ޚުދު އޭނާ ފާރޫޤު އާ ވާހަކަދައްކައިގެން އެކަން ހަމަޖައްސާނެކަމަށް ބުންޏެވެ. އެކަމަކު ، އެއީ ފާރޫޤުއާ ބެހޭކަމެއްނޫނެވެ.

ބެހުނަސް ނުބެހުނަސް ވަރިހަމަކަމަށް މުރުތަޟާ ބުންޏެވެ. އަދި ، ތަހުނިޔާ މިއަދު ހުންނާނީ ގޭގައިކަމަށްވެސް މުރުތަޟާ ނިންމިއެވެ. އެހެން ބުނުމަށްފަހު ، އޮފީހަށްދާން މުރުތަޟާ ނުކުތެވެ. ތަހުނިޔާ ވަކިވަކިން ، ޙަފުޞާއަށާއި ޠާހިރާއަށް ބަލައިލިއެވެ. އެދެމީހުންވެސް ތިބީ އެކަމުގައި ތަހުނިޔާއަށް އެހީތެރިވާ ގޮތަކަށްނޫނެވެ. ޙަފުޞާއިނީ ، ތަހުނިޔާއާ ދިމާލަށް ނުބަލައި މޫނު އަނބުރައިގެންނެވެ. ޠާހިރާ ، ތަހުނިޔާއާ ދިމާއަށް ބަލައިލިއެވެ. އޭނާގެ ހިތުގައިވަނީ ތަހުނިޔާއާމެދު ހަމްދަރުދީކަން ތަހުނިޔާއަށް އެނގެއެވެ. އެހެނަސް ، މުރުތަޟާ ވަކިގޮތަކަށް ނިންމީމަ ، އެކަމާ ޠާހިރާ ކުރާނެކަމެއް ނޯންނާނެކަން ތަހުނިޔާއަށްވެސް އެނގެއެވެ.

ތަހުނިޔާއަށް އަޅައިލާނެ މީހަކު ، އެގެޔަކު ނެތެވެ. އައިމަލް އުޅެނީ ބަލިވެއެއްނޫނެވެ. އެކުއްޖާ ހަމައެކަނި އެނދުން ވެއްޓުނީއެވެ. ކުޑަކުއްޖަކު ބޮޑުވާނީ އެގޮތަށް ކިތައް ތަނުން ވެއްޓިފައި ހެއްޔެވެ ؟ އެހާބޮޑުކަމަކަށް އެކަން ހަދަންވީ ސަބަބެއް ތަހުނިޔާއަކަށް ނުވިސްނެއެވެ. ތަހުނިޔާ ހުރީ ހަދާނެގޮތް ބޮޑުވެފައެވެ. އެކަމަކުވެސް ، ކުރެވޭނެ މާބޮޑުކަމެއް ނުމެ ނެތެވެ. (ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

3 ޚިޔާލު

  1. މިއީ ވަރަށް ރީތި ޢިބުރަތްތެރި ވާހަކައެއް. ލޯތްބާއި ނަފުރަތާ އަދި އިޙްސާންތެރިކަން ހިމެނޭ އެތައްކަމެއް އެކުލެވިގެންވޭ. ދިރިއުޅުމެއްގައި ފިލާވަޅުތަކެއް ލިބިދާނެ އެތައް ކަންތައްތަކެއް މިވާހަކައިގާ ހިމެނޭ. ނޫރުލްޢައިނުގެ ނިމުން ކިހިނެއް ދާނެބާ ؟ ނޫރުލްޢައިނު އައުމާއެކު މުރުތަޟާއަށް ބަދަލުތަކެއް އަންނަނަްފަށައިފި. ނިމޭކޮޅަށް ގޮސްހެން ހީވަނީ މިހާރު މިއޮތީ. ތަންކޮޅެއް އަވަހަށް ގެނެސްދެވިދާނެބާ ؟

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.