އައްޑޫ ސިޓީ ފެނުގެ ނިޒާމު އަޕްގްރޭޑްކުރަން އެމްޑަބްލިއުއެސްސީ އާ ހަވާލުކޮށްފި

އައްޑޫސިޓީގައި ޤާއިމްކޮށްފައިވާ ފެނުގެ ނިޒާމް އަޕްގްރޭޑް ކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އާއި އެމް.ޑަބްލިޔު.އެސް.ސީއިން ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވީ އައްޑޫސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު އެވެ. އަދި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް ސްޓޭޓް ފޯރ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އިބްރާހީމް ޠަޢާމު މުޙައްމަދު އެވެ.

އައްޑޫސިޓީގައި ޤާއިމްކޮށްފައިވާ ފެނުގެ ނިޒާމް އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ދަށުން، ސ.ހިތަދޫގައި އާރް.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި، ބޯހޯލް ތޮރުފުމާއި، ދުވާލަކު 1500 ޓަނުގެ ބޯފެން އުފެއްދޭ 2 އާރް.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކައުކުރުމަށްޓަކައި 2000 ޓަނުގެ 3 ތާންގީ އާއި 1000 ޓަނުގެ 3 ތާންގީއާއި އެކު ޖުމްލަ 6 ތާންގީ ބެހެއްޓުމާއި، ބްރައިން ރިޖެކްޓް ހޮޅި އެޅުމާއި އަދި kW100  ސޯލަރ ޕީވީ ސިސްޓަމް ޤާއިމްކުރުން ހިމެނެއެވެ.

މީގެ އިތުރުން، ސ.ހުޅުމީދޫގައި އާރް.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި، ބޯހޯލް ތޮރުފުމާއި، ދުވާލަކު 350 ޓަނުގެ ބޯފެން އުފެއްދޭ 2 އާރް.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކައުކުރުމަށްޓަކައި  1000 ޓަނުގެ 3 ތާންގީ ބެހެއްޓުމާއި ބްރައިން ރިޖެކްޓް ހޮޅި އެޅުމާއި އަދި kW75  ސޯލަރ ޕީވީ ސިސްޓަމް ޤާއިމްކުރުން ހިމެނެއެވެ.

ހިތަދޫ އާއި ހުޅުމީދޫއަށް ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމާއި، ސ.މަރަދޫ، ސ.މަރަދޫ-ފޭދޫ އަދި ސ.ފޭދޫގައި ފެން ރައްކައުކުރުމަށްޓަކައި 1000 ޓަނުގެ ޖުމްލަ 4 ތާންގީ ބެހެއްޓުން ހިމެނެއެވެ.

ހަމަ މިޔާއި އެކު، މި މަޝްރޫޢުގެ ދަށުން، މި ރަށްރަށުގެ ފެނުގެ ނިޒާމް ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ތަމްރީން ޕްރޮގްރާމް ހިންގައިދިނުމާއި އަދި ސްޕެއަރ ފޯރުކޮށްދިނުންވެސް ހިމެނެއެވެ.

އައްޑޫސިޓީގައި ޤާއިމްކޮށްފައިވާ ފެނުގެ ނިޒާމް އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ޖުމްލަ އަގަކީ 282 މިލިޔަން ދިވެހި ރުފިޔާއެވެ. އަދި މި މަޝްރޫޢުގެ މަސައްކަތްހަވާލުކުރެވިފައި ވަނީ 365 ދުވަހުގެ (1 އަހަރުގެ) ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.