އެއްބައިވަންތަކަމާއެކު ޢީދުގެ އުފާވެރިކަން ވީއެންމެ ބޮޑަކަށް ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދިވެހި ކުދިބޮޑު އެންމެހާ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގެންނެވީ، "ޢީދު އަލި" އިފުތިތާޙް ކޮށްދެއްވައި ޖުމްހޫރީ މައިދާނުގައި ހުރި ފެންއަރުވާ ވަޑާން "ފައްވާރާ" މަރާމާތުކުރުމަށްފަހު ރޭ ހުޅުވައިދެއްވުމަށް ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި
ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި އެމަނިކުފާނުގެ އަނބިކަނބަލުން ޢާއިޝަތު އަފްރީން މުޙައްމަދުވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު ބޭނުންފުޅު ވަނީ އަޟުޙާ ޢީދާއި ފިޠުރު ޢީދުގެ އުފާ ފާޅުކުރުމަށް އިސްލާމުދީނުގައި ދެއްވާފައިވާ އިސްކަން، ކުދިބޮޑު ހުރިހާ ފަރާތްތަކަށް އިހްސާސްކޮށްދެއްވަން ކަމުގައި ވިދާޅުވިއެވެ. ހަމައެއާއެކު ޢީދަށް ތައްޔާރުވެ އެއްބައިވަންތަކަމުގެ އަޒުމު އާކޮށް، ހުރިހާ ފަރާތްތަކަކުންވެސް ޢީދުގެ އުފަލުގައި ބައިވެރިވުން އެދިވަޑައިގަންނަވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން މިރޭ ރާއްޖޭގެ ސިޓީތަކާއި އަތޮޅު ވެރިކަން ކުރާ ރަށްތަކުގައި އިފުތިތާޙްކުރި ޢީދުގެ ދިއްލުންތަކަކީވެސް އެ ބޭނުމުގައި ފެށްޓެވި މަސައްކަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ޢީދު އަލި" ރައީސުލްޖުމްހޫރިއްޔާ މިރޭ އިފުތިތާޙް ކޮށްދެއްވުމާއެކު ސިޓީތަކާއި އަތޮޅުތަކުގެ ވެރިކަންކުރާ ރަށްރަށުގައިވެސް މި ލައިޓްތައް ދިއްލިގެން ދިޔައެވެ. ޢީދު ލައިޓްތަކާއެކު ހިމެނޭ ސްޕީކަރު ސިސްޓަމުތަކުން ސިޓީތަކާއި އަތޮޅުތަކުގެ ވެރިކަން ކުރާ ރަށްރަށުގައި ޢީދުގެ ތަކްބީރުތައް އިއްވަމުންދާނެއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުރިއަށް އޮތް އަޟްޙާ ޢީދުގައި ޢީދުގެ ދިއްލުންތައް މިއަށްވުރެ ގިނަ ރަށްތަކަށް ގެންދެވުމަށް މަސައްކަތްކުރައްވާނެ ކަމުގައެވެ. އަދި އަންނަ އަހަރު މާ ކުލަގަދަކޮށް މާ ގިނަ ރަށްރަށުގައި ޢީދު ފާހަގަކުރައްވާނޭ ކަމަށެވެ.
މިރޭގެ މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޖުމްހޫރީ މައިދާނުގައި ހުންނަ ފެންއަރުވާ ވަޑާން "ޖުމްހޫރީ ފައްވާރާ" ވެސް ހުޅުވައިދެއްވާފައެވެ. މި ތަން އަލުން ހުޅުވައިދެއްވާފައި މިވަނީ ގިނަ ދުވަސްތަކެއް ވަންދެން އެއްވެސް ބޭނުމެއް ނުކޮށް އަޅާނުލާ ދޫކޮށްލާފައި އޮތުމުގެ ސަބަބުން މި ތަނުގައި ކުރަންޖެހުނު މަރާމާތުތައް ކުރުމަށް ފަހުއެވެ.