ރައީސް ޔާމީންގެ އަރިހުގައި މިހާރު ތިއްބެވީ އިހްލާސްތެރިބައެއް ނޫން

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހުގައި މިހާރު ތިއްބެވީ އެމަނިކުފާނަށް އިޚްލާސްތެރި ބައެއް ނޫންކަމަށް ވިދާޅުވެ، ޕީޕީއެމް/ޕީއެންސީގެ ލީޑާރޝިޕުން ފާޑުވިދާޅުވެއްޖެއެވެ.

ޕީޕީއެމް/ޕީއެންސީގެ ލީޑާރޝިޕްގެ ބޭފުޅުން ބައިވެރިވެވަޑައިގެން ބޭއްވެވި ޕެނަލް ޑިސްކަޝަންގައި ވަނީ ރައީސް ޔާމީންގެ އަރިހުގައި މިހާރު ތިއްބެވި ބޭފުޅުންގެ އިޚްލާސްތެރިކަމާމެދު ސުވާލު އުފައްދަވާފައެވެ.

މިގޮތުން ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމ ނައިބު ރައީސް އަދި އެމަނިކުފާނުގެ އިސް ޤާނޫނީ ވަކީލް ޑރ. މުޙައްމަދު ޖަމީލް އަޙްމަދާއި، ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ޓެކްނޮލޮޖީ މިނިސްޓަރު މުޙައްމަދު މަލީޙް ޖަމާލު، އެމްޑީޕީގެ އެމްޑީޕީއާއެކު ރައީސް ޔާމީނަށް އެކި ޕްލެޓުފޯމްތަކުގައި ފާޑުވިދާޅުވިކަން ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުން ފާހަގަކުރެއްވިއެވެ.

ޚާއްޞަކޮށް ރައީސް ޔާމީން ޖަލުގައި ހުންނެވިއިރު، ވަކީލުންގެ ފަރާތްޕުޅުން ޕީޕީއެމް/ޕީއެންސީގެ ލީޑާރޝިޕަށް ލިބިވަޑައިގެންނެވި މެސެޖުތަކުގެ އިތުބާރު ނެތްކަމަށް ވިދާޅުވެ ސުވާލު އުފެއްދެވިއެވެ.

ޕެނަލުގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ނައިބު ރައީސް އަދި ސަރުކާރުގެ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، އޭރު ޕާޓީ ލީޑާޝިޕާއި ހަމައަށް ފޯރުކޮށްދޭ މެސެޖްތައްކަށްވެސް އިތުބާރު ނުކުރާ ހިސާބައް ކަންކަން ދިޔަ ކަމަށެވެ.

ލީޑަރޝިޕްގެ ބޭފުޅުން ވިދާޅުވީ، ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރައީސް ޔާމީނަށް އަނިޔާވެރިވެވަޑައިގެން ކަމެއް ނުކުރާނެކަމުގެ ޔަަޤީންކަން އެބައޮތްކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.