( 30 މާރިޗު 2024 ވަނަދުވަހު ޝާއިޢުކުރި ބަޔާގުޅޭ )
ރަސޫލުކަމައިގެން ފޮނުއްވުމުގެ ކުރިން ، އެބޭކަލަކަށް ފެނިވަޑައިގަންނަވާ ހުވަފެންފުޅު ، ސީދާވުމަކީ ، ﷲ ގެ ވަޙީބަސްފުޅުގެ ނިޝާނެއްކަމުގައި ، ކައުއިތުރު ރަސޫލާ ޞައްލަﷲ ޢަލައިވި ވަސައްލަމަ ޙަދީޘް ކުރައްވާފައި ވެއެވެ. ސަލާމްލެއްވި އިބްރާހީމްގެ ފާނަށް ، އެކަލޭގެފާނުގެ ދަރިކަލުން ސަލާމްލެއްވި އިސްމާޢީލުގެފާނު ޤުރުބާން ކުރެއްވުން ، ހުވަފެންފުޅުން ފެނިވަޑައިގަތެވެ. އެކަންވެގެންދިޔައީ ﷲ ގެ ވަޙީބަސްފުޅު ކަމުގައެވެ. އެކަން ކުރެއްވުމަށް ، ﷲ އެންގެވި ކަމެއްގެ ގޮތުގައެވެ.
ހަމައެގޮތަށް ، ރަސޫލު ޞައްލަﷲ ޢަލައިވި ވަސައްލަމައަށް ރޭގަނޑު ފެނިވަޑައިގަންނަވާ ހުވަފެންފުޅު ، އަނެއްދުވަހު ސީދާވެއެވެ. އެއީ ﷲ ގެ ވަޙީބަސްފުޅުގެ ނިޝާނަކަށް ވިއެވެ. އެއަށްފަހު ، އެކަލޭގެފާނު ، ޙިރާފަރުބަދައަށް ވަޑައިގެން ، އިންނަވަން ފެށްޓެވިއެވެ. އެހެން އިންނަވަނިކޮށް ، ރަމަޟާންމަހެއްގެ ފަހުދިހައިގެ އޮނަހިރި ވިލޭރެއެއްގައި ، ޙިރާފަރުބަދައިގާ އެކަލޭގެފާނު އިންނެވިތަނަށް ޖިބްރީލް ޢަލައިހިއްސަލާމް ، ވަޑައިގަތެވެ. އޭރު ރަސޫލު ޞައްލަﷲ ޢަލައިވި ވަސައްލަމަގެ ޢުމުރުފުޅުން ސާޅީސް އަހަރުފުޅެވެ. ޖިބްރީލުގެފާނު ފެނިވަޑައިގަތުމާއެކު ، ރަސޫލު ޞައްލަﷲ ޢަލައިވި ވަސައްލަމަގެ ހިތްޕުޅަށް ބިރުވެރިކަން ވެރިވިއެވެ. ޖިބްރީލުގެފާނު ، އެކަލޭގެފާނުގެ އަރިހަށް ވަޑައިގެން ވިދާޅުވިއެވެ. ٱقْرَأْ ، މާނަޔަކީ ކަލޭގެފާނު ކިޔަވާވިދާޅުވާށެވެ. އެކަލޭގެފާނު ހަދީޘް ކުރެއްވިއެވެ. ތިމަން ކަލޭގެފާނަކީ ، ކިޔަވާ ވިދާޅުވާން ދެނެވަޑައިގަންނަވާ ބޭކަލަކީމެއް ނޫނީމެވެ. ދެން ޖިބްރީލުގެފާނު ، އެކަލޭގެފާނުގެ ހަށިކޮޅުގައި ހިއްޕަވައި ، ހާސްފުޅުވަންދެން ފިއްތަވައި ލެއްވިއެވެ. އަދި އެކަލޭގެފާނު ދޫކޮށްލައްވާފައި ވިދާޅުވިއެވެ. ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ ! އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ތިމަން ކަލޭގެފާނަކީ ، ކިޔަވާ ވިދާޅުވާން ދެނެވަޑައިގަންނަވާ ބޭކަލަކީމެއް ނޫނީމެވެ.
ދެން ޖިބްރީލުގެފާނު ، ދެވަނަ ފަހަރަށް ، އެކަލޭގެފާނުގެ ހަށިކޮޅުގައި ހިއްޕަވައި ، އެކަލޭގެފާނު ހާސްފުޅުވަންދެން ފިއްތަވައި ލެއްވިއެވެ. ދެން ، އަނެއްކާވެސް ، އެކަލޭގެފާނު ދޫކޮށްލައްވާފައި ވިދާޅުވިއެވެ. ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ ! އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ތިމަން ކަލޭގެފާނަކީ ، ކިޔަވާ ވިދާޅުވާން ދެނެވަޑައިގަންނަވާ ބޭކަލަކީމެއް ނޫނީމެވެ.
ޖިބްރީލް ޢަލައިހިއްސަލާމް ، ތިންވަނަފަހަރަށް ، އެކަލޭގެފާނުގެ ހަށިކޮޅުގައި ހިއްޕަވައި ، ނޭވާފުޅު ހާސްވަންދެން ފިއްތަވައި ލެއްވިއެވެ. އަދި ވިދާޅުވިއެވެ. ކަލޭގެފާނު ކިޔަވާ ވިދާޅުވާށެވެ ! ތިންވަނަ ފަހަރަށްވެސް ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވީ ، އެކަލޭގެފާނަށް ކިޔަވައި ވިދާޅުވާން އެނގިވަޑައި ނުގަންނަވާ ކަމުގައެވެ. ތިންވަނަ ފަހަރު ، އެކަލޭގެފާނުގެ ހަށިކޮޅުގައި ހިއްޕަވައި ، ބާރަށް ފިއްތަވައިގަތުމަށްފަހު ، ޖިބްރީލުގެފާނު ވިދާޅުވިއެވެ.
اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ ﴿١﴾ خَلَقَ الْإِنْسَانَ مِنْ عَلَقٍ ﴿٢﴾ اقْرَأْ وَرَبُّكَ الْأَكْرَمُ ﴿٣﴾ الَّذِي عَلَّمَ بِالْقَلَمِ ﴿٤﴾ عَلَّمَ الْإِنْسَانَ مَا لَمْ يَعْلَمْ ކަލޭގެފާނުގެ ވެރި ﷲ ގެ އިސްމުފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ ! އެ ކަލާނގެއީ ހުރިހައި ތަކެއްޗެއް ހެއްދެވި ކަލާނގެއެވެ. (1) ގަނޑު ލޭފޮދަކުން އެކަލާނގެ ، އިންސާނާ ހެއްދެވިއެވެ. (2) ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ ! އަދި ކަލޭގެފާނުގެ ވެރި ﷲ އީ ، އެންމެ ދީލަތިވަންތަ ކަލާނގެއެވެ. (3) އެކަލާނގެއީ ގަލަމުން ލިޔަން ، އުނގަންނަވައި ދެއްވި ކަލާނގެއެވެ. (4) އިންސާނާއަށް އޭނާ ނުދަންނަ ކަންތައް ، އެކަލާނގެ އުނގަންނަވައި ދެއްވިއެވެ. (5) ( ސޫރަތުލް ޢަލަޤު)
ދެން ، ރަސޫލު ޞައްލަﷲ ޢަލައިވި ވަސައްލަމަ ، އެކަލޭގެފާނުގެ މޭފުޅު ތުރުތުރުއަޅާ ޙާލުކޮޅުގައި ، ޙިރާ ފަރުބަދައިން ފައިބައިވަޑައިގެން ، ޚަދީޖަތުގެފާނު އަރިހަށް އެކަމަނާގެ ގެކޮޅަށް ވަޑައިގަތެވެ. އަދި ހަދީޘް ކުރެއްވިއެވެ. ތިމަންކަލޭގެފާނުގެ ހަށިކޮޅުގައި ރަޖާ ތުރުކުރައްވައި ދެއްވާށެވެ ! ދެން ، އެކަލޭގެފާނަށް ލިބިވަޑައިގެންފައިވާ ބިރުފުޅު ފިލަންދެން ، ހަށިކޮޅުގައި ރަޖާ އަޅުއްވާފައި ބޭއްވެވިއެވެ. އަދި އެއަށްފަހު ، އެކަލޭގެފާނާމެދު ކަންހިނގައިދިޔަގޮތް ، ޚަދީޖަތުފާނަށް ވިދާޅުވެދެއްވިއެވެ. އަދި ޙަދީޘް ކުރެއްވިއެވެ. ތިމަންކަލޭގެފާނު ، އަމިއްލަ ނަފްސަށް ބިރުފުޅުގެން ވަޑައިގަތީއެވެ.
އެހިނދު ، ޚަދީޖަތުގެފާނު ދެންނެވިއެވެ. ހަމަ ހިލާ އެހެނެއް ނުވާހުށްޓެވެ. އެއްގޮތަކަށްވެސް ، ﷲ ، ކަލޭގެފާނު ގެއްލެނިއެއް ނުކުރައްވާނެއެވެ. ހަމަކަށަވަރުން ، ކަލޭގެފާނަކީ ، ރަޙިމުގެ ގުޅުން ދަމަހައްޓަވާ ބޭކަލަކީމުއެވެ. އަދި ، ނިކަމެތިންގެ ބުރަ އުފުއްލަވަމުއެވެ. ނުލިބޭ މީހުންނަށް އެހީތެރިކަން ފޯރުވައި ދެއްވަމުއެވެ. އަދި ، މެހެމާނުންނަށް ކަމޭ ހިއްތަވަމުއެވެ. އަދި ޙައްޤުގެ މަގުގައި ދިމާވާ ހުރިހާ ކަމަކަށް ، އެހީތެރިވެ ވަޑައިގަންނަވަމުއެވެ.
ދެން ޚަދީޖަތުގެފާނު ، އެކަލޭގެފާނު ގޮވައިގެން ، އެކަމަނާގެ ބޮޑުބޭބެގެ ދަރި ، ވަރަޤަތުބްނި ނަވްފަލުބްނި އަސަދަބްނި ޢަބްދުލްޢައްޒާ ގެ ކައިރިޔަށް ވަޑައިގަތެވެ. އޭނާއަކީ ، ޖާހިލިއްޔަ ދުވަސްވަރު ، ނަޞާރާދީނަށް ވަދެފައިވާ މީހެކެވެ. އޭނާއަކީ ޢަރަބި ބަސްދަންނަ ، އަދި އިންޖީލުން ބޭނުންވާ ވަރަކަށް ، ޢިބްރީބަހުން ލިޔެހަދާ މީހެކެވެ. އޭނާއަކީ ، ވަރަށް މުސްކުޅި ، ލޯ އަނދިރި މީހެކެވެ.
ޚަދީޖަތުގެފާނު ވިދާޅުވިއެވެ. އޭ ބޮޑުބޭބެގެ ދަރިއާއެވެ ! ކަލޭގެ ބޭބެގެ ދަރިކަލުން އަރިހުން ނިކަން އަހައިބަލާށެވެ ! ދެން ، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ، ވަރަޤަތު ދެންނެވިއެވެ. އޭ ބޭބެގެ ދަރިކަލުންނޭވެ ! ކަލޭގެފާނަށް ފެނިވަޑައިގަތީ ކޮން އެއްޗެއްތޯއެވެ ؟ ދެން ، ރަސޫލާއަށް ދިމާވެވަޑައިގެންނެވި ކަންތައްތައް ، ވަރަޤަތަށް ވިދާޅުވެ ދެއްވިއެވެ. ދެން ވަރަޤަތު ދެންނެވިއެވެ. އެއީ ، މޫސާގެފާނު އަރިހަށް ، ﷲ ފޮނުއްވެވި ނާމޫސް ( އެބަހީ ؛ މަލާއިކަތާ ޖިބްރީލުގެފާނު ) އެވެ. ތިމަން ، އެދުވަސްވަރު ، ގަދަފަދަ މީހަކަށް ވާނެނަމައެވެ. ކަލޭގެފާނުގެ ޤައުމުގެ މީހުން ، ކަލޭގެފާނު އެމީހުންގެ ތެރެއިން ނެރެލާއިރު ، ތިމަން ދުނިޔޭގައި ހުންނާނެ ނަމައެވެ. އެހިނދު ، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. އެމީހުން ، ތިމަންކަލޭގެފާނު ، ނެރެލާނެ ހެއްޔެވެ ؟ ވަރަޤަތު ދެންނެވިއެވެ. ކަލޭގެފާނު ތިޔަގެންނެވިފަދަ ކަމެއް ގެންނެވި އެއްވެސް ބޭކަލަކު ، އެބޭކަލަކާ ، މީހުން ޢަދާވާތްތެރިނުވާ ބޭކަލަކު ނުފޮނުއްވައެވެ. ކަލޭގެފާނުގެ އެދުވަސް ، އަޅުގަނޑަށް ދިމާވާނެ ނަމަ ، ކަލޭގެފާނަށް ، ގަދަވެގެންވާ ނަޞްރެއް ދިނީމުހެވެ. އެއަށްފަހު ، ކުޑަދުވަސްކޮޅަކަށް ވަޙީބާވައިލެއްވުން މެދުކެނޑިގެން ދިޔައެވެ. ގިނަ ޢިލްމުވެރިން ބުރަވެވަޑައިގަންނަވާގޮތުގައި ، އެއީ ދިހަވަރަކަށް ދުވަހުގެ މެދުކެނޑުމެކެވެ.
ދެވަނަފަހަރަށް ޖިބްރީލް ޢަލައިހިއްސަލާމް ، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލައަށް ފެނިވަޑައިގަތީ ، މަގެއްގެމަތީ ހިންގަވާފައި ވަޑައިގަންނަވަނިކޮށެވެ. އެފަހަރު ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ޖިބްރީލް ޢަލައިހިއްސަލާމް ފެނިވަޑައިގަތީ ، އެކަލޭގެފާނުގެ އަޞްލު ސޫރަފުޅުގައެވެ.
ވަޙީ ބާވައިލެއްވުން މެދުކެނޑުމާބެހޭގޮތުން ، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީސްފުޅުކުރެއްވިކަމަށް ، ޖާބިރުބްނި ޢަބްދުﷲ ރިވާ ކުރެއްވި ޙަދީޘެއްގައި ވެއެވެ. ތިމަން ކަލޭގެފާނު ، ހިންގަވާފައި ވަޑައިގަންނަވަނިކޮށް ، އުޑުން އަޑެއް އިވިވަޑައިގަތުމުން ، ތިމަންކަލޭގެފާނު ، އިސްއުފުއްލަވާލެއްވި އިރު ، ފެނިވަޑައިގަތީ ، ޙިރާ ފަރުބަދައިގެ ހޮހަޅައިގައި ތިމަންކަލޭގެފާނު އަރިހަށް ވަޑައިގެންނެވި މަލާއިކަތާ ، އުޑާއި ބިމާ ދެމެދުގައި ، ގޮނޑިކޮޅެއްގައި ، އިށީނދެވަޑައިގެން އިންނަވަނިކޮށެވެ. ތިމަންކަލޭގެފާނު ، ބިރުފުޅުން ގެޔަށް ވަޑައިގެން ، ރަޖާ ތުރުކުރައްވައި ދެއްވާށޭ ޚަދީޖަތުގެފާނަށް ދެންނެވީމެވެ. ދެން ، ﷲ ވަޙީ ބާވައިލައްވައި ބަސް ވަޙީ ކުރެއްވިއެވެ. އެއީ ކީރިތި ޤުރުއާނުގެ އަލްމުއްދަޘިރު ސޫރަތުގެ ފުރަތަމަ ފަސް އާޔަތެވެ.
يٰأَيُّهَا ٱلْمُدَّثِّرُ ﴿١﴾ قُمْ فَأَنذِرْ ﴿٢﴾ وَرَبَّكَ فَكَبِّرْ ﴿٣﴾ وَثِيَابَكَ فَطَهِّرْ ﴿٤﴾ وَٱلرُّجْزَ فَٱهْجُرْ ﴿٥﴾
އޭ ފޭރާންތައް ( ގައިކޮޅުގައި ) އޮޅުއްވައިގެން އޮންނެވި ކަލޭގެފާނެވެ ! (1) ކަލޭގެފާނު ތެދުވެވަޑައިގެން ، އިންޒާރު ކުރައްވާށެވެ ! (2) އަދި ، ކަލޭގެފާނުގެ ވެރިރަސްކަލާނގެޔަށް ތަކުބީރު ވިދާޅުވާށެވެ ! (3) އަދި ، ކަލޭގެފާނުގެ ފޭރާންކޮޅުތައް ޠާހިރު ކުރައްވާށެވެ ! (4) އަދި ބުދަށް އަޅުކަންކުރުމާ ، ދުރެވެވަޑައި ގަންނަވާށެވެ ! (5)
އެއަށްފަހު ، މެދުކެނޑުން ފިލައިގޮސް ، ގިނަގިނައިން ވަޙީ ބާވައިލައްވަން ފެށްޓުނެވެ.
ކީރިތި ޤުރުއާނުގެ ފުރަތަމަ އާޔަތް ބާވައި ލައްވާފައިވަނީ ، ޢީސާގެފާނުގެ ސަނަތުން ، 610 (AD 610 ) ވަނަ އަހަރުގެ ރަމަޟާން މަހުގެ ފަހުދިހައިގެ އޮނަހިރި ރެޔެއްގައެވެ. މައްކާ އާ 3 މޭލެއްހާ ދުރު ރާސްތާއެއްގައި އޮންނަ ޙިރާ ފަރުބަދައިގެ ހޮހަޅައަށް ވަޑައިގެން ، އެކަހެރިކޮށް އަޅުކަން ކުރައްވަން އިންނެވުމަކީ ، އެތައް ދުވަހެއް ކުރިންވެސް ، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އާދަފުޅަކަށް ވެފައި އޮތްކަމެކެވެ. އެކަލޭގެފާނާއެކު ، ފެނާއި ކާނާ ގެންދަވައި ގިނައިރު އެ ހޮހަޅައިގާ އިންނަވާ ، ދިގުކޮށް އަޅުކަން ކުރައްވައެވެ. ދުވަސްތައް ފާއިތުވަމުންގޮސް ، އެ ހޮހަޅައިގާ އެކަލޭގެފާނު އިންނަވާ ދުވަސްތައް ހަފުތާ އަށް ބަދަލުވެގެން ދިޔައެވެ. ރަމަޟާން މަހު ، ރޯދަ ހިއްޕަވައި ، މުޅިމަސް އެއްކޮށް ، އަޅުކަން ކުރެއްވުމުގައި ، އެ ހޮހަޅައިގާ ހޭދަ ކުރައްވާފައި ވެއެވެ. ކީރިތި ޤުރުއާނުގެ ބަޤަރާ ސޫރަތުގެ 185 ވަނަ އާޔަތުގައި ﷲ ވަޙީ ކުރައްވާފައި ވެއެވެ.
شَهْرُ رَمَضَانَ الَّذِي أُنْزِلَ فِيهِ الْقُرْآنُ هُدًى لِلنَّاسِ وَبَيِّنَاتٍ مِنَ الْهُدَى وَالْفُرْقَانِ
ރަމަޟާން މަހަކީ ، އެމަހެއްގައި ޤުރުއާން ބާވައިލެއްވި މަހެވެ. ( އެ ޤުރުއާން ބާވައި ލެއްވީ ) މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި ، ހިދާޔަތާ ، ޙައްޤާއި ބާޠިލު ވަކިކޮށްދެނިވި ހެކިތަކެއް ކަމުގައެވެ.
އަދި ހަމަ އެފަދައިން ، ސޫރަތުލްޤަދްރި ގެ ފުރަތަމަ އާޔަތުގައި ﷲ ވަޙީ ކުރައްވާފައި ވެއވެ.
إِنَّا أَنْزَلْنَاهُ فِي لَيْلَةِ الْقَدْرِ
ހަމަކަށަވަރުން ، ތިމަން ﷲ ، އެ ޤުރުއާން ބާވައިލެއްވީ ، ލައިލަތުލްޤަދްރި ވިލޭރޭގައެވެ.
މި އާޔަތުގައި ﷲ ވަޙީ ކުރައްވައި އަންގަވާފައިވާ ވަޙީގެ ބަސްފުޅުން ބާރު ލިބިދޭގޮތުގައި ، ކީރިތި ޤުރުއާން ބާވައި ލެއްވުނީ ، ލައިލަތުލް ޤަދްރި ވިލޭރޭ ، މުޅި ޤުރުއާން އެއްކޮށް ކަން ދޭހަވާނެ ހެކި ލިބިދެއެވެ. ޢަބްދުﷲ އިބްނި ޢައްބާސް ހާމަ ކުރައްވާ ގޮތުގައި ، ކީރިތި ޤުރުއާން ބާވައި ލެއްވުނީ ލަވްޙުލްމަޙްފޫޟުން ، ބައިތުލް ޢިއްޒަތަށް ، މުޅި ޤުރުއާން އެއްކޮށް އެއްފަހަރާއެވެ. ލައިލަތުލް ޤަދްރި ވިލޭރޭއެވެ. ލަވްޙުލްމަޙްފޫޟަކީ ، ބައިތުލް ޢިއްޒަތަށްވުރެ އިސް ސުވަރުގެއެކެވެ. މިބިންމައްޗަށް ، އެކި ފިޔަވަހީގެ ދަށުން ، ކީރިތި ޤުރުއާން ބާވައި ލެއްވުނީ ، ބައިތުލް ޢިއްޒަތުންނެވެ. ކީރިތި ޤުރުއާން ، ބައިތުލް ޢިއްޒަތުން މިބިންމައްޗަށް ބާވައި ލައްވަން ފެށްޓުނީ ، ލައިލަތުލް ޤަދްރި ވިލޭރޭގައެވެ. މިކަމަށް ތާއީދު ލިބޭގޮތަށް ، ކީރިތި ރަސޫލާ ވަނީ ކީރިތި ޤުރުއާނުގެ އާޔަތަކަށް ޙަވާލާ ދެއްވާފައެވެ. އެއީ އަލްއިސްރާ ސޫރަތުގެ 106 ވަނަ އާޔަތެވެ.
وَقُرْآنًا فَرَقْنَاهُ لِتَقْرَأَهُ عَلَى النَّاسِ عَلَى مُكْثٍ وَنَزَّلْنَاهُ تَنْزِيلًا
އަދި ، ކަލޭގެފާނު ، މީސްތަކުންނަށް ، ( ވިސްނޭނެހެން ) ލަސްލަހުން ކިޔަވައި ވިދާޅުވެ ދެއްވުމަށްޓަކައި ، ވަކިވަކިކޮށް ، ތިމަން ﷲ ، އެ ޤުރުއާން ބާވައި ލެއްވީމެވެ. އަދި ، ތިމަން ﷲ ، އެ ޤުރުއާން ، އެކި ފަހަރުމަތިން ބާވައި ލެއްވީމެވެ.
އިސްލާމީ އުއްމަތުގެ ގިނަ އިމާމުން އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި ، ކީރިތި ޤުރުއާން ، ސުވަރުގެޔަށް ، ނުވަތަ ސުވަރުގެތަކަށް ، ﷲ ބާވައި ލެއްވީ އެއްފަހަރާއެވެ. އޭގެ ފަހުން އެކި ފަހަރު މަތިން މި ބިންމައްޗަށް ، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ބާވައިލެއްވުނީއެވެ. (ނުނިމޭ)