ފަލްސަފާ (75)

( 30 މާރިޗު 2024 ގައި ޝާއިޢުކުރި ބަޔާ ގުޅޭ )

ތަހުނިޔާގެ ހަރުކަށި ޖަވާބުން ، ޙަފުޞާއަށްވެސް އަދި މުރުތަޟާއަށްވެސް ޙައިރާންކަމެއް ލިބުނެވެ. އެތާ މަޑުނުކޮށް ކޮޓަރިޔަށް ދިއުމުން ، ތަހުނިޔާ ހިތްހަމަނުޖެހިފައިހުރިކަން ވަކިން ބޮޑަށް އެނގުނެވެ.

ކޮޓަރިޔަށް ވަތްގޮތަށް ، އެދުވަހު އެއްގޮތަކަށްވެސް ތަހުނިޔާ ބޭރަކަށް ނުނުކުމެއެވެ. ހަވީރު ސައިތަށްޓެއް ބޯލަން މުރުތަޟާ ބޭނުންވީމާވެސް ، މުރުތަޟާއަށް ސައިހަދައިދޭޏްޖެހުނީ ޙަފުޞާއަށެވެ. ތަހުނިޔާއަށް އުނދަގޫ ނުކުރުމަށް ، މުރުތަޟާގާތު ޙަފުޞާ އެދުނެވެ. އެހެނަސް ، މުރުތަޟާ ހުރީ އެކަމާ ހިތްހަމަ ނުޖެހިފައެވެ.

ކުޑަދޮރުން ބޭރު ބަލަހައްޓައިގެންހުރިއިރު ، ތަހުނިޔާގެ ކަންފަތަށް އިވެމުން އެދަނީ ، އެދުވަހު ހެނދުނު މުރުތަޟާއާއި ޙަފުޞާ އޭނާއާ މުޚާތަބުކޮށް ބުނި ބަސްތަކެވެ. ސައިބޮއެގެން މުރުތަޟާ އައިސް ކޮޓަރިޔަށް ވަތްއިރުވެސް ، ތަހުނިޔާހުރީ ކުޑަދޮރުކައިރީގައެވެ. މުރުތަޟާ އައިސް ދޮރުލައްޕައިލި ގޮތުންވެސް ، އޭނާއެހުރީ ހިތްހަމަ ނުޖެހިފައިކަން ތަހުނިޔާއަށް އެނގުނެވެ. އެކަމާ ކުރިމަތިލުމަށް މުރުތަޟާއަށް ގޮވައިލުމަށްފަހު ، ތަހުނިޔާ ވާހަކަދައްކަން ފެށްޓިތަނާ ، ކޮޓަރީގެ ދޮރުހުޅުވާލައިފައި އަރުސަލާން އައިސް ، ޓެސްޓުން އޭނާއަށް އެއްވަނަ ލިބުނު ވާހަކަ ބުންޏެވެ. މުރުތަޟާ އަށް ލިބުނު އުފަލުގައި އަރުސަލާންއަށް މަރުޙަބާކިޔަން އަނގަހުޅުވައިލިތަނާ ތަހުނިޔާ ، އަރުސަލާންއާ ވާހަކަ ދައްކަން ފެށްޓިއެވެ. އަރުސަލާނަކީ މިހާރު ބޮޑުކުއްޖެއްކަމުގައި ތަހުނިޔާ ބުންޏެވެ. މީސްމީހުންގެ ކޮޓަރިޔަށް ވަނުމުގެކުރިން ޓަކިޖަހާލައި ، ހުއްދަ ހޯދުމުގެ އާދަ ނުގެންގުޅެނީ ކީއްވެތޯ ތަހުނިޔާ ސުއާލުކުރިއެވެ. ތަހުނިޔާގެ ރުޅިވެރިކަން ފެނިފައި  މުރުތަޟާ ، ތަހުނިޔާއަށް ގޮވާލައި އޭނާ ހުށްޓުވިއެވެ. އަރުސަލާންވެސް ތަހުނިޔާގެ ކިބައިން މަޢާފަށް އެދުނެވެ.

އަރުސަލާން ހަމަޖައްސައިލުމަށްޓަކައި ، ބޭބެއާއެކު ޗޮކްލެޓްކާން އަންނާށޭ ބުނެ ، ކޮޓަރިން ނެރެގެން އަރުސަލާން ގެންދަމުން ، މުރުތަޟާ ، ތަހުނިޔާއާ ދިމާއަށް ލޯއަޅައިލިއެވެ.

ތަހުނިޔާއަށް އެރޭ އެއްގޮތަކަށްވެސް ނިދޭގޮތެއް ނުވިއެވެ. މުރުތަޟާގެ ފަރާތުން ލިބެމުންދިޔަ އުފާވެރިކަމާއި އަޅައިލުމުގެ ހަނދާންތައް އޭނާ ނިންޖާ ދުރުކުރިއެވެ. ޙަފުޞާމެން އައިފަހުން ، މުރުތަޟާ އެހުރީ މުޅިން އެހެންމީހަކަށް ބަދަލުވެފައެވެ. ކުރިން އަޅައިލިގޮތަށް އޭނާއަކާ މުރުތަޟާ އަޅައެއް ނުލައެވެ.

މުރުތަޟާ އޮފީހަށްދާން ސޯނާކުރިގަޑިޔަށް ، ސޯނާގެ އަޑަށް މުރުތަޟާއަށް ހޭލެވުނެވެ. އޭރު ، ތަހުނިޔާއޮތީ ގަދަނިދީގައެވެ. މުރުތަޟާ ، ތަހުނިޔާއަށް ގޮވަމުން ގެންދިޔައެވެ. އަރުސަލާން ސްކޫލަށް ފޮނުވަން ތައްޔާރުކުރަން ލަސްވެދާނެކަން ހަނދާން ކޮށްދިނެވެ. ބޮލުގައި ކޮށްޓައި ތެދުވާން ގޮވާގޮވާވެސް ތަހުނިޔާއެއް ނުހޭލިއެވެ. އެންމެފަހުން ، އަރުސަލާން ތައްޔާރުކުރުމަށް އޭނާ ދާން މުރުތަޟާ ނިންމިއެވެ. ގޭތެރެޔަށް ނުކުތްއިރު ، ޙަފުޞާހުރީ އަރުސަލާން ތައްޔާރު ކުރުވައި ، ނާސްތާވެސް ހަދައިދީ ހުރިހާކަމެއް ނިންމާފައެވެ. އެކަމަށްޓަކައި މުރުތަޟާ ، އޭނާގެ މަންމަގެ ކިބައިން މަޢާފަށް އެދުނެވެ. އަދި ، ތަހުނިޔާގެ ޠަބީޢަތް ރަނގަޅުނޫންކަމަށް ބުނެ ބަހަނާއެއް ދެއްކިއެވެ.

ތަހުނިޔާއަށްވެސް ހޭލެވިގެން ، އަރުސަލާން ތައްޔާރު ކުރުމަށް ތިރިޔަށް އަންނަން އަވަސް އަރުވާލައިފާ ފައިބަނިކޮށް ސިޑިބަރިން ތަހުނިޔާ ކައްސައިލިއެވެ. މުރުތަޟާ އާއި ޙަފުޞާ ދުވެފައި އައިސް ތަހުނިޔާ ހިފެހެއްޓިއެވެ.

" ބަލައިގެން އުޅެން އެންމެން ކިޔާވަރަކަށް ތަހުނިޔާ ތިއުޅެނީ އެއްވެސް ފަރުވާލެއް ނުބަހައްޓައެވެ. ތިއީ ކުޑަކުއްޖެއް ހެއްޔެވެ ؟ " ހިތްހަމަ ނުޖެހިފައިހުރެ ، މުރުތަޟާ ބުންޏެވެ.

މުރުތަޟާ ތަހުނިޔާގާތަށްޖެހިލައި ، އަތުލަފިކޮށްގެން ތަހުނިޔާގެންގޮސް ކޮޓަރިޔަށް ވައްދައި އެމީހުންގެ ޢާއިލީ ޑޮކްޓަރަށް ގުޅިއެވެ. ޑޮކްޓަރ އައިސް ބެލިއިރު ، ނަސީބަކުން މާބޮޑު ގެއްލުމެއް ނުލިބެއެވެ. ފައިގާ ބެންޑޭޖް އޮޅުމަށްފަހު ، އެ ބެންޑޭޖް ނުނަގާ ދުވަސްކޮޅަކު ބެހެއްޓުމަށް ލަފާދިނެވެ. ޙަފުޞާ އިނީ ކަންބޮޑުވެފައެވެ. މުރުތަޟާ އެބުނި ބަސްތަކަށް ހިތުގައި އެއްޗެއް ނުބޭއްވުމަށް ޙަފުޞާ އެދުނެވެ. މުރުތަޟާއަކީ ވަރަށް ޖަޒުބާތީ މީހެކެވެ. އެއްޗެއްބުނާއިރު ، އެބުނެވޭ އެއްޗަކާމެދު އެހާބޮޑަށް ވިސްނައިލާކަށް ނޭނގޭނެއެވެ.

ޑޮކްޓަރ ފޮނުވާލާފައި މުރުތަޟާ އައިސް އަނެއްކާވެސް ތަހުނިޔާއަށް ނަސޭޙަތްދޭން ފެށްޓިއެވެ. ހިމޭނުން ނީނދެވިގެން މާގިނައިން ފުންމަން އުޅޭނެކަމެއް ނެތޭ ބުނެ ، މުރުތަޟާގެ ހިތުގައިވާ ނުރުހުން ފާޅުކުރިއެވެ. މުރުތަޟާގެ ވާހަކައަށް ޙަފުޞާ އެހާ ހިތްހަމައެއް ނުހެޖުނެވެ. އިރުއިރުކޮޅާ ، އެގޮތަށް ޖެއްސުމުގެ ބަސްތައް ތަހުނިޔާއާ ދިމާއަށް ނުބުނުމަށް ޙަފުޞާ އެދުނެވެ. ތަހުނިޔާ ނުހިންގުވައި އޭނާ ބަލަހައްޓާނީ  ޙަފުޞާ ކަމަށް ބުންޏެވެ. މުރުތަޟާ އެބުނާ އެއްޗެއް އެބުނަނީ ތަހުނިޔާއަށް ރަނގަޅަކަށް ކަމަށް މުރުތަޟާ ބުންޏެވެ.

" މުރުތަޟާ ކަންބޮޑުވަނީ ކޮންމަކަމާކަން އަހަރެންނަށް އެނގެއެވެ. އިރުއިރުކޮޅުން އަހަރެންގެ ނަން ކިޔާނެކަމެއް ނެތެވެ. " ތަހުނިޔާ ބުންޏެވެ.

އެދެމަފިރިންގެ މެދުގައި އިތުރަށް ބަހުސް ހިނގައި ހަމަނުޖެހުމަކަށް ދާކަށް ޙަފުޞާ ބޭނުމެއް ނުވިއެވެ. އޭނާ އެދަނީ މުރުތަޟާއަށް ނާސްތާ ތައްޔާރު ކޮށްދޭންކަމަށް ޙަފުޞާ ބުންޏެވެ. އަދި ލަސްނުވެ ، ތައްޔާރުވެލައިގެން ތިރިޔަށް އަންނާށޭ މުރުތަޟާގާތު ބުނަމުން ޙަފުޞާ ކޮޓަރިން ނުކުތެވެ. ތަހުނިޔާއަށްވެސް ނާސްތާ ގެނެސްދޭނެވާހަކަ ބުނެ ، އެއްވެސް ތާކަށްނުގޮސް އެނދުގައި އިށީނދެ އިނުމަށް ތަހުނިޔާއަށް އަމުރު ކުރިއެވެ.

ތަހުނިޔާ އިނީ ރުޅިއިސްކޮށް މުރުތަޟާއާ ދިމާއަށް ބަލައިލަން ބޭނުންނުވެފައެވެ. ތަހުނިޔާ އުޅޭގޮތުން މުރުތަޟާވެސް އިނީ ތަހުނިޔާއާ ދިމާއަށް ލޯއަޅައިގެންނެވެ. އިރުކޮޅަކު އިނުމަށްފަހު ، އޮފީހަށްދާން ތައްޔާރުވާން މުރުތަޟާ ފާޚާނާއަށް ވަނެވެ. ފާޚާނާގެ ދޮރުޖެހިލެއް ބާރުކަމުން ތަހުނިޔާވެސް ދިޔައީ ސިއްސައިގެންނެވެ.

މުރުތަޟާ އޮފީހަށްދާން ތައްޔާރުވިއިރުވެސް ، ތަހުނިޔާ އޮތީ ނިދާފައެވެ. ޗޮކެއް ކަނޑައިފާ ، އޮފީހަށްދާން ބޭރަށް ނުކުތްއިރު ، ޙަފުޞާ ހުރީ ، މެދުގޯތީގައި ދެކޮޅަށް ހިނގާލަ ހިނގާލައެވެ. އޭނާ އެހުރީ މުރުތަޟާއަށް އިންތިޒާރުކޮށްގެންނެވެ.

މުރުތަޟާއަށް ގޮވާލައި ކައިރިޔަށްގެނެސް ، ތަހުނިޔާއާ ދިމާއަށް މުރުތަޟާ އެއްޗެތި ކިޔާތީ އެކަމާމެދު ޙަފުޞާގެ ހިތުގައި އޮތް ނުރުހުމާއި ކަންބޮޑުވުން ފާޅުކުރިއެވެ. ތަހުނިޔާ އެއިން ޙާލަތުން ، ޠަބީޢަތަށް އެކަހަލަ ބަދަލު އަންނާނެއެވެ. ތަހުނިޔާއާ ވާހަކަ ދައްކާއިރު ، ވަރަށް ބަލައިގެން ވާހަކަ ދެއްކުމަށް މުރުތަޟާ އަށް ، ޙަފުޞާ ނަޞޭޙަތް ދިނެވެ.

މުރުތަޟާއަށް ޤަބޫލުކުރެވޭގޮތުގައި ، ތަހުނިޔާގެ ހިތުގައި ޖައްސަން ، ތަހުނިޔާއާ ދިމާލަށް އޭނާ އެއްވެސް އެއްޗެކޭ ނުބުނެއެވެ. އެއީ ތަހުނިޔާއަށް ރަނގަޅަކަށް ބުނާ ވާހަކައެވެ. އެކަން ޙަފުޞާއަށްވެސް ޤަބޫލުކުރެވުނެވެ. އެހެނަސް ، ތަހުނިޔާއަށް ވިސްނައި ދިނުމަށްޓަކައި ، އެނޫންގޮތަކަށް ވާހަކަ ދައްކަން ޙަފުޞާ އެދުނެވެ. ތަހުނިޔާގެ ހިތަށްކުރާ އަސަރު ދަރިފުޅަށްވެސް މިހާރު ފޯރާނެއެވެ. މުރުތަޟާގެ އީގޯ އިސްކޮށްގެން ، ތަހުނިޔާއާ ވާހަކަ ދައްކަން ވެއްޖެނަމަ ، އެއީ މިވަގުތަށް އެންމެ ރަނގަޅު ގޮތް ނޫންކަން ، ޙަފުޞާ ވިސްނައިދިނެވެ. އެކަން މުރުތަޟާ ޤަބޫލުކުރިއެވެ. އަދި ، ތަހުނިޔާގެ ކިބައިން މަޢާފަށް އެދުމަށް މުރުތަޟާ އެއްބަސްވިއެވެ.

މުރުތަޟާ އޮފީހަށް އައިތަނުން އައި ފޯނަކުން ، އޭނާގެ އުފާވެރިކަން ކޮޅުންލިއެވެ. އުފަލުންގޮސް އަމިއްލަ ނަފުސަށް އިޙްސާސްވާވަރަށް އުފަލުގެ އަސަރު ފާޅުވިއެވެ. އަދި ﷲ އަށް އެކަމަށް ޝުކުރު އަދާކޮށް ޙަމްދު ކުރިއެވެ.

ތަހުނިޔާގެ ޙާލުބަލައިލުމަށް ، ސާޖިދާ އެގެޔަށްގޮސް ތަހުނިޔާގެ އެނދުމަތީ އިށީނދެލައިގެން އިންދާ ، ސައިތަށްޓެއް ހިފައިގެން އައިސް ޙަފުޞާ އެކޮޓަރިޔަށްވަދެ ، ސާޖިދާއަށް ދިއްކޮށްލިއެވެ. އެއީ ، ސާޖިދާއަށް އެހާ ކަމުދާގޮތަކަށް ނުވިއެވެ، ޙަފުޞާ ސައި ހަދައިގެން ކޮޓަރިޔަށް ސައިގެނެސްދިނުމަކީ ، ސާޖިދާގެ ހިތަށް އުނދަގޫވި ކަމަކަށް ވިއެވެ. ޙަފުޞާ އިނީ އެއީ އޭނާއަށް އެހާބޮޑު ކަމަކަށް ނުވާކަން ދެއްކުމަށް ތައްޔާރަށެވެ. މިވަގުތަށް މުހިންމީ ، ކުދިންގެ އުފަލާއި އަރާމެވެ.

ރަނގަޅު ވަގުތެއްކަމަށް ބަލާފައި ، ތަހުނިޔާ އޭނާގާތުގައި ހަފުތާއެއްހާ ދުވަހު މަޑުކޮށްލުމަށް ފޮނުވިދާނެތޯ ސާޖިދާ ސުއާލު ކުރިއެވެ. އެއީ ޙަފުޞާއަށް ޖަވާބުދޭން ދަތި ސުއާލަކަށް ވިއެވެ. ޠާހިރާވެސް ގެޔަކު ނެތެވެ. އަރުސަލާންގެ ކަންތައް އޭނާއެކަންޏަކަށް ނުބެލެހެއްޓޭނެއެވެ. އެކަމުގެ ކަންބޮޑުވުން ، ސާޖިދާގެވެސް އޮތެވެ. އެހެންނަމަވެސް ، ގޭގެ ކަންކަން އޭނާ ބަލަހައްޓާނެކަމަށް ބުނެ ، ތަހުނިޔާ ދިޔަޔަސް އެންމެ ރަނގަޅުކަމަށް ޙަފުޞާ ބުންޏެވެ.

ތަހުނިޔާ ތަންތަނަށްގޮސް އުޅެންވެއްޖިއްޔާ މުރުތަޟާ ހިތްހަމަ ނުޖެހިދާނެކަމަށް ތަހުނިޔާ ބުންޏެވެ. އަދި އެގޭގައި މަޑުކޮށްލުމަކުން އޭނާއަށް އެއްވެސް އުނދަގުލެއް ނުލިބޭކަމަށް ތަހުނިޔާ ބުންޏެވެ. ސާޖިދާގެ ބޭނުމަކަށްވީ ، ތަހުނިޔާ އެނދުގައި އަރާމުކުރަން ޑޮކްޓަރ ބުނެފަ އޮތީމަ ، ޙަފުޞާއަށް ފަސޭހަޔަކަށް ތަހުނިޔާ އޭނާގާތަށް ގެންދިއުމެވެ. އެކަމަކު ، ތަހުނިޔާ އެކަމަށް ނޭދޭކަމަށް ވަންޏާ އެއީ މައްސަލައެއްނޫނެވެ. އެގޭގައި މިހާރު ނޯކަރެއްވެސް އެބަ ގެންގުޅެއެވެ. ގެޔަށް ގެނައި ނޯކަރު ،ޞަފޫރާ އުޅޭނޫޅޭގޮތެއް ބަލައިލަން ހަނދާން ނެތިފައި އިނދެފައި ކުއްލިޔަކަށް އެކަން ޙަފުޞާގެ ހަނދާނަށް އައެވެ. އަދި ، ޞަފޫރާ އުޅޭގޮތެއް ބަލައިލާފައި އެބައަންނަމޭ ބުނެ ޙަފުޞާ ބަދިގެޔާ ދިމާއަށް ހިނގައިގަތެވެ.

މުރުތަޟާ ގެޔަށް އައީ ކުޑަކޮށް ލަސްވިފަހުންނެވެ. ގެޔަށް ވަތްއިރު ، ގޯތިތެރޭގައި އިށީނދެލައިގެން ، ކުޑަކުއްޖެއްހެން ، ފޯނާކުޅެން ޙަފުޞާ އިނެވެ. މުރުތަޟާ ފަހަތުން އައިސް ، ސަލާމް ގޮވައިލުމަށްފަހު ، މަންމަގެ ބޮލުގައި ބޮސްދިނެވެ. މުރުތަޟާހުރީ ވަރަށް އުފާވެފައެވެ.

" މަންމާއެވެ ! މިއަދަކީ ، އަހަރެންނަށްވެސް ، އަދި އެންމެންނަށްވެސް ވަރަށް އުފާވެރި ދުވަހެކެވެ. ބޭރުގެ ކުންފުންޏެއްގެ ވަޒީފާއަށް ޝަޢުޤުވެރިކަންހުރިތޯ ، އެކުންފުނިން މިއަދު ގުޅައިފިއެވެ. އަހަރެން ހުށަހެޅި ހުރިހާ ޝަރުތެއް އެކުންފުނިން ޤަބޫލު ކޮށްފިއެވެ. " މުރުތަޟާ ބުންޏެވެ.

މުރުތަޟާގެ އަތުގައި އޮތް ސިޓީއުރައެއްނަގައި ޙަފުޞާއަށް ދިއްކޮށްލިއެވެ. އެއީ ، އޭނާގެ ވަޒީފާގެ ޗިޓްކަމަށް މުރުތަޟާ ބުންޏެވެ. މުރުތަޟާއާއި ޙަފުޞާ ދައްކާ ވާހަކަ ތަހުނިޔާއަށް އަޑުއިވެއެވެ. އެވަގުތު ، އަރުސަލާން އައިސް ، މުރުތަޟާގެ ގައިގާ ބައްދައިލިއެވެ. އަދި އޭނާއަށް ބަރގަރ އެއް އޯޑަރުކޮށްދިނުމަށް އެދުނެވެ. މިއަދަކީ އުފާވެރި ދުވަހެކެވެ. އަރުސަލާން އޯޑަރުކުރަން ބޭނުންވާ ކޮންމެ އެއްޗެއް އޯޑަރު ކުރުމަށް މުރުތަޟާ ބުންޏެވެ.

ޙަފުޞާގެ އަތުގައި އޮތް ޗިޓް ބަލައިލިއެވެ. ވަރަށް ރަނގަޅު ވަޒީފާއެކެވެ. މުސާރަވެސް އެހާ ރަނގަޅެވެ. މުރުތަޟާއަށް އިތުރު ކާމިޔާބީއާއި ކުރިއެރުން ދެއްވުންއެދި ، ﷲ އަށް ޙަފުޞާ ދުޢާކުރިއެވެ. ތަހުނިޔާގާތު އެވާހަކަ ބުނުމަށްފަހު ޠާހިރާއަށް އެޚަބަރު ދޭނެކަމަށްބުނެ މުރުތަޟާ ، އޭނާގެ ކޮޓަރިޔާ ދިމާއަށް ހިނގައިގަތެވެ.

މުރުތަޟާ ކޮޓަރިޔަށްވަދެ ތަހުނިޔާ ގާތަށްޖެހިލައި އިށީނދެލިއެވެ. އެއީ ، އޭނާއަށް ވަރަށް އުފާވެރި ދުވަހެއްކަމަށް ބުންޏެވެ. މުރުތަޟާ ބުނަން އެއުޅޭ ވާހަކައިގެ ޚަބަރު އަޑުއަހާފައި ތަހުނިޔާވެސް އުފާވާނެއެވެ. މުރުތަޟާ ހުވަފެނެއްގެ ގޮތުގައި ދެކެމުން އައި ވަޒީފާ މިއަދު ލިބިއްޖެއެވެ. އެވަޒީފާއަކަށް މުރުތަޟާ އިންތިޒާރު ކުރަމުން ގެންދާތާ ދެއަހަރު ވެއްޖެއެވެ.

މުރުތަޟާގެ ވާހަކައިން ، ތަހުނިޔާއަކަށް އެއްވެސް އަސަރެއް ނުކުރިއެވެ. އޭނާގެ ވިސްނުން އެގެންދިޔައީ އެހެން ދިމާލަކަށެވެ. އެކަމާ މުރުތަޟާވެސް ޙައިރާން ވިއެވެ. އެފަދަ އުފާވެރި ޚަބަރެއް އަޑުއިވުމުން ، ތަހުނިޔާގެ މޫނުމަތިން އެއްވެސް މިންވަރެއްގެ އުފާވެރިކަމެއް ނުފެނުނެވެ. މުރުތަޟާ އެހެން ބުނުމާއެކު ، ތަހުނިޔާވެސް ، މުރުތަޟާއަށް މުބާރިކްބާދީ އަދާކުރިއެވެ. އެކަމާ އޭނާ އުފާވާކަމަށް ބުންޏެވެ. އެވަގުތު އަރުސަލާން އައިސް ، މާމަ އެބަގޮވާކަމަށް ބުންޏެވެ. ވީޑިއޯ ކޯލުކޮށްގެން ، މާމަގެންދަނީ މަންމައާ ވާހަކަ ދައްކަމުންކަމަށް އަރުސަލާން ބުންޏެވެ.

ތަހުނިޔާގާތުން މަޢާފަށް އެދެމުން ފަސްމިނިޓެއްހާ އިރުން އެބަ އަންނަމޭ ބުނެ ،  އަރުސަލާންއާއެކު މުރުތަޟާ ހިނގައިގަތެވެ. މުރުތަޟާ ދިއުމާއެކު ، ތަހުނިޔާގެ ކުރިމައްޗަށް ނިއުޅިގެން އެދިޔައީ ، ދެންމެޔަކު ، މުރުތަޟާ ގެޔަށްވަދެގެން އައިސް މަންމައާ ދިމާވީމަ ، ދެއްކި ވާހަކަ ތަކެވެ. މުރުތަޟާގެ ކުރިމަތީގައި ތަހުނިޔާގެ އެއްވެސް އަގެއްނެތްކަން ، ތަހުނިޔާއަށް އިޙްސާސް ކުރެވުނެވެ. މުރުތަޟާގެ ހުރިހާވެސް އެއްޗަކީ ، މަންމައާއި ދައްތައާ އަދި އަރުސަލާނެވެ. ތަހުނިޔާއަކަށް އެއްވެސް އިސްކަމެއް އަދި ސަމާލުކަމެއް ނުދެއެވެ. ޠާހިރާ އަންނަން އުޅޭތީ ، އޭނާގެ ކޮޓަރި ސާފުކުރަން ހަދައިގެން ތަހުނިޔާއަށް ބޭނުންވާ ކަންކަމަށް ، ނޯކަރަށް ވަގުތެއް ނުދެވެއެވެ. އެއީ ބޮޑުކަމަކަށް ހަދައި ޞަފޫރާވެސް ، ދަރިއަކާއި ޅީދަރިއެއްގެ ތަފާތު ، ތަހުނިޔާއަށް ވިސްނައި ދިނެވެ. ޞަފޫރާގެ ވާހަކައިންވެސް ، ތަހުނިޔާގެ ހިތުގައި އޮތް ވަހުމާއި ކަންބޮޑުވުން ހައްތާ ދިޔައީ އިތުރު ވަމުންނެވެ. އެގޭގައި އަދި މުރުތަޟާގެ ޙަޔާތުގައި ތަހުނިޔާއަށް އޮތް މަޤާމާއި ދަރަޖައިގެ ނިކަމެތިކަމުގެ އިޙްސާސް އިތުރު ވެގެން ދިޔައެވެ. (ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

  1. ވަރަށް ވެސް ރީތި ވާހަކައެއް. ކިޔާހިތުން ކޮންމެ ދުވަހަކު ބަލަން. ކޮންމެ ދުވަހަކު ކުރިން ގެންނަހެން ގެނެސް ނުދެވެނަޏާ ދެ ދުވަހުން އެއް ދުވަހު ނަމަވެސް ގެނެސްދީފާނަމަ ވަރަށްބޮޑަށް ޝުކުރުވެރިވާނަން. މިކަހަލަ އެހެން ގައުމުތަކުގެ ކަންހިގާމަގަންނގެނެއްސަ ހުންނަ ވާހަކަތައް ވަރަން ވެސް ކިޔާހިތްވޭ. ޝުކުރިއްޔާ

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.