ބޯހިޔާވަހިކަމުގެ ވައުދު ރައީސް ފުއްދަވާނެ: ހީނާ

މި ފަސް އަހަރު ދުވަހުގެ ތެރޭގައި ބޯހިޔާވަހިކަން ބޭނުންވެފައިވާ ކޮންމެ ރައްޔިތަކަށް އެކަން ކަށަވަރުކޮށްދެއްވައި ރައީސްގެ އެ ވަޢުދު ފުއްދަވާނެކަމަށް ހީނާވަލީދު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޕީޕީއެމް/ޕީއެންސީގެ ތަރުޖަމާން ހީނާ ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތުކަމަށެވެ.

ރައީސް ޑރ. މުޢިއްޒުގެ ވެރިކަމުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން މި މައްސަލަ ހައްލުކުރެއްވުމުގެ މަސައްކަތް ފަށްޓަވާފައިވާ ކަމަށާއި އެކަމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.

އެގޮތުން ގުޅިފަޅާއި ފުށިދިއްގަރުފަޅު އަދި ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދާކަން ހީނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ބޭނުންވާ މުހިންމު ގާނޫނުތައް އެކުލަވާލުމުގެ މަސައްކަތް ވެސް ސަރުކާރުން ކުރިއަށް ގެންދަވާކަމަށާއި އެގޮތުން ރިއަލް އެސްޓޭޓުގެ ބިލާއި އިޖުތިމާއީ ގެދޮރުވެރިކަމާއި ބެހޭ ބިލު މަޖިލީހަށް ހުށައަޅުއްވާފައިވާކަން ވެސް ހީނާ ފާހަގަކުރެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.