ފަލްސަފާ (74)

( 27 މާރިޗު 2024 ގައި ޝާއިޢުކުރި ބަޔާ ގުޅޭ )

ތުއްތު ބޭބީންތަކެއްގެ ފޮޓޯތަކެއް ބަލަން ތަހުނިޔާ އިންދާ މުރުތަޟާގެ ފޯނެއް އައެވެ. މުރުތަޟާ ބޭނުންވީ ގެޔަށްދަމުން ތަހުނިޔާއަށް ކާއެއްޗެއް ހިފައިގެންދާށެވެ. ތަހުނިޔާގެ ހިތްއެދެނީ ކޮންކަހަލަ އެއްޗެއް ކާންތޯ މުރުތަޟާ ސުއާލު ކުރިއެވެ. އޭނާއަކީ ، އަބަދު ހުއްޓައިނުލާ ކައިބޮއިހަދާ މީހެއްނޫންކަން ، ތަހުނިޔާ ހަނދާން ކޮށްދިނެވެ. އެއީ ތަހުނިޔާއެއްނޫނެވެ. ކޮންމެވެސް އެހެން މީހެކެވެ. މުރުތަޟާއާއި ތަހުނިޔާ ، އެކަކު އަނެކަކަށް ސަމާސާކޮށް ވާހަކަ ދެއްކުމުގައި އިރުކޮޅެއް ހޭދަކޮށްލިއެވެ.

ފޯނުން ވާހަކަ ދައްކައި ދެމީހުން އެއްބަސްވީގޮތަށް ، އެރޭގެ ބާރަޖެހިއިރު ، އެދެމީހުންތިބީ އައިސްކްރީމްބޯށެވެ. ތަހުނިޔާހުރީ މުރުތަޟާއާއެކީ ވަގުތު ހޭދަކޮށްލެވޭތީ އުފަލުން ފޮޅިފައެވެ. އޭނާއަށް ޙައްޤުމިންވަރަށް ހިތްހަމަ ޖެހިފައެވެ.

ހެނދުނު ގޭތެރޭގައި މަސައްކަތުގައި އުޅެނިކޮށް ، ގޭގެ ނޯކަރު އައިސް ތަހުނިޔާގެ ފޯނު އެތައްއިރަކު ރިންގވެއްޖެކަމަށް ބުނެ ފޯނުގެނެސް ދިނެވެ. ފޯނު ނެގިތަނުން ވާހަކަ ދައްކަން ފެށީ ސާޖިދާއެވެ. ތަހުނިޔާއަށް ފޯނުކުރާތާ އެތައް އިރެއްވެއްޖެކަމަށް ސާޖިދާ ބުންޏެވެ. ތަހުނިޔާ އުޅުނީ ، ގޯތިތެރޭގައިހުރި ގަސްތަކަށް ފެންދޭށެވެ. އެގަސްތަކަށް ފެންނުދޭތާ މިހާރު ، ދެތިންދުވަސް ވެދާނެއެވެ. ފެންދޭ މީހާއެއް ނާދެއެވެ. އަމިއްލަ ޙާލަށް ނުވިސްނާ ގަސްތަކާމެދު ތަހުނިޔާ ވިސްނާތީ ސާޖިދާހުރީ ކަންބޮޑުވެފައެވެ. ޙަފުޞާ ދިޔަތާ މިހާރު ދިހަވަރަކަށްދުވަސް ވެދާނެއެވެ. ތަހުނިޔާ އެއުޅެނީ ގެއިން ނުނުކުމެ ، އަމިއްލަޔަށް ގޭގައި ބަންދުވެގެންނެވެ.

އެގޭގައި ތަހުނިޔާ އެއުޅެނީ އެކަންޏެއްނޫނެވެ. މުރުތަޟާވެސް އޭނާއާއެކީ އެގޭގައި އެބައުޅެއެވެ. މުރުތަޟާވެސް ތަހުނިޔާއަށް އަޅައިލައެވެ. މަސައްކަތުގައި އުޅޭތީ ތަހުނިޔާއާ ދިމާއަށް އެއްޗެތި ކިޔައެވެ. އެހެނަސް ، ތަހުނިޔާގެ ސިކުނޑީގައި އެނބުރެމުންދިޔަ ހުރިހާ ޝަކުވާތަކެއް މިހާރު ފިލައިފިއެވެ. ނޫރުލްޢައިނުގެ ކަންތައް މިހާރު ނިމިއްޖެ ކަހަލައެވެ. ނޫރުލްޢައިނު އެމެރިކާއަށް ދިއުމާގުޅިގެން ، ތަހުނިޔާއަށް އުފާވެރި ދުވަސްތަކެއް އަންނަނީ ލިބެމުންނެވެ. މުރުތަޟާވެސް ، އެއީ އޭނާގެ މީހަކަށް ވެއްޖެއެވެ. ސާޖިދާ އަބަދުވެސް ކުރަމުންގެންދާ ދުޢާއަކީ އެއީއެވެ. މުރުތަޟާގެ ލޯތްބާއި އަޅައިލުން ، އަބަދުވެސް ތަހުނިޔާއަށް ލިބިލިބި ހުރުމެވެ.

ގޭގެ ނޯކަރުއުޅެނީ ، ޙަފުޞާ އަންނާތީ ، އެކޮޓަރިސާފުކުރުމުގައި އަވަދިނެތިއެވެ. ގޭގެ ސިޓިންގރޫމުވެސް އަދިހުރީ ސާފުނުކޮށެވެ. ގޭގެ ނޯކަރު ޞޮފޫރާއަށް ގޮވައިގެންގެނެސް ސާފުކުރަންވީ ތަންތަން ކިޔައިދިނުމަށްފަހު ، ފޮނުވާލާފައި ތަހުނިޔާ ދިޔައީ ބަދިގެޔަށެވެ.

އިރުއޮއްސެން ތައްޔާރުވީއިރުވެސް ، މުރުތަޟާހުރީ ހަވީރު ފެންވެސް ނުވަރައެވެ. އެއީ ، ތަހުނިޔާއަށް އެހާ ކަމުދިޔަކަމެއްނޫނެވެ. ތަހުނިޔާ ބާރުއަޅައިގެން ، މުރުތަޟާ ފެންވަރައިގެން ނުކުމެ ރީތިވާން ހުށްޓެވެ. ތަހުނިޔާވެސް ، މުރުތަޟާއާ ސަމާސާކޮށް ވާހަކަ ދައްކަމުން ގެންދިޔައެވެ. އެމީހުން ސަމާސާކުރަމުން ގެންދަނިކޮށް ، ގޭގެ ބޭރުދޮރުގެ ރަނގަބީލުވީއަޑު އިވުނެވެ.

މުރުތަޟާ ގޮސް ، ދޮރުހުޅުވައިލިއިރު ، އެއީ ޙަފުޞާއެވެ. ޙަފުޞާ ބޭނުންވީ އަންގައިނުލާއައިސް ، މުރުތަޟާމެންނަށް ސަޕްރައިޒެއް ދިނުމަށެވެ. ޙަފުޞާ ވާހަކަ ދައްކާ އަޑު އިވުމާއެކު ތަހުނިޔާވެސް ، އަވަސްއަވަހަށް ތިރިޔަށްގޮސް ، ޙަފުޞާއާ ސަލާމްކޮށް ޙާލުއަޙުވާލު އަހައި ހެދިއެވެ. ޙަފުޞާއާއެކީ ޠާހިރާއެއް ނާދެއެވެ. ދައްތަގެ ބަލިޙާލު ބޮޑުކަމުން ، މަޑުކޮށްލަދޭން ކީވަރުން ޠާހިރާ އިސްލާމްއާބާދުގައި މަޑުކުރީއެވެ. އެކަމަކު ، ޙަފުޞާއާއެކީ އަރުސަލާން ފޮނުވިއެވެ. އަރުސަލާންގެ ސްކޫލްގެ އިމްތިޙާންވެސް އޮތީ ކުރިމަތި ވެފައެވެ. ޠާހިރާއާއެކީ އަންނަން އަރުސަލާން ބަހައްޓައިފިނަމަ ، އޭނާގެ އިމްތިޙާން އެއްކޮށް ގެއްލޭނެއެވެ.

ޠާހިރާވެސް ނެތުމާއެކު ، މުރުތަޟާއާއި ތަހުނިޔާއާ ދެމީހުންވެގެން ، އަރުސަލާން ރަނގަޅަށް ބަލައިދިނުމަށް ޙަފުޞާ އެދުނެވެ. ތަހުނިޔާއަށް އެއީ މައްސަލަޔަކަށް ނުވާނެކަމަށް ޙަފުޞާ ބެލިނަމަވެސް ، އެއީ ތަހުނިޔާއަށް އެހާ ފަސޭހަކަމަކަށް ނުވާނެކަމެއްކަން އެނގޭތީ އެކަމާ ވަކި އެއްޗެކޭ ނުބުނެއެވެ.

ޙަފުޞާ ނިދަން އޮށޯތްވަގުތު ، މުރުތަޟާ އައިސް ޙަފުޞާގެ ފައިމޮޑެދޭން ފެށްޓިއެވެ. ތަހުނިޔާ އުޅުނީ އަރުސަލާން ނިންދަވަން ވާހަކަ ކިޔައިދޭށެވެ. އަރުސަލާން ނިދީމަ ތަހުނިޔާ ކޮޓަރިޔަށް އައިއިރު ، އަދިވެސް މުރުތަޟާއެއް ނާދެއެވެ. މަންމަގެ ފައިމޮޑެދެމުން ، މަންމަޔާ ވާހަކަ ދައްކަން މަންމަގާތު މަޑުކޮށްލައިގެން މުރުތަޟާ އިނެވެ. މުރުތަޟާ ލަސްވެގެން ތަހުނިޔާހުރީ ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލައެވެ.

ވަރަށް ލަސްވިފަހުން ، މުރުތަޟާ އައިސް މަންމައާ ބައްދަލުވުމުން ލިބުނު އުފާވެރިކަމުގެ ވާހަކައިން ފެށްޓިއެވެ. އެހެނަސް ، އެއީ ތަހުނިޔާއަށް އެހާ މުހިންމު ވާހަކަޔަކަށް ނުވިއެވެ. ޠާހިރާ ނޫޅޭތީ ، އަރުސަލާންއަށް ޚާއްޞަ ސަމާލުކަމެއްދީގެން އޭނާ ބަލައިދިނުމަށް ތަހުނިޔާގެ ކިބައިން މުރުތަޟާ އެދުނެވެ. ތަހުނިޔާއަށް ވީވަރަކުން އެކަން ކުރާނެކަމަށް ތަހުނިޔާ ބުންޏެވެ.

" މުރުތަޟާ މަންމަމެން އެންމެންދެކެ ކިހާ ލޯބިވޭ ދޯއެވެ ؟ މަންމައާއި ޠާހިރާއާއި އަރުސަލާން ދެކެއެވެ. އެމީހުން އައިސް ގެޔަށް ވަނީމަ ، މުރުތަޟާ ފުރިހަމަވީކަން އިޙްސާސް ކުރެވެއެވެ. " ތަހުނިޔާ ބުންޏެވެ.

އިންސާނާއަކީ އެތައްބަޔަކަށް ބެހިގެންވާ ނަފްސެކެވެ. އެއިންސާނާ ފުރިހަމަވަނީ ، އެހުރިހާ ބައިތަކެއް އެއްވެގެންނެވެ. އިންސާނާގެ އުފާވެރިކަން ގުޅިފައި އޮންނަނީ އެ ގުޅުންތަކުގެ މައްޗަށެވެ. އެގުޅުންތަކާ ނުލައި ، އިންސާނާއަށް ހިނިތުންވުމެއް ނުލިބޭނެއެވެ. ހިތްހަމަ ޖެހުމެއް ޙާޞިލެއް ނުކުރެވޭނެއެވެ. އެއީ ، މުރުތަޟާއަށް އިޙްސާސް ވާގޮތެވެ. އެހެން ނޫންހޭ ބުނެ ، ދޯއެއްލުމުން ތަހުނިޔާވެސް އެއީ ، އެކަން އޮންނަންވާނެގޮތްކަމަށް އެއްބަސްވިއެވެ.

މުރުތަޟާއަށް ކުއްލިޔަކަށް ކަމެއް ހަނދާންވިއެވެ. ކުރީރޭ ، އިރޮއޮއްސޭމަންޒަރާއެކު ، ތަހުނިޔާ ނެގިފޮޓޯ ބޮޑުކުރަންދީފަ ، އެއޮތީ އަދި ނުނެގެއެވެ. އެއީ މާބޮޑުކަމަކަށް ނުހެދުމަށް ތަހުނިޔާ އެދުނެވެ. އެއީ ތަހުނިޔާއަށް މައްސަލަޔަކަށް ވެދާނެކަމަކަށް މުރުތަޟާއަކަށްވެސް ނުފެނުނެވެ. އެހެނަސް ، ތަހުނިޔާއަށްދޭ ސަމާލުކަމަށްވުރެ ، މަންމައާއި އެގޭގެ އެހެން މީހުންނަށް މުރުތަޟާދޭ ސަމާލުކަން މާބޮޑުކަމުގެ އިޙްސާސް ތަހުނިޔާއަށް ކުރެވެއެވެ. ދެން އެކަމާ އަޅާއިނުލުމަށް ތަހުނިޔާ ބުންޏެވެ.

ނޫނެކެވެ. އެއީ މުރުތަޟާއަށް އެހާ ފަސޭހައިން ދޫކޮށްލެވޭކަހަލަ ކަމެއްނޫނެވެ. އެކަން ހަމަޖައސައިލުމަށްޓަކައި ، މުރުތަޟާ ގޮތެއް ހުށަހެޅިއެވެ. އަދި ، މާދަމާ އޮފީސް ނިންމާފަ ގެޔަށް އަންނަންވާއިރަށް ތަހުނިޔާވެސް ބޭރަށްދާން ތައްޔާރުވާން އެދުނެވެ. މަންމައާއި އަރުސަލާންވެސް ގޮވައިގެންގޮސް ، އިރުއޮއްސޭ މަންޒަރު އަލުން ނަގާފަ ބޮޑުކޮށްލާނީއެވެ. އޭރަށް އެފޮޓޯގެ އަގު މާމަތިވެފައި ފުރިހަމަވާނެއެވެ. މުރުތަޟާގެ  އެވިސްނުމަކީ ތަހުނިޔާއަށް ގަޔާވެވުނު އެއްޗަކަށް ނުވިއެވެ. ތަހުނިޔާއާއި ތަހުނިޔާގެ ބޭނުންތަކާއި މުރުތަޟާ އޭނާއަށް ކޮށްދޭންޖެހޭ ކަންކަމަކީ ، އެހެންމީހުންނާ އަޅާބަލާއިރު ، މުރުތަޟާއަށް މުހިންމު އެއްޗެއްނޫނެވެ. އެއީ ތަހުނިޔާއަށް ކުރެވޭ ހިތި އިޙްސާސެކެވެ. ގޭގައި އެއްވެސްމީހަކު ނެތްއިރު ، ތަހުނިޔާއައިގެން ، މުރުތަޟާ ހީވަނީ އެހެންފަދަ ކަމެއްހެންނެވެ. ނޫރު ފުރައިގެން ދިޔައިމަ ، މުރުތަޟާއަށް ތަހުނިޔާވަރެއް ނެތެވެ. އެކަމަކު ، ޙަފުޞާއާއި އަރުސަލާންއާ ދެމާމައިން އައިމަ ، އެދެމީހުންނަކީ ، މުރުތަޟާއަށް މީރުވަސްދުވާ ހުވަނދަކަށް ވެއްޖެއެވެ. ތަހުނިޔާ ނަގައި އެއްފަރާތެއްގައި ބަހައްޓަން ޖެހެއެވެ. ތަހުނިޔާއަށް ކޮށްދޭންޖެހޭ ކަންކަމާއި ، ތަހުނިޔާ ބޭނުންވެދާނެ ކަންކަމުގެ މަތިން ، އެހާ އަވަހަށް ހަނދާން ނެތެން ފަށައިފިއެވެ. އަދި ، އެހެންމީހުންގެ ކަންކަމަށް ސަމާލުކަންދީ ، އެކަންކަން ތަހުނިޔާ ލައްވައި ކުރުވުމަކީ އުފަލަކަށް ވެއްޖެއެވެ.

މިހާރު މާބޮޑަށް ލަސްވެއްޖެކަމަށްބުނެ ، ތަހުނިޔާވެސް ނިދަން އޮށޯތުމަށް މުރުތަޟާ ލަފާދިނެވެ. އޭރު ، ތަހުނިޔާ އިނީ ނަލަހެދި ރީތިވެގެންނެވެ. މެންދަމު ބާރައިގެފަހުން ، ކާރުދުއްވާލައި އައިސްކްރީމް ބޯލަން އެދެމީހުން އާދަކޮށް ބޭރަށްގޮސް އުޅޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެއީ އެދެމީހުންގެ ހިތަށްވެސް އަރާމާއި އުފާވެރިކަން ލިބޭކަމެކެވެ. އެހެން ނޫންނަމަ ، އެއީ އާދައަކަށް ނުހެދޭނެއެވެ.

ތަހުނިޔާގާތު ނިދާވާހަކަ ބުނީމަ ، އަސްލުވެސް މުރުތަޟާ ބޭނުންވަނީ ނިދަންތޯ ތަހުނިޔާ ސުއާލުކުރިއެވެ. އެއީ ސުއާލެއްވެސް އޮތްކަމެއްނޫނެވެ. އެރޭ ބޭރަށްދާވަހަކައެއް މުރުތަޟާއެއް އެއްވެސް ވަރަކަށް ނުދައްކައެވެ. ތަހުނިޔާއެއިނީ ، މުރުތަޟާ އެހެންބުނާނެ ވަގުތެއްގެ އިންތިޒާރުގައި ، ބޭރަށްދާންވެގެން ކެތްމަދުވެފައެވެ. އެކަމަށް ޙުއްޖަތްދެއްކުން އެއީ މުރުތަޟާއަށް އެހާ އުނދަގޫ ކަމަކަށް ނުވިއެވެ. މިރޭ ގޭގައި އެތިބީ އެދެމީހުން އެކަންޏެއްނޫނެވެ. މަންމަވެސް އެބަ އޮތެވެ. އަރުސަލާންވެސް އެބަ އުޅެއެވެ. އެހާލަސްކޮށް އެމީހުން ބޭރަށްދިޔައިމަ ، މަންމަ ހިތްހަމައެއް ނުޖެހޭނެއެވެ. ހެނދުނު ހެނދުނާ ތެދުވެގެން މުރުތަޟާ އޮފީހަށް ދާން ޖެހޭނެއެވެ. ތަހުނިޔާވެސް ފަތިހު ތެދުވެ ، އެންމެންނަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށް ، އަރުސަލާން ތައްޔާރު ކުރުވައި ސްކޫލަށް ފޮނުވަން ޖެހޭނެއެވެ. އޭގެ ތެރެއިން ގިނަމަސައްކަތް އެއޮތީ ، ތަހުނިޔާއަށެވެ. އެހެން ރޭރޭ ދާގޮތަށް ދެން ، ދަންވަރު ބޭރަށްދާން ވެއްޖިއްޔާ ދިރިއުޅުން ތަރުތީބުވެގެންނެއް ނުދާނެއެވެ. މުރުތަޟާ އެހުރިހާ ވާހަކައެއް ދެއްކީ ، އެއިން ކަމަކަށް އެއްޗެއް ބުނެލާނެ އެއްވެސް ފުރުސަތެއް ، ތަހުނިޔާއަށް ނުދީއެވެ.

އެވާހަކަތައް ދެއްކި ދެއްކިހެން ، ތަހުނިޔާގެ މޫނުމައްޗަށް ވެރިވަމުންދިޔަ ހިތްނުތަނަވަސްކަމާއި އުދާސްކަން ، މުރުތަޟާއަކަށް ނުފެނެއެވެ. ތަހުނިޔާގެ ހިތުގެ ފޮނިކަމުން މުރުތަޟާއަކަށް ރަހައެއް ނުދެއެވެ. މެންދަމުގެ ވަގުތުގައި އެތައްރެޔަކު ، އެދެމީހުން އެހޯދަމުންގެންދިޔަ މަތިވެރި އުފަލުގެ އެއްވެސް އަސަރެއް ، މުރުތަޟާއަކަށް މިހާރަކު ނުކުރެއެވެ. މަންމަމެން އައިމަ ތަހުނިޔާގެ ބޭނުން އެހާއަވަހަށް ނެތިދާނެކަމަކަށް ، ތަހުނިޔާއަކަށް ޤަބޫލެއް ނުކުރެވެއެވެ. އެކަމަކުވެސް ، އެކަން އެއޮތީ އެހެން ވެފައިތާއެވެ.

ތަހުނިޔާ އަނގައިން ނުބުނެ ، އެއިނީ ކާއެއްޗެއް ބޭނުންވެގެންކަމަށް މުރުތަޟާއަށް ފެނުނެވެ. ބޭރަށް ނުދިޔަޔަސް ކާއެއްޗެއް ލިބެނިކޮށް ، ހުރިހާކަމެއް ހަމަޖެހޭނެއެވެ. އެވަގުތުވެސް ، ބޭރަށްގޮސް ، ތަހުނިޔާ ކާލަން ބޭނުންވާ އެއްޗެއް ގެނެސްދީފާނެކަމަށް މުރުތަޟާ ބުންޏެވެ. އެހެނަސް ، މުރުތަޟާ ލައްވާ އެއްވެސްކަމެއް ކުރުވާކަށް ތަހުނިޔާ ބޭނުމެއް ނުވިއެވެ. އެއްވެސް ކާއެއްޗެއް ބޭނުންނޫންކަމަށާއި ، ވޭތުވެދިޔަ ދުވަސްތަކުގައި ، އޭނާއަށް އެއީ އާދަޔަކަށް ހެދުނީކަމަށް ތަހުނިޔާ ބުންޏެވެ. ބައެއް އާދަޔަކީ ، މެދުނުކެނޑި ކުރަން ފުރުސަތު ނުއޮންނަ އެއްޗެކެވެ. ތަހުނިޔާގެ އެއާދަވެސް ޙާލަތާގުޅިގެން ، ޢާންމުޙާލަތަށް ބަދަލުވެދާނެއެވެ. އެކަމާ މުރުތަޟާ ކަންބޮޑުނުވުމަށް ތަހުނިޔާ ބުންޏެވެ. އެކަމުގައި ތަހުނިޔާގެ އެއްވެސް މައްސަލައެއް ނެތްކަން ޔަޤީންކުރުމަށް މުރުތަޟާ ސުއާލު ކުރިއެވެ. އެއީ ތަހުނިޔާއަށް މައްސަލައެއް ނޫނެވެ. ތަހުނިޔާގާތަށް ނިދިއައުމަކީ ، އެރޭ އެހާފަސޭހަކަމަކަށް ނުވާނެއެވެ. ކުރީރޭރޭ ބޭރަށްގޮސް އުޅެއުޅެފައި ގެޔަށް އައިސް ނިދިޔަސް ފަތިހު ތެދުވާކަށް މައްސަލަޔަކަށް ނުވެއެވެ. މުރުތަޟާވެސް ގަޑިޔަށް ތެދުވެއެވެ. މިހާރު އެކަމަކު އެއީ މުރުތަޟާއަށް މައްސަލަޔަކަށް އެބަވެއެވެ. މާގިނަ ބަހަނާ ނުދައްކައި ، ތަހުނިޔާ ބޭނުންހާކަމެއް ނުކުރެވޭނޭ ބުނިނަމަ ، ތަހުނިޔާއަށް މާ ރަނގަޅުވީހެވެ. މުރުތަޟާގެ އަޅައިލުމާއި އޯގާތެރިކަމުގެ ނިވަލުގައިވަނީ ، މުރުތަޟާއަށް ލިބެން އެއުޅޭ ދަރިފުޅެވެ. ތަހުނިޔާއެއް ނޫނެވެ. ތަހުނިޔާއަކީ ކަންކަމުގެ ސަބަބެވެ. އެއީ ތަހުނިޔާއަށް އިޙްސާސްވާ ގޮތެވެ.

ތަހުނިޔާގާތަށް ނިދިއަންނަންދެން ފޮތެއްކިޔާލަން އޮންނާނީކަމަށް ބުނެ ، މުރުތަޟާ ނިދަން ބޭއްވިއެވެ.

ދުވާލު ހަތަރުދަމު ، މަސައްކަތުގައި އުޅެފައި ހަވީރުގެ ވަގުތު ފެންވަރާލައިގެން ޖައްސައިލިތަނުން ތަހުނިޔާ ، ނިދިޖެހޭގޮތްވިއެވެ. ނިދެމުން ނިދެމުން ދަނިކޮށް ފޯނުގެ ރިންގވީއަޑަށް ސިއްސައިގެންގޮސް ކޮޅަށް ތެދުވެވުނެވެ. އެއީ ތަހުނިޔާގެ މަންމައެވެ. ވަރުބަލިވެގެން ޖައްސައިލިތަނުން ނިދިޖެހުނީކަމަށް ތަހުނިޔާ ބުންޏެވެ. މިދުވަސްކޮޅު ، ތަހުނިޔާ އެހާބުރަކޮށް އުޅުމަކީ ސާޖިދާއެދޭކަމެއް ނޫނެވެ. މުރުތަޟާގާތު ، ތަހުނިޔާއެއް އެވާހަކައެއް ނުދައްކާނެއެވެ.  އެކަން ހަމަޖައްސަން ކޮންމެވެސް ކަމެއް ކުރަން އެބަޖެހޭކަމުގައި ސާޖިދާއަށް ފެނުނެވެ. ސާޖިދާ ނިންމީ އެކަމާބެހޭގޮތުން މުރުތަޟާއާ ވާހަކަ ދައްކައިލުމަށެވެ. އެކަމަކު ، އެކަން ތަހުނިޔާ މަނާކުރިއެވެ. މުރުތަޟާއާ މަންމަ ، އެވާހަކަ ދައްކައިފިނަމަ ، މުރުތަޟާ ހީކުރާނީ މަންމަގާތު ، ތަހުނިޔާ އެކަމުގެ ޝަކުވާ ކުރީކަމުގައެވެ. މަންމަ އެއްވެސް ވަރަކަށް އެކަހަލަ ވާހަކައެއް މުރުތަޟާއާ ނުދެއްކުމަށް ތަހުނިޔާ އެދުނެވެ.

" މަންމާއެވެ ! އެއީ މުރުތަޟާއެވެ. އޭނާގެ މައްޗަށް އުފުލިގެންވާ ހުރިހާތަކުލީފެއްގެ އުނދަގޫ އަހަރެން މިއިނީ އުފުއްލައިގެންނެވެ. މުރުތަޟާއަށް އެއިން އެއްވެސްކަމެއް އިޙްސާސެއް ނުވެއެވެ. އަހަރެންގެ ޤުރުބާނީގެ އަގުވަޒަންކުރާކަށް މުރުތަޟާއަކަށް ނޭނގެއެވެ. މުރުތަޟާގެ އެހެން ގުޅުންތަކުގެ ތެރެއިން ، އޭނާގެ ދަރިފުޅު އަދި ، އަހަރެންނާ އޮތްގުޅުން ވަކިކޮށް ދެނެގަނެ ، އެގުޅުމަށް ދޭންވީ އަހަންމިއްޔަތުކަން ، މުރުތަޟާއަކަށް ނުވިސްނެއެވެ. " ތަހުނިޔާ އޭނާގެ ހިތާހިތާ ކިޔައިލިއެވެ.

ބަދިގެތެރޭގައި އަރުސަލާންއަށް ނާސްތާ ތައްޔާރުކުރަން އުޅެނިކޮށް ، އަރުސަލާން އައިސް އޭނާގެ ސްކޫލްބަސް އައި ވާހަކަ ބުންޏެވެ. އޭރު އަދި ނާސްތާ ތައްޔާރުކޮށެއް ނުނިމެއެވެ. އިރުކޮޅަކުން ، އަރުސަލާންގެ ގަމީހުގެ ގޮށެއް ނެއްޓުނުވާހަކަ ބުނެފިއެވެ. އަރުސަލާންއަށް ލަސްވާތީ ހެނދުނުގެ ނާސްތާއާނުލައި އޭނާ ސްކޫލަށްދާން ނިންމިއެވެ. ސްކޫލްގައި މެންދުރުކެއުން ނަގާނީއެވެ.

ނާސްތާނުކޮށް އަރުސަލާން ސްކޫލަށް ދާންޖެހުމަކީ ، ޙަފުޞާ ހިތްހަމަ ޖެހުނުކަމަކަށް ނުވިއެވެ. މުރުތަޟާވެސް އެތަނަށް އައިސް ، ނާސްތާ ނުކޮށް އަރުސަލާން ސްކޫލަށް ދިއުމުން ހިތްހަމަ ނުޖެހިގެން ތަހުނިޔާއާ ސުއާލު ކުރިއެވެ.

އަރުސަލާން ލަސްވި ސަބަބެއް ތަހުނިޔާއަކަށް ނޭނގުނެވެ. އަރުސަލާންގެ ގަމީހުގެ ގޮށެއް ނެއްޓުނީއެވެ. އިރުކޮޅަކުން ސްކޫލްބަސް އަތުވެއްޖެ އެވެ. ނާސްތާ ނިމުނުތަނާ ކައިގެންދާހާ ވަގުތެއް ނެތެވެ. ހުރިހާކަމެއްވެސް ދިމާވީ އެއްކަމެއް އަނެއްކަމަކަށް ވަގުތު ނުދީއެވެ. އެކުއްޖާފުޅުގެ ބަނޑަށް ކާއެއްޗެއްނުލައި ސްކޫލަށް ދިއުމަކީ ، ޤަބޫލުކުރެވޭނެކަމެއް ނޫންކަމަށް ޙަފުޞާ ބުންޏެވެ. އަރުސަލާންގެ ކަންކަން ފުރިހަމަކުރެވޭގޮތަށް ، ޔާހިރާގެ ތާވަލު ބަދަލުކޮށް ، އަރުސަލާނަށް ސަމާލުކަން ދިނުމަށް މުރުތަޟާ އެދުނެވެ. ޠާހިރާ އަންނަންދެން ، ޠާޙިރާ ބެލިގޮތަށް އެއްވެސް އުނިއިތުރު ކަމެއްނެތި އަރުސަލާން ބެލުމަށް ތަހުނިޔާގެ ކިބައިން މުރުތަޟާ އެދުނެވެ.

" މުރުތަޟާއެވެ ! އަހަރެންނަށް ކަންކަން ކުރެވޭނީ އަހަރެންގެ ގައިގާ ހަކަތަ ހުރި މިންވަރަކުންނެވެ. އަހަރެންގެ ނެތްހިތްވަރުލާފައި އެއްވެސްކަމެއް ނުކުރެވޭނެއެވެ. އަރުސަލާންގެ ކަންކަންވެސް ، އަހަރެންނަށް ވީވަރަކުން މިގެންދަނީ ފުރިހަމަ ކުރަމުންނެވެ. އަހަރެންނަށް ކުރެވެން އޮތް ވަރަކަށްވުރެ ބޮޑަކަށް ، އަހަރެންނަކަށް އެއްވެސްކަމެއް ނުކުރެވޭނެއެވެ. " ތަހުނިޔާ ބުންޏެވެ. (ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.