ފަލްސަފާ (73)

( 23 މާރިޗު 2024 ގައި ޝާއިޢުކުރި ބަޔާ ގުޅޭ )

ހެނދުނު ހޭލައިގެން ތެދުވެ ، ކުޑަދޮރުތަކުގެ ފޮތިތައް ، މުރުތަޟާ ކަހައިއަޑަށް އަދި މޫނަށް އަލިއެޅުމުން ، ތަހުނިޔާއަށް ހޭލެވުނެވެ. މުރުތަޟާއަށް ގޮވައިލުމަށްފަހު ، މިއަދަކީ އާދީއްތަދުވަސް ނޫންތޯ ތަހުނިޔާ ސުއާލު ކުރިއެވެ. އެއީ އާދީއްތަ ދުވަހެވެ. އެކަމަކު ، އެކަމާ ތަހުނިޔާ ކަންބޮޑުވާނެ ކަމެއްނެތެވެ. އެދުވަހުގެ ހެނދުނުގެ ނާސްތާ ތައްޔާރުކުރާނީ މުރުތަޟާކަމުގައި އޭނާ ބުންޏެވެ.

އެއީ ތަހުނިޔާ އެދޭގޮތެއްނޫނެވެ. މުރުތަޟާ ތެދުވަން ބޭނުމިއްޔާ ތެދުވާންވީއެވެ. އޭނާ ، ނާސްތާ ހަދައިދޭނެކަމަށް ތަހުނިޔާ ބުންޏެވެ. އެހެންނަމަވެސް ، މުރުތަޟާ ބޭނުންވީ ތަހުނިޔާ އަރާމު ކުރުމަށެވެ. އެއްވެސް ކަމެއް ކުރާނެކަމެއް ނެތެވެ. ތަހުނިޔާއަށް އެންމެ ބޮޑަށް މިހާރު ބޭނުންވާނީ އަރާމު ކުރުމެވެ. ތަހުނިޔާގެ މޫނުމައްޗަށް އުފާވެރިކަން ގެނެސްދިނުމަށްޓަކައި ، ރީތި މަލެއް މުރުތަޟާ ދިއްކޮށްލިއެވެ. މުރުތަޟާ ދައްކަންވެފައި ވަރަށްގިނަ ވާހަކަ އެބަހުރިކަމަށާއި ، ތައްޔާރުވެލައިގެން އިރުކޮޅަކުން ، ސައިބޯން އައުމަށްބުނެ ، މުރުތަޟާ ބަދިގެފަރާތަށް ދިޔައެވެ. ކޮޓަރިން ނުކުތުމުގެ ކުރިން މުރުތަޟާ ތަހުނިޔާއާ ދިމާލަށް ބަލައިލިއެވެ. ތަހުނިޔާގެ މޫނުމަތިން ފާޅުވާންހުރި އުފާވެރިކަން ދެކެލުމަށްޓަކައެވެ. އަސްލުވެސް ، ތަހުނިޔާ އިނީ ހިނިތުންވެލައިގެން ، ވަރަށް އުފާވެރި ގޮތަކަށެވެ. މުރުތަޟާ ދިއުމާއެކު ، އެމަލުން ދުވާ މީރުވަސް ބަލައިލުމަށްފަހު ، ތަހުނިޔާ ހަމަޖެހުމުގެ ނޭވާއެއްލިއެވެ. ކުރީރޭ ، އެދިމާވިކަންކަން އޭނާގެ ހިތުގައި އެއްވެސް ވަރަކަށް މިހާރަކު ނެތެވެ. އުފަލެއް ލިބެން އޮތިއްޔާ އޭގެބޭނުން އެންމެ ފުރިހަމަގޮތުގައި ހިފާނީއެވެ. އަދި ހިތާމައާއި ކެކުޅުން ލިބޭވަގުތު އެކަމަށް ޝުކުރުކޮށް ކެތްކޮށްލާނީއެވެ. އެއީ އޭނާގެ ދުނިޔެކަން ތަހުނިޔާ ދެނެގަތެވެ.

ފާޚާނާއަށްވަދެ ތައްޔާރުވެލައިގެން ، ތަހުނިޔާއަށް ބޭރަށް ނުކުމެވުނުއިރު ، މުރުތަޟާހުރީ ސައިތައްޔާރު ކޮށްފައެވެ. ސައިތައްޔާރުކޮށްފައިހުރީ ، ގޯތިތެރޭގައި މޭޒެއްބަހައްޓައި ވަރަށް އުފާވެރި މާޙައުލެއް އުފައްދާފައެވެ. ތަހުނިޔާ ފެނުމާއެކު ، މުރުތަޟާއައިސް ތަހުނިޔާޣެ އަތުގައި ނިކަންލޯބިން ހިފާލައިގެން ގެންގޮސް މަޑުމަޑުން ، ގޮނޑީގައި ބޭންދިއެވެ. ތަހުނިޔާ އިނީ ހެވިދިލިފައެވެ.

" މިފަދަ އުފާވެރި ހިތްގައިމު ވަގުތުތަކަށް ފުރުސަތުދޭންލިބުނު ، އަގުހުރި ދުވަސްތައް ، އެއްވެސް ވިސްނުމެއްނެތި އަހަރެމެންނަށް މިވަނީ ބޭކާރު ކުރެވިފައެވެ. އަހަރެންނަށް އެކަން އެބަ ، މިހާރު އިޙްސާސް ކުރެވެއެވެ. އެކަމަށްޓަކައި ، ތަހުނިޔާ އަހަރެންނަށް މަޢާފު ކުރާށެވެ. ދެން ، އެހެންނެއް ނުވާނެއެވެ. އަހަރެމެން ދިރިއުޅޭނީ އެކަކު އަނެކަކަށްޓަކައެވެ. " މުރުތަޟާ ބުންޏެވެ.

ތަހުނިޔާއަށް ހީވީ ހުވަފެނެއްގައި އުޅެވޭހެންނެވެ. މުރުތަޟާއަށް ގޮވައިލުމަށްފަހު ، އެއީ އަނެއްކާ ހުވަފެނެއް ނޫންތޯ މުރުތަޟާއާ ސުއާލު ކޮށްލިއެވެ. އެއީ ފަހަރެއްގައި ހުވަފެނަކަށްވެސް ވެދާނެކަމަށް މުރުތަޟާ ބުންޏެވެ. އެކަމަކު ، އަހަރެމެން ދެމީހުން ގުޅިގެން ، އެކަން ޙަޤީޤަތަކަށް ހަދާނީއެވެ. " މުރުތަޟާ ބުންޏެވެ.

ތަހުނިޔާގެ މޫނުމަތިން އުފާވެރިކަމުގެ އިޙްސާސްތައް ފާޅުވިއެވެ. ހިނިތުންވެލުމުން ، ހިތުގެ ހުރިހާ އުދާހެއް ބޭރުކޮށްލެވުނެވެ. ސައިބޮއެނިމިގެން ތަހުނިޔާއާއި މުރުތަޟާދިޔައީ ، ބާޒާރުކޮށްލާށެވެ. ދެމަފިރިން އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލައި ، ހިތަށް ހަމަޖެހުން ގެނެސްދިނުމަށެވެ.

އަނެއްކޮޅުން ، އެމެރިކާއަށް ފުރުމަށްޓަކައި ނޫރު ގެއިން ނުކުތެވެ. އޭނާ އެއަރޕޯޓަށް ގެންގޮސްދިނުމަށްޓަކައި އެކުގައި ކާރުގައި ދިޔައީ ހާރިސް އެވެ. އެންމެންނާ ސަލާންގަލާންކުރަމުން ދަނިކޮށް ، މުރުތަޟާއާއި ތަހުނިޔާ ގެޔަށް އައި މަގުމަތީ އެހިސާބަށް އާދެވުމާއެކު ، މުރުތަޟާ ކާރުހުށްޓައިލިއެވެ. މުރުތަޟާއާއި ތަހުނިޔާ ، ކާރުންފައިބައިގެން އައިސް ހާރިސް އާއި ވަޞީމާ ސަލާމް ކޮށްލިއެވެ. ތަހުނިޔާވެސް ނޫރުއަށް ގޮވާލައި ހިތްހެޔޮ ކުރުމަށް އެދުނެވެ. އަދި ކޮންމެ ތާކު ހުރިނަމަވެސް އުފަލުގައި ހުރުމަށް އެދުނެވެ.

އެނގިގެންނާއި ނޭނގިނަމަވެސް ، އެމީހުންގެ ހިތަށް އުނދަގޫވާފަދަ ކަމެއް ކުރެވިފައި އޮތިއްޔާ އެކަމަށް ، ނޫރު މަޢާފަށް އެދުނެވެ. އަދި ، ޝަކުވާގެ ހުރިހާ ޞަފުޙާތަކެއް ވީދާލާފައި ފުރައިގެންދާން ބޭނުންވާކަމަށް ނޫރު ބުންޏެވެ. މުރުތަޟާހުރީ ، އަނގައިންވެސް ނުބުނެ ، ދުރުބަލަހައްޓައިގެންނެވެ. މުރުތަޟާ އެއްޗެކޭ ބުނޭތޯ ، ކާރަށް އަރަމުން އަދި އެއްފަހަރު މުރުތަޟާއާދިމާއަށް ނޫރު ބަލައިލިއެވެ. އެހެންނަމަވެސް މުރުތަޟާ ، ނޫރުއާ ދިމާއަށް ބަލައިވެސް ނުލައެވެ.

ނޫރުމެންގެ ކާރުގޮސް އޮބާލަންދެން އެންމެން ބަލަހައްޓައިގެން ތިއްބެވެ. އެއަށްފަހު ، މުރުތަޟާއާއި ތަހުނިޔާވެސް އެމީހުންގެ ގެޔަށް ވަނެވެ. މުރުތަޟާގޮސް ، ގޮނޑީގައި އަތްވިއްދާލައިގެން ހުރިތަން ތަހުނިޔާއަށް ފެނުނެވެ. އެކަމާ ތަހުނިޔާވެސް ހުރީ އުނދަގޫ ވެފައެވެ. އަދި މުރުތަޟާއަށް އުނދަގޫވެފައިހުރިކަން ، ތަހުނިޔާއަށްވެސް އިޙްސާސްކުރެވުނެވެ. މުރުތަޟާ ހިންދެމިލާފައި އައިސް ތަހުނިޔާ ގާތުގައި ހުއްޓިލިއެވެ. އަދި މުރުތަޟާ އެހުރީ އުނދަގޫވެފައި ނޫންކަމަށާއި އެކަމާ ތަހުނިޔާ ކަންބޮޑުނުވުމަށް އެދުނެވެ. މުރުތަޟާ އައިސް ތަހުނިޔާގެ އަތުގައި ހިފައިލުމަށްފަހު ، ޝުކުރު އަދާކުރިއެވެ. މުރުތަޟާ އެބުނީ ކީކޭކަން ތަހުނިޔާ ދެނެގަތެވެ.

އެއާޕޯޓަށް ދިއުމަށްޓަކައި ގެއިން ނުކުމެގެން ދަތުރުކުރަން ޖެހެނީ ދިގު މަގަކުންނެވެ. މުޅި އެ ދަތުރުގައި ، ނޫރުއިނީ ހިތްދަތިކަމުން ހާސްވެފައެވެ. ރަށުން ފުރައިގެން ދާންޖެހުމާއެކު ، އެރަށުގައި އޭނާއާއި މުރުތަޟާ ހޭދަކޮށްފައިވާ އުފާވެރި ވަގުތުތަކުގެ މަންޒަރުތައް ނޫރުގެ ކުރިމައްޗަށް ނިއުޅެމުން ދިޔައެވެ. ނޫރުއަށް ވަމުންދާގޮތް ، ކާރުދުއްވަމުންދިޔައިރު ، ހާރިސްއަށްވެސް އިޙްސާސް ކުރެވުނެވެ. އަދި ، އޭނާގެ ލޮލުންވެސް ހުރީ ކަރުނަ ފާއްދާލާފައެވެ. ނޫރުގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ބޭބެއަށް ނުދެއްކުމަށްޓަކައި އަނެއްފަރާތަށް އެނބުރިއިނދެ ، ފުހެމުން ގެންދިޔައެވެ.

މުރުތަޟާހުރީ ، ގޭގެ ބެލްކަނީއަށް ނުކުމެ އެކަންޏެވެ. އޭނާގެ ކުރިމަތިން އެފެންނަނީ ނޫރުމެންގޭގެ ބެލްކަންޏެވެ. އެއީ ނޫރުއާއި އޭނާ ، ސިއްރުން ވާހަކަދައްކަމުން ގެންދިޔަ ދެ ބެލްކަންޏެވެ. މުރުތަޟާ އެތާ ހުއްޓައި ، ތަހުނިޔާވެސް އައިސް ދުރުގައި މަޑުކޮށްލިއެވެ. މުރުތަޟާ އެ އިޙްސާސްކުރަމުންދާ މަންޒަރުތައް ތަހުނިޔާއަށްވެސް ފެންނަ ކަހަލައެވެ. އެދެމީހުން ބެލްކަންޏަށް ނުކުމެ ތިއްބާ ، ނޫރު ދަތުރުކުރާ މަތިންދާބޯޓު ، އެގޭމަތިން އުދުހިފައި ދިޔަތަން ބަލަހައްޓައިގެން ދެމީހުންވެސް ތިއްބެވެ. މުރުތަޟާއަށް ހުސް ވަގުތުކޮޅެއް ދިނުމަށްޓަކައި ، އޭނާއަށް އުނދަގޫނުކޮށް ، ތަހުނިޔާ މަޑުމަޑުން ހިނގައިގޮސް ގޭތެރެޔަށް ވަނެވެ. ތަހުނިޔާ އެތަނަށް އައިކަމެއް މުރުތަޟާއަކަށް ނޭނގޭނެއެވެ. ކުޑައިރުކޮޅެއް މުރުތަޟާއަށް ދިނުމަށްފަހު ، ތަހުނިޔާ އައިސް މުރުތަޟާއަށް ގޮވައިލިއެވެ. ތަހުނިޔާ އައީ ފޮޓޯ އަލްބަމެއް ހިފައިގެންނެވެ. އެއީ އެމީހުންގެ ކައިވެނީގެ ފޮޓޯތައް ހުރި އަލްބަމެވެ. ދެމީހުން އެކީގައިތިބެ ، އެއަލްބަމް އަދި ބަލައިލެވިފައެއް ނުވެއެވެ. އެހެންކަމުން ، އެކުގައި އިށީނދެތިބެ ، އަލްބަމް ބަލައިލުމަށް އައުމަށް މުރުތަޟާގާތު ، ތަހުނިޔާ އެދުނެވެ. މުރުތަޟާ އައިސް ތަހުނިޔާގާތު ޖައްސާލައި ، ފޮޓޯތައް ބަލަމުން ، އެކަކު އަނެކަކަށް ސަމާސާ ކުރަމުން ގެންދިޔައެވެ.

މެންދުރު ބޭރަށްގޮސް އުޅެފައި މުރުތަޟާ ގެޔަށް އައިމަގުމަތީ ، ތަހުނިޔާއަށް މާބޮނޑިއެއް ގެނެސްދިނެވެ. އެދެމީހުން ރާވާފައި އޮތީ މެންދުރު ކެއުމަށް ބޭރަށް ގޮސްލުމަށެވެ. ތަހުނިޔާވެސް ، މުރުތަޟާ ގެޔަށް އައިސް ބޭރުގައި މަޑުކޮށްލިތަނުން ، ތައްޔާރުވެލައިގެން އަތުވެއްޖެއެވެ. ގޭގައި މިވަގުތު ތިބީ އެދެމީހުން އެކަންޏެވެ. މަންމަމެން އައިމަ އެމީހުން އެކުގައި ބޭރަށްގޮސްލާކަށް ވަގުތެއް ނުވާނެއެވެ. އެހެންކަމުން ، މެންދުރުގެ ކެއުން ބޭރުން ނިންމައިލުމަށް ރޭވީ މުރުތަޟާއެވެ.

" ދެމީހަކު ކައިވެންޏެއްގެ ގުޅުމުން އެކުގައި އުޅެންޖެހިއްޖެނަމަ ، ކޮންމެވެސް ވަރަކަށް ކުނިޖެހޭނެއެވެ. އެއީ ކަމެއްނޫނެވެ. އެކަކު އަނެކަކަށް އަޅާލައި އެހީތެރިވުމުން އެކަހަލަ ކުދިކުދި ކުނިޖެހުން ކަމަކަށްނުވެ ނިމިދާނެއެވެ. އެންމެ އުފާވެރި ވަގުތަކަށްވާނީ ، އެމީހަކު ލޯބިވާމީހަކާ އެކީގައި ވަގުތު ހޭދަކުރެވުމެވެ. " މުރުތަޟާ ބުންޏެވެ.

ވިސްނައި ނުލާ ، މުރުތަޟާ އެންމެފަހުން އެބުނި ޖުމްލައިން ތަހުނިޔާގެ މޫނުމަތީގެ ކުލަ ބަދަލުވެގެން ދިޔައެވެ. މުރުތަޟާ އެހެން އެބުނީ ކޮންމެ މާނައެއްގައިކަމަށްވިޔަސް ، އެއީ ތަހުނިޔާގެ ހިތަށް އުނދަގޫވި ޖުމްލައެކެވެ. ތަހުނިޔާދެކެ ލޯބިވާވާހަކަ ، މުރުތަޟާގެ ދުލުން އަދި މިހާތަނަށް ބޭރުވެފައެއް ނެތެވެ. އެހެންނަމަވެސް ، ނޫރުދެކެ މުރުތަޟާ ލޯބިވާކަން ، ތަހުނިޔާގެ ހިތުން ފިލައިގެންނެއް ނުދެއެވެ.

ކާރުގައި ޖައްސައިލިތަނުން ، ތަހުނިޔާގެ ލޮލަށް ސިފަވެގެން އެދިޔައީ ، ދެލޯބިވެރިޔަކު ސަމާސާކުރަމުން ގޮނޑުދޮށުގައި ދުވަމުންގެންދާ މަންޒަރެވެ. އެވަގުތު އަންހެންކުއްޖާ ހުށްޓިލައި ، ތަހުނިޔާއާ ދިމާއަށް ބަލައިލިއެވެ. އެއީ ނޫރުއެވެ. އޭނާގެ ޢިޝާރާތުން ބުނަމުން އެގެންދިޔައީ މުރުތަޟާ އަދިވެސް ހުރީ ނޫރުއާއެކީގައި ކަމުގައެވެ. އޭރު ، އަންހެންކުއްޖާގެ ފައިކުރި އޮޅާލަދެމުން ގެންދިޔަ ފިރިހެނަކީ މުރުތަޟާކަމަށް ތަހުނިޔާގެ ލޮލަށް ސިފަވެގެން ދިޔައެވެ. މުރުތަޟާ އައިސް ކާރަށް އެރިއިރު ، ތަހުނިޔާ އިނީ ޚިޔާލީ ދުނިޔެއަކަށް ގެއްލިފައެވެ. ކިހިނެއްވީތޯ އަހައި މުރުތަޟާ ކުރި ސުއާލަށް ތަހުނިޔާ ސިއްސައިގެން ދިޔައެވެ. އަދި އެއްވެސްކަމެއް ނުވާކަމަށް ތަހުނިޔާ ބުންޏެވެ. ލޯމަރައިލާފައި އަލުން ބަލައިލިއިރު ، ތަހުނިޔާގެ ކުރިމަތިން އެފެނުނީ ނޫރުއެއް ނޫނެވެ. މުރުތަޟާއެއްވެސް އެތާކު ނެތެވެ. އެއީ އެހެން ދެމީހެކެވެ. މުރުތަޟާ އެންމެފަހުން އެބުނި ޖުމްލައާ ، ތަހުނިޔާއަށް އެ ޙާދިސާ ގުޅުވައި ލެވުނެވެ. ދާންވީ ކޮންތާކަށްތޯ މުރުތަޟާ ސުއާޅު ކުރިއެވެ. ތަހުނިޔާ ބޭނުންވީ ، އަތިރިމައްޗަށް ޖައްސައި ލުމަށެވެ. އެކަމާ މުރުތަޟާއަށް ލިބުނީ ޙައިރާން ކަމެކެވެ. އެއީ ، ދުވަހަކުވެސް ތަހުނިޔާ ދިޔަތަނެއްނޫނެވެ. އެހެންކަމުން ، އަތިރިމައްޗަށްގޮސް ކުރާނެ މާބޮޑުކަމެއް ނޯންނާނެ ވާހަކަ ބުނެ ، ރެސްޓޯރެންޓަކަށް ގޮސް ކައިލިއްޔާ މާ ރަނގަޅުވާނެކަމަށް މުރުތަޟާ ބުންޏެވެ.

ތަހުނިޔާ ބޭނުންވީ ، އަތިރިމައްޗަށްގޮސް ، ރާޅުއަރާފަށުގައި ހުސްފަޔާ ހިނގައިލުމަށެވެ. މުރުތަޟާއާ އެކީގައެވެ. ތަހުނިޔާ އެބުނި ވާހަކަޔަކުން މުރުތަޟާގެ ހިތަށް ކޮންމެވެސް ވަރެއްގެ އުނދަގުލެއް ލިބުނުކަން ތަހުނިޔާއަށް އިޙްސާސް ކުރެވުނެވެ. އަދި އެއީ އޭނާއަށް ވިސްނައި ނުލާ ބުނެވުނު ވާހަކައެއްކަމަށް ބުނެ ، މުރުތަޟާ ބޭނުންތަނަކަށް ދިއުމަށް އެދުނެވެ. ރަނގަޅު ރެސްޓޯރެންޓަކަށް ގޮސް ، މީރުކޮށް ކާލެވުނަސް ތަހުނިޔާއަށް އެންމެ ރަނގަޅެވެ. އޭރަށްވެސް އެވަގުތުކޮޅު ، މުރުތަޟާއާއެކީ ހޭދަކޮށްލުމަށް އޭނާއަށް ފުރުސަތު ލިބިގެންދާނެއެވެ. އެވަގުތު މުރުތަޟާއަށް ހަނދާންވީ ، އޭނާބުނި ވާހަކަޔަކަށް ތަހުނިޔާ ދިން ޖަވާބެވެ. މައްސަލަ ޖެހިގެން އުޅުނުއިރު ބީޗަކަށް ގެންގޮސް ތަހުނިޔާގާތު ، މުރުތަޟާ ބުނި އެވާހަކަތަކާއި ތަހުނިޔާދިން ޖަވާބު ، އަދިވެސް މުރުތަޟާގެ ހިތުގައި ހަރުލާފައި އެބަހުށްޓެވެ.

" ދިރިއުޅުމަކީ ދަތުރަކަށް ދެވިފައި އޮންނަ ނަމެކެވެ. އަހަރެމެން އެންމެންނަކީވެސް އެދަތުރުގެ ބައިވެރިންނެވެ. އެހެނަސް ، އެކުގައި ދަތުރުކުރާ ދެބައިވެރިޔަކު ، ބީރަށްޓެހިވެ ، އެކަކު ކުރާކަމެއް އަނެކަކަށް ނޭނގި އެދަތުރު ކުރިޔަށްދާނަމަ ، ދާންވީދިމާ އޮޅޭނެއެވެ. އެކަން އެހެން ދިމާވެއްޖެނަމަ ، ދެން އޮންނާނެ އެންމެ ރަނގަޅު ގޮތަކީ ، ދެމީހުންގެ މިސްރާބު ބަދަލު ކުރުމެވެ.

" ނޫނީ އެކުގައި ދަތުރުކުރާ މީހާ ބަދަލު ކުރުމެވެ. " މުރުތަޟާގެ ބަސް ތަހުނިޔާ ފުރިހަމަ ކޮށްދިނެވެ. "

މުރުތަޟާގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އަދި ގޮނޑުދޮށަށް ގޮސްލާނީއޭ ބުނެ ، ކާރު ދުއްވައިލިއެވެ.

އަތިރިމައްޗަށްގޮސް ، އެތާހުރި ގޮނޑިއެއްގައި މުރުތަޟާ އާއި ތަހުނިޔާ އިށީނދެލައިގެން މޫދަށް ބަލަހައްޓައިގެން ތިއްބެވެ. މޫދުދެކެ ، ވަރަށް ބިރުގަންނަކަމުގައި ތަހުނިޔާ ބުންޏެވެ.

" އަހަރެން ދޫކޮށްނުލައްޗެވެ. މުރުތަޟާގެ އަތް އަހަރެންގެ އަތުން ދޫކޮށް ނުލައްޗެވެ. " ތަހުނިޔާ ބުންޏެވެ.

އެހާވަރަށް ބިރުގަންނަންޏާ ، އެތަނަށް އަންނަން އެހާބޮޑަށް ބާރުއެޅީ ކީއްވެތޯ މުރުތަޟާ ސުއާލު ކުރިއެވެ. ތަހުނިޔާ ބޭނުންވީ އޭނާގެ ހިތުގައި އޮތް އެ ބިރުވެރިކަން ދޫކޮށް ނެތިކޮށްލުމަށެވެ. އަދި ، މުރުތަޟާ އަބަދުވެސް ހުންނާނީ އޭނާއާއެކީގައިކަން އިޙްސާސް ކޮށްލުމަށެވެ. އެކަން ޔަޤީން ކުރުމަށެވެ. އަދި ، މުރުތަޟާ އޭނާއާއެކީ އުފަލުން ދިރިއުޅުމަށެވެ. އެއްވެސް މަޖުބޫރުކަމެއް ނެތިއެވެ. ތަހުނިޔާގެ ސުއާލުތަކަށް ، މުރުތަޟާ އެއްވެސް ޖަވާބެއް ނުދެއެވެ. އެހެންނަމަވެސް ، ތަހުނިޔާ ލަދުގަންނަންދެން ، ތަހުނިޔާގެ ލޮލަށް ބަލަހައްޓައިގެން އިނެވެ. މުރުތަޟާއަށްޓަކައި ތަހުނިޔާގެ ހިތުގައި އުފެދިފައިވާ ލޯބި ، އެލޮލުން ފާޅުވާން ހުށްޓެވެ. އަދި ، އެލޯބި ،  މުރުތަޟާއަށް ރަނގަޅަށް އެބަ ފެނެއެވެ.

ޠާހިރާގެ ދައްތައަށް ހާޓްއެޓޭކެއް ޖެހުމާގުޅިގެން ، ޙަފުޞާ އެނބުރިއައުން ތަންކޮޅެއް ލަސްވިއެވެ. މުރުތަޟާވެސް އެދުނީ އިހަށް ދައްތަގާތު ޙަފުޞާ މަޑުކޮށްލުމަށެވެ. އެއީ ތަހުނިޔާއާއި މުރުތަޟާއަށް މައްސަލަޔަކަށް ނުވާނެއެވެ. (ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.