ފަލްސަފާ (72)

( 21 މާރިޗު 2024 ގައި ޝާއިޢުކުރި ބަޔާ ގުޅޭ )

އޭނާ ސުއާލެއްކޮށްލަންތޯ ؟ މުރުތަޟާކުރެން ތަހުނިޔާ އެއްސެވެ. ނޫރުއާއި މުރުތަޟާ ކައިވެނިކުރަން ނިންމާފައި އެބައޮތް ނޫންތޯ ތަހުނިޔާ ސުއާލު ކުރިއެވެ. ނޫރުއާ ބެހޭ އެއްވެސް ވާހަކައެއް އިތުރަށް ނުދެއްކުމަށް ، މުރުތަޟާއާއި ތަހުނިޔާ އެއްބަސްވެފައި އޮތްކަން ، ތަހުނިޔާއަށް މުރުތަޟާ ހަނދާން ކޮށްދިނެވެ. އެހުރިހާ ވާހަކައެއް ދައްކާފަ އެދިޔައީ ، އަމިއްލަ އެދުމުން ފޯވެފައިހުރި ނާކާމިޔާބު އަންހެނެކެވެ. އެކަހަލަ ރަނޑާލި އަންހެނަކު ދައްކާ ވާހަކަ ، އަޑުއަހާނެކަމެއް ނެތެވެ. ޢާއިލާއެއްގެ އެންމެން އެއްގަލަކަށް އަރުވައި އެއްވިސްނުމެއްގައި ސާބިތުވެ ތިބުމަށް މަސައްކަތްކުރާ އަންހެނަކީ ، ނޫރު އެ ވާހަކަދެއްކި ކަހަލަ އަންހެނަކަށް ނުވާނެއެވެ. ކާމިޔާބު އަންހެނުންނަކީ އެއީއެވެ.

ތަހުނިޔާޣެ ދިރިއުޅުމުގައި މިހާރުވެސް އަދި ފަހުންވެސް ، ހިތްއެދޭ އެއްވެސްކަމެއްކުރަން ބޭނުންވެއްޖެ ހިނދެއްގައި ، މުރުތަޟާ ހުންނާނީ ތަހުނިޔާއާއެކީގައިކަމަށް މުރުތަޟާ ވަޢުދުވިއެވެ. ތަހުނިޔާވެސް އޭނާގެ ޟަމީރުގެ ނިންމުމާ އެއްގޮތަށް މުރުތަޟާއާއެކީގައި ހުންނާނެއެވެ. ދުވަހެއްގެ ކޮޅުންވެސް ، އެއްވެސް ޙާލެއްގައި ، މުރުތަޟާއާ ވަކިވުމަކަށް ނުވިސްނާނެއެވެ.

ހެނދުނު ހޭލެވުނުއިރު ، މުރުތަޟާއަށް ފުރަތަމަވެސް ފެނުނީ ، ގަދަނިދީގައި އަރާމުގައި ނިދާފައޮތް ތަހުނިޔާއެވެ. އިރުކޮޅަކު ތަހުނިޔާއާދިމާއަށް ބަލަހައްޓައިގެން އޮތުމަށްފަހު ، ހިތަށް އެލިބުނު އަރާމުގައި ލޯމަރައިލެވުނެވެ. އެހެނަސް ، އެއަށްވުރެ އަވަހަށް ދެހޯހުޅުވުނެވެ. ހެނދުނު އޮފީހަށްދާން ވަރަށް ލަސްވެއްޖެކަން އިޙްސާސް ކުރެވުނެވެ. ތެދުވެގެން ތިރިޔަށްގޮސް ، ބަދިގެތެރެޔަށް ވަދެ ، ކޮފީއެއް ހަދައިގެން ބޯން ހުއްޓާ ، ދުވަމުންދުވަމުން ތަހުނިޔާ އައެވެ. އަދި އޭނާއަށް ނުގޮވައި ތެދުވެގެން އައިސް އަމިއްލަޔަށް ކޮފީހެދީ ކީއްވެތޯ ސުއާލު ކުރިއެވެ. ތަހުނިޔާއަށް އަރާމު ބޭނުންވާކަމާއި ، މަންމަގާތު އެކަމަށް އޭނާ ވަޢުދުވެފައިވާކަން މުރުތަޟާ ހަނދާން ކޮށްދިނެވެ.

ދެން އެހެން ނުހެދުމަށާއި ، އެއީ އާދައަކަށް ވެއްޖިއްޔާ ތަކުލީފަކަށް ބަދަލުވެދާނެކަމަށް ބުނެ ތަހުނިޔާ ސަމާސާ ކޮށްލިއެވެ. މުރުތަޟާ ބުނިގޮތުގައި ތަހުނިޔާގެ އާދަތައް ބަދަލުކޮށްލާނީ އޭނާއެއްނޫނެވެ. އެ އާދަތައް ފޫއަޅުވާލައި ، އެއީ ތަހުނިޔާއަށް އުފާވެރިކަމަކަށް ބަދަލުކޮށްލަދޭނެ މެހެމާން ދާދި އަވަހަށް ، އިރާދަކުރެއްވިއްޔާ އަންނާނެއެވެ. އެކަމާ ކަންބޮޑު ނުވާށެވެ.

" ތަހުނިޔާއެވެ ! އަހަރެންގެ ޢާއިލާގެ އެންމެންނަކީވެސް ، ވަރަށް ރަނގަޅު ބަޔެކެވެ. އެކަން ތަހުނިޔާއަށްވެސް މިހާރު އޮންނާނީ ތަކުރިބާ ކުރެވިފައެވެ. " މުރުތަޟާ ބުންޏެވެ.

މުރުތަޟާގެ އެބަހަށް އާނއެކޭބުނެ ، ތަހުނިޔާ ޖަވާބު ދިނެވެ. މުރުތަޟާ އޮފީހަށް ދާންލަސްވާކަން ތަހުނިޔާ ހަނދާން ކޮށްދިނެވެ. މުރުތަޟާ އޮފީހުން މެންދުރު ، ގެޔަށް އަންނަމުން ތަހުނިޔާއަށް ކާއެއްޗެއް ގެންނަން ބޭނުންވާކަމަށް ބުނެ ، ލިސްޓެއްކިޔައި އޭގެތެރެއިން ތަހުނިޔާ ބޭނުންވަނީ ކޮން އެއްޗެއްތޯ ސުއާލުކުރިއެވެ. އޭގެ ތެރޭގައި ތަހުނިޔާ ބޭނުންވާ ވަކި އެއްޗެއް ނެތެވެ. މުރުތަޟާ ގެންނަ ކޮންމެ އެއްޗެއްވެސް އޭނާ އުފަލާއި ޝުކުރުވެރިކަމާއެކު ކާނެއެވެ.

ރޭގަނޑަށް އެއްޗެއް ތައްޔާރުކުރާނެކަމެއް ނެތްކަމަށާއި އެއްޗެއް އޯޑަރުކޮށްލައިގެން ކާލާނީކަމަށް މުރުތަޟާ ބުނުމާއެކު އެކަމަށް ތަހުނިޔާ ދެކޮޅު ހެދިއެވެ. ބޭރުން އޯޑަރުކޮށްގެން އެއްޗެއް ކާނެކަމެއް ނެތްކަމަށާއި ، ރޭގަނޑުގެ ކެއުން ތަހުނިޔާ ތައްޔާރުކުރާނެކަމަށް ބުންޏެވެ.

ތަހުނިޔާ އޭނާގެ މަންމަޔަށް ގުޅައި މުރުތަޟާއަށް މީރުވާނެ އެއްޗެއްގެ ރެސިޕީ ހޯދިއެވެ. އަދި ، މުރުތަޟާ މެންދުރު އަންނަންވާއިރަށް މީރުއެއްޗެއް ކައްކަން ތައްޔާރުވިއެވެ.

އޮފީހަށްގޮސް މުރުތަޟާއަށް ހަމަޖެހިނުލެވިގެން އުޅެނިކޮށް ، ޓަކިޖަހާލާފައި ނޫރު އައިސް ވަނެވެ. މުރުތަޟާއިނީ ނޫރުއާ ވާޙަކަ ދައްކަން ބޭނުންވާވަރަށްވުރެބޮޑަށް ނޫރުދެކެ ، ރުޅި އައިއްސައެވެ. ނޫރު ، އައިގޮތަށް އައިސް އަނގައިންވެސް ނުބުނެ ، މުރުތަޟާގެ ކުރިމަތީގައިހުރި ގޮނޑީގައި އިށީނދެލިއެވެ. އެކަކުވެސް އަނެކަކާ ދިމާލަކަށް ބަލައެއް ނުލައެވެ.

ވާޙަކަ ދައްކަން ފެށްޓީ ނޫރުއެވެ. މުރުތަޟާ ވަރަށް ނިކަމެތިވެއްޖެކަމަށް ބުނަމުންނެވެ. އެކަން މުރުތަޟާގެ ޢަމަލުން ސާބިތުކޮށްދީފިކަމުގައި ނޫރު ބުންޏެވެ. ނޫރުގެ މުޅި ޢުމުރުގައިވެސް އޭނާއަށް ކުރެވުނު އެންމެ މޮޔަކަމަކީ ، މުރުތަޟާ ދެކެ ލޯބިވުމެވެ. މުރުތަޟާއަށް ވަފާތެރިވާނެކަމަށް އޭނާއަށް ވަޢުދު ވުމެވެ.

ނޫނެކޭ ބުނެ މުރުތަޟާ ، ނޫރުއަށް ޖަވާބު ދިނެވެ. އޭނާ އެންމެ އުފާވަނީ އޭނާއަށް ނޫރުއާއެކު ހޭދަކުރެވުނު ދުވަސްތަކުން ހިތްވަރު ލިބުމެވެ. ނޫރުގގެ ބައްޕަ ވަޞީމާ ބައްދަލުވީ ހިނދު ، ބޭބެ އޭނާއަށްދިން ނަސޭޙަތް ވަރަށް ބޭނުންތެރި އެއްޗަކަށްވީކަމުގައި މުރުތަޟާ ބުންޏެވެ. ނިކަމެތި މީހުންނަކީ ، އެމީހުންނަށް ދިމާވާކަންކަން ފަހަތަށް ދޫކޮށްފައި ކުރިޔަށް ވިސްނައިނުލާ މީހުންނެވެ. އަދި ، އެޙާލަތުގައި ބަލިކަށިވާ މީހުންނެވެ. ހަރުދަނާމީހުންނަކީ ، ތިމާއަށް ފައިދާހުރިކަންކަމުގައި ހިތްވަރު ލިބިގެން އެހެންމީހުންނަށްވެސް އެހީތެރިވާ މީހުންނެވެ. ތިމާގެ ކުރިމައްޗަށް އަންނަ ފުރުޞަތުތައް ނަގައި ކޮނޑަށްލައިގެން އެހެންމީހުން ދޫކޮށްލާ މީހުންނެއް ނޫނެވެ. ބޭބެގެ އެބަސްތަކަކީ ، މުރުތަޟާއަށް ވަރަށް އަގުހުރި ބަސްތަކަކަށް ވިއެވެ.

ޙާލަތާ ކުރިމަތިނުލާންވެގެން ނޫރުދޫކޮށްލުމުން ، މުރުތަޟާގެ ހިތަށް އެއްވެސް އަސަރެއް ނުކުރިކަމަށް ނޫރު ބުންޏެވެ. އެހުރިހާ ކަމަކާ ހަނގުރާމަކުރަމުން އައިސް ނޫރުގެ އުއްމީދުގައި ކުލަޖެހެމުންދަނިކޮށް ، ނޫރުދޫކޮށްލުން އެއީ ހިތްވަރުގަދަ މީހުންނަށް ވަނީ ކިހިނެއްތޯ ނޫރު ސުއާލުކުރިއެވެ. ނޫރުއަށް ގޯހެއްހެދޭއިރު އެކަން އަދި ރަނގަޅުމަގެއް ފެންނަހިނދު އެމަގު ރަނގަޅަށް ސާފުވާނެނަމަ ކިހާ ރަނގަޅުހޭ މުރުތަޟާ ބުންޏެވެ. ނޫރުއަކަށް ޙާލަތާގުޅޭގޮތުން ، މެދުމިންވަރެއްގައި ހިފަހައްޓާކަށް ، އެއްގޮތަކަށްވެސް ނޭނގެއެވެ.

" އަހަރެންގެ ވާހަކަ އަޑުއަހާށެވެ ! އަހަރެންނާމެދު ވިސްނައި މުރުތަޟާގެ ސިކުނޑި ހާސްކުރުމުގެ ބޭނުމެއް ނެތެވެ. އަހަރެން އަމިއްލަޔަށް ، އަހަރެންގެ ކަންކަން ބަލަހައްޓާނަމެވެ. އެ ފެންވަރު އަހަރެންގެ ކިބައިގާ އެބަހުށްޓެވެ. އަހަރެންނަކީ ، އަމިއްލަ ތަޞާއްވުރަށް ، އެހެންމީހެއްގެ ހިޔަނި އެޅެންބޭނުންވާނެ މީހެއްނޫނެވެ. އަހަރެންގެ ކަންކަން އަހަރެންނަށް އަމިއްލަޔަށް ހަމަޖެއްސޭނެއެވެ. އެހެންމީހުންގެ އިޙްސާންތެރިކަމަށް ބޭނުމެއް ނުވާނެއެވެ. މުރުތަޟާ ނިކަން ބަލަން ހުންނާށެވެ ! އަހަރެންނާ ކައިވެނިކުރަން މުރުތަޟާ އިންކާރުކުރިކަމުގެ ހިތި ފެންނާނެދުވަސް އަދި އަންނާނެއެވެ. އެއްކަމެއް ، އަބަދުވެސް ހަނދާނުގައި ބަހައްޓާށެވެ. ލޯތްބަކީ ، ޢާންމު އިންސާނާއަށް ޚާއްޞަކަމެއް ޙައްޤުވާ ކަމެކެވެ. މުރުތަޟާއަކީ ، މިއަދު މުހިންމުމީހެއްކަމަށް އަމިއްލަޔަށް ޤަބޫލުކުރެވުނަސް ، މުރުތަޟާ މީހަކަށްހެދީ އަހަރެންގެ ލޯތްބެވެ. އިންސާނާގެ ނަފްސު ، ޚާއްޞަވެއްޖެނަމަ ، ޢާންމު އުސޫލުތަކަށް އެއިންސާނާއެއް ނުފެތޭނެއެވެ. ޢާންމު މީހުންނާއެކީ އުޅެން އުނދަގޫވާނެއެވެ. ޢާންމު ކަންކަމުގައި އުޅޭކަށް ހިތެއް ނޭދޭނެއެވެ. " ނޫރު ބުންޏެވެ.

ނޫރުގެ ވާހަކަ ނިންމައިލުމަށްފަހު ، ދަބަސް ނަގައިގެން ނުކުމެގެންދާން ހިނގައިގަތެވެ.

މުރުތަޟާ އިނީ ނޫރުގެ ވާހަކަތައް ކަނުލައި އަޑުއަހާށެވެ. ނޫރު ނުކުމެގެން ދާންފެށީމަ ، މުރުތަޟާވެސް ތެދުވިއެވެ. އަދި ، އޭނާ ވަރަށް ދެރަވެއްޖެކަމަށް ބުންޏެވެ. އޭނާ ދެރަވަނީ ، އެމީހެއްގެ ލޯ ، އޭނާގެ ދުލަށް ކިޔަމަންނުވާ މީހަކާ ދިމާވީމައެވެ. މުރުތަޟާ އެޖެހި ބަހުން ، ނޫރުއަށް ހުއްޓި ލެވުނެވެ.

" އަހަރެންނާއެކީ އެއް އުޅަނދެއްގައި ދަތުރުކުރަމުން އައިސް ، ކަނޑުމެދަށް އަހަރެން ދޫކޮށްލާފައި ނޫރު ދިޔައީ ނޫންހެއްޔެވެ ؟  އެކަމަކުވެސް ، އަހަރެން އެއްފަހަރަކުވެސް ، ޝަކުވާގެ ބަހެއް ނޫރުއާ ދިމާލަކަށް ނުބުނަމެވެ. މިތަނުން ނުކުމެގެންދާއިރު ، އަހަރެންވެސް ނޫރުގެ ފަރާތުން މި އުއްމީދުކުރަނީ ، ހިތުގައިވާ ޝަކުވާތައް ނެރެ ، އެއްފަރާތްކޮށްފައި ، ދޮރުވެސް ލައްޕާލާފައި މިތަނުން ނުކުމެގެން ދިއުމަށެވެ. އެހެނީ ، ނޫރު ތިބޭނުންވާ އެއްވެސް އެއްޗެއް ، ނޫރުގެ ކުރިމައްޗަކުން ނުފެނެއެވެ.  ނޫރުއަށް އަހަރެން ހެޔޮދުޢާ ކުރަމެކެވެ. ނޫރުއަށް އެއްވެސް ދެރަގޮތެއްވާކަށް އަހަރެން ބޭނުމެއްނޫނެވެ. " މުރުތަޟާ ބުންޏެވެ.

މުރުތަޟާއާ މޫނުޖެހޭހާ ކައިރިޔަށް ނޫރުޖެހިލިއެވެ. އަދި މުރުތަޟާގެ މޫނަށް ބަލަހައްޓައިގެން ހުށްޓެވެ. މުރުތަޟާވެސް ނޫރުގެ ލޮލަށް ބަލަހައްޓައިގެންހުރެ ، އޭނާގެ ނަޒަރު އަނބުރައިލިއެވެ. އިރުކޮޅަކު މަޑުކޮށްލައިގެން ހުރުމަށްފަހު ، ނޫރު އެކޮޓަރިން ނުކުމެގެން ދިޔައެވެ.

ރޭގަނޑަށް ކައްކައި ނިންމައިލުމަށްފަހު ، ތަހުނިޔާއައިސް ، ގޯތިތެރޭހުރި ސިޑިއެއްގައި މުރުތަޟާގެ އިންތިޒާރުގައި ޖައްސާލައިގެން އިނެވެ. މީގިނައިރުތަކެއްނުވެ ، މުރުތަޟާވެސް އަތުވެއްޖެއެވެ. ސަލާމްކޮށްލުމަށްފަހު ، މުރުތަޟާގެ މޫނަށް ބަލައިލުމުން ފެނުނު ހާސްކަމުން ، ކިހިނެއްވީތޯ ތަހުނިޔާ ސުއާލު ކުރިއެވެ. އެއްވެސްކަމެއް ވީކަމަކަށް މުރުތަޟާއެއް ނުބުނެއެވެ. އެދުވަހު ، ނޫރުއާ ބައްދަލުވި ވާހަކަ ، ތަހުނިޔާގާތު ބުނާކަށް މުރުތަޟާ ބޭނުމެއް ނުވިއެވެ. އެވާހަކަ ދައްކައިފިއްޔާ ، ތަހުނިޔާގެ ހިތަށް އުނދަގޫ ވެދާނެތީއެވެ. ޓްރެފިކް ބޮޑުކަމުން ، މުރުތަޟާ ގެޔަށް އައުން ކުޑަކޮށް ލަސްވީއެވެ. ތަހުނިޔާ ނަލަހެދިފައިހުރިތަން ފެނުމުން ، ތަނަކަށްދާން ރާވާފައި އޮތީތޯ މުރުތަޟާ ސުއާލުކުރިއެވެ. ފަހަރެއްގައި ، ތަހުނިޔާގެ މަންމަގާތަށް ދާންވެސް ވިސްނާފައި އޮވެދާނެއެވެ.

އެރޭ ، ކާން އެގެޔަށް އައުމަށް މަންމަބުނި ވާހަކަ ތަހުނިޔާ ހަނދާންވިއެވެ. އެކަމަކުވެސް ، މުރުތަޟާއަށް އޭނާއަތުން ކާން ހަދައިދޭންވެގެން ބޭރަށްދާން ނުވިސްނީއެވެ. މަންމަ ބުނީމަ އެގެޔަށް ދިއުން ރަނގަޅުވާނެކަން ، މުރުތަޟާ ވިސްނައިދިނެވެ. އެހެންނަމަވެސް ތަހުނިޔާ ބޭނުންވީ މުރުތަޟާއާއެކީ ވަގުތުކޮޅެއް ހޭދަކޮށްލުމަށެވެ. އޭނާއާއި މުރުތަޟާއާ ދެމީހުން އެކަނި ވެލުމަށެވެ. އެހެން އެއްވެސް މީހަކު ގެޔަކުވެސް ނެތެވެ. އެހެންކަމުން ، ގޭގައި އެމީހުން ހިތްހަމަޖެހޭގޮތަށް އެކުގައި ވަގުތު ހޭދަކުރެވިދާނެއެވެ. އެވަގުތު މުރުތަޟާގެ ހިތް އޭނާއަށް ހަނދާންކޮށްދިނީ ، ނޫރުބުނި ބަސްތަކެކެވެ.

"  މުރުތަޟާ މީހަކަށްހެދީ އަހަރެންގެ ލޯތްބެވެ. އިންސާނާގެ ނަފްސު ، ޚާއްޞަވެއްޖެނަމަ ، ޢާންމު އުސޫލުތަކަށް އެއިންސާނާއެއް ނުފެތޭނެއެވެ. ޢާންމު މީހުންނާއެކީ އުޅެން އުނދަގޫވާނެއެވެ. ޢާންމު ކަންކަމުގައި އުޅޭކަށް ހިތެއް ނޭދޭނެއެވެ. "

މުރުތަޟާ އެއްވެސް އެއްޗެކޭ ނުބުނެ ، ގެޔާދިމާއަށް ހިނގައިގަތެވެ. މުރުތަޟާ ގެޔަށް އަންނަމުން އޭނާއަށް އެއްޗެއް ގެނެސްދޭނަމޭ ބުނިކަން ތަހުނިޔާ ހަނދާން ކޮށްދިނެވެ. އެވާހަކަ ބުނީ  ހެނދުނުކަންވެސް ހަނދާން ކޮށްދިނެވެ. އޭނާ ބޭނުންވަނީ ކޮންއެއްޗެއްތޯ އެހިކަން ހަނދާން ނެތުނީތޯ ، ތަހުނިޔާ ސުއާލު ކުރިއެވެ. މުރުތަޟާގެ ހަނދާނުގައި އެކަމެއް އެއްގޮތަކަށްވެސް ނެތެވެ. އަނބުރާލާފައި އެއްޗެއް ހިފައިގެން އެބަ އަންނަމޭ ބުނެ ބޭރަށް ދާން މުރުތަޟާ ހިނގައިގަތެވެ. އެހެންނަމަވެސް ، ދެން އަޅާނުލާށޭ ބުނެ ، ތަހުނިޔާ އެކަން މަނާކުރިއެވެ. އެއީ ، އޭނާ އެހެންބުނި ވާހަކައެއް ނޫނެވެ. އޭނާ އެއްވެސް އެއްޗެއް ބޭނުމެއް ނޫނެވެ.

ތައްޔާރުވެލައިގެން މުރުތަޟާ އައުމަށް ތަހުނިޔާ އެދުނެވެ. މުރުތަޟާ ނުކުންނަންވާއިރަށް ، އޭނާ ކާން ހަދައިދޭނެއެވެ. މަޢާފަށް އެދެމުން ، މުރުތަޟާ އަނެއްކާވެސް ގެޔާދިމާލަށް ހިނގައިގަތެވެ. މުރުތަޟާ ހިނގައިގަތް ވަގުތު ، ތަހުނިޔާ މުރުތަޟާއަށް ގޮވައިލިއެވެ. އަދި ، މިއަދުވެސް ، ނޫރުލްޢައިނާ ބައްދަލުކުރީތޯ ސުއާލު ކުރިއެވެ. ތަހުނިޔާގެ ލޮލުން  ފާއްދާލާފައިހުރި ކަރުނަ މުރުތަޟާއަށް ފެނުނެވެ. ތަހުނިޔާއަށް ދޭނެ ޖަވާބެއް މުރުތަޟާއަކަށް ނުވިސްނުނެވެ. ކާންހަދަންވާއިރަށް އަންނާނަމޭ ބުނެ ގޭތެރެޔަށް ވަދެގެން ދިޔައެވެ.

ކާމޭޒުދޮށުގައި އިށީނދެއިންއިރުވެސް ، މުރުތަޟާއަށް އިނދެވުނީ ، ނޫރު ދެއްކިވާހަކަ ތަކުގެ ތެރެޔަށް ގެއްލިފައެވެ. އެހެންއިންދާ މުރުތަޟާ ކޮށިއެރިއެވެ. އެވަގުތު ، އެތާނގައި ފެން ނަގާފައި ބަހައްޓަން ތަހުނިޔާ ހަނދާނެއް ނެތެވެ. ފެންޖަގު މިގެންނަނީއޭ ބުނެ ، ތަހުނިޔާ ތެދުވިތަނުން މުރުތަޟާ އެކަން މަނާކުރިއެވެ. އަދި އޭނާ އެއްވެސް އެއްޗެއް ބޭނުމެއްނޫނޭ ބުނެ ، ތަހުނިޔާއާ ދިމާއަށް ހަޅޭއްލަވައި ގަނެވުނެވެ. އެހާގިނަ ކާތަކެތި ތައްޔާރުކޮށްފަހުރީތީވެސް ، ތަހުނިޔާއާ ދިމާލަށް މުރުތަޟާ އެއްޗެތި ކިޔައިގަތެވެ. ތަހުނިޔާ އޭނާގެ އަމިއްލަ ޙާލަށް ނުވިސްނައި ، ބުރަކޮށް އުޅުމުގެ ބޭނުމެއް ނެތްކަމަށްބުނެ ހަޅޭއްލަވައިގަތެވެ.

ތަހުނިޔާހުރީ ބުނާނެ އެއްޗެއް ނޭނގި ހިތްހަމަ ނުޖެހިފައެވެ. އޭނާގެ މޫނުމަތިންވެސް ފޫހީގެ އަސަރު ފާޅުވާން ހުށްޓެވެ. އެތާ ނުހުންނަން ވެގެން ، ތަހުނިޔާ ހިނގައިގަތް ވަގުތު ، މުރުތަޟާ ، ތަހުނިޔާއަށް ގޮވައިލިއެވެ. އަދި ތެދުވެގެން އައިސް ތަހުނިޔާގާތު ހުށްޓިލިއެވެ. ނުބުނަންވާ ވަރަށް އޭނާއަށް އެއްޗެތި ބުނެވިއްޖެކަމަށް މުރުތަޟާއަށް ވިސްނުނެވެ. އޮފީހުގައި މަސައްކަތް ބުރަކަމުން ވަރުބަލިވެފަ ހުރީމަ ، އޭނާއަށް ނަފްސު ކޮންޓްރޯލް ނުކުރެވުނީކަމަށް ބުންޏެވެ. އަދި ތަހުނިޔާ އަރާމުކުރަންޖެހޭ އިރު ، އެހާބުރަކޮށް ކައްކަން އުޅުނީތީ އެކަމާ މުރުތަޟާ ކަންބޮޑުވީކަމަށް ބުންޏެވެ. އަދި ، ތަހުނިޔާ މިހާރު ބޮޑަށް ވިސްނަންޖެހޭނީ ލިބެން އެއުޅޭ ދަރިފުޅަށްކަމުގައި މުރުތަޟާއަށް ފެނުނެވެ. މުރުތަޟާ ހުރީ އެދަރިފުޅާމެދު ކަންބޮޑުވެފައެވެ. ތަހުނިޔާ ބުރަކޮށް އުޅުނުވަރަކަށް އެކުއްޖާފުޅަށްވެސް އޭގެ އަސަރު ކުރާނެއެވެ.

މުރުތަޟާއާ ދިމާއަށް ތަހުނިޔާ އެނބުރިލިއެވެ. އަދި ، މުރުތަޟާގެ މައްސަލަޔަކީ އެއީކަމުގައި ބުންޏެވެ. އަޅައިލުމާއި ލޯތްބާ އަދި ކުލުނުގެ އަސްލު ރައްދުވަނީ ތަހުނިޔާއަކަށް ނޫނެވެ. ތަހުނިޔާއާމެދު ، އެއްވެސް ވަރަކަށް މުރުތަޟާއެއް ނުވިސްނައެވެ. މުރުތަޟާ ވިސްނަނީ ހަމައެކަނި ، ލިބެން އުޅޭ ދަރިފުޅަށެވެ. އޭނާ އަބަދުވެސް އަންނަނީ ކޮންމެވެސް ދެ ނަފްސެއްގެ މެދަށެވެ. އެވެސް ގަދަބާރުންނެވެ. ހިތްއެދިގެންނެއްނޫނެވެ. އެންމެ  ފުރަތަމަ ނޫރުއެވެ. މިހާރު ، ލިބެން އެއުޅޭ ދަރިފުޅެވެ. ތަހުނިޔާ ކައިފިންކަމުގައި ބުނެ ކޮޓަރިޔާދިމާލަށް ހިނގައިގަތެވެ. ތަހުނިޔާ އެދިޔައީ ހިތަށް ތަދުވެގެންކަން މުރުތަޟާއަށް އެނގެއެވެ. އެކަމާ މުރުތަޟާ ކަންބޮޑުވިއެވެ. ތަހުނިޔާ އެބުނީކީ ގޯސްވާހަކައެއްވެސް ނޫނެވެ. އެއީ އޭނާއަށް އަބަދުވެސް ، ކަންކުރެވޭ ގޮތެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.