އަމިއްލަ ނަފްސު ދެނެގަންނާށެވެ. - 5

(22 މާޗް 2024 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

މިސާލަކަށް އަޑުގެ މައްޗަށް ވިސްނުން ހިންގައިލަމާތޯއެވެ؟ އަޑަކީ ލޮލަށް ނުފެންނަ "ރާޅުބާނިތަކެއް" ކަމަށް އަޅުގަނޑުމެން ޤަބޫލު ކުރަމުއެވެ. ވާހަކަ ދައްކަން އަޅުގަނޑުމެން ދޫ ހަލުވައިލުމާއެކު ވައިގެ ތެރޭގައި ރާޅުބާނިތަކެއް އުފެދެނީއެވެ. އަޅުގަނޑުމެން އަޑޭ މި ކިޔަނީ އެ ރާޅުބާނިތަކަށެވެ. އަޑަކީ އަޅުގަނޑުމެން ދޫ ހަލުވައިލީމާ އުފެދޭ ރާޅުބާނިން ޖައްވުގައި ކުރެހޭ ނުފެންނަ ކުރެހުމެކެވެ. އެ ކުރެހުން ޖައްވުގައި ހަރުލަނީއެވެ. އޭގެ ފަހުން ދުވަހަކުވެސް އެ ކުރެހުން ފޮހެވިގެންނެއް ނުދެއެވެ. ސައިންސްވެރިން ބުނާ ގޮތުގައި މީގެ އެތައް ހާސް އަހަރެއް ކުރިން މީހުން ދެއްކި ވާހަކަ މިހާރުވެސް ރާޅުބާނިތަކެއްގެ ސިފައިގައި ޖައްވުގައި ހަރުލާފައި އެބަހުއްޓެވެ. އެކަމަކު މިއަދަކު އަޅުގަނޑުމެންނަކަށް އެޔެއް ނުފެނެއެވެ. އެ އަޑެއް ނީވެއެވެ. އެހެން ނަމަވެސް އެ ރާޅުބާނިތައް އަތުލެވޭ ވައްތަރުގެ އާލާތެއް އުފެއްދިއްޖެ ނަމަ މިހާރުވެސް ހަމަ އެއަޑުތައް އެއްވެސް ތަފާތެއް ނެތި އަޅުގަނޑުމެންނަށް އަޑު އިވޭ ގޮތް ހެދިދާނެއެވެ.

މި މިސާލުގެ ޒަރީޢާއިން އަޅުގަނޑުމެންނަށް އަންނާން އޮތް ދުނިޔެ ވަރަށް ރަނގަޅަށް ތަޞައްވުރު ކުރެވިދާނެއެވެ. އަޅުގަނޑުމެންގެ ވަށައިގެން ވަނީ ވައިގެ ފަށަލައެއް ލައްވާފައެވެ. އަޅުގަނޑުމެންގެ އަނގައިން އަޑެއް ނުކުތުމާއެކު ގޮސް އެ ފަށަލައިގައި ހަރުލަނީއެވެ. އެކަމަކު އަޅުގަނޑުމެންނަކަށް ވައެއްވެސް ނުފެެނެއެވެ. އަދި އަޅުގަނޑުމެންގެ އަޑުގެ "ކުރެހުމެއް" ވެސް ނުފެނެއެވެ. ހަމަ އެފަދައިން ދެވަނަ ދުނިޔެ ވަނީ އަޅުގަނޑުމެންގެ ވަށައިގެން ފެތުރިފައެވެ. އަޅުގަނޑުމެންގެ ނިޔަތާއި، ގަސްތު ދަނީ ޤަވާޢިދުން ރެކޯޑް ކުރެވެމުންނެވެ. އެ ދުނިޔޭގެ ފަރުދާ ގައި ކުރެހެމުންދާ އަޅުގަނޑުމެންގެ ޢަމަލުތަކުގެ "ކުރެހުން" އަޅުގަނޑުމެން މަރުވުމަށް ފަހު އަލުން ދިރުއްވާފައި ދައްކަވަނީއެވެ.

ދެން ލަވަފޮށްޓެއްގެ މިސާލަށް ބަލައިލަމާތޯއެވެ؟ ލަވަފޮށްޓައް ހޮޅިގަނޑު ލައްވާފައި ޖެއްސީމާ ހޮޅިގަނޑު ހުންނަނީ އެނބުރި އެނބުރިއެވެ. ކަށި ގެންގޮސް ހޮޅިގަނޑުގެ މަތީގައި ޖެއްސުމާއެކު ހޮޅިގަނޑުގައި ހުރި ލަވައިގެ އަޑު އިވެން ފަށައެވެ. ހީވަނީ ހޮޅިގަނޑު އޮތީ ކަށީގެ އިންތިޒާރުގައި ހެންނެވެ. ލަވައިގެ އަޑު އިއްވާ ހިތުން އޮތީހެންނެވެ. ލަވަފޮށްޓެކޭ އެއް ފަދައިން އަޅުގަނޑުމެންގެ ޢަމަލުތައް ދަނީ ހޮޅިހޮޅީ ގައި ރެކޯޑް ކުރެވެމުންނެވެ. ކާއިނާތުގެ ވެރިޔާގެ އަމުރުފުޅު އައުމާއެކު ހޮޅިގަނޑުގައި ހުރި ޢަމަލުތައް އަޅުގަނޑުމެންގެ ކުރިމައްޗަށް ހުށަހެޅިގެން ދެއެވެ. އެ ވަގުތު އިންސާނާ އަށް ބޭއިޚްތިޔާރުގައި ބުނެލެވެއެވެ.

"މި ފޮތަށް މި ވެފައި ވަނީ ކިއެއް ހެއްޔެވެ؟ ކިތަންމެ ކުޑަ ކަމެއް ވިޔަސް، އަދި ކިތަންމެ ބޮޑު ކަމެއް ވިޔަސް، ނުހިމަނައި، އެ ފޮތް ދޫކޮށްލައިފައެއް ނުވެއެވެ." (ކަހްފު ސޫރަތުގެ 49 ވަނަ އާޔަތުގެ ބައެއްގެ ތަރުޖަމާ)

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ކޮންމެ މިނިޓަކު ދުނިޔެއިން ސަތޭކަ މީހުން ނުކުމެގެން ދެއެވެ. އާދެ، ސަތޭކަ މީހުން މަރު ވެއެވެ. މީގެ މާނަ އަކީ ރެޔަކާ ދުވާލެއްގެ ތެރޭގައި ފަނަރަ ލައްކަ މީހުން މަރު ވުމެވެ. މިއީ ވިސްނާ މީހަކު ސިހިގެންދާ ފަދަ ޢަދަދެކެވެ. އެހެނީ ކުރިއަށް އޮތް ސައުވީސް ގަޑި އިރު ދުނިޔެއިން ނުކުމެގެން ދާނެ ކަމަށް ލިސްޓު ކުރެވޭ ފަނަރަ ލައްކަ މީހުންގެ ތެރޭގައި ޚުދު ތިމާގެ ނަން ނުހިމެނޭނޭ ކަމެއް އެކަކަށްވެސް ނޭނގޭނެއެވެ. ބުއްދިވެރި މީހަކީ ތިމާގެ މާދަމާ ދެނެގަންނަ މީހާއެވެ. ހަމައެކަނި މިއަދު ދަނެގެން އުޅޭ މީހާ އަށް ވުރެ މޮޔަ މީހަކު މި ދުނިޔެއަކު ނޫޅޭނެއެވެ.

ފަހުބަސް

މަތީގައި ބަޔާން ކުރެވުނު ކަންތައްތައް އަދި އެއް ފަހަރު ސިކުނޑިފުޅަށް ގެންނަވާށެވެ. އަޅުގަނޑުމެންގެ ދިރިއުޅުމަކީ ވަރަށް ދިގު، ސިލްސިލާ އެކެވެ. މަރަކީ އެ ސިލްސިލާގެ ނިމުމެއް ނޫނެވެ. އެއީ އެހެން ދައުރެއްގެ ފެށުމެވެ. މަރަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ދެ ދައުރުގެ މެދު ތެރޭގެ ޙައްދު ޤާއިމު ކުރާ ސަރަޙައްދީ ރޮނގެކެވެ. މިސާލަކަށް ދަނޑަކަށް ބައްލަވައި ލައްވާށެވެ. މީހަކު ދަނޑުގައި ގަސް ރުވަނީއެވެ. ނުވަތަ އޮށް ވަޅުލަނީއެވެ. އެއަށް ފަހު ފެންދީ، ބެލެހެއްޓުމުގެ މަސައްކަތް ކުރަނީއެވެ. ގޮވާން ނުވަތަ މޭވާ އަޅައި، ދޮންވެ ފައްކާ ވަނީއެވެ. އެއަށް ފަހު ދަނޑުވެރިޔާ ގޮވާން ކަނޑަނީއެވެ. ނުވަތަ މޭވާ ބިންނަނީއެވެ. އެއީ އެ އެއްޗެހި ވިއްކައިގެން ލިބޭ އެއްޗަކުން އޭނާގެ ދިރިއުޅުން އާބާދު ކުރާށެވެ. ގޮވާން ކެނޑުމަކީ ގޮވާމުގެ އެއް ދައުރު ނިމި، އަނެއް ދައުރުގެ ފެށުމެވެ. ފުރަތަމަ ދައުރަކީ ގޮވާން އިންދުމެވެ. ދެވަނަ ދައުރަކީ ގޮވާން ކަނޑައިގެން އޭގެ ފައިދާ ލިބިގަތުމެވެ. ގޮވާން ކެނޑުމުގެ ކުރިން މުޅިންވެސް އޮތީ މަސައްކަތާއި، ޚަރަދެވެ. ގޮވާން ކެނޑުމަށް ފަހު އޮތީ މަސައްކަތުގެ ފައިދާ ލިބިގަތުމެވެ.

މިއީ އަޅުގަނޑުމެންގެ ދިރިއުޅުންވެސް އޮތް ގޮތެވެ. އަޅުގަނޑުމެން މި ދުނިޔޭގައި ކުރާ ކަމަކީ އާޚިރަތަށްޓަކައި ދަނޑު ހެއްދުމެވެ. ކޮންމެ މީހަކަށްވެސް ވަނީ ބޮޑު ދަނޑެއް ލިބިފައެވެ. ބައެއް މީހުން ގޮވާން ކުރަނީއެވެ. ބައެއް މީހުން ދަނޑާ އަޅާނުލައި ދޫކޮށްލަނީއެވެ. ބައެއް މީހުން ހައްދަނީ ފައިދާ ހުރި ގޮވާމެވެ. އަނެއް ބަޔަކު އިންދަނީ ނުބައި މުޑުވަކެވެ. ބައެއް މީހުން ގޮވާން އިންދުމަށް ފަހު، ފެންދީ ރަނގަޅަށް ބަލަހައްޓަނީއެވެ. އަނެއް ބަޔަކު އިންދާފައި އަޅާ ނުލައި ދޫކޮށްލަނީއެވެ. ބައެއް މީހުން އިންދަނީ ފޮނި މޭވާ ލިބޭ ގަސްގަހެވެ. ބައެއް މީހުން އިންދާ ގަސްގަހުގައި ހުންނަނީ ހަމައެކަނި ކަށްޓެވެ. ބައެއް މީހުން، އެ މީހުންގެ ހުރިހައި ވަގުތެއް ހޭދަ ކުރަނީ ދަނޑު ބެލެހެއްޓުމުގައެވެ. އެއް ދުވަހަށް ވުރެ އަނެއް ދުވަސް ރަނގަޅު ކުރުމުގައެވެ. ބައެއް މީހުން އުޅެނީ ދަނޑާ އެއްވެސް ކަހަލަ ގުޅުމެއް ނެތް އެހެން ކަންތައްތަކެއްގެ ތެރޭގައި އަވަދި ނެތިއެވެ. ބޭކާރު ގޮތުގައި ވަގުތު ނަގައިލުމުގައެވެ. މި ދަނޑު ހައްދަން އަޅުގަނޑުމެންނަށް ލިބިފައިވަނީ މަރުވުމާ ހަމައަށް އޮތް ވަގުތުކޮޅެކެވެ. މަރަކީ ގޮވާން ކެނޑުމުގެ ދުވަހެވެ. އަޅުގަނޑުމެންގެ ލޯ މި ދުނިޔެއަށް މަރައިލެވުމާއެކު، އެ ދުނިޔެއަށް ހުޅުވިދެއެވެ. އެ ދުނިޔެއިން އަޅުގަނޑުމެންނަށް ފެންނަނީ މުޅި އުމުރު ދުވަހު ހެއްދި ދަނޑެވެ.

ހަނދުމަފުޅު ބަހައްޓަވާށެވެ! ގޮވާން ކަނޑާ ދުވަހު ކެނޑޭނީ އިންދައި ހައްދަން އޮތް ދުވަހު އެ މަސައްކަތް ކުރި މީހަކަށެވެ. ކެނޑޭނީ އެ މީހަކު އިންދި އެއްޗެކެވެ. ހަމަ މި ބީދައިން، އާޚިރަތުގައި އެ މީހަކަށް ކެނޑޭނީ މަރުވުމުގެ ކުރިން އިންދި އެއްޗެކެވެ. ކަނޑައިގެން ގެއަށް ގެނެވޭނީ އިންދި އެއްޗެއްކަން ކޮންމެ ދަނޑުވެރިއަކަށްވެސް އެނގެއެވެ. ފެންނާނީ އޭނާ ކުޅަ މަސައްކަތެއްގެ ނަތީޖާކަން އެނގެއެވެ. އާޚިރަތުގައި ވެސް ކަންތައް އޮންނާނެ ގޮތަކީ އެއީއެވެ. ކޮންމެ މީހަކަށްވެސް ލިބޭނީ އެ މީހަކު މި ދުނިޔޭގައި ކުޅަ މަސައްކަތެއްގެ "ނަތީޖާ"އެވެ. މަރަކީ މަސައްކަތް ކުރުމުގެ ދައުރު ނިމިއްޖެ ކަމުގެ އިޢުލާނެކެވެ. އާޚިރަތަކީ ކުޅަ މަސައްކަތުގެ އުޖޫރަ ލިބިގަތުމުގެ މަންޒިލެވެ. އެންމެ ފަހުގެ ޖަގަހައެވެ. މަރު ވުމަށްފަހު އަލުން މަސައްކަތް ކުރުމުގެ ފުރުޞަތެއް ނުލިބޭނެއެވެ. އާޚިރަތުގެ ދައުރަކަށް ނިމުމެއްވެސް ނާންނާނެއެވެ. މިއީ ކިހައި ވަރުގަދަ ޙަޤީޤަތެއްތޯއެވެ؟ މަރުވުމުގެ ކުރިން އިންސާނާއަށް މި ޙަޤީޤަތް ވިސްނޭނެ ނަމައެވެ. އެހެނީ މަރުވުމަށް ފަހު ވިސްނުމަކުން ކުރާނޭ އެއްވެސް ފައިދާއެއް ނެތެވެ. މަރުވުމަށްފަހު ކުރެވޭހައިވެސް ކަމަކީ މާޒީ ހަނދާން ކޮށްފައި ހިތާމަ ކުރުމެވެ. ލިބުނު ފުރުޞަތުގެ ބޭނުން ނުކުރެނުނު ކަމުގެ މައްޗަށް ކަރުނަ އޮއްސުމެވެ. އެއީ އަނބުރައި ލިބެން އޮތް ފުރުޞަތެއް ނޫނެވެ.

އިންސާނާ ވަނީ އޭނާގެ ނިމުމުގެ މަތީން ޣާފިލު ވެގެންނެވެ. އެހެން ނަމަވެސް ޒަމާން މިހިރަގެން ދަނީ އެ ނިމުމާ ދިމާއަށް އޭނާ ކޮއްޕަމުންނެވެ. ގޮވާން ކަނޑާ ދުވަހާ ހަމައަށް އޭނާ ކޮއްޕާފައި ގެންދަނީއެވެ. އޭނާ އުޅެނީ ދުނިޔޭގެ އަގެއް ނެތް ފައިދާތައް ހާސިލު ކުރުމުގައި ހޭބޯ ނާރައެވެ. މި ކަންތައްތަކުގެ ތެރޭގައި އުޅޭ އިރު ހިތުގައި އޮންނަނީ "އަހަރެން މި މަސައްކަތް ކުރަނީ" އޭ މިހެންނެވެ. ޙަޤީޤަތުގައި އޭނާ މަސައްކަތް ކުރަނީއެއް ނޫނެވެ. ލިބިފައި އޮތް އަގުހުރި ފުރުޞަތު ނަގައިލަނީއެވެ.

އިންސާނާގެ ކުރިމަތީގައި ވަނީ ވަރަށް މަތިވެރި ފުރުޞަތެކެވެ. އެ ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ކޮށްގެން އޭނާ އަށް ޙައްދެއް ނެތް ފަދަ މަތިވެރި ކުރިމަގެއް ހޯދިދާނެ އެވެ. އެކަމަކު އޭނާ އެ ފުރުޞަތުގެ ބޭނުމެއް ނުކުރެއެވެ. އޭނާ ހައްދަވައި ގެންގުޅުއްވާ ﷲ އޭނާއަށް ސުވަރުގެ އަށް ދަޢުވަތު ދެއްވަނީއެވެ. އެއީ ޢިއްޒަތާއި، އަރާމުގެ ޖަގަހައެވެ. އެކަމަކު އޭނާ ވަނީ ދެތިން ދުވަހެއްގެ ވަގުތީ އަރާމެއްގެ ތެރެއަށް ގެއްލިފައެވެ. ތިމަން މިހާރު މި ލިބިގަންނަނީ އުފަލާއި އަރާމު ކަމުގައި އޭނާ ހީކުރެއެވެ. އެހެން ނަމަވެސް ޙަޤީޤަތުގައި އެއީ ވަގުތު ނަގައިލުމެކެވެ. ދުނިޔޭގައި ބޮޑު ގެއެއް އެޅުމަށް ފަހު އޭނާ ހީކުރަނީ ދިރިއުޅުން އާބާދު ކުރެވުނީ ކަމަށެވެ. އެހެން ނަމަވެސް އޭނާގެ ގެއަކީ ވެލީގެ ގެއެކެވެ. ހިނދުކޮޅެއްގެ ތެރޭގައި އެ ގެއެއް ވެއްޓި ބިމާ ހަމަ ވެދާނެއެވެ.

އޭ އިންސާނާއެވެ! ތިމާގެ ޙައިސިއްޔަތު ދެނެގަންނާށެވެ! ތިޔަ ކުރަނީ ކީއްކަމާއި، ކުރަންވީ ކަމަކީ ކޮބައިކަން ދެނެގަންނާށެވެ!

(ނިމުނީ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.