ފަލްސަފާ (71)

( 20 މާރިޗު 2024 ގައި ޝާއިޢުކުރި ބަޔާ ގުޅޭ )

މުރުތަޟާއާއި ތަހުނިޔާ ، ގެޔަށްދިޔައިރު ، ސާޖިދާއާއި ޢާޞިފުވެސް އެގެޔަށްގޮސް ތިއްބެވެ. ޙަފުޞާއަށް ނުހުރެވިގެން ، އެދެމަފިރިން އެގެޔަށް ގެނެސް އެއުފާޥެރި ޚަބަރު ދިނެވެ.  އެލިބުނު އުފާވެރި ޚަބަރަކީ ، ސާޖިދާގެ މުޅި ޢުމުރުގައިވެސް ލިބުނު އެންމެ އުފާވެރި ޚަބަރެވެ. އެތައް ވޭނަކާއެކު ، ތަހުނިޔާއުފަންވިދުވަހު އެލިބުނު އުފަލަށްވުރެ މިއަދު އެލިބުނު އުފަލަކީ ، އެތައްގުނައެއް ބޮޑު އުފާވެރިކަމެކެވެ. މުސައްލަމަތިން ނުފައިބާ ، ﷲ އަށް ޝުކުރުއަދާކުރަން އަބަދުއިނަސް ، އެއީ އެމީހުންނަށް ފުދޭނެ މިންވަރެއްނޫނެވެ. އެންމެންގެ މޫނުމަތިންވެސް ، ފާޅުވަމުންދަނީ ހިނިތުންވުމާއި އުފާވެރިކަމެވެ.

ނޫރުއާއެކު އޮފީހުގައި މަސައްކަތްކުރާ ދެއެކުވެރިޔަކާއެކީ ، ރޭގަނޑުގެ ކެއުމަށް ރެސްޓޯރެންޓަކަށް ދިޔައެވެ. ހިތުގައިވާ ނުތަނަވަސްކަން ފިލުވައިލުމަށްޓަކައެވެ. އެހެންނަމަވެސް ، މުރުތަޟާ އެދެއްކިވާހަކަތައް ނޫރުގެ ކަންފަތުން ފިލައިގެން ނުދެއެވެ. ކާން އިނދެފައި ، ލޮލުންފައިބަމުންދިޔަ ކަރުނަތައް ނުހިފެހެއްޓިގެން ފާޚާނާއަށް ވަދެލާފައި އެބަ އަންނަމޭ ބުނެ ، ނޫރުއެތަނުން ދިޔައެވެ. ފާޚާނާއަށް ނުވަދެވި އުޅެނިކޮށް ، ނޫރު ބަޑިފަޅައިގެންދިޔައެވެ. ރޮމުންރޮމުންގޮސް ، ކުރިމަތީހުރި ލޯގަނޑުގެ ކުރިމައްޗަށް ނޫރުއަށް ދެވުނެވެ. އިސްއުފުލާ ބަލައިލިއިރު ، ނޫރުއަށް ފެނުނީ އޭނާގެ މިއަދުގެ ތަޞައްވުރެވެ. އޭނާ ، މިއަދު ރޯންވީ ކީއްވެ ހެއްޔެވެ ؟ ނޫރުގެ ކުރިމަތީއޮތް ކާމިޔާބު ދުވަސްތަކަށް އުފާނުވާންވީ ކީއްވެ ހެއްޔެވެ ؟ އޭނާ އެދޭފަދަ ފަހި މުސްތަޤްބަލެއްގެ އުއްމީދުގައި ނޫރުއެދަނީ އެމެރިކާއަށެވެ. ހުރިހާކަމެއްވެސް އެދަނީ އޭނާ ބޭނުންވާ ގޮތަށެވެ. ހަމައެކަނި މުރުތަޟާ ފިޔަވައެވެ.

ނޫރުގެ ކުރިމަތީގައިވަނީ ، އޭނާ އުއްމީދުކުރިފަދަ ޙަޔާތެއްގެ ފޮނި އުއްމީދެވެ. ދުނިޔެ ބަލައިލާ ، ދުނިޔޭގެ އުފަލާއި އަމިއްލަ މިނިވަންކަމުގެ އިޙްސާސްތައް އޭނާއަށްޓަކައި އެއޮތީ މަޑުކޮށްގެންނެވެ. އެއާ ދިމާލަށް ނުދާންވީ ކީއްވެހެއްޔެވެ ؟ ކަރުނަ ފުހެލައި އިސް އުފުލާލައި ކުރިޔަށް ދާށެވެ ! ނޫރުގެ ހަވަނަ ޙިއްޞު ، އޭނާއަށް ވިސްނައިދިނެވެ.

ލޯގަނޑުކުރިމަތީހުރި އިސްކުރު ދޫކޮށްލައި މޫނުދޮވެލައި ، ރީތިކޮށް ފުހެލިއެވެ. އޭނާގެ މޫނުމަތީގައިވާ ހުރިހާ ނުތަނަވަސްކަމެއް ދުއްވައިލިއެވެ.

" މުރުތަޟާއެވެ ! މުރުތަމާގެ ޙަޔާތުން އަހަރެން ދިޔައީކަމަށް ނުބަލާށެވެ ! ނިކަން ދެކެން ހުންނާށެވެ ! އަހަރެން ބޭނުންވާގޮތަށް ، މުރުތަޟާގެ ކުރިމައްޗަށް އަހަރެން ، އެނބުރި އަންނާނަމެވެ. އެދުވަހަކުން ، އަހަރެން އައިސް މުރުތަޟާ ރޮއްވާލާނަމެވެ. ތަހުނިޔާއެވެ ! ތަހުނިޔާ ހީކޮށްގެން ތިހުރީ ، ތަހުނިޔާއަށް ކާމިޔާބުވީކަމަށް ހެއްޔެވެ ؟ ނޫނެކެވެ ! އެއްގޮތަކަށްވެސް އެހެންނެއް ނޫނެވެ. " ނޫރު އޭނާގެ އަމިއްލަ ނަފުސަށް އިޢުލާން ކުރިއެވެ. އިސްއުފުލާލައި ، ހިނިތުންވުމާއެކު ފާޚާނާއިން ނުކުމެގެން ނޫރުގެ ރަޙުމަތްތެރިންނާ އެކު ކެއުމަށް އިސްސާފުކުރަން ދިޔައެވެ. އޭނާއަށް މާބޮޑުކަމެއް ވީހެންނެއް ހިއެއް ނުވެއެވެ.

ތަހުނިޔާ ބަލިވެއިނުމުގެ ކުރީކޮޅު ، ދުވަސްކޮޅަކަށް އޭނާގަތު ހުރުމަށް ސާޖިދާ ބޭނުންވިއެވެ. އޭނާގެ ދަރިފުޅަށް އެއްވެސްވަރެއްގެ ތަކުލީފެއް ލިބޭކަށް ސާޖިދާއެއް ނޭދެއެވެ. ޙަފުޞާމެން ، ތަހުނިޔާއަށް އަޅާލައި ބަލަހައްޓާނެކަން އެނގެއެވެ. އެހެނަސް ، މަންމައެއްގެ ލޯތްބާއި އަޅާއިލުމާއެއްވަރެއް ނުކުރެވޭނެއެވެ. އެއީ ވަރަށް ތަފާތު ކަމެކެވެ.

ޠާހިރާގެ ދައްތައެއްގެ ކައިވެނި އެބަ ބޭއްވޭކަމަށް ޙަފުޞާއޮތީ ތަހުނިޔާގާތު ބުނެފައެވެ. އެކައިވެނި ބޭއްވެނީ ހައިދަރުއާބާދުގައެވެ. ޙަފުޞައްތަމެން ހަފުތާއަކަށް ހައިދަރުއާބާދަށް ދާންއޮތީ ނިންމާފައެވެ. ތަހުނިޔާ ނިންމީ ، ޙަފުޞައްތަމެން ހައިދަރުއާބާދުން އެނބުރި އައިމަ ، މަންމަގާތަށް ދިއުމަށެވެ. ސާޖިދާ ، އޭނާގެ ދަރިފުޅުގެ ވިސްނުންތެރިކަމަށް ތަޢުރީފު ކުރިއެވެ. އެއީ ، ރަނގަޅު ވިސްނުމަކުން ނިންމި ނިންމުމެއްކަމަށް ސާޖިދާ ޤަބޫލުކުރިއެވެ. އެހެންނަމަވެސް ، ތަހުނިޔާ އެކަނި އެގޭގައި ހުންނަންޖެހުން އެއީ ސާޖިދާ ކަންބޮޑުވި ކަމެކެވެ. ތަހުނިޔާއަށް އެއީ މައްސަލައެއްނޫނެވެ. މުރުތަޟާ ހުންނާނީ އޭނާގާތުގައެވެ. ތަހުނިޔާ ކަންބޮޑުވާނެ އެއްވެސްކަމެއް މުރުތަޟާއެއް ނުކުރާނެއެވެ. އެވަރުގެ ޔަޤީންކަމެއް ، ތަހުނިޔާގެ ވިސްނުމުގައި މުރުތަޟާގެ މައްޗަށް އެބައޮތެވެ.

އެވަގުތު ، ތަހުނިޔާ ދޫކޮށްލާފައި ހަފުތާއަކަށްނަމަވެސް ދާންޖެހޭތީ ، ޙަފުޞާވެސް ހުރީ ކަންބޮޑުވެފައެވެ. ޙަފުޞާއާއި ޠާހިރާއާ ދެމައިން އެކަމާބެހޭގޮތުން އޮތީ މަޝްވަރާކޮށްފައެވެ. އެވަގުތު ، ތަހުނިޔާ ދޫކޮށްލާފައިދާކަށް ޙަފުޞާގެ ހިތެއް  ނޭދެއެވެ. ތަހުނިޔާ އެތަނަށްވަދެ ، ޙަފުޞާމެންގެ ވާހަކައިގެ ތެރެޔަށް ވަނެވެ. އަދި ، އޭނާއާމެދު އެއްވެސް ވަރަކަށް ކަންބޮޑު ނުވުމަށް ތަހުނިޔާ އެދުނެވެ. އެއްވެސް ކަމެއް ދިމާވެއްޖެނަމަ ، މަންމަމެންވެސް އެތިބީ ، އޭނާގޮވާލީމަ އަޑުފޯރާ ހިސާބުގައެވެ.

ހައިދަރުއާބާދުން ތަހުނިޔާއަށް ގެނެސްދޭނީ ކޮންއެއްޗެއްތޯ ޠާހިރާ ސުއާލުކުރިއެވެ. ތަހުނިޔާ ބޭނުންވީ ތަނޑިއެވެ. އޭނާއަށް ބައިވަރު ތަނޑިތަކެއް ގެނެސްދިނުމަށް ތަހުނިޔާ އެދުނެވެ. ތަހުނިޔާހުރީ ، އޭނާގެ އަތުގައި އެކިކުލައިގެ ތަނޑުތައް އަޅަން ބޭނުން ވެފައެވެ. އެއީ ކުޑަކުދިން ބޭނުންވާކަހަލަ އެއްޗެއްކަމަށްވިޔަސް ، ތަނޑިނޫން އެހެން އެއްޗެއް ތަހުނިޔާ ބޭނުމެއް ނުވިއެވެ.

ޙަފުޞާމެންގެ ފޮށިތައް ކާރަށް އަރުވައި ، މަންމަގާތަށް އައިސް މުރުތަޟާ ހުށްޓުނެވެ. ތަހުނިޔާއާ ބެހޭގޮތުން އެއްވެސް މިންވަރަކަށް ފަރުވާކުޑަ ނުކުރުމަށް ޙަފުޞާ އެދުނެވެ. މުރުތަޟާގެ އެންމެ މުހިންމު ވާޖިބަކީ އެއީކަން ، ޙަފުޞާ ހަނދާން ކޮށްދިނެވެ. ޙާފުޞާ ކާރަށް އެރީ ، ތަހުނިޔާއަށް ގޮވައިލުމަށްފަހު ، ކެއުމަށް ސަމާލުވުމަށް ތަހުނިޔާއަށް އިންޒާރު ދިނުމަށްފަހުގައެވެ.

ހެނދުނު ހެނދުނާ ، ނޫރުއޮފީހަށް ދިއުމުގެކުރިން މުރުތަމާމެންގެޔަށް ގޮސް ދޮރުގައި ޓަކިޖަހައިލިއެވެ. ބޭރުގައި ނޫރުހުރިތަން ފެނިގެން ތަހުނިޔާއައިސް ދޮރުހުޅުވާލަދީ އެތެރެޔަށް ވަނުމަށް ނޫރުގާތު ބުންޏެވެ. ނޫރު އެއައީ ، ތަހުނިޔާއާ ބައްދަލުކޮށްލާފަ އޮފީހަށް ދާންވެގެންނެވެ. އޭނާ ، އެމެރިކާއަށް ދާން ފުރަން އޮތީ އަންނަ ހަފުތާގައެވެ.  އެހެންކަމުން ، އޭނާ ފުރައިގެންދާނީ ،  ތަހުނިޔާއާ ބައްދަލުކޮށްލުމަށްފަހުގައިކަމަށް ނިންމިއެވެ. މުރުތަޟާ އެވާހަކަ ، ތަހުނިޔާގާތު ނުބުނޭތޯ ނޫރު ސުއާލުކުރިއެވެ. އެވާހަކަ އޭނާގާތު ނުބުނިކަމަށްވިޔަސް އެއީ ތަހުނިޔާއަށް އެހާ މުހިންމު ކަމެކެވެ. އޭނާގާތު ބުނަން މުހިންމު ވާހަކައެއް ވިއްޔާ މުރުތަޟާ ބުނާނެއެވެ. އެވާހަކަ ތަހުނިޔާގާތު ނުބުނާނީ ، އެއީ އެހާ މުހިންމު ވާހަކައެއްކަމަށް މުރުތަޟާއަށް ނުފެންނާތީއެވެ. އެކަމާ ، ތަހުނިޔާގެ އެއްވެސް ޝަކުވާއެއް ނެތެވެ. އެހެންނޫނަސް ، މުރުތަޟާއާއި ނޫރާބެހޭ އެއްވެސް ވާހަކައެއް އެދެމަފިރިންނެއް ނުދައްކައެވެ.

ނޫރުގެ އެންމެ ގާތް ބެސްޓް ފްރެންޑުން ، އޭނާއާ ބެހޭއެއްވެސް ވާހަކައެއް ނުދައްކާވާހަކަ ބުނީމަ ، ނޫރު ކަންބޮޑުވިއެވެ. މާޒީގައި ހިނގާފައި ހުންނަ ބައެއްކަންކަން ހަނދާންނެތި ބައެއް  ހަނދާންތައް އަނދައި އަޅިޔަށްވުން އެއީ ޢާންމުކަމެއްކަމަށް ތަހުނިޔާ ބުންޏެވެ. އަދި އެއަޅިޔަކީ ، ކޮނެގެން ނަގާ އެއްޗެއްނޫނެވެ. އެނަގަން އުޅެން ހަދައިގެން ، އަތްވެސް އަދި ލައިގެން ހުންނަ ހެދުންވެސް ހަޑިވާނެއެވެ. އަޅިބުރައިގެން އަތްހަޑިވެ ، ހެދުމަށް އަޅިބުރާކަށް އެއްވެސްމީހަކު ނޭދޭނެއެވެ. މުރުތަޟާއާއި ތަހުނިޔާއަކީ ، އެކަކު އަނެކެއްގެ އިޙްސާސްތައް ދެނެގަނެ ، އެ އިޙްސާސްތަކަށް އިޙްތިރާމްކުރާ ބަޔެކެވެ. އެކަން ނޫރުއަށްވެސް އެނގޭނެކަމަށް ތަހުނިޔާ ބުންޏެވެ.

ރަހަ ބަލައިލުމަށްފަހު ، އެހެދިފައިވަނީ މީރުކޮށްތޯ ބަލައިލުމަށް އެދެމުން ތަށްޓަކަށް އަޅާފައިހުރި ކާއެއްޗެއް ތަހުނިޔާ ، ނޫރުއަށް ދިއްކޮށްލިއެވެ. އެއީ އޭނާ މުރުތަޟާއަށް ހަދައިދިން ކާ އެއްޗެކެވެ. ނޫރުގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ.

" ހިތް އަތުލުމަށްޓަކައި ތިހުރިހާކަމެއްވެސް ކުރަން ޖެހޭނެއެވެ. ކަވާބާއި އެނޫނަސް ، މުރުތަޟާއަށް މީރުހުރިހާ އެއްޗެއް ހަދަން ޖެހޭނެއެވެ. އިތުރަށް ހިތްވަރެއްލައިގެން ބޮޑަށް ހިތްލަންބުވާލަން ބޭނުމިއްޔާ އާއެއްޗެތިވެސް ކާންހަދައިދޭން ޖެހޭނެއެވެ. ތެދަށް ބުނާކަމަށް ވަންޏާ އަހަރެން ތަހުނިޔާއާމެދު ދެރަވެއެވެ. އަހަރެންނާއެކު ހުވަފެންތައް ދެކެމުން އައި އެ ތަހުނިޔާއަކީ ، ތިއީތޯ އަހަރެންގެ ހިތް ސުއާލު ކުރެއެވެ. އަހަރެމެން އެކުގައި ނުދެކެނީ ކޮން ހުވަފެނެއް ހެއްޔެވެ. ދުނިޔެ ބަލާލައި ، ދުނިޔޭގައި އަހަރެމެންނަށްޓަކައި ލައްވާފައިވާ ފޮނިމީރުކަން ތަޖުރިބާކޮށްލަން ، ކިހާއުއްމީދެއް އަހަރެމެން ކުރީމު ހެއްޔެވެ ؟ އަހަރެމެންގެ އަމިއްލަ ޙައިޞިއްޔަތު ދެކެލައި މުޖުތަމަޢުގައި ޤަދަރުވެރިކަމާއެކު އިސް އުފުލައިލަން ކިހާގިނަ އުއްމީދުތަކެއް އަހަރެމެން ކުރިން ހެއްޔެވެ ؟ އެ ހުރިހާކަމެއް ތަހުނިޔާ ހަނދާން ނައްތައިލީ ހެއްޔެވެ ؟ " ނޫރު ބުނަމުން ގެންދިޔައެވެ.

އަތުގައިހުރި ތަށި މޭޒުމަތީ ބެހެއްޓުމަށްފަހު ، ނޫރުއާ ގާތަށް ޖެހިލައި ، އެހުރިހާކަމެއްވެސް އޭނާގެ ހަނދާނުގައި އެބަހުރިކަމަށް ތަހުނިޔާ ބުންޏެވެ. ދިރިއުޅުމަކީ ، ކެއުމަށް ތައްޔާރުކޮށްފައި ހުންނަ ބުފޭއެއްނޫނެވެ. ތަށްޓަށް އެޅިފައިހުންނާނީ ، އެންމެ މީރު އެއްޗެއް ނޫނެވެ. އޭގެ މީރުކަމާއި ފޮނުކަމާ އަދި ކުޅިކަމަކީ އޭގެ ރަހަބެލީމަ އެނގޭ އެއްޗެކެވެ. ތަހުނިޔާ އެހުރީ ، ދުނިޔެއިން އޭނާއަށް ލިބުމަށް މިންވަރުކުރެއްވި އެއްޗެއް އުފަލާއެކު ޤަބޫލުކޮށްގެންނެވެ. އެކަމުގައި އޭނާގެ މައިންބަފައިންގެ އުފާވެރިކަމާއި ހިތްހަމަޖެހުން އޮތީ ގުޅިފައެވެ. އަދި އޭނާގެ ހިތަހަމަޖެހުންވެސް އޮތީ އެކަންކަމާ ގުޅިފައެވެ. ނުލިބޭ އެއްޗަކަށް ތަހުނިޔާގެ ހިތެއް ނުކިޔާނެއެވެ. ނޫރު އެދުވަނީ ، ނޫރުގެ މުސްތަޤްބަލްގެ ފަހަތުންނެވެ. ލިބެން ނުހުންނަ އެއްޗެތި ހޯދުމަށް މަސައްކަތްކޮށް ދާހިއްލާ ފޯވަމުންނެވެ. ތަހުނިޔާ އެދުނީ ، ގަޔަށް ބާރުލާފައި ނޫރު އެބޭނުންވާ މުސްތަޤްބަލްގެ ފަހަތުން ބާރަށް ދުވާށެވެ. އެއްގޮތަކަށްވެސް ހުއްޓޭނެކަމެއް ނެތެވެ. ދުވަމުން ދުވަމުންގޮސް ކޮންމެ ފަހަރަކު ، އަނގަވަތަށްލައި ނޫރުވެއްޓެނީ ކީއްވެގެންތޯ ތަހުނިޔާ ސުއާލު ކުރިއެވެ. އެއްވެސް ކަމެއް ޙާޞިލްނުވެ އަޅިޔަށްވެގެން އެދަނީ ކީއްވެގެން ހެއްޔެވެ ؟

" ތިބުނީ ކީކޭ ހެއްޔެވެ ؟ ތަހުނިޔާއަށް ތިފެންނަނީ ޙަޤީޤަތެއްނެތް ހުވަފެނެކެވެ. އަހަރެންނެއް ނުވެއްޓެއެވެ. އަހަރެން ބޭނުންވާ ކޮންމެކަމެއް މިއަންނަނީ ފުރިހަމަކުރަމުންނެވެ. އެހުރިހާކަމެއް އަހަރެންގެ ނަސީބުގައި ލިޔުނީ އަހަރެންގެ އަމިއްލަ އަތުންނެވެ. އެއީ އަހަރެންގެ ފަލްސަފާއެވެ. އެއީ އަހަރެން އިޚްތިޔާރުކުރި ގޮތެވެ. ނަސީބޭ ކިޔަން ތަހުނިޔާ ތި އިޚްތިޔާރުކުރީ ކޮން އެއްޗެއް ހެއްޔެވެ ؟ ޙައްޤުނޫން ދޮގު ލޯތްބަކާއި ގެވެހި އަނތްބެއްގެ ދަރަޖައެވެ. ބަދިގެތެރެ މިހާރު ، ރަނގަޅަށް ބަލައިލައިފިން ހެއްޔެވެ. ތަހުނިޔާ ނިކަން ބަލަން ހުންނާށެވެ ! އަހަރެން އެނބުރި އަންނަ ވަގުތަކަށް އިންތިޒާރު ކުރާށެވެ ! އަހަރެން ބޭނުންވާ ހުރިހާ އެއްޗެއް ޙާޞިލް ކުރާނަމެވެ. އެއިރަކުން ތަހުނިޔާއަށް ޙާޞިލްކުރެވިފައި އޮންނާނީ ކޮން އެއްޗެއްކަންވެސް އެނގޭނެއެވެ. ދުނިޔެއިން އިންސާނަކަށް ލިބޭނެ އެންމެ ބޮޑު ނިކަމެތިކަމަކީ ، އެމީހެއްގެ އަމިއްލަ ޙައިޞިއްޔަތު ގެއްލުމެވެ. " ނޫރުގެ ވާހަކަ ނިންމައިލިއެވެ.

ނޫރު ވާހަކަ ދައްކަމުން ގެންދިޔައިރު ، ތަހުނިޔާހުރީ ހިމޭނުންނެވެ. ނޫރުގެ ބަސްމަގަށް ރައްދުދިނުން އެއީ ބޭކާރުކަމެއްކަމުގައި ތަހުނިޔާއަށް ފެނުނެވެ. ނޫރު އެދެއްކި ވާހަކައެއް ދެއްކުމަށްފަހު ، ގެއިން ނުކުމެގެންދާން ދޮރާދިމާލަށް ހިނގައިގަތެވެ.  ދޮރުންނުކުމެ ، އިސްއުފުލައިލިއިރު ނޫރުގެ ކުރިމަތީގައި އެހުރީ މުރުތަޟާއެވެ. މުރުތަޟާ އެއްވެސް އެއްޗެކޭ ނުބުނެއެވެ. ނޫރުވެސް މުރުތަޟާއާ ދިމާއަށް ފުން ނަޒަރަކުން ބަލައިލުމަށްފަހު ، އަނގައިގާ އޮތް އެއްޗެއް ބޭރުކޮށްލުމަށް ކުޅުޖެހުމަށްފަހު ނުކުމެގެން ހިނގައްޖެއެވެ. ނޫރުގެ އެޢަމަލަކީ ، ތަހުނިޔާ ދެރަކޮށްލައި ބަދުދުޢާކުރުމަށްޓަކައި ، ހިންގި ޢަމަލެކެވެ. އެއީ ، ޣައިރުދީނުގެ ބައެއްމީހުން ، އަނެކާ ދެރަކޮށް ނިކަމެތިކޮށްލުމަށްޓަކައި ކޮށް އުޅޭ ކަމެކެވެ. މޫނުމައްޗަށް ކުޅެއްޖެހުންފަދަ ގޮތަކަށް ، ޢިޝާރާތުން ހިންގާ ޢަމަލެކެވެ. މުރުތަޟާ ، ގޭތެރެޔަށް ބަލައިލިއިރު ތަހުނިޔާ ކަންބޮޑުވެފައި ހުއްޓާ ފެނުނެވެ.

ދިޔަގޮތަށް ގެޔަށްވަދެ ކޮޓަރިއަށްގޮސް ފަރުވާކުޑަގޮތަކަށް ދޮރުލައްޕައިލުމަށްފަހު ، ނޫރުއަށް އެކުރެވުނު ކަމަކާމެދު ވިސްނައިލިއެވެ. ނޫރުގެ ކަންފަތްދޮށުގައި ، ތަހުނިޔާ ވަށްބަހުން އޭނާއަށް މަލާމާތްކޮށް ، ބުނަމުން ގެންދިޔަ ބަސްތައް ފަށްފަށް ވަމުންދިޔައެވެ. މޭޒުގެ ވަތްގަނޑު ހުޚުވައިލުމަށްފަހު ، ނޫރުގެ ޕާސްޕޯޓުނަގައި ، އޭގައި ޖަހާފައިއޮތް ޔޫއެސް ވިސާއަށް ނޫރު ބަލައިލިއެވެ. އަދި ހިތުގައި އޮބިއަޅައި ހިންދިރުވައިލުމަށްފަހު ، ހަމަނޭވާއެއްލައި ، ހަމަޖެހިލިއެވެ. މީހަކު ކޮންމެ ކަމެއްކުރިނަމަވެސް ، އޭނާ ކުރިޔަށްދާނީ ، އޭނާގެ ދިރިއުޅުމަށް އޭނާ ރާވާ ފަލްސަފާއިންކަން ހިތުގައި ކަށަވަރު ކޮށްލި ފަދައެވެ.

ގޭތެރެޔަށް ވަދެގެން އައިއިރު ، މުރުތަޟާހުރީ ރުޅިއައިސް ރަތްވެފައެވެ. ތަހުނިޔާ އައުމާއެކު ، ނޫރު އެއައީ ކީއްކުރަންތޯ މުރުތަޟާ ސުއާލު ކުރިއެވެ. ނޫރުއެއައީ ، އެމެރިކާއަށްދާވާހަކަ ބުނުމަށެވެ. އަދި ، ތަހުނިޔާގެ ކުރިޔަށް އޮތް މުސްތަޤްބަލަކީ ، އަނދިރިކަމުން ފުރިގެންވާ އެއްޗެއްކަން ތަހުނިޔާއަށް ވިސްނައި ދިނުމަށްޓަކައެވެ. ތަހުނިޔާގެ ދިރިއުޅުމުގައި ، އޭނާގެ ފިރިމީހާގެ ލޯތްބަކީ ، ޙަޤީޤަތެއްނޫންކަމަށާއި ، އެއީ ތަހުނިޔާއަށް ޙާޞިލްކުރެވޭނެ އުއްމީދެއްނޫންކަން ބުނެދިނުމަށްޓަކައެވެ. އުފާޥެރިކަމުގެ ކުޑަވެސް މިންވަރެއް ތަހުނިޔާގެ ޙަޔާތުގައި ނުވާނެކަން ، ތަހުނިޔާއަށް އަންގައި ދިނުމަށްޓަކައެވެ. މުރުތަޟާއާ ކައިވެނިކޮށްގެން ތަހުނިޔާ އިޚްތިޔާރުކުރި މަގަކީ ، ހިތާމައާއި ހިތްދަތިކަމުން ފުރިގެންވާ އެއްޗެއްކަން ތަހުނިޔާއަށް އިޙްސާސް ކޮށްދިނުމަށްޓަކައެވެ. ނޫރުއެއައީ އެކަންކަން ތަހުނިޔާގާތު ބުނުމަށްޓަކައި ކަމުގައި ތަހުނިޔާ ބުންޏެވެ. (ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.