ފަލްސަފާ (70)

( 19 މާރިޗު 2024 ގައި ޝާއިޢުކުރި ބަޔާ ގުޅޭ )

" ހަމަ ރަނގަޅަށް ހެއްޔެވެ ؟ ތަހުނިޔާ ތިދިނީ ހާދަހާ އުފާވެރި ޚަބަރެކެވެ. " މުރުތަޟާގެ މޫނުމައްޗަށްވެސް ، މީންދުވަހަކު ނާންނަފަދަ ޝާއްބަކަމެއް އައިސް ، މޫނުމަތި ހިނިތުންވުމުން ފޮޅިގެން ދިޔައެވެ.

ތަހުނިޔާއަށް ޝުކުރު އަދާކުރުމަށްޓަކައި އެތައް ބަސްތަކެއް މުރުތަޟާ ބޭނުންކުރިއެވެ. އެއީ ޝުކުރުކުރުން ޙައްޤު ޚަބަރެކެވެ. މުރުތަޟާގެ ޙަޔާތުގައި ދެވިފައިހުރި މަގުގެ ހަތަރު އަނގޮޅީތެރޭ ، ހަމަނޭވާލައިގެން ހުރެ ، އޭނާ ދާންވީދިމާ ، ވަކިކޮށް ދެނެގަނެވޭފަދަ ކަމެކެވެ. ދެނެއް ، މަގުއޮޅިގެން އުޅޭކަށް މުރުތަޟާއަކަށް ނުޖެހޭނެއެވެ. ތަހުނިޔާ އެވަނީ މުރުތަޟާއަށް މަގު ދައްކައިދީފައެވެ. އެއީ ، މިހާރު މުރުތަޟާވެސް ދާންބޭނުންވާ މަގެވެ. އޭނާއާ ތަހުނިޔާއާ ދެމީހުން އެކަންޏެވެ. ނޫރުއާ ނުލައެވެ. ޝުކުރު އަދާކުރަމުންގޮސް ، މުރުތަޟާއަށްވެސް ރޮވުނެވެ. އަދި ތަހުނިޔާގެ ކިބައިން މަޢާފަށް އެދުނެވެ. މުރުތަޟާގެ ޙަޔާތުގައި ، އެއްވެސް އިންސާނެއްގެ ހިތަށް ދަތިނުކުރާވަރަށް ، ތަހުނިޔާގެ ހިތަށް ، މުރުތަޟާވަނީ ތަދުކޮށްފައެވެ. އެކަން އަނބުރާ ގެނެވޭނެ ގޮތެއް ނެތެވެ.

ތަހުނިޔާގެ މޫނުމަތިން ފާޅުވަމުން ދިޔަ އުފާވެރިކަމާއެކު ، ތުންފަތަށް ވެރިވި ހިނިތުންވުމުން ، އޭނާގެ ކުދިކުދި ދަތްތައް ހީވަނީ މުތީތަކެއް އަތުރާލާފައި ހުރި ހެންނެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތައްވެސް އޭނާގެ ކޯތާފަތުގައި ބީހިލަމުން އެދަނީ ނިކަން ލޯބިންނެވެ. މުރުތަޟާ ، ހިނިތުންވުމާއެކު ، ތަހުނިޔާއާ ގާތަށް ޖެހިލައި ، ތަހުނިޔާގެ ލޮލުންފައިބަމުންދިޔަ ކަރުނަތައް ފުހެލަދިނެވެ.

" އަހަރެންނަށް ހާދަވަރަކަށް ތަހުނިޔާގެ ހިތަށް ދަތިކުރެވިއްޖެއެވެ. އަހަރެން އެކަމަށްޓަކައި މަޢާފަށް އެދެމެވެ. އެކަމަކު ، ތިދިން އުފާވެރި ޚަބަރަށްޓަކައި ، ހާސްފަށުން ޝުކުރިއްޔާއެވެ ! " ތަހުނިޔާގެ ލޮލަށް ބަލަހައްޓައިގެން އިނދެ މުރުތަޟާ ބުންޏެވެ.

މުރުތަޟާގެފަރާތުން ލިބުނު ހިތާމަތަކާގުޅިގެން ، ނޫރުއަށްވެސް ވަގުތުން ބަދަލުތަކެއް އައެވެ. އެދުވަހުގެ ހެނދުނުގެ ނާސްތާއަށް އެންމެންނާއެކު ، އެއްމޭޒުދޮށަށް ނޫރުވެސް އެރިއެވެ. އެއީ އެގޭގެ ހަމަ ކޮންމެ މީހަކަށްވެސް ، ލިބުނު ޙައިރާންކަމެކެވެ. ނޫރުއާއެކީ ހެނދުނުގެ ނާސްތާކޮށްނުލާތާ އެތައްދުވަހެއް ވެއްޖެކަމަށް ބުނެ ، ރައިދާއަށް ލިބުނު އުފާވެރިކަން ހާމަކުރިއެވެ. ހާރިސް އަދިވެސް ހުރީ ނޫރުދެކެ ފޫހިވެފައެވެ. ލޯބިވާމީހުންނާ ވަކިވާން ޖެހޭތީ ، މިއަދު ކާމޭޒުދޮށުން ނޫރުފެނިލީކަމަށް ހާރިސް ނިންމިއެވެ. އެންމެފަހު ވަގުތު ، އެމީހުންނާއެކު ވަގުތުކޮޅެއް ހޭދަކޮށްލުމަށް ނިންމީއެވެ. މުރުތަޟާއާ އިނދެގެން ގެއިން ނުކުމެގެން ދިއުމަށްފަހު ، މާ ފަސޭހައިން ނޫރުގެ މޫނު ފެނިލުމަކީ ވާނެކަމެއްނޫނެވެ. ނޫރުގެ ކައިވެނީގެ ރަސްމިއްޔާތަށް ދިއުމުގެ ޙައްޤު އެމީހުންނަށްވެސް ލިބިއޮތް ކަމަށާއި ، އެކައިވެނި އޮތީ ، ކޮންތާކު ، ކޮންދުވަހަކުތޯ ހާރިސް ސުއާލު ކުރިއެވެ. އެންމެން ވާހަކަ ދައްކަމުން ގެންދިޔައިރު ، ނޫރުއިނީ ، އަނގައިން ނުބުނެ ފާޑެއްގެ ހިންޏެއް އައިސްފައެވެ.

ކައިވެނީގެ ރަސްމިއްޔާތަށް އައިސްގެން އަދި އެ ރަސްމިއްޔާތަށް ނާދެވިގެންވެސް ، ބޭބެއަށް އަންނާނީ ކޮންތަފާތެއްތޯ ނޫރު ސުއާލުކުރިއެވެ. ނޫރުގެ އުފަލާއި ހިތާމައާއި ރުއިމާއި ތަކުލީފާއަދި މުޅިޙަޔާތަކީ ، އޭނާގެ އަމިއްލަ އެއްޗެކެވެ. އެހެން އެއްވެސްމީހަކަށް އެއިންކަމަކުން ކުރާ އަސަރެއް ނެތެވެ. ނޫރު ، ދުނިޔޭގައި އުޅުނަސް އަދި ނޫޅުނަސް ، ތަފާތެއް އަންނާނެމީހަކު ، ޚުދު އޭނާގެ އަމިއްލަ ޢާއިލާގެ ތެރެޔަކުވެސް ނެތެވެ.

ނޫރު ދައްކަމުންގެންދިޔަ ވާހަކަތަކަށް ރައްދެއްނުދީ ވަޞީމަކަށްވެސް ނުއިނދެވުނެވެ. އެތަނުގައި ، ބޭރު އެއްވެސް މީހަކު  ނެތްކަމަށާއި އެއީ ނޫރުގެ އަމިއްލަ މީހުންކަމަށް ވަޞީޟު ބުންޏެވެ. އެހެނަސް ، ވަކިމީހަކު ، އެހެންމީހުންނާއެކު އޮންނަ ގުޅުމެއް ކަނޑައިލުމުން ، އެއީ އެކަނިވެރިޔަކަށް ވެދެއެވެ. އެކަނިވެރިކަމަކީ ، އަމިއްލަ އިޚްތިޔާރުގައި އިންސާނާ އުފައްދާ ޙާލަތެކެވެ. ތިމާގެ އެހެންމީހުންނާ ދުރަށް ދިއުމަށް ދައްކާ ޙުއްޖަތެކެވެ.

ނޫރުމެންފަދަ ނަސީބުދެރަ ، ބައެއްމީހުންގެ މައްސަލަޔަކީ އެއީއެވެ. ލިބެން އޮންނަ ކާމިޔާބީ ދޫކޮށްލާފައި ، ގުޅުންތަކާ ވަކިވަމުން ދިއުމެވެ. ތިމާގެ ލެޔާގުޅިފައިވާ މީހުންގެ އެހީތެރިކަމާއި އެއްބާރުލުން ނުލިބިގެން ، އަތްމަތިން ދޫވަމުންދާ ގުޅުންތައްވެސް މަދެއްނޫނެވެ. އަހަރެމެންގެ އެއްރަޙިމުގެ ގުޅުމުގެ އަގުވަޒަންކޮށް ، ބޭނުންވާ އެހީތެރިކަން ލިބުނުނަމަ ، ކޮންފަދަ ހެއްޔެވެ ؟

" ދެން އެވާހަކަ ނުދައްކަމާ ހެއްޔެވެ ؟ މިގޭގެމީހުންނަށް ދޭން ، ވަރަށް މުހިންމު ޚަބަރެއް އެބައޮތެވެ. އެ  ޚަބަރަކީ ، އަހަރެންނާ މުރުތަޟާއާ ދެމީހުން ކައިވެނި ނުކުރަން ނިންމައިފީމެވެ." ނޫރު ބުންޏެވެ.

ނޫރުގެ އެވާހަކައިން ، އެތާތިބި އެންމެންގެ އިސްއުފުލިގެންދިޔައެވެ. ޙައިރާންވެގެންގޮސް އަންތަރީސް ވެ ، އެންމެންގެ އަނގަ ތަންމިނަށް ހުޅުވުނެވެ. ވަޞީމުގެ މިލާމޯޅިވެފައިވާ މޫނުމައްޗަށް ހިނިތުންވުން ވެރިވިއެވެ. ހާރިސްގެ ދެމަފިރިންނަށް ، ނޫރުގެ އެވާހަކަ ޤަބޫލެއް ނުކުރެވުނެވެ. އެއީ ، ނޫރުގެ މަކަރުވެރިކަމުން އާ މަންޒަރެއް ދައްކަނީކަމަށް އެމީހުން ދުށްޓެވެ.

ޙަފުޞާއިނީ ، ހެނދުނު ސައިބޮއި ނިމިގެން ސިޓިންގރޫމުގައި އިށީނދެލައިގެންނެވެ. މުރުތަޟާ ، މަންމަގާތަށް ޖެހިލިއެވެ. އެދުވަހު ، މުރުތަޟާ އޮފީހަކަށް ނުދެއެވެ. އެކަމާބެހޭގޮތުން ، ޙަފުޞާ ސުއާލު ކުރިއެވެ.

މުރުތަޟާ މިއަދު އެހުރީ އޮފީހަށް ސަލާމް ބުނެފައެވެ. ތަހުނިޔާ ގޮވައިގެން ހޮސްޕިޓަލަށް ދާންޖެހިގެންނެވެ. އެއީ ، ޙަފުޞާއަށް ޙައިރާންކަން ލިބުނު ކަމެކެވެ. ތަހުނިޔާ ބަލިވެ އުޅޭއިރު އޭނާއަށް ނޭނގުނީތީ ، ޙަފުޞާ ކަންބޮޑުވިއެވެ. ތަހުނިޔާއާ އެންމެ ރަނގަޅަށް އަޅައިނުލެވޭކަމުގެ އިޙްސާސް ކުރެވިގެން ދިޔައެވެ.

" ތަހުނިޔާ ބައްޔެއް ނުވެއެވެ. އެއީ ކަންބޮޑުވާކަހަލަ ކަމެއްނޫނެވެ. އުފާވެރިކަމުގެ ޚަބަރެކެވެ. " ތަހުނިޔާ ބަލިވެއިންކަން މަންމަގާތު ބުނާނެގޮތެއް ނޭނގިހުރެ ، މުރުތަޟާއަށް ބުނެވުނެވެ. މުރުތަޟާ އެބުނީ ކީކޭކަން ޙަފުޞާ ، ވަގުތުން ދެނެގަތެވެ. އަދި ޙަފުޞާގެ މޫނުމަތިން އުފާވެރިކަން ފާޅުވެގެން ދިޔައެވެ.

ޙަފުޞާއަށް ކޮޅަށް ތެދުވެވުނެވެ. އުފަލުންގޮސް ރޮއެގަނެވުނެވެ. މުރުތަޟާއަށާއި ތަހުނިޔާއަށް ހެޔޮ ދުޢާކުރިއެވެ. ޠާޙިރާއަށް ގޮވާގެނެސް ، އެޚަބަރު ޠާހިރާއަށްވެސް ދިނެވެ. ޙަފުޞާ މާމަޔަކަށް ވަނީއެވެ. ޠާހިރާއަށް ބޮޑުދައިތަ ކިޔަނީއެވެ. ޠާހިރާއަށް ، އެއުފާވެރި ޚަބަރުދީ ، ފޮނިކާ އެއްޗަކުން އަވަށްޓެރިންނަށް ޞަދަޤާތްކުރަން ، އެއްޗެއް ތައްޔާރުކުރުމަށް ބުންޏެވެ. ޠާޙިރާއަށްވެސް އުފަލުންގޮސް ނަށައިގަނެވުނެވެ.

ޙަފުޞާ ، މުރުތަޟާއަށް ގޮވައިލިއެވެ. އަދި އެ ޙާލަތުގައި ތަހުނިޔާގެ ހިތަށް ދަތިވާނެ އެއްވެސް ވާހަކައެއް ތަހުނިޔާގާތު ނުބުނުމަށާއި ، އެކަހަލަ އެއްވެސްކަމެއް ނުކުރުމަށް ، ޙަފުޞާ އެދުނެވެ.

ތަހުނިޔާއަށް އެއްވެސް ތަކުލީފެއް އުފުއްލަން ނުޖައްސާނެކަމަށް މުރުތަޟާ ވަޢުދުވިއެވެ. ނޫރުލްޢައިނުއާއި މުރުތަޟާ މިހާރު އެތިބީ ދުރުވެފައިކަމަށް ތަހުނިޔާގާތު ، މުރުތަޟާވަނީ ބުނެފައެވެ. އެގެޔަށް ކުއްލިގޮތަކަށް އެއައި އުފާވެރިކަމުގައި ޙަފުޞާއާއި ޠާހިރާއާ ދެމައިންތިބީ އުފަލުން ފޮޅިފައެވެ. ދެމައިން އެކަކު އަނެކަކަށް ބައްދައިލިއެވެ.

ހެނދުނު ހެނދުނާ އޮފީހަށްގޮސް ، އެމެރިކާއަށް ފުރުމުގެކުރިން ހަމަޖައްސަންޖެހޭ ކަންކަން ރޭވުމަށް ނޫރު ، އިސްކަންދިނެވެ. މިވަގުތު އޭނާގެ ކުރިމަތީގައިވާ އެންމެ މުހިންމު ކަމަކީ އެއީއެވެ. ކައިވެނީގެ ކަންތައްވެސް އެއީ ކުޑަކަމެއްނޫނެވެ. ކައިވެނި ނުކުރަން ނިންމިޔަސް އަދި މުޅިން އެކަން ފައިނަލެއް ނުވެއެވެ. އެކަން މުޅިން ނިމުމަކަށް އަންނާނީ ، މުރުތަޟާއާ ދިމާއަށް އެވާހަކަ ބުނެލައިގެންނެވެ. އެއީ އެހާ ފަސޭހަކަމަކަށް ނުވާނެއެވެ.

ނޫރުގެ ޚިޔާލުތައް ، މާކުރިޔަށް ގެންދިޔައެވެ. އެންމެ ފުރަތަމަ ، ކައިވެނީގެ ވާހަކަ ދެކެވުނު ހިސާބުން ފެށިގެން ، އެކައިވެނި ކުރަން އޭރު ނޫރުބޭނުންނުވާ ވާހަކަ ބުނިހިސާބުން ފެށިގެންނެވެ. މުރުތަޟާއާއި ނޫރުގެ ލޯބީގެ މުޢާމަލާތުތަކުގެ ފީތާތައް ނޫރުގެ ކުރިމަތީ ނިއުޅިގެން ދިޔައެވެ. ހަނދާނުން ފިލައިދާންނެތް އެތައްކަމެކެވެ. އެތައް ވަޢުދަކާއި ޢަހުދެކެވެ. އެތައް ހިނިތުންވުމަކާއި އެތައް ރުއިމެކެވެ.

ޓަކިޖަހައިލުމަށްފަހު ، ސެކްރެޓަރީ ވަދެ ، ނޫރުމެންގެ ވިސާޖަހަން އެމްބަސީއަށް ދާގަޑިޖެހިއްޖެކަމަށް ، ސެކްރެޓަރީ ބުންޏެވެ. ނޫރުވެސް މަޑުކޮށްގެން އެއިނީ އެމްބަސީއަށްދާ ގަޑިޖެހެންދެނެވެ. އެމެރިކާއަށް ދިއުމާމެދު ، ނޫރުގެ ފަލްސަފާއާ  ، އޭނާގެ ބައްޕަ އެއްބަހެއް ނު ވެއެވެ. އެއީވެސް ނޫރުގެ ކުރިމަތީގައި އޮތް ކަންބޮޑުވުމެކެވެ. ވަޞީމަށް އެކަމާ އެއްބަސް ނުވެވިގެން އެއުޅެނީ ، ނޫރުގެ ޢަމަލުތައް މިހާރަކަށް އައިސް ހުންނަ ގޮތުން ، ކޮންމެފަދަކަމެއްވެސް ނޫރު ކޮށްފާނެތީއެވެ. އަމިއްލަ ޤައުމުގައި ޢާއިލާއާ އެކީގައި ހުންނައިރުވެސް ، އެމީހުންނަށް އެއުޅެނީ ، ނޫރު ކޮންޓްރޯލް ނުކުރެވިގެންނެވެ،

ވަޞީމުގެ ކަންބޮޑުވުމަކީ ޖާއިޒް ކަމެކެވެ. ވަޞީމުގެ ކަންބޮޑުވުމުގައި އެންމެ ގާތުން ، ޙިއްޞާކުރަނީ ރައިދާއާއެވެ. ވަޞީމުގެ ބަލިހާލަތު ހުރިގޮތުން ވަޞީމުގެ ޙާލަތު އެންމެ ރަނގަޅަށް އެނގޭނީ ރައިދާއަށެވެ. ރައިދާގެ ފަރާތުން ބޭނުންވާ އަޅައިލުމާއި އޯގާތެރިކަން އަބަދުވެސް ވަޞީމަށް ލިބެއެވެ. ނޫރު ، މިހާރު ބޭނުން އެވަނީ އެމެރިކާއަށް ދާށެވެ. ނޫރު އެދޭގޮތަށް އޭނާ ފޮނުވައިލުމަށް ބައްޕަގެ ކިބައިން ރައިދާ އެދުނެވެ. އެނޫންގޮތަކަށް ނޫރު މައިތިރި ނުކުރެވޭނެކަން ރައިދާއަށް އެނގެއެވެ. އެއީ ، ވަޞީމަށްވެސް އެނގޭ ކަމެކެވެ. އެހެންނަމަވެސް ، އެއީ އޭނާއަށް ދަތިކަމަކަށް ވެގެން އެއުޅެނީ ، ސަބަބުތަކެއްވެސް ނެތިއެއްނޫނެވެ.

އަމިއްލަ ނިންމުންތައް ނިންމުމުގެ ޤާބިލްކަން ، ނޫރުގެ ކިބައިގާ އެބަހުށްޓެވެ. އެގޭގެ އެއްވެސްމީހެއްގެ ލަފަޔާއި އިރުޝާދަކީ ، ނޫރުއަށް ބޭނުންވާ އެއްޗެއްނޫނެވެ. ބައްޕައަކަށްވިޔަސް ، ނޫރުގެ ލަފާދާރަކަށް ، ވަޞީމަކަށް ނުވެވުނެވެ. ހާރިސްއަކީ ބޭބެކަމަށްވިޔަސް ، ހާރިސްއަށްވުރެ ، ނޫރު ބޮޑުވެ އިސްވެއްޖެއެވެ. އެކަކަށްވެސް ނޫރުއާ އެއްވެސްކަމަކާ ސުއާލެއް ނުކުރެވޭނެއެވެ. އެއްވެސްކަމެއްގައި ލަފަޔެއް ނުދެވޭނެއެވެ. އެހުރިހާކަމަކީވެސް ، ރައިދާވެސް ޤަބޫލުކުރާ ކަންކަމެވެ. އެހެންނަމަވެސް ، މިވަގުތަށް އޮތްއެންމެ ރަނގަޅުގޮތަކީ ، ނޫރު ބޭނުންވާގޮތަކަށް ، ކަންކަން ނިމިގެންދާން ދުޢާ ކުރުމެވެ. އެކަމަށް ، ނޫރުއަށް މަގުފަހިކޮށްދިނުމެވެ. ހިތްހަމަޖެހިގެންހުރެ ، ފުރައިގެން ދާން ފުރުޞަތު ދިނުމެވެ.

ނޫރު ، އިންޑިއާއިން ފުރައިގެން ދިއުމުން ، ހަމަގައިމުވެސް ދެ ޢާއިލާއަކަށް ހަމަޖެހުން ލިބޭނެއެވެ. އެއީ ތަހުނިޔާގެ ޢާއިލާއާއި މުރުތަޟާގެ ޢާއިލާއެވެ. އެތައް ބަޔެއްގެ ދިރިއުޅުން ބަރުބާދުވުމާ އަދި ތަކުލީފުތައް ، ނޫރުގެ އެނިންމުމާވަނީ ގުޅިފައެވެ.

ވަޞީމުވެސް ، ރައިދާގެ ވާހަކަޔަށް އެއްބަސްވިއެވެ. ނޫރު ، އެމެރިކާއަށް ދިޔަދޭނީއެވެ. ނޫރުބޭނުންވާ ގޮތަކަށް އެކަން ދާން ދޫކޮށްލާނީއެވެ. އޭރަށް ، ހުރިހާ މީހުންނަށްވެސް ، ހަމަނޭވާލައިގެން އުޅުމަށް ފުރުސަތު ލިބޭނެއެވެ. ނޫރުގެ ވިސްނުމުގައިއޮތީ ، އެމެރިކާއަށްގޮސް ، އެޤައުމުގައި ވަޒަންވެރިވުމަށެވެ. ނޫރުގެ ދުލުން އެވާހަކަ ބުނެ އިއްވާލިގޮތް ، ވަޞީމުގެ ހަނދާނުގައި އަދިވެސް އެބަހުށްޓެވެ. ފަހަރެއްގައި ނޫރުގެ ދިރިއުޅުން އެއްކޮށް ، އެމެރިކާއަށް ބަދަލުވެސް ކޮށްފާނެއެވެ. އެއީ ، ވަޞީމަށް ހީވާގޮތެވެ. ނޫރުގެ ކަންތަކުގައި ފިކުރުކުރަމުންގޮސް ، ވަޞީމަށް ރޮވުނެވެ. ރައިދާ އޭނާގެ ބަފައިބެއަށް ހިތްވަރުދީ މަސަލަސް ކުރެވޭތޯ ބަލަމުން ގެންދިޔައެވެ.

ތަހުނިޔާ ޑޮކްޓަރަށް ދެއްކުމަށްޓަކައި އޭނާއާއެކީގައި ދިޔައީ މުރުތަޟާއެވެ. ޑޮކްޓަރު ބުނިގޮތުގައި ، ތަހުނިޔާގެ ބަނޑުގައިވާ ދަރިފުޅުގެ އުފެދުން އެހާ ރަނގަޅެއްނޫނެވެ. ތަހުނިޔާ އުޅެންވާނީ ވަރަށް ބަލައިގެންނެވެ. ރަނގަޅަށް ކާންވާނެއެވެ. އަދި ، ހިތްދަތިވެ ހާސްވާ ހުރިހާކަމަކުން ދުރުހެލިވާން ވާނެއެވެ. ތަހުނިޔާ ކަންބޮޑުވާނެ އެއްވެސްކަމެއް ނުކުރުމަށް މުރުތަޟާއަށް ޑޮކްޓަރު އެންގިއެވެ. ތަހުނިޔާ އުފަލުގައި ހިތްހަމަޖެހިގެން ހުރެއްޖެނަމަ ، ހުރިހާކަމެއްވެސް ރަނގަޅުވާނެއެވެ. އެކަން ޔަޤީންކުރުން އެއީ މުރުތަޟާގެ ޒިންމާއެއްކަން ، ޑޮކްޓަރު ހަނދާން ކޮށްދިނެވެ.

ނޫރުގެ އެމެރިކާ ދަތުރަށް ތައްޔާރު ވުމަށްޓަކައި ، ޝޮޕިންގމޯލަކަށްގޮސް ، ބާޒާރުކުރަމުން ގެންދިޔައެވެ. މުރުތަޟާއާއި ތަހުނިޔާއަށްވެސް  ، ކްލިނިކުން ނުކުމެގެން ބާޒާރުކޮށްލުމަށްޓަކައި ދެވުނީ ، ހަމަ އެ ޝޮޕިންގމޯލަށެވެ. މުރުތަޟާއާއި ތަހުނިޔާ އަތުގުޅާލައިގެން ، ފިހާރަތަކުގައި އެނބުރެމުންދިޔަތަން ނޫރުއަށް ފެނުނެވެ. މުރުތަޟާއަށް އެއައި ކުއްލިބަދަލަކީ ، ނޫރުއަށް ޙައިރާންކަން ލިބުނު ކަމެކެވެ. އެކަމާ ވިސްނަން ، ނޫރުއަށް އެކިފިހާރަތަކުގެ ކަނުގައި ހުރެލެވެއެވެ.

ގެޔަށް އައިމަގުމަތީ ކާރުގައި ތިބެގެން ، މުރުތަޟާއާއި ތަހުނިޔާ ވާހަކަދައްކަމުން ދިޔައީ ، އެދެމަފިރިންނަށް ކަމެއްދިމާވެގެން އުޅޭހެންވެސް ހީނުވާފަދަ ގޮތަކަށް އުފާވެރިކަމާއެކުގައެވެ. އެހާގިނަތަކެތި ތަހުނިޔާއަށް ގަނެދިނީތީ ، ތަހުނިޔާ އިނީ އުފަލުން ފޮޅިފައެވެ. މުރުތަޟާއަކީ ، ކުޑަކުދިންދެކެ ވަރަށްލޯބިވާ މީހެކެވެ. އޭގެ ހެއްކަކީ އަރުސަލާނެވެ. އަރުސަލާނަކީ ، މުރުތަޟާގެ ފުރާނައެވެ. އޭނާގެ އަމިއްލަ ދަރިޔަކަށް ކުރެވޭ އުއްމީދަށް މިހާރު އެވަނީ ފުރުސަތު ހުޅުވިފައެވެ. މުރުތަޟާއިނީ ، އުފަލުންގޮސް ފޮޅިފައެވެ. (ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.