ބުދަށް އަޅުކަންކުރުމުގެ ޒަމާނާއި ، ރަސޫލާ ރައްކާއުން
ރަމަޟާންމަހަކީ ބަރަކާތުން ފުރިގެންވާ މައްސަރެކެވެ. ކޮންމެ އަހަރަކުވެސް ރަމަޟާންމަސް ، މުސްލިމުންނާ ކުރިމަތިލަނީ ، އަޅުކަމަށް ހިތްވަރުދޭ މައްސަރެއްގެ ގޮތުގައެވެ. އެއްއަހަރަށްވުރެ ، އަނެއްއަހަރު ރަމަޟާންމަސް ކުރުވެއެވެ. ފެށިގެން ހިނގަމުންދާއިރު ، މަސްނިމޭލެއް އެހާ އަވަހެވެ. އެހެންކަމުން ، އެމަތިވެރި މައްސަރުގައި ހީވާގިވެ ، ހެޔޮޢަމަލުކުރުމަށް މުސްލިމުންގެ ނަފްސަށް ހިތްވަރު ލިބެންޖެހެއެވެ. ޝައިޠާނާގެ ވަސްވާހުގައި ޖެހި ، ގެއްލެނިކުރެއްވުމުގެ މަގަށް ހިތް ދޫކޮށްލުމުގެ ބަދަލުގައި ، ޝައިޠާނާ އައިސް ކަންފަތްދޮށުގައި ސިއްރުސިއްރުން އެދޭ ވަސްވާހަށް ނުހެއްލޭވަރަށް ތިމާގެ އީމާންކަން ވަރުގަދަކުރަން ޖެހެއެވެ. އެހެންނޫނީ ، މިމަތިވެރި މައްސަރުގެ ޘަވާބާއި ދަރުމަ ލިބުމެއް ނެތެވެ. ރަމަޟާންމަސް ނިމުމުން ، އެމަހުގައި އަދާކުރަންހުރި އަޅުކަމަށް ފަރުވާކުޑަ ކުރެވުމުގެ ހިތްދަތިކަން އިޙްސާސްވުމުގެ ކުރިން ، ނަފްސް ޠާހިރުކޮށް ، ތަޤްވާގެ މަގަށް ހިތްތައް ލަންބުވަން ޖެހެއެވެ.
ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ، ދުނިޔެއަށް ވަޑައިގަތުމުގެކުރިން ، ޢަރަބިކަރައިގާ އޮތް ޖަހާލަތުގެ އަނދިރިކަމުން ، ދުނިޔެއޮތީ ، އިންސާނުން އުޅެންކަމުދާ ވަރަށްވުރެ ހަޑިމުޑުދާރު ތަނަކަށް ބަދަލުވެފައެވެ. އިންޑިއާއަށް ބަލާއިރު ، އަންހެނުންނާމެދު ޢަމަލުކުރެވެމުންދާ ގޮތަކީ ، އިންސާނިއްޔަތުކަމުން ދުރުހެލިވެފައި އޮތް އަނިޔާވެރި ޙާލަތެކެވެ. ފިރިމީހާ މަރުވުމުން ، އަންހެނުންނަށް އެހެންމީހަކާ ކައިވެންޏެއް ނުކުރެވެއެވެ. އެއަންހެނާއަށް އޮންނަ ހަމައެކަނި ގޮތަކީ ، އަމިއްލަޔަށް ގައިގާ ރޯކޮށްލައިގެން މަރުވުމެވެ. އެއީ އެމީހުންނަށް ދަސްކޮށްދީފައިި އޮންނަގޮތެވެ. އެމީހުންގެ ސިކުނޑިތައް އޮންނަނީ އެގޮތަށް ދޮވެލެވިފައެވެ.
މިހާރުވެސް ، އިންޑިއާގެ ބައެއް ހިސާބުގައި ޤަބޫލުކުރެވިފައި އޮންނަގޮތުގައި ، މީހަކު މަރުވެއްޖެނަމަ ، ދޫންޏެއްގެ ސިފައިގާ ނުވަތަ ހަރުފައެއްގެ ސިފައިގާ އަލުން ދިރިގެން އަންނާނެއެވެ. މަރުވުމަށްފަހު ދިރިގެން ދެން އަންނަ ސޫރަޔަކީ ، އެމީހަކު ދުނިޔޭގައި ފުރަތަމަ އުޅެފައިވާ ގޮތެއްގެ މައްޗަށް ބިނާވެފައި އޮންނަ ކަމެކެވެ. ރަނގަޅަށް އުޅެފައިވާނަމަ ، އިންސާނެއް ނުވަތަ ދޫންޏެއްގެ ސިފައިގައެވެ. ގޯސްކޮށް އުޅެވިފައިވާނަމަ ، ހަރުފައެއް ނުވަތަ އެފަދަ އެހެން ޖަނަވާރެއްގެ ސިފައިގައެވެ. މީހަކު މަރުވެގެން ވަޅުލާފައި ނުވަތަ އަންދާލާފައި ގެޔަށް އަންނައިރު ، ކުރިމަތީގައިހުންނަ ގަހެއްގައި ބަކަމޫނެއް އިންތަން ފެނިއްޖެނަމަ ، އެންމެންވެސް ޤަބޫލުކުރަނީ ، އެމަރުވިމީހާ ދިރިގެން އައިސް އެއިނީ ބަކަމޫނެއްގެ ގޮތުގައެވެ. އެހެނަސް ، އެމަރުވިމީހާ މަރުވުމުގެކުރިން ، އެ ބަކަމޫނު ، ދުނިޔޭގައި އުޅުނުކަން ޤަބޫލުކުރާކަށް އެމީހުން ބޭނުމެއް ނުވެއެވެ. އިންސާނާގެ ވިސްނުމާއި ފިކުރުގެ އަނދިރިކަން ގޮސްއޮތް މިންވަރަކީ އެއީއެވެ.
ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ، ދުނިޔެއަށް ވަޑައިގަތްއިރު ، މުޅި ޢަރަބިކަރައިގައި މީސްތަކުން އަޅުކަން ކުރަމުން އައީ ، އެމީހުންގެ އަމިއްލައަތުން ، ހިލައިން ހަދާ ބުދަށެވެ. މީސްތަކުންނަށް ބޮޑުކަމެއް ދިމާވެއްޖެނަމަ ، އެކަން ޙައްލުކުރުމަށް ދަނީ ، އެންމެ ބޮޑުބުދެއްގެ ކައިރިޔަށެވެ. ހިލަކޮށާ މަށައިގެން ބުދުހެދުމުގެ ބަދަލުގައި މަށިންބުދުހަދައި ، އެމީހަކު ބޭނުންވާ ސޫރައެއް އެބުދަށް ގެނެސް ، އެއަށް އަޅުކަންކުރުން އޮތީ ޢާންމު ވެފައެވެ.
ދެރަކަމެއް ދިމާވެއްޖެނަމަ ، ފާލުބަލާމީހުންގެ ގާތަށްގޮސް ، އެމީހުންދައްކާހާ ވާހަކައެއް ޤަބޫލުކުރެއެވެ. އެމީހުން ބުނާހާގޮތެއް ހަދައެވެ. އެއީ ޖަމާޢަތުގައި ބާރުގަދަ ބަޔެކެވެ. އެމީހުންނަކީ ، ޖިންނީންގެ އެހީތެރިކަމާއެކު ގޮތްނިންމާ ބަޔެކެވެ. ޖިންނީންނާ މުޢާމަލާތްކުރުމަކީ ، އިންސާނުންނަށް ހުއްދަ ކުރެވިގެންވާ ކަމެއްނޫނެވެ. ދެރަކަމެއް ދިމާވެއްޖެނަމަ ، އެކަމަކުން ސަލާމަތް ކޮށްދެއްވުންއެދި ދަންނަވަންޖެހެނީ ، ހެއްދެވި ފަރާތަށެވެ. ރަމަލުޖަހާ އަދި ފާލުބަލާ މީހުން ބުނާގޮތަކަށް އެމީހުން މެދުވެރިކޮށްގެންނެއްނޫނެވެ. ހެއްދެވިފަރާތަށް ތިމާ ދަންނަވާ ދެންނެވުންތައް އެއީ އިތުރުފަރާތެއް މެދުވެރިކޮށް ދަންނަވަންޖެހޭ އެއްޗެއްނޫނެވެ. ތިމާގެ އަމިއްލަ ނަފްސުގެ ރައްކާތެރިކަމާއި ސަލާމަތަށްޓަކައި ، ﷲ އަށް ދެންނެވުމުގެ މަޤްޞަދުގައި ކިޔަވަން އެންމެ ރަނގަޅީ ، އާޔަތުލް ކުރުސިއެވެ. ކީރިތި ޤުރުއާނުގެ ބަޤަރާ ސޫރަތުގެ އެންމެފަހު ދެއާޔަތެވެ. އަދިހަމަ އެއާއެކު ، ކީރިތި ޤުރުއާނުގެ އެންމެ ފަހު ތިން ސޫރަތެވެ.
އެޒަމާނުގައި ދިރިއުޅުނު މީހުންނަކީ ، އާޚިރަތްދުވަހަށް އީމާންވާ ބައެއްނޫނެވެ. މަރުވުމަށްފަހު ، އަލުން ދިރުއްވާނެކަމަކަށް އެމީހުން ޤަބޫލެއް ނުކުރެއެވެ. މީސްތަކުންވަނީ ދެބަޔަކަށް ބެހިގެންނެވެ. އެއްބަޔަކީ ، ހަނަފަސް ސަހަރާގައި ދިރިއުޅޭ ބަޔެކެވެ. އަނެއްބަޔަކީ ، އާބާދުކުރެވިފައިވާ ސަހަރުތަކުގައި ދިރިއުޅޭ ބަޔެކެވެ. ސަހަރާގައި ދިރިއުޅުނު މީހުންނަކީ ހިތްހެޔޮ ބަޔެކެވެ. އަވަށްތަކުގައި ދިރިއުޅުނު މީހުންނަކީ ހިތްހަރު އަދި އެހެންމީހަކަށް ބަލައިލާނެ ވަގުތު އޮންނަބަޔަކަށް ނުވެއެވެ.
ރަމަޟާންމަހަކީ ، ދަތުރުފަތުކުރުމަށް ބޭނުންކުރެވޭ ރޭލެއްފަދަ އެއްޗެކެވެ. އެހެން މަންޒިލަކަށް ދާން ، ރޭލު ނައްޓާލުމުގެކުރިން އެއަށް އަރަން ޖެހެއެވެ. ރޭލު ނައްޓާލުނުގެ ކުރިން އެއަށް ނޭރިއްޖެނަމަ ، ރޭލްސްޓޭޝަނުގައި އެމީހަކު ހުންނާނީ އެކަނިވެފައެވެ.
މީސްތަކުން އޮންނަނީ ޤަބީލާތަކަކަށް ބައިވެފައެވެ. އެއްބަޔެއްގެ ފަރާތުން އަނެއްބަޔަކަށް ގެއްލުމެއް ނުވަތަ އުނދަގުލެއް ފޯރައިފިނަމަ ، އެއްބަޔަކު އަނެއްބަޔަކަށް އަރައިރުންވެ ، ތަޅާފޮޅައި ހަނގުރާމަކުރެއެވެ. އަދި އެފަދަ ތަޅާފޮޅުމާއި ހަނގުރާމަ އެތައް ޒަމާނަކަށް ދެމިގެންދެއެވެ. ޤަބީލާތަކުގެ ވެރިންނަކީ ، ޢާއިލީގޮތުން ވާރުތަވާ ކަމެކެވެ. ޤާބީލާއެއްގެ ވެރިޔަކު މަރުވެއްޖެނަމަ ، ދެން ވެރިކަން ލިބޭނީ ، އެމަރުވިމީހާގެ އެންމެ ދޮށީ ފިރިހެންދަރިޔަށެވެ. އާދައިގެ ނިކަމެއްޗަކަށް ، ޤަބީލާއެއްގެ ވެރިކަމެއް ނުލިބޭނެއެވެ.
އެހެންނަމަވެސް ، ޅެންވެރިކަމުގައި ފުންނާބުއުސް ބައެއްމީހުން ، އެމީހުންގެ ޅެންވެރިކަމުގެ ކުޅަދާނަކަމުން މަޝްހޫރުވެ ، ޤަބީލާގެ ވެރިޔަކަށް ވެވިދާނެއެވެ. އެހެނީ ، ޅެންވެރިކަމަކީ ވަރަށް ބާރުގަދަ އެއްޗެކެވެ. އެ ފުރުސަތު ޅެންވެރިންނަށް ލިބެނީ ، އެންމެންނަކީ ލިޔަންކިޔަން ނޭނގޭމީހުންކަމަށްވާތީއެވެ. ސަތޭކަ އިންސައްތަ މީހުންނަކީ ލިޔަންކިޔަން ނޭނގޭ މީހުންނެވެ. އެހެނަސް ، ބުއްދީގެ ބޭނުންހިފައިގެން ، ޅެންވެރިކަމުގެ ހުނަރުގެ ބޭނުންކޮށް ، ޤަބީލާގެ އިސްމަޤާމަށް އައުމުގެ ފުރުޞަތު ، ބައެއްމީހުންނަށް ތަނަވަސްވެއެވެ. އެއީ ، ލިޔަންކިޔަން ނޭނގުނަސް ބަސްމަގުގައި ކުށެއްނުލައި ވާހަކަ ދައްކާ ބަލާޣާތްތެރި ބަޔެކެވެ.
ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމައަކީވެސް ، ތުއްޕުޅުއިރުވެސް ، ބަސްފުޅުރީތި ، ކުށެއް އަމްދުން ވިދާޅުނުވާ ، ބަލާޣަތްތެރި ބޭފުޅެކެވެ. ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ވިދާޅުވާ ބަސްފުޅުތަކުން ، މީސްތަކުންގެ ހިތް ދަމައިގަންނަގޮތެއް ހުރެއެވެ. އެބަސްފުޅު ޤަބޫލުކުރުމުގެ ބާރު ، ދޫފުޅުގައި ލެއްވިގެންވިއެވެ. ޢަރަބިބަސް ، ބަހެއްގެ ގޮތުގައި ދިރިގެންއައިސް ފުރާފުރިހަމަވެގެންދިޔައީ ، ކީރިތި ޤުރުއާން ބާވައިލައްވަން ފެށުމާހިސާބުންނެވެ. ޣައިރުމުސްލިމުންވެސް ، އެބައިމީހުންގެ ބަސްމަގު ރީތިކޮށް ފުރިހަމަކުރުމަށްޓަކައި ، ކީރިތި ޤުރުއާނުގެ ބަސްމަގުގެ ބޭނުން ހިފަމުން ގެންދިޔައެވެ. އެހެނަސް ، ކީރިތި ޤުރުއާނާ އެއްފަދަ އެއްޗެއް އުފެއްދުމަކީ ، އެއްވެސްމީހަކަށް ކުޅަދާނަވެގެންވާ ކަމަކަށް ނުވިއެވެ.
ޢަރަބިކަރަޔަކީ ، ޤުދުރަތީ ވަޞީލަތްތައް މަދު ތަނެކެވެ. ވާރޭވެހޭނީ މަދުންނެވެ. އޮތްހަމައެކަނި އިޤްތިޞާދީ ވަޞީލަތަކީ ، ކަދުރު ރުކެވެ. އެމީހުންގެ ވިޔަފާރި ބިނާވެފައި އޮތީ ބަކަރި ހުއިހެއްޕުމާއި ކަދުރުރުކުގެ މައްޗަށެވެ. ޖަމަލާއި ޙިމާރާ އަދި ގެރިބަކަރިއަކީ އެމީހުންގެ ވިޔަފާރީގެ މުހިންމު ބަހާއެކެވެ. ޙިމާރުގެ މަހަކީ އެމީހުން ކައިއުޅުނު އެއްޗެއްނޫނެވެ. ޙިމާރު ބޮޑަށް ބޭނުންކުރެވެނީ ، ސަލާމަތީ ކަންކަމަށާއި އޭގެ ބުރަކަށިމަތީ ، ތަކެތި އުފުއްލުމަށެވެ. ޖަމަލު ގެންގުޅޭމީހުންނަކީ އެމީހުންގެ ތެރެއިން ފުންނާބުއުސް ބަޔެކެވެ.
ﷲ ސުބްޙާނަހޫ ވަތަޢާލާ ، މިބިންމައްޗަށް ފޮނުއްވި ކޮންމެ ނަބީބޭކަލަކީވެސް ، ތުއްޕުޅުއިރުއްސުރެ ، ބަކަރި ހުއިހައްޕަވާ އުޅުއްވި ބޭކަލުންނެވެ. އެބޭކަލުން ޖަމަލެއް ނުގެންގުޅުއްވައެވެ. ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަވެސް ، ވަރަށް ތުއްޕުޅު ޢުމުރުފުޅުގައި ބަކަރި ހުއިހެއްޕެވުމުގެ މަސައްކަތް ފެށްޓެވިއެވެ.
ޖަހާލަތުގެ އަނދިރިކަމުން ، އިންސާނިއްޔަތައް ތެދުމަގު ދެއްކެވުމަށްޓަކައި ، ޢާލަމްތަކަށް ރަޙުމަތެއްކަމުގައި ، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ފޮނުއްވުނީ ޢަރަބީންގެ ތެރެޔަށެވެ.
އިޤްތިޞާދީ ޙަރަކާތުގައި ، ޢަރަބީންގެ މެދުގައި ވިޔަފާރި ޤާފިލާތައް ދަތުރު ކުރުމަކީ ޢާންމު ކަމެކެވެ. ހޫނުމޫސުމުގައި ވިޔަފާރި ޤާފިލާތައް ދަތުރުކުރާނީ އުތުރަށެވެ. ފިނިމޫސުމުގައި ދެކުނަށެވެ. ޔަމަނާ ދިމާލަށެވެ.
މިކަމާބެހޭގޮތުން ، ކީރިތި ޤުރުއާނުގެ ޤްރައިޝް ސޫރަތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައި ވެއެވެ.
لإِيلاَفِ قُرَيْشٍ ﴿١﴾ إِيلاَفِهِمْ رِحْلَةَ ٱلشِّتَآءِ وَٱلصَّيْفِ ﴿٢﴾
މިދެއާޔަތުގެ މާނަޔަކީ ، " ޤްރައިޝުވަންހައިގެމީހުން އެކުވެރިކުރެއްވި ކަމަށްޓަކައެވެ. ފިނިމޫސުމާއި ހޫނުމޫސުމުގެ ދަތުރުގައި އެއުރެން އެކުވެރިކުރެއްވި ކަމަށްޓަކައެވެ. "
ވިޔަފާރި ޤާފިލާތަކަކީ ، އެޒަމާނުގައި ފޭރޭމީހުންގެ ޝިކާރަޔަކަށްވާ އެއްޗެކެވެ. އެހެނަސް ، ޤްރައިޝްވަންހައިގެ ވިޔަފާރި ޤާފިލާތަކަށް ޙަމަލާދީ ފޭރުމަކީ ، އެމީހުންގެ މެދުގައި އޮންނަ އެކުވެރިކަމާހުރެ ، އެއްވެސްބަޔަކަށް ކުޅަދާނަކަމަކަށް ނުވެއެވެ. ބޮޑެތި ވިޔަފާރިވެރިންނާއެކު އެއްބަސްވުންހަދައި ، ކުދިވިޔަފާރިވެރިންގެ މުދާ ރައްކާތެރިކަމާއެކު ޤާފިލާގައި ގެންދެވި ، ވިޔަފާރީގެ މުޢާމަލާތުތަކުގައި ޤްރައިޝުންނަކީ ، އެއްބައެއްވަންތަކަން ޤާއިމްވެފައި އޮންނަ ވަންހައެކެވެ. ﷲ ސުންޙާނަހޫ ވަތަޢާލާވަނީ ޤްރައިޝުންނަށް އެކަމުގައި ވާގިވެރިވޮޑިގެންނެވެ.
އެހެންކަމާއެކުވެސް ، އެމީހުންގެ ތެރޭގައި ޔަހޫދީން އުޅުނެވެ. އިންޓަރެސްޓް ނެގުން ޤްރައިޝުންނަށް ދަސްކޮށްދިނީ ޔަހޫދީންނެވެ. އެދުވަސްވަރު އެއީ ހުއްދަ ކަމެކެވެ. އެހެނަސް ، އިސްލާމްދީން އައުމަށްފަހު އެއީ ހުއްދަކަމެއްނޫނެވެ. އިންޓަރެސްޓަކީ ، މުއްސަނދިން މުއްސަނދިކުރުވާ އަދި ފަޤީރުން އިތުރަށް ފަޤީރުކުރުވާ މުޢާމަލާތެކެވެ.
ޢަރަބީންގެ މެދުގައި ޖަހާލަތުގެ އަނދިރިކަން ވެރިވެފައިއޮތީ ، އަންހެނުންނަކީ އިންސާނުންކަމުގައި ނުދެކޭ މިންވަރަށެވެ. އިނުމާއި ވަރިކުރުން ، އަދި އަންހެނުންގެ ބޭނުންހިފުމުގައި ހަމައެއްލަމައެއް ނެތެވެ. ފަށްފަށްކޮށް ވަރިކޮށްފައިވެސް ފިރިހެނާ ބޭނުންވެއްޖެހިނދެއްގައި އަނބުރާ ގެނެވެއެވެ. މީހުންގެ އަނބިން އަނެއް ފިރިހެނަކަށް ހަދިޔާ ކުރުމާއި ، އަންހެނާ އެކިމީހުންނާއެކު ގުޅުން ހިންގުމަށްފަހު ، އޭގެތެރެއިން އެންމެ މުއްސަނދި މީހާއަކީ ، އެ އަންހެނާގެ ބަނޑުގައިވާ ދަރީގެ ބައްޕަކަމަށް ނިންމެއެވެ.
ކޮންމެއަކަސް މިފަދަ ޖާހިލުކަމުން ދުނިޔެ އަނދިރިވެގޮސްފައިވާ ޒަމާނެއްގައި ، ދުނިޔެ ބަދަލުކޮށްލައްވައި ، އިންސާނުން ދުނިޔޭގައި އުޅުމަށް އެކަލާނގެ ރުހިވޮޑިގެންވާމަގު ، ބަޔާންކޮށްދެއްވުމަށް ، ރަސޫލަކު ފޮނުއްވުމަށް ނިންމެވިއެވެ. އަދި އެބޭކަލަކީ ، ނަބީކަމާއި ރަސޫލުކަން ޚަތިމުކުރައްވާނެ ބޭކަލެއްގެ ގޮތުގައި ، މުޙައްމަދުގެފާނު ފޮނުއްވެވިއެވެ. އެކަލޭގެފާނަކީ ، މުޙައްމަދު އިބްނި ޢަބްދުﷲ އިބްނި ޢަބްދުއްމުއްޠަލިބު އިބްނި ހާޝިމް އިބްނި ޢަބްދިމަނާފެވެ. އެކަލޭގެފާނު ވަޑައިގަތީ ބަނޫހާޝިމް ވަންހައިންނެވެ. އެކަލޭގެފާނުގެ ބައްޕާފުޅު އަވަހާރަވީ ، ޢުމުރުފުޅުން އެންމެ 25 އަހަރުފުޅުގައެވެ. އެކަލޭގެފާނުގެ މަންމާފުޅުގެ ބަނޑަށް އޭރު ހަތްމަހެވެ. ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މަންމާފުޅަކީ ، އާމިނަތު ބިންތިވަހަބު އިބްނި ޢަބްދުމަނާފް އެވެ. އެކަމަނާއަކީވެސް އެކަލޭގެފާނުގެ ބައްޕާފުޅާ އެއްވަންހައަކުން ، ޤްރައިޝުންގެ ތެރެއިން ވަޑައިގެންނެވި ބޭކަނބަލެކެވެ.
ކައުސާހިބާ ދުނިޔެއަށް ވަޑައިނުގަންނަވަނިސް ، މަންމާފުޅުގެ ބަނޑުފުޅަށް ހަތްމަހުގައި ، ބައްޕާފުޅު އަވަހާރަވީ ، މަދީނާއަށް ކުރެއްވި ދަތުރުފުޅެއްގެމަތީ އުޅުއްވަނިކޮށް މަދީނާގައެވެ. އިސްލާމްދީނަށް ގޮވައިލެއްވުމަށް ކައުސާހިބާ ކުރައްވަމުން ގެންދެވި މަސައްކަތްޕުޅަށް ހުރަސް އަޅައި މައްކާގެ މުޝްރިކުންގެ އަނިޔާ ބޮޑުވެގެން ، ކައުއިތުރު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ، މައްކާއިން މަދީނާއަށް ޙިޖުރަކުރެއްވިއެވެ. އެކަން ، އެކަލޭގެފާނު ކުރެއްވެވީ ، ﷲ ސުބްޙާނަހޫ ވަތަޢާލާ އެކަން އެގޮތަށް ކުރެއްވުމަށް އެންގެވުމުންނެވެ. ބައްޕާފުޅެކޭ އެއްގޮތަށް ، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަވެސް އަވަހާރަވީ ، މަދީނާގައެވެ.
ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ، ރައްކާވެވަޑައިގަތީ ، އެހެންއެއްވެސް އިންސާނަކު ދުނިޔެއަށް ނުފޮނުއްވާފަދަ ތަފާތު މުޢުޖިޒާތްތަކަކާއި ޢަޖައިބުން ފުރިގެންވާ ކަންތައްތަކަކާ އެކުގައެވެ. ޢިލްމުވެރިން ވިދާޅުވާގޮތުގައި ، އެކަލޭގެފާނު ރައްކާވިވަގުތު އޮންނެވީ އަތްޕުޅުތިރިޔަށް ލައްވައި ، އުޑާދިމާލަށް މަތިބައްލަވައިގެންނެވެ. އެކަލޭގެފާނު އުފަންވެވަޑައިގަތީ ޚިތާނުކުރެއްވިގެންވާ ޙާލުކޮޅުގައެވެ. ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި ، ރައްކާވިތާ 7 ދުވަސްވީދުވަހު ، އެކަލޭގެފާނު ޚިތާނު ކުރެއްވީ ، ޢަބްދުލްމުއްޠަލިބުގެފާނެވެ. ޢަބްދުލްމުއްޠަލިބުވަނީ ، ލިބިވަޑައިގެންނެވި އެއުފަލުގައި ، މީސްމީހުންނަށް ކާންދެއްވާފައެވެ. އެކަލޭގެފާނަކީ ، އެހެންހުރިހާ ކުދިންނާ ތަފާތު ކުއްޖެއްކަން އެކަލޭގެފާނަށް އޮތީ އެނގިވަޑައިގެންފައެވެ. އެކަލޭގެފާނަކީ ، ނަބީބޭކަލެއްކަމުގައި ، ބައެއް މީސްމީހުންގެ ފަރާތުން ، ޢަބްދުލްމުއްޠަލިބުގެފާނަށް އޮތީ އެނގިވަޑައިގެންފައެވެ.
މަންމާފުޅު ، އާމިނަތުގެފާނު ވިދާޅުވެފައިވާގޮތުގައި ، އެކަލޭގެފާނައިގެން ، އެކަމަނާ ރައްކާވުމަށް ތައްޔާރުވެވަޑައިގެންނެވި ވަގުތު ، ބަނޑުފުޅުން ފައުޅުވި އަލިކަމެއް ، ޝާމްކަރަޔާހިސާބަށް ދިޔައެވެ. އެއީ ، ޝާމްގެ ގަނޑުވަރުތައް އަލިވެގެންދިޔަ އަލިކަމެކެވެ. އީރާނުގެ ކިސްރާގައި އަޅުކަންކުރަމުންގެންދިޔަ ބޮޑު އަލިފާންގަނޑު ނިވުނެވެ. ކަޢުބަތުﷲ ގެފުޅުގައި ބެހެއްޓިފައިހުރި ބައެއް ބުދު އެކޮޅުކޮޅުން ވެށްޓުނެވެ. ކިސްރާގެ ރަސްގެފާނުގެ ގަނޑުވަރުގެ ބެލްކަނީ ރޫޅި ، ބިންމައްޗަށް ފޭބިއެވެ. ( ނުނިމޭ )