މިއަދު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާ އިދިކޮޅު މެމްބަރުން ބޮއިކޮޓް ކޮށްފިއެވެ.
އިދިކޮޅު މެމްބަރުން މި ޖަލްސާ ބޮއިކޮޓް ކޮށްފައި ވަނީ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ކުރިން ކަނޑައަޅާފައިވާ ބާރަ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ދާދިފަހުން ޙުކުމް ކޮށްފައި އޮތް ނަމަވެސް އެ މެމްބަރުން މަޖިލީހަށް ނުވައްދައި ޖަލްސާ ކުރިޔަށް ގެންދާތީ ކަމަށް އިދިކޮޅު މެމްބަރުން ވަނީ ވިދާޅުވެފައެވެ.
ގޮނޑި ގެއްލުނު ކަމަށް ކުރިން ކަނޑައެޅި ބާރަ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ކުރިން ޙުކުމް ކޮށްފައި އޮތުމާއެކު މަޖިލީހުގެ އިދާރާއިން އިއްޔެ ވަނީ އެ ބާރަ މެމްބަރުންނަށްވެސް މިއަދުގެ ޖަލްސާއަށް ވަޑައިގަތުމަށް ދައުވަތުގެ މެސެޖް ފޮނުވާފައެވެ. ނަމަވެސް އޭގެފަހުން ސުޕްރީމް ކޯޓުން ރޭ ވަނީ އެ ބާރަ މެމްބަރުންގެ މައްސަލައިގައި އިތުރު އަމުރެއް ނެރެފައެވެ.
ސުޕްރީމް ކޯޓުން ރޭ ނެރުނު އަމުރުގައި ވަނީ މިމަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް އަމަލު ކުރުން ފަސް ކުރުމަށެވެ. އެހެންވެ މިއަދުގެ ޖަލްސާ ކުރިޔަށް ގެންދަނީ އެ ބާރަ މެމްބަރުން ނުވައްދައެވެ.