ފަލްސަފާ (68)

( 17 މާރިޗު 2024 ގައި ޝާއިޢުކުރި ބަޔާ ގުޅޭ )

ނޫރުގެ އެވާހަކަޔަށް ވަޞީމުވެސް ޖަވާބެއް ދިނެވެ. ދަރިފުޅާއޭ ކިޔައި ވަޞީމު ، ނޫރުއަށް ގޮވައިލިއެވެ. އަދި ، އެތަން އެއީ ޝަރުޢީ މާލަމެއް ނޫންކަން ހަނދާން ކޮށްދިނެވެ. އެއީ ، ދަލީލާއި ހެކި ދައްކައިގެން ކަމެއް ސާބިތުކޮށް ޙުކުމަކާ ހަމަޔަށް ދާން ވަކާލާތު ކުރާ ޝަރުޢީ މަރުޙަލާއެއް ނޫނެވެ.

ވެދިޔަކަމެއް މާޒީވެ ދިޔައީއެވެ. އެންމެ ރަނގަޅު ގޮތަކީ ، ބަދަލު ހިފުމުގެ ރޫޙު ދޫކޮށްލައި ، އެކަން ހަނދާން ނައްތައިލުމެވެ. އެންމެންވެސް އެތިބީ ، ލައިގަނެގެން އެއުޅޭ ކަންތައްގަނޑުގައި މާޔޫސްވެ ، ދެރަވެފައެވެ. ގޯސްކޮށް ނިންމޭ ނިންމުންތަކަށް ، ނަޞީބޭ ކިޔާކަށް ނުވާނެއެވެ. އެއީ ތަޤްދީރުގެ ނިޔާއެވެ. އަމިއްލަޔަށް ނިންމާ ނިންމުންތަކުން ނުކުންނަ ނަތީޖާއަށް ނަސީބެކޭވެސް ނުކިޔޭނެއެވެ. އަމިއްލަ މަޤްޞަދު ޙާޞިލް ކުރުމަށްޓަކައި އެހެން މީހުންގެ އުފާ ދަމައިގަނެ ، އެމީހުންގެ ހިތް ހަލާކުކޮށް ، އެހެން މީހުންނަށް ތަކުލީފު ޖެއްސުމަކީ ކާމިޔާބީއެއް ނޫނެވެ. އެއަށް ކިޔަނީ އިންސާނިއްޔަތުކަމެއް ނެތުމާއި އަމިއްލަ އެދުމެވެ.

ނޫރުއަށް ނަޞޭޙަތް ދެމުންގޮސް ވަޞީމަށް ރޮވުނެވެ.

" ދަރިފުޅާއެވެ ! މުސްކުޅިވެފައި އިން ބައްޕައެއްގެ ވޭނީ އިޙްސާސްތަކާއެކު އަހަރެން ނޫރުގެ ކިބައިން މިއެދެނީ ، އެހެންމީހެއްގެ ބަދު ދުޢާއަށް ދަރިފުޅު ހުށަހެޅި ނުގަތުމަށެވެ. " ވަޞީމު އޭނާގެ ދެއަތް ދިއްކޮށްގެން އިނދެ ، ނޫރުއަށް އާދޭސްކުރަމުން ބުންޏެވެ.

ބައްޕަގެ އެ އާދޭހަކުން ނޫރުއަށް އެއްވެސް އަސަރެއް ނުކުރިއެވެ. އެއީ ، އޭނާގެ ލޯތްބަށްޓަކައި ކުރާ ހަނގުރާމައެއްކަމުގައި ނޫރު ބުންޏެވެ. ހަނގުރާމައިގާ ފަތަޙައިގެ ނިޢުމަތަކީ ބަދު ދުޢާއެއް ނޫނެވެ. ބަލައިގަނެވޭނީ ހަމައެކަނި ޙައްޤެވެ. މުރުތަޟާ އޭނާގެ އަނބިމީހާއާއެކީ ދިރިއުޅެމުން އެގެންދަނީ އުފަލުގައި ، ހިތްހަމަ ޖެހިގެންނޫނެވެ. އަސްލު ޙަޤީޤަތަކީ އެއީއެވެ. ޙަޤީޤަތަކީ ، ކުރިންވެސް އަދި މިހާރުވެސް ، މުރުތަޟާ ލޯބިވަނީވެސް ، އަދި ބޭނުންވަނީވެސް ނޫރު ކަމެވެ. އެހެންވީމާ ، އިންސާފުގެ ތަރާދުން މިނާނަމަ ، ނޫރުއާ މުރުތަޟާ ކައިވެނިކޮށްގެން ، އެމީހުންގެ އަމިއްލަ ދިރިއުޅުމެއް ފެށުން އެއީ އެމީހުންނަށް ޙައްޤު އިންސާފެވެ. އެހެންކަމުން ، ވީ އެންމެ އަވަހަކަށް އެމީހުން ކައިވެނިކުރަން ނިންމާފައިވާ ކަމުގައި ނޫރު ، އިޢުލާން ކުރިއެވެ.

ކޮންމެ އަންހެންކުއްޖެއްގެވެސް ހުވަފެނަކަށްވާނީ ، އެފަދަ ދަނޑިވަޅެއްގައި ، އެކުއްޖާގެ ލޯބިވާ ބައްޕައާއި ބޭބެ ، އެކުއްޖާއާ އެކީގައިވެ ، އެހީތެރިވުމެވެ. އެކުއްޖާ ހިނގާމަގަށް ހުރަސް އެޅުމެއްނޫނެވެ. ނޫރު އެދުނީ ، އޭނާގެ ބައްޕާއާއި ބޭބެ ، އޭނާގެ ޙަޔާތުގައި ނިންމި އެ މުހިންމު ނިންމުން ޤަބޫލުކޮށް ނޫރުއާ އެހީތެރިވުމަށެވެ. އެހެންނަމަވެސް ، ނޫރުގެ އުފަލުގައި ބައިވެރިވާން ބޭނުންވާ މީހަކު އަންނަންވީ ކަމަށާއި ، ނާންނަން ނިންމާ މީހަކު އެމީހެއްގެ ނިންމުންމަތީ ހުންނާންވީކަމުގައި ބުނެ ، ނޫރު އޭނާގެ ކޮޓަރިޔަށް ވަނެވެ. ވަޞީމުވެސް އަދި ހާރިސްވެސް ބުނާނެ ވަކިއެއްޗެއް ނޭނގި އާގަމަވެފައި ތިއްބެވެ. އެމީހުންގެ ހިތުގައި އަޅަމުންދާ ވޭނާއި ކެކުޅުމަކީ ، ނޫރުއަށް އިޙްސާސްވާނެ އެއްޗެއްނޫނެވެ. މިއަދުވެސް ނޫރު އެހުރީ އޭނާގެ ގޮތުގައެވެ.

މަންމަ ބުނެގެން ޠާހިރާއައިސް ، ތަހުނިޔާއާ ވާހަކަ ދައްކަމުން ގެންދިޔައެވެ. ނޫރުއާ ކައިވެނިކުރުން އެންމެ ރަނގަޅުކަމަށް ، ތަހުނިޔާ ބުނީ ކީއްވެގެންކަން ސާފުކުރުމަށް ތަހުނިޔާ ބޭނުންވިއެވެ. އެއީ ، ޖަވާބުދޭން ދަތި ސުއާލެއްނަމަވެސް ، އެކަމުގައި ތަހުނިޔާގެ ވިސްނުން ހުރިގޮތެއް ، ތަހުނިޔާ ބުނަންޖެހޭކަމަށް ، ޠާހިރާ ބުންޏެވެ.

އެކަމުގައި ތަހުނިޔާ އިސްކުރީ ، އޭނާގެ އަމިއްލަ ނަފްސުގެ ޢިއްޒަތާއި ޤަދަރެވެ. ތާހިރާއަށް ހީވަނީ ކީކޭކަމަށް ހެއްޔެވެ ؟ އެއީ ތަހުނިޔާ މަނާކޮށް ދެކޮޅުހެދިޔަސް ، މުރުތަޟާ ނުކޮށް ދޫކޮށްލާނެކަމެއް ނޫނެވެ. ޠާހިރާ ބުނިގޮތުގައި އެއީ އެއްވެސް ޙާލެއްގައި ތަހުނިޔާ އެއްބަސްވެގެންވާނެ ކަމެއްނޫނެވެ.

" މުރުތަޟާއާއި ނޫރުލްޢައިނަކީ ، އެހެންމީހުންގެ ޖަޒުބާތަށް އިޙްތިރާމްކުރާނެ ބަޔެއްނޫނެވެ. ތަހުނިޔާއަކީ ، އަހަރެން މިގެ ޒީނަތްތެރިކުރަން ، މިގެޔަށް ގެނައި ބުދެއްނޫނެވެ. ކުޅޭކުޅޭ އެއްޗެއްވެސް ނޫނެވެ. ނޫރުލްޢައިނުއާ މުރުތަޟާ ކައިވެނިކޮށްފިނަމަ ، މިގޭގައި ތަހުނިޔާ އިނުމުގެ ބޭނުމެއް ނެތެވެ. މުރުތަޟާގެ ކިބައިން ވަރިވާށެވެ. އަހަރެންނެއް ، ތަހުނިޔާގެ މުޅި ޢުމުރު އެގޮތަށް ހޭދަކުރިޔަކަ ނުދޭނަމެވެ. " އެތަނަށް ވަންނަމުން ޙަފުޞާ ބުނަމުން ގެންދިޔައެވެ.

ﷲ އަށްޓަކައި ، އެހެން ނުހެދުމަށް ތަހުނިޔާ ، ޙަފުޞާގެ ކިބައިން އެދުނެވެ. އަދި އެހެން ނުބުނުމަށް އެދުނެވެ. އަދި ، މުރުތަޟާގެ ކިބައިން ދުވަހަކުވެސް ، ވަރިޔަށް ނޭދޭނެކަމަށް ތަހުނިޔާ ބުންޏެވެ. ޙަފުޞައްތައާއި ޠާހިރާ ދޫކޮށްލާފައި ، އެއްވެސް ޙާލެއްގައި އެގެޔަކުން ތަހުނިޔާއެއް ނުދާނެއެވެ. އިތުރަށް އެވާހަކަ ނުދައްކަން ވެގެން ، ތަހުނިޔާ އެތަނުން ނުކުމެގެން ދިޔައެވެ.

ޙަފުޞާއަށްވެސް އަދި ޠާހިރާއަށްވެސް ، ތަޙުނިޔާގެ ހިތުގައި އަޅާނެ ވޭނާއި މިހާރުވެސް އުފުއްލަމުން އެގެންދާ ތަކުލީފު ، އިޙްސާސް ކުރެވެއެވެ. ކޮންމެ އަންހެންކުއްޖަކީވެސް ، އޭނާގެ ކައިވެންޏަށްފަހު ، ފިރިމީހާގެ ދުނިޔެއިން ލޯތްބަށް ޖާގަ ހޯދާނެ ކުއްޖެކެވެ. ނިކަން ބަލައިލަ ބަލާށެވެ! ތަހުނިޔާގެ ހިތުގައިވެސް މުރުތަޟާގެ މައްޗަށް އެވަނީ ލޯބި އުފެދިފައެވެ. މުރުތަޟާދެކެ ލޯބިވާން ފަށާފައެވެ. އެދެމައިން ދޫކޮށްލާފައި ނުދާނެކަމަށް ދުލުން ބުނަމުން ގެންދާއިރު ، ތަހުނިޔާގެ ހިތް އެވަނީ ހަލާކުވެފައިކަމަށް ޠާހިރާ ބުންޏެވެ. އަދި އެހިތް އެދެނީ ، މުރުތަޟާ ދޫކޮށްފައި ނުދިއުމަށެވެ.

މުރުތަޟާ ފާޚާނާއިން ނުކުތްތަނާ ، މުރުތަޟާ އަތުން ތުވާލި އަތުލައި ، އޭނާ ، ތުވާލި އަޅައިދޭނެކަމަށް ތަހުނިޔާ ބުންޏެވެ. އެކަމަށްޓަކައި މުރުތަޟާ ، ޝުކުރު އަދާކުރިއެވެ.

" ބުނެބަލާށެވެ ! ކައިވެނި ކުރަނީ ކޮން ދުވަހަކުން ހެއްޔެވެ ؟ " ތަހުނިޔާގެ ސުއާލުން މުރުތަޟާ ދިޔައީ ސިއްސައިގެންނެވެ. ތަހުނިޔާ އެސުއާލުކުރީ ވަރަށް އާދައިގެ ގޮތަކަށެވެ. އެއީ އެއްވެސްކަމެކޭ ހިތަށް ނާރާފަދަ ގޮތަކަށެވެ.

ކައިވެނި ކުރާނީ މި ހަފުތާގައިކަމަށް މުރުތަޟާ ބުންޏެވެ. މުރުތަޟާގެ ޖަވާބުން ، ތަހުނިޔާއަށް ކުރި ހިތި އަސަރު ، އޭނާގެ އަޑުގައި  އެކުލެވިފައި ހުށްޓެވެ. އެކައިވެނީގެ އެއްވެސް ޚަބަރެއް ، އޭނާގެ މައިންބަފައިންނަށް ނޭނގުމަކީ ، ތަހުނިޔާ އެދޭ ކަމެކެވެ. މުރުތަޟާއާއި ނޫރުގެ ކައިވެނީގެ ޚަބަރު ، ތަހުނިޔާގެ މައިންބަފައިންނަށް އެނގިއްޖެނަމަ ، އެއީ މުރުތަޟާއަށް އުނދަގޫތަކެއް ކުރިމަތިވެދާނެ ކަމެކެވެ. އެކަން އެހެންވާކަށް ތަހުނިޔާ ބޭނުމެއް ނޫނެވެ. އެހެނަސް ، އެއީ އެމީހުންނަށް ސިއްރުކޮށްފައި ބާއްވަންޖެހޭ ކަމެއްކަމަކަށް މުރުތަޟާއެއް ނުދެކެއެވެ. ކުރިންވެސް ބުނެފައި އޮތްގޮތަށް ، ވަގުތު ޖެހުނީމަ ، ތަހުނިޔާ އެމީހުންގާތު އެވާހަކަ ބުނާނެއެވެ. އެއީ އަބަދުވެސް ، ތަހުނިޔާ ބުނަމުން އަންނަ ވާހަކައެކެވެ.

 

ނޫރު އޭނާގެ ކޮޓަރީގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުށްޓެވެ. އޭނާގެ ހިތުގައި އެނބުރެމުން އެދަނީ ، ދާދި ދެންމެއަކު އޭނާގެ ބައްޕައާއި ބޭބެ ، އޭނާގެ ކައިވެންޏާ ބެހޭގޮތުން ދެއްކި ވާހަކަ ތަކެވެ. އެއްވެސް މީހަކު އޭނާއާއެކީއެއް ނެތެވެ. ހުރިމީހަކީ ހަމައެކަނި މުރުތަޟާއެވެ. މުރުތަޟާ އޭނާއާއެކީ ހުރެއްޖެނަމަ އެނިމުނީއެވެ. އެހެން އެއްވެސް މީހަކު ނެތަސް ވަރިހަމައެވެ. އެމީހުންނަށް ހީވަނީ ކީކޭކަމަށް ހެއްޔެވެ ؟ ނޫރު އެކަނިވެސް ، އޭނާ ބޭނުންވާ މަޤްޞަދު ފުރިހަމަ ކުރާނެއެވެ. އެހާސްކަންމަތީ ހުއްޓާ ނޫރުއަށް ފޯނެއް އައެވެ. އެއީ ، ނޫރުގެ އޮފީހުގެ ވެރިމީހާގެ ފޯނެކެވެ.

ނޫރު ގެޔަށް އެއައީ ހަމަ ދެންމެ ކަމުގައި ބުންޏެވެ. އެއްވެސް އީ މެއިލްއެއް އޭނާ ޗެކްނުކުރާ ކަމަށާއި ، މުހިންމު މެއިލްއެއް ކަމަށްވަންޏާ ، ގޭގައި ހުރެގެންވެސް މެއިލް ޗެކްކޮށްލެވިދާނެކަމަށް ބުންޏެވެ.

އޮފީހުގެ ވެރިމީހާ ، މަރުޙަބާ ކިޔުމުން ، ނޫރު ޢަޖައިބު ވިއެވެ. އަދި މަރުޙަބާ ކިޔަންޖެހުނީ ކިހިނެއްވެގެންތޯ ، ނޫރު ސުއާލު ކުރިއެވެ. ނޫރުގެ މޫނުމައްޗަށް އުފާވެރިކަން އައިސް މޫނުގެ ކުލަ ބަދަލުވެ ، ފޮޅިގެން ދިޔައެވެ. އަދި ، ހަމަ އެވަގުތު މެއިލް އެބަ ޗެކްކޮށްލަމޭ ބުނެ ، ލެޕްޓޮޕާ ދިމާލަށް ދުއްވައިގަތެވެ.

ވެރިމީހާ އެފޮނުވި މެއިލްއެއް ކިޔަމުންދިޔަވަރަކަށް ، ނޫރުގެ މޫނު ހިނިތުންވުމުން ފޮޅެމުންދިޔައެވެ. ﷲ އަށް ޝުކުރުހުއްޓޭ ބުނެ ތެދުވެގެން ނަށައިގަތެވެ. ހެނދުނުގެ ވަގުތު ނައިސްގެން ނޫރުހުރީ ކެތްމަދުވެފައެވެ. އޮފީހަށް ދިޔަތަނުން ، އޭނާއާ ބައްދަލުކުރީ ސީނިއަރ މެނޭޖްމަންޓް ޓީމެވެ. އެބައްދަލުވުމަށްފަހު ، އޮފީހުން ނުކުމެގެން ބޭރަށްދާން ކާރަށް އެރިތަނާ މުރުތަޟާގެ ފޯނެއް އައެވެ.

ނޫރުއާ ބައްދަލުކޮށް ، މުހިންމު ވާހަކައެއް ދައްކާލުމަށް މުރުތަޟާ ބޭނުންވެފައިހުރިވަރުން ، ނޫރުއެއުޅެނީ ކޮންތާކުތޯ އަހައި ކައިރި ހިސާބަކުން ބައްދަލުކޮށްލުމަށް އެއްބަސް ވިއެވެ. އޭގެ ކުރިން ، މުރުތަޟާ އެއަޑެއް އަހައިފިނަމަ ، އުފަލުންގޮސް މަރުވާވަރުގެ ޚަބަރެއް އޭނާގެ އަތުގައި އެބައޮތްކަން ހާމަކުރިއެވެ.

ރެސްޓޯރެންޓުން ބައްދަލުވުމާއެކު ، ވަރަށް މުހިންމު ކަމަކާ ނޫރުއާ މަޝްވަރާކުރަން ޖެހިއްޖެކަން މުރުތަޟާ ހާމަކުރިއެވެ. އެކަން ، ލަސްކުރެވޭކަށެއް ނެތެވެ. ގޭމީހުންނާ ހަނގުރާމަކޮށްކޮށް މުރުތަޟާ މިހާރު ވަރުބަލި ވެއްޖެއެވެ. ވީ އެންމެ އަވަހަކަށް އެމީހުން ކައިވެނިކުރުން ވަރަށް މުހިންމުކަމުގައި މުރުތަޟާ ބުންޏެވެ. ފަހުންވާނެގޮތެއްވާން ދޫކޮށްލާނީއެވެ. ޝަކުވާއެއް އޮތްމީހަކު ވިއްޔާ އެކަމަށް ފަހުން ޖަވާބުދާރީވާނީއެވެ.

މުރުތަޟާގެ ރައްޓެއްސެއްގެ ވަރަށް ހިތްގައިމު އެޕާޓްމަންޓެއް ހުރެއެވެ. މުރުތަޟާގެ ވިސްނުމަކީ ، ނޫރު އެތަން ބަލައިލީމަ ، އެމީހުން އެ އެޕާޓްމަންޓް ކުއްޔަށް ހިފުމެވެ. މުރުތަޟާ އެހުރިހާ ވާހަކައެއް ދެއްކިއިރުވެސް ، ނޫރުއިނީ ހިނިތުންވެލައިގެންނެވެ. އެހިސާބަށްދިޔައިރުވެސް ، މުރުތަޟާ ، އަދިއެއް ތަހުނިޔާ ވަރިއެއް ނުކުރެއެވެ. އެއީ ނޫރުއަށް ވަރަށްބޮޑު މައްސަލައެކެވެ. އެކަން މުޅިން ފުރިހަމަކޮށް ނިންމުމަށް ތިންހަތަރުމަސް ހޭދަވާނެއެވެ. މުރުތަޟާއަށް އެއީ ދިގު މުއްދަތެކެވެ. އެހެންނަމަވެސް ، ނޫރުއަށް އެހާދުވަހު މަޑުކުރެވިދާނެއެވެ. މިއޮށް ހުރިހާ ދުވަހުވެސް ، އޭނާ އެހުރީ މަޑުކޮށްގެންނެވެ. މުރުތަޟާއަށްވެސް ، އެހާ ދުވަސް އެއީ ގިނަދުވަހަކަށް ނުވާނެކަމަށް ނޫރުއަށް ފެނުނެވެ.

އެކަށީގެންވާ ވަރަށްވުރެ ދިގު އިންތިޒާރަކަށް އެމީހުންގެ ކައިވެނި ، ނޫރު އެގެންދާ ސަބަބެއް މުރުތަޟާއަކަށް ނުވިސްނުނެވެ. މީގެކުރިން ، ނޫރުވެސްހުރީ ކައިވެނިކުރަން އަވަސް އަރައިގެންފައެވެ. މުރުތަޟާއަށްވެސް ، އެއަވަސްކަން ހިތަށްވަދެ އަވަހަށް ކައިވެނިކުރަން ނިންމުނީ ނޫރުގެ ވަސްވާހުގައެވެ. ނޫރުއަށް މިހާރު ވެގެން އެއުޅެނީ ކީއްހެއްޔެވެ ؟

ނޫރުގެ މޫނުމަތިން ފެންނަމުން އެދާ އުފާވެރިކަމާއި ހިނިތުންވުމުގައި ، ކައިވެނި ލަސްވުމުގެ ގުޅުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. މުރުތަޟާ ތައްޔާރުތޯ އަހައި ، އޭނާ ދޭން އެއުޅޭ އުފާވެރި ޚަބަރު ، މުރުތަޟާއަށް ދިނުމަށް ނޫރު ތައްޔާރުވިއެވެ.

ނޫރު މަސައްކަތްކުރާ ކުންފުނީގެ ގްރޫޕެއް އެމެރިކާއަށް ފޮނުވައިގެން ، އެމެރިކާގައި އެމީހުންގެ މަސައްކަތް ތަޢާރުފް ކުރަން ނިންމައިފިއެވެ. އެގްރޫޕްގެ ލީޑަރަކަށް ކުންފުނީގެ ފަރާތުން ހަމަޖެއްސީ ނޫރުއެވެ. އެމެރިކާއަށް ނޫރު އެދަނީ ހަމަސްދުވަހުގެ މުއްދަތަށެވެ. ނޫރުމެންގެ މަސައްކަތް ކާމިޔާބުވެއްޖެނަމަ ، އިތުރު ހަމަސްދުވަހަށް ނޫރުމެން އެމެރިކާގައި ތިބޭނެއެވެ. އެއީ ނޫރުއަށް ވަރަށް މުހިންމު ދަތުރެކެވެ. ނޫރުހުރީ އެމަސައްކަތާ ކުރިމަތިލުމަށްޓަކައި ތައްޔާރުވެގެންނެވެ. އެމެރިކާއަށް ދާހިތުން ކެތްމަދުވެފައެވެ.

އެދެމީހުން އެތަނަށް އެއައީ ، ނޫރުއަށް ލިބުނު ވަޒީފާގެ ފުރުސަތުގެ ވާހަކަ ދައްކަން ނޫންކަމަށް މުރުތަޟާ ބުންޏެވެ. އެމީހުން އެއައީ ، އެމީހުންގެ ކައިވެނީގެ ވާހަކަ ދައްކާށެވެ. ނޫރުވެސް އެއައީ އެވާހަކަ ދައްކާށެވެ. އެވަގުތު ، ކަންދިމާކުރިގޮތުން ، އަވަސް އަރުވާލައިގެން އެކައިވެނި ކުރެވެން ނެތްވާހަކަ ދައްކާށެވެ. މުރުތަޟާގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ.

ނޫރުގެ ހުރިހާ ލިޔުންތަކާއި ޕާސްޕޯޓްވެސް ، ވިސާހޯދަން މިހާރުވަނީ ކުންފުނީގެ ފަރާތުން ޕާސްޕޯޓް އޮފީހަށް ފޮނުވާފައެވެ. އެއީ އެކަން ވާންޖެހޭނެގޮތްކަމަކަށް ، މުރުތަޟާ ޤަބޫލެއް ނުކުރެއެވެ. ނޫރުގެ އިޒުނަޔާނުލައި ، ނޫރުގެ ޕާސްޕޯޓާއި ލިޔުންތައް ވިސާ ހޯދާކަށް ކުންފުންޏަކަށް ނުފޮނުވޭނެއެވެ.

އެއީ ނޫރު އެހާބޮޑަށް އުއްމީދުކޮށްގެންހުރި ފުރުސަތެއްނޫނެވެ. އޭނާގެ ޙަޔާތުގައި އެހާ އުއްމީދީ ވަޒީފާއެއް ، ކުއްލިޔަކަށް ލިބުނީމަ ، ވީ އުފަލުން ، އިތުރަށް ވިސްނުމަކާނުލައި ، ނޫރު އެހުރީ އެކަން ޤަބޫލުކޮށްގެންނެވެ. އެއްވެސް މީހެއްގެ ޚިޔާލެއް އެކަމުގައި އޭނާ ބޭނުމެއް ނޫނެވެ. އެފުރުސަތު އެއްވެސް ޙާލެއްގައި އޭނާގެ އަތުން ދޫވެގެންދާކަށް ނޫރުބޭނުމެއްނޫނެވެ. ނޫރު އިނީ އުފަލުންގޮސް ފޮޅިފައެވެ. އެހެނަސް ، މުރުތަޟާއިނީ އަނެއްކާވެސް ނޫރުގެ ފަރާތުން ، ނޫރުގެ އަމިއްލަ އެދުން އިސްކުރީތީ ކަންބޮޑުވެފައެވެ. އެމީހުންގެ ކައިވެންޏަކީ މިހާރު ނޫރު އިސްކަންދޭ ކަމެއްނޫނެވެ. އޭނާގެ މިހާރުގެ ހުރިހާވެސް ބޭނުމަކީ ، ކުންފުނިން ޙަވާލުކުރި މަސައްކަތުގައި އެމެރިކާއަށް ދިއުމެވެ. އަދި ، އެކަމާ ގުޅިގެން އޭނާގެ ވަޒީފާއަށް ކުރިއެރުން ލިބުމެވެ. (ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.