ބަރަކާތްތެރި ރަމަޟާން މަހަކީ ، ކީރިތި ޤުރުއާނަށް ޚާއްޞަ ކުރެވިގެންވާ ބަރަކާތްތެރި މައްސަރެކެވެ. ކީރިތި ޤުރުއާނުގެ މޫރިތި އާޔަތްތައް ކިޔެވުމުގެ މައްސަރެވެ. އެ މަތިވެރި އާޔަތްތަކުން ފިލާވަޅު ލިބިގަތުމުގެ މައްސަރެވެ. އެއާޔަތްތައް ކަންފަތުން އަޑުއަހައި ހިތަށް އުފާވެރިކަމާއި ހަމަޖެހުން ލިބިގަތުމުގެ މައްސަރެވެ. " ކައުއިތުރު ރަސޫލާ " މި ޝުރުޚީގެދަށުން ގެނެސްދެވޭ ސިލްސިލާ ލިޔުންތަކަކީ ، އިސްލާމީ އުއްމަތުގެ ޢިލްމީ އުދަރެހުން އެރި އެންމެ އަލިގަދަ އެއްތަރި ، މުފްތީ ޑޮކްޓަރ އިސްމާޢީލް އިބްނު މޫސާ މެންކް ދެއްވާފައިވާ ތިރީސް ދަރުސަކަށް ޚާއްޞަ ކުރެވިގެން ، ކުރިޔަށް އޮތް ތިރީސް ދުވަހަށް ގެނެސްދޭ ފިލާވަޅު ތަކެކެވެ. މިއީ މި ސިލްސިލާގެ ފުރަތަމަ ލިޔުމެވެ.
ތަޢާރުފް
ކައިއިތުރު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަގެ ޙަޔާތްޕުޅުގެ މައްޗަށް ، މުފްތީ މެންކް ދެއްވާފައިވާ މި ދަރުސްތަކުން މިއަދަށް ޚާއްޞަ ކުރެވިފައިވަނީ ، މި ސިލްސިލާގެ ތަޢާރުފަށެވެ. އެކަލޭގެފާނުގެ ޙަޔާތްޕުޅުގެމައްޗަށް ، ވާހަކަ ދައްކަން ވެއްޖިއްޔާ ތިރީސް ދުވަހަކީވެސް މަދު ދުވަސްތަކެކެވެ. އެކަލޭގެފާނުގެ ޙަޔާތްޕުޅާ ގުޅިފައިވާ ތާރީޚަކީ ، އިސްލާމީ އުއްމަތަށް ، ﷲ ދެއްވާފައިވާ އަގުހުރި ހަދިޔާއެކެވެ. ކައުއިތުރު ރަސޫލާގެ ޙަޔާތްޕުޅުގެ މައްޗަށް ފުންކޮށް ވިސްނައިފި މީހަކަށް ، އެކަލޭގެފާނުގެ މައްޗަށް ލޯބި ނުއުފެދިއެއް ނުދާނެއެވެ. އެކަލޭގެފާނު ފޮނުއްވުނީ ، ޢާލަމްތަކަށް ރަޙުމަތެއްކަމުގައެވެ. އެކަލޭގެފާނުގެ މައްޗަށް ލޯބިއުފެދިއްޖެމީހަކު ، ﷲ ސުބްޙާނަހޫ ވަތަޢާލާގެ މައްޗަށް ލޯބި ނުއުފެދިއެއް ނުދާނެއެވެ. އެކަލޭގެފާނުގެ ޙަޔާތްޕުޅު ދަސްކުރިވަރަކަށް ، އެކަލޭގެފާނުގެ މައްޗަށް އިންސާނާގެ ހިތުގައި އުފެދިފައިވާ ލޯބި އިތުރުވެގެންދާނެއެވެ. ހަމައެއާއެކު ، ﷲ ސުބްޙާނަހޫ ވަތަޢާލާ އެއިންސާނާ ކުއްތަންވެ ، ﷲ ސުބްޙާނަހޫ ވަތަޢާލާގެ މައްޗަށް އުފެދިފައިއޮތް ލޯބި އިތުރުގެން ދާނެއެވެ.
ނަބީކަމާއި ރަސޫލުކަން ޚަތިމުކުރެއްވި ، މި އުއްމަތުގެ ސާހިބާ ، އެކަމަށް އިޚްތިޔާރު ކުރެއްވުން އެއީ ، ﷲ މިއުއްމަތަށް ލެއްވި ރަޙުމަތެކެވެ. އެކަލޭގެފާނުގެ ވާޖިބު ފުރިހަމަކުރައްވައި ، އިންސާނާ އުޅުނުމަށް ، އެއިންސާނާ ހެއްދެވި ފަރާތުން އެދިވޮޑިގެންވާ ގޮތް ، ބަޔާންކޮށްދެއްވުން އެއީ ، ކައުއިތުރު ސާހިބާ އަކީ މި އުއްމަތަށް ލެއްވި ރަޙުމަތެއްކަމުގެ ދަލީލެވެ. އިންސާނާ ދުނިޔޭގައި އުޅުނުމަށް ، ﷲ އެދިވޮޑިގެންވާ ގޮތްތައް ބަޔާންކޮށް އަންގަވާފައިވަނީ ، އެކަލާނގެ ވަޙީބަސްފުޅު ، ކީރިތި ޤުރުއާން މެދުވެރި ކުރައްވައެވެ. އެ ޤުރުއާން ބާވައިލެއްވުނީ ، ކައުއިތުރު ސާހިބާގެ އަތްޕުޅު މައްޗަށެވެ. އެ ޤުރުއާން ތަފްޞިލްކޮށްދެއްވައި ، ﷲ ރުހިވޮޑިގެންވާ މަގު ، މީސްތަކުންނަށް އުނގަންނަވައި ދަސްފުޅުކޮށްދެއްވީ އެކަލޭގެފާނުގެ ޙަޔާތްޕުޅުންނެވެ. ދިރިއުޅުއްވި ގޮތްކޮޅާއި ޙަދީޘް ކުރައްވާފައިވާ ބަސްފުޅުތަކާއި ، އެކަލޭގެފާނުގެ ޢަމަލުފުޅުތަކުންނެވެ.
ކީތިރި ޤުރުއާނަކީ ، ހަތްއުޑުމަތިން ބާވައިލެއްވި ، ﷲ ގެ ވަޙީބަސްފުޅެވެ. އެއީ ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަމިއްލަފުޅަށް ގެންނެވި އެއްޗެއްނޫނެވެ. ކީރިތި ޤުރުއާނުގެ ކޮންމެ ފޮތަކީ ، ކޮންމެ ސޫރަތަކީ ، ކޮންމެ އާޔަތަކީ އަދި ކޮންމެ ކަލިމަޔަކީ ، ﷲ ގެ ވަޙީބަސްފުޅެވެ. ﷲ ގެ ޙަޟުރަތުން އެކަލޭގެފާނު އެގެންނެވި ވަޙީގެބަސްފުޅު ، ހެޔޮހިތުން ޤަބޫލުކޮށް ، ކިޔަމަންތެރިކަން އަދާކުރި އަޞްޙާބު ބޭކަލުން ، ﷲ ގެ މަގުގައި ފުރާނަފުޅު ޤުރުބާންކުރައްވާފައި ވެއެވެ.
ކީރިތި ޤުރުއާނުގެ އަލްއަޙްޒާބު ސޫރަތުގެ 21 ވަނައާޔަތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވައި އަންގަވާފައި ވެއެވެ.
لَّقَدْ كَانَ لَكُمْ فِى رَسُولِ ٱللَّهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُو ٱللَّهَ وَٱلْيَوْمَ ٱلآخِرَ وَذَكَرَ ٱللَّهَ كَثِيراً
މި އާޔަތުގެ މާނައީ ، " ހަމަކަށަވަރުން ، ﷲ ގެ ރަސޫލާގެ ކިބައިގައި ، ރިވެތިވެގެންވާ ނަމޫނާއެއް ، ތިޔަބައިމީހުންނަށް ވެއެވެ. ( އެއީ ) ﷲ ގެ ދަރުމައާއި ، އާޚިރަތުގެ ޘަވާބަށްއެދޭ ، އަދި ގިނަގިނައިން ، ﷲ ހަނދުމަކުރާކަމުގައިވާ މީހަކަށެވެ. "
އިންސާނާ ދުނިޔޭގައި އުޅެންވީގޮތް އެނގި ހާމަވެ ސާފުވެގެންދާނީ ، ކައުއިތުރު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސީރަތް ބަލައި ދަސްކޮށް ފިލާވަޅު ލިބިގެންނެވެ. ޖާހިލުކަމުގެ އަނދިރީގައިވާ ސަހަރާއަކަށް ، އެކަލޭގެފާނު ފޮނުއްވައި ﷲ ސުބްޙާނަހޫ ވަތަޢާލާގެ ވަޙީބަސްފުޅު އިއްވަވަމުން ގެންދެވިއިރު ، އެކަލޭގެފާނު ނިސްބަތްވެވަޑައިގަންނަވާ ޤަބީލާއިންނާއި އެނޫންވެސް ދަރިފަސްކޮޅުތަކުން ، އެކަލޭގެފާނުގެ ޢަދުއްވުން ފާޅުވިއެވެ. އެފަދަ ޙާލަތްތަކުގައި އެކަލޭގެފާނު ޢަމަލުފުޅު ކުރެއްވިގޮތް އެއީ ، ދުނިޔެއަށް މިސާލެކެވެ. އެކަންކަން އެނގި ސާފުވާނީ އެކަލޭގެފާނުގެ ސީރަތް އުނގެނިގެންނެވެ. އެކަލޭގެފާނާ ﷲ މަތިކުރެއްވި އަމާނާތް ދުނިޔެއަށް ފަތުރުއްވައި ، ސުވަރުގެވަޑައިގަތީ ، އެމަތިވެރި ވާޖިބު އަދާކުރައްވާފައެވެ. ލިޔަންލިޔަން ނުދަންނަ ޖާހިލުބަޔެއްގެ ތެރެއިން ، އެކަލޭގެފާނު ނުކުމެވަޑައިގެން ، ޖަހާލަތުގެ އަނދިރީގައިވާ މީސްތަކުންގެ ހިތްތައް ﷲ ގެ މަގަށް ލަންބުވައިލެއްވީ މަދުދުވަސްކޮޅެއްގެ ތެރޭގައެވެ. މިއަދު ، ދުނިޔޭގެ ދެބިލިއަނަށްވުރެ ގިނަމީހުން ، ތަބާވަމުންމިދާ އިސްލާމްދީނަކީ ، އެކަލޭގެފާނުގެ ރިސާލަތުގެ މަތިވެރިކަން ކަށަވަރުކޮށްދޭ ދަލީލެކެވެ.
އިސްލާމްދީން ކުރިއަރައިގޮސް މުޅި ދުނިޔެއަށް ފެތުރިގެންދިޔައީ ، އެކަލޭގެފާނު ގެންގުޅުއްވި ހަރުދަނާ ގޮތްތަކުންނެވެ. އެކަލޭގެފާނު ގެންގުޅުއްވި އުޞޫލުތަކާއި ޤަވާޢިދާ އަދި ޤާނޫނުތަކަކީ ، ﷲ ގެ ޙަޟުރަތުން އައި އެއްޗެކެވެ. އެކަލޭގެފާނު އަމިއްލަފުޅަށް އުފެއްދެވި އެއްޗެއްނޫނެވެ.
އިސްލާމްދީން ފެތުރުއްވުމުގައި ، ކައިއިތުރު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އުފުއްލެވި ތަކުލީފަކީ ، އެހެން އެއްވެސް އިންސާނަކު ނުއުފުއްލާފަދަ އުނދަގޫ ތަކުލީފު ތަކެކެވެ. އެކަން ، އެކަލޭގެފާނުގެ ސީރަތުން ސާބިތުވާން އެބައޮތެވެ. އެ ސީރަތު ކިޔައިފި އަދި ބަލައިފި ކޮންމެ މީހަކަށްވެސް ، އެކަލޭގެފާނު އެއުފުއްލެވި ތަކުލީފުން އަސަރުނުކޮށެއް ނުހުންނާނެއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ އެންމެ ބޮޑަށް އިމްތިޙާނުކުރައްވާނީ ، އެކަލާނގެ އެންމެ ލޯބިފުޅުވެވޮޑިގެންވާ އަޅުންނެވެ. އެއްވެސް އިންސާނަކަށް ތަކުލީފެއް އުނދަގުލެއް ލިބިއްޖެ ޙާލަތެއްގައި އެކަލޭގެފާނުގެ ސީރަތުން ޢިބްރަތް ލިބިގަންނާށެވެ.
އެކަލޭގެފާނަކީ ، އިސްވެދިޔަ ފާފަތަކާއި އެހެން ފާފަތައް ފުއްސަވާފައިވާ ، ސުވަރުގޭގެ މަތިވެރި ނިޢުމަތް ކަށަވަރުކުރެއްވިގެންވާ ބޭކަލެކެވެ.އިތުރު އެކަލޭގެފާނަކީ ، ﷲ ގެ ޙަޟުރަތަށް އަޅުކަން އަދާކުރެއްވުމުގައި ، ޚާއްޞަކޮށް މެންދަމުގެ ވަގުތުގައި ގިނައިރު ހޭދަކުރެއްވި ބޭކަލެކެވެ. އެކަލޭގެފާނުގެ ދެފައިންޕުޅު ދުޅަވަންދެން ކޮޅަށް ހުންނަވައި އަޅުކަން ކުރައްވައެވެ. އުއްމުލްމުއުމިނީން ޢައިޝަތުގެފާނު އެކަމާބެހޭގޮތުން ސުއާލު ދެންނެވުމުން ، އެކަލޭގެފާނު ޙަދީޘް ކުރެއްވީ ، އެކަލޭގެފާނު އެ އަޅުކަން އަދާކުރައްވަނީ ، އެކަލޭގެފާނަށް ﷲ ދެއްވެވި ، ނިޢުމަތަށް ޝުކުރުވެރިވާ އަޅުންގެ ތެރޭގައި ވެވަޑައިގަތުމަށްޓަކައި ކަމުގައެވެ.
އާދައިގެ އިންސާނާއަށް ދެރަކުޢަތުގެ ނަމާދެއް ފުރިހަމަކުރުމަށް ކުޑަވަގުތުކޮޅެއްނަގައި ، އެންމެ ކުރު ދެސޫރަތެއް ކިރިޔާ ކިޔަވާލާހާ ވަގުތުކޮޅެއް ﷲ އަށްޓަކައި ހޭދަކުރެވޭ ވަރުވެސް އޮންނަނީ ނުވެފައެވެ. އެއީ މިއަދުގެ ޙާލަތެވެ. އެކަލޭގެފާނަށް ލިބިވަޑައިގެންފައިވާ މަތިވެރި ދަރަޖަޔާއެކުވެސް ، ﷲ އަށް އަޅުކަން ކުރެއްވުމަށްޓަކައި ގިނަވަގުތުތަކެއް ޚާއްޞަ ކުރައްވައެވެ.
ރަސޫލުޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދޫފުޅުގެ ބަލާޣާތްތެރިކަމާއި ، ލޯފުޅުގެ ތޫނުކަމާއި މޫނުފުޅުގެ އަލިކަމުން ، އެކަލޭގެފާނާ ކުރިމަތިލާ ކޮންމެ މީހެއްގެ ހިތް އެކަލޭގެފާނުގެ މައްޗަށް ލަންބުވައިލައެވެ. އެކަލޭގެފާނުގެ ހަށިކޮޅުގެ ފުރާފުރިހަމަކަން ބަޔާންކުރައްވައި ، ޢަރަބީންގެ ތެރޭގައި ޅެންވެރިކަމަށް މަޝްހޫރު ، ޙައްސާން އިބްނު ޘާބިތުގެ ޅެންބައިތަކުން ، އެކަލޭގެފާނު ތަޞައްވުރު ކުރައްވާފައި ވެއެވެ.
ފަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަ ރައްކާވިވެ ވަޑާއިގަތްދުވަސްވަރަކީ ، ވެރިކަމާއި އާބާރުގެ ތިލަފަތުގައި ދުނިޔޭގެ ގަދަބާރަކަށް ރޯމަންގެ ޚިލާފަތު އޮތްދުވަސް ވަރެކެވެ. ރޯމަނުންގެ ވެރިކަން ، އޭޝިއާގެ ޤައުމުތަކާއި ސޫރިޔާ އަދި މިހާރުގެ ގޮތުންނަމަ ފަލަސްތީނާއި މިޞްރު އަދި އެފްރިކާގެ އުތުރު ބައްރާ ހަމަޔަށް ފެތުރިފައި ވެއެވެ. ދުނިޔޭގެ އިރުމަތީ ބިތުން ، ތުރުކީ ނުވަތަ އިސްތަންބޯލުން ފެށިގެން ، ޔަމަނާހަމަޔަށް ފޯރާފައި ވެއެވެ.
އިތުރު އެކަލޭގެފާނުގެ ރިސާލަތު ފަށްޓަވާފައިވަނީ ޢުމުރުފުޅުން ސާޅީސް އަހަރުފުޅުގައެވެ. ( ނުނިމޭ )