"ރަސްއައިނު" މޮބައިލް އެޕްލިކޭޝަނެއް ލޯންޗުކޮށްފި

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކަނޑުދަތުރުކުރާ ފަރާތްތަކަށް އެހީއެއްގެ ގޮތުގައާއި، ދިވެހި ކަނޑުތައް ރައްކާތެރިކަމާއެކު ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތަށް ފަސޭހަކުރުމުގެ ގޮތުން "ރަސް އައިން" ނަމުގައި މޯބައިލް އެޕްލިކޭޝަނެއް ލޯންޗުކޮށްފިއެވެ.
"ރަސް އައިން" މޯބައިލް އެޕްލިކޭޝަން ލޯންޗުކޮށްދެއްވާފައިވަނީ، މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި ރޭ ބޭއްވި އެމްއެންޑީއެފް އެއަރ ކޯރ އިފުތިތާހުކޮށްދެއްވައި، އަންމޭންޑް އޭރިޔަލް ވެހިކަލް (ޔޫއޭވީ) ސިފައިންގެ ޚިދުމަތަށް ތަޢާރަފުކުރެއްވުމުގެ ރަސްމިއްޔާތުގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒުއެވެ.
"ރަސްއައިން" މޯބައިލް އެޕްލިކޭޝަނަކީ، ރާއްޖޭގެ މަސްވެރިންނާއި، ރާއްޖެ ސަރަހައްދުން ދަތުރުކުރާ ކަނޑުއުޅަނދުފަހަރާއި، އަދި މި ކަނޑުން ނަފާ ހޯދުމުގައި ހަރަކާތްތެރިވާ އެކިއެކި ސިނާއީ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ދިވެހިރާއްޖޭގެ ކަނޑުތަކުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގައި ކޯސްޓްގާޑުން ކުރާ މަސައްކަތަށް އެހީއެއްގެ ގޮތުގައި ޓެކްނޮލޮޖީގެ މަންސަތަކުގައި ބޭނުން ހިފުމަށް އުފައްދާފައިވާ އެޕްލިކޭޝަނެކެވެ.
އެންޑްރޮއިޑް އަދި އައިއޯއެސްއަށް ފަރުމާކޮށްގެން ލޯންޗުކުރި މި އެޕްލިކޭޝަނުގައި ކަނޑުދަތުރުކުރާ ފަރާތްތަކަށް ބޭނުންވާ މުހިންމު ގިނަ މަޢުލޫމާތުތަކެއް ވަނީ ހިމަނާފައެވެ.
މިގޮތުން، މި އެޕްލިކޭޝަންގައި ދިވެހިރާއްޖޭގެ މެޕާއެކު މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސްއިން ނެރޭ މޫސުމީ އިންޒާރު ފަދަ މުހިންމު މަޢުލޫމާތުތައް ހިމަނާފައިވެއެވެ. އަދި ކަނޑުދަތުރުފަތުރުކުރާ އުޅަނދުފަހަރުން ފޮނުވާ މެސެޖުތަކާއި ކުއްލި ހާލަތްތަކުގައި ފޮނުވާ ޑިސްޓްރެސް، ކޯސްޓްގާޑުގެ ޕުޝް މެސެޖުތައް ވެސް މި އެޕްލިކޭޝަނުން ބަލާލެވެއެވެ.
ކުރިއަށްއޮތް ތަނުގައި، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން ފޯރުކޮށްދޭ މަޢުލޫމާތުގެ އަލީގައި، އެޕް ތަރައްގީކުރުމަށް ބޭނުންވާ، ގުޅުންހުރި އަދި ފައިދާހުރި ބަދަލުތަކާއި އިތުރު އަޕްޑޭޓްތައް ގެނައުމަށް ވަނީ ހަމަޖެހިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.