ފޮތް އަލަމާރި: ރަމަޟާންމަހުގެ ރޯދަ

ރަމަޟާންމަހުގެ ރޯދައިގެ މައްޗަށް ލިޔެފައިވާ ފޮތެއް ބާޒާރަށް ނެރެފިއެވެ. މި ފޮތް ލިޔުއްވައިފައި ވަނީ ރާއްޖޭގެ މަޝްހޫރު ލިޔުންތެރިއެއް، މުތަރުޖިމެއް ކަމުގައިވާ ޢަބްދުﷲ ފާރޫޤް ޙަސަނެވެ. ނަމަކީ "ރަމަޟާންމަހުގެ ރޯދަ" އެވެ. ފޮތުގެ ފެށުމުގެ ބަހުގައި ފާރޫޤް ލިޔުއްވައިފައިވާ ގޮތުގައި މި ފޮތަކީ އިންޑިއާގެ މުފައްކިރެއް ކަމުގައިވާ އަލްމަރްޙޫމް މަވްލާ ވަޙީދުއްދީން ޚާން ލިޔުއްވައިފައިވާ "ޞަވްމެ ރަމަޟާން" ގެ އުނިއިތުރު ގެނެސްފައިވާ ތަރުޖަމާއެކެވެ.

ރޯދައަކީ އިސްލާމް ދީނުގެ ހަތަރުވަނަ ރުކުނެވެ. އެހެންވީމާ އިސްލާމީ ޢަޤީދާގެ ވާހަކަ ލިޔާ ކޮންމެ މީހަކު ރޯދައިގެ ވާހަކަ ލިޔެއެވެ. ފާރޫޤގެ މި ފޮތުގެ ކުރީން ލިޔެވިފައި ހުރި ފޮތަތަކަށް އިޝާރާތް ކުރައްވައި ލިޔުއްވައިފައި ވެއެވެ. " ދިވެހި ބަހުން ލިޔެވިފައިވާ ތަރުތީބުތަކާއި ތަޢުލީމުއްދިޔާނާއާއި އިރްޝާދުލްއަނާމް ފަދަ ފޮތްތަކުގައި ރޯދައިގެ ޙުކުމްތައް ވަނީ ވަރަށް ފުރިހަމަޔަށް ބަޔާން ކުރައްވައިފައެވެ. ރާއްޖޭގެ ޢިލްމުވެރީންގެ ތެރެއިން ރޯދައިގެ މައުޟޫޢުގައި އެންމެ ގިނަ ފޮތްތަކެއް ލިޔުއްވައި ރޭޑިޔޯއާއި ޓީވީގެ ޒަރީޢާއިން މީހުން ހޭލުންތެރިކުރެއްވީ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމެވެ. އެ މަނިކުފާނު ލިޔުއްވި ފޮތްތަކުގެ ތެރޭގައި ހިމެނޭ އަޙްކާމުއްޞިޔާމާއި ރޯދައިގެ އަލި މި ފޮތާއި ރަމަޟާންމަހުގެ އިލްހާމާއި ހެޔޮކަމާއި ތަޤްވާގެ މައްސަރު މި ފޮތްތަކަކީ ރޯދައިގެ މައުޟޫޢަށް ވަރަށް ފުރިހަމަޔަށް އިންސާފުކުރައްވައިފައިވާ ފޮތްތަކެކެވެ. ނަމަވެސް ރޯދައިން ލިބިގަންނާންވީ ފިލާވަޅުތަކާއި ރޯދައިގެ ތަރުބަވީ ބަޔާމެދު އިތުރު ތަސްނީފުތަކަކަށް ނުވަތަ ތަރުޖަމާތަކަކަށް ވަނީ ބޭނުންވެފައެވެ."

ރޯދަޔާ ބެހޭ ގޮތުން މީގެ ކުރިން ލިޔެ ޝާއިއުކޮށްފައި ހުރި ފޮތްފޮތުގައި ހުރީ އަޅުކަމުގެ ވާހަކައެވެ. ރޯދަޔާ ގުޅުންހުރި ޙުކުމްތަކުގެ ވާހަކައެވެ. އެ ފޮތްތަކާ ޚިލާފަށް މި ފޮތުގައި ވަނީ ރޯދައިގެ މައްޗަށް ފިކުރީ ނަޒަރަކުން ބަލައިލާފައެވެ. 123 ޞަފްޙާގެ މި ފޮތުގައި ވަނީ ކުރު ސާޅީސް މަޒުމޫނެވެ. ކޮންމެ މަޒުމޫނަކީވެސް ރޯދަޔާ ބެހޭ ކަމެއްގެ މައްޗަށް ފިކުރީ ގޮތުން ބަލައިލާފައިވާ މަޒުމޫނެކެވެ. މިސާލަކަށް ރޯދައިގެ ސަބަބުން އިންސާނާގެ ނަފުސު އިސްލާހުކުރުމަށް ލިބޭ ފުރުސަތާއި އިންސާނީ ހަމްދަރުދީއާއި ކެތްތެރިކަން ފަދަ ސިފަތަކުގެ މައްޗަށް ބަލައިލާފައިވާ މަޒުމޫނު ވަނީ މި ފޮތުގައި ހިމަނުއްވައިފައެވެ. ރޯދައިގެ ޙުކުމްތަކުގެ ވާހަކަވެސް ގެންނަވައިފައި ވަނީ ފިކުރީ ނަޒަރަކުން ކިޔާ މީހަކަށް ވަރަށް ރަނގަޅަށް ފަހުމުވާ ފަދަ ގޮތަކަށެވެ. މިއީ މި ފަދަ ގޮތަކަށް ރޯދައިގެ މައްޗަށް ލިޔެފައިވާތީ ފެނުނު ފުރަތަމަ ފޮތެވެ.

މި ފޮތް މިހާރު ލިބެން ހުރީ ރާދަ ބުކްޝޮޕުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.