ދެދުނިޔޭގެ ބާއްޖަވެރިކަން ހޯދާނީ ކިހިނެއް ؟

ކޮންމެ އިންސާނަކީވެސް ، މިދުނިޔޭގައި އެއިންސާނާ ބޭނުންވާ ހުރިހާކަމެއް ފުދިގެން ، ދުނިޔެއަޅައި ދިއުމަށް ބޭނުންވާނެ މީހެކެވެ. އަޅުގަނޑުމެން ، މުސްލިމުންނަކީ ، މިދުނިޔެވެސް އަދި އާޚިރަތްވެސް ލިބި ، ދެދުނިޔޭގެ ބާއްޖަވެރިކަމަށް އެދިގެންވާ ބަޔެކެވެ. ކާފަރުންނާއި މުސްލިމުންގެ ތަފާތަކީ ، މުސްލިމުން އާޚިރަތްދުވަހަށް އީމާންވެފައި ، ކާފަރުން އެހެން ދުނިޔެއެއް އޮތްކަމަށް ޤަބޫލު ނުކުރުމެވެ. މުސްލިމުން މަސައްކަތްކުރަމުން ގެންދާނީ ، ދެ ދުނިޔޭގެ ބާއްޖަވެރިކަން ހޯދުމަށެވެ.

މުސްލިމުންގެ ކުރިމަތީގައި އޮތް ސުއާލަކީ ، އޭނާއަށް އެންމެ ރަނގަޅީ ، މިދުނިޔޭގެ ބާއްޖަވެރިކަން ހެއްޔެވެ ؟ ނުވަތަ އާޚިރަތުގެ ބާއްޖަވެރިކަން ހެއްޔެވެ ؟ މުސްލިމުންކުރެ ، ގިނަބަޔަކު އެދޭނީ އާޚިރަތުގެ ބާއްޖަވެރިކަމަށެވެ. އެކަން ޙާޞިލްކުރެވޭނީ ، މިދުނިޔޭގައި އުޅުމަށް ، ﷲ ސުބްޙާނަހޫ ވަތަޢާލާ އަންގަވައި ބަޔާންކުރައްވާފައިވާ ގޮތަށް ، އުޅުމަށް މަސައްކަތް ކޮށްގެންނެވެ. އެކަމަށް އެދި ، ހީވާގިކަމާއެކު މަސައްކަތްކޮށްފި މީހަކަށް ، އާޚިރަތުގެ ބާއްޖަވެރިކަން ލިބޭނެއެވެ. އެއީ ޝައްކެއް އޮތް ކަމެއްނޫނެވެ.

އިންސާނާ ބޭނުންވާ ހުރިހާކަމެއް ، މިދުނިޔޭގައި ފުރިހަމަވެގެން އުޅެވިދާނެކަން ﷲ ސުބްޙާނަހޫ ވަތަޢާލާ ޔަޤީންކޮށްދެއްވާފައެއް ނުވެއެވެ. އިންސާނާ ދުނިޔޭގައި  އުޅޭ އުޅުމުގައި ، ޢަމަލުތައް ބެހެއްޓިގޮތުގެ ހިސާބު ބައްލަވާނެކަން އެއީ މިކަމުގެ ހެއްކެކެވެ. އިންސާނުންގެ ތެރޭގައި އެންމެ މަތިވެރި އިންސާނުން ، ﷲ ސުބްޙާނަހޫ ވަތަޢާލާ އުފެއްދެވިއެވެ. ނަބިއްޔުންނާއި ރަސޫލުން ފޮނުއްވެވިއެވެ. އޭގެތެރެއިން ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟުރަތާ އެންމެ ކުއްތަންވެވަޑައިގެން ހުންނެވި ، މަތިވެރި އިންސާނާއަކީ ، މިއުއްމަތުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައެވެ. އެކަލޭގެފާނު ދުނިޔެއަށް ފޮނުއްވުނީ ، މިޒަމާނުގައި މިއޮތްފަދަ ޓެކްނޮލޮޖީގެ އުފެއްދުންތައް ނެތް ދުވަސްވަރެއްގައެވެ. ޖާހިލުކަމުގެ އަނދިރީގައި ދުނިޔެ ނިދާފައި އޮތް ޒަމާނެއްގައެވެ. އެޒަމާނުގައި އިލެކްޓްރިސިޓީއެއް ނެތެވެ. އިސްކުރުތަކުން ދައުރުވާ ފެނެއްވެސް ، އެޒަމާނަކު ނުވެއެވެ. މޯބައިލްފޯނާއި އިންޓަނެޓާއި މަތިންދދުއްވާ ބޯޓުފަދަ ވަޞީލަތްތަކެއް ނުވެއެވެ. އެއްގަމުގައި ދުއްވާ އުޅަނދުފަހަރެއްވެސް ނެތެވެ. އެހެންކަމާއެކުވެސް ، އެކަލޭގެފާނަކީ ، އެދިވަޑައިގެންނެވި ކޮންމެކަމެއް ފުދިގެންވާފަދަ ފުރިހަމަކަމެއްގައި ހުންނެވި ބޭފުޅެކެވެ. ﷲ ގެ ރަޙުމަތާއި ނިޢުމަތް އެންމެ ފުރިހަމަގޮތުގައި ، އެކަލޭގެފާނަށް މިންވަރުކޮށްދެއްވިއެވެ. އެކަލޭގެފާނަކީ ، ނަބިއްޔުންނާއި ރަސޫލުންގެ ސާހިބާއެވެ. މިދުނިޔެއަށް ﷲ ސުބްޙާނަހޫ ވަތަޢާލާ ޚަލްޤުކުރައްވައި ފޮނުއްވި ، އެންމެ މަތިވެރި ސާހިބާއެވެ.

މިކަމުން އެނގިސާބިތުވާކަމަކީ ، ﷲ ސުބްހާނަހޫ ވަތަޢާލާއާ އިންސާނާ ކުއްތަންވުމަކީ ، އެއިންސާނާގެ މިލްކުގައި މިދުނިޔޭގައި އޮތް އެއްޗެއްހެ މައްޗަށް ބިނާވެފައި އޮތް ކަމެއްނޫންކަމެވެ. މިޒަމާނުގައި ، ވަޒީފާނެތި އެތައްބަޔަކު އެބަ ދިރިއުޅެއެވެ. ދިރިއުޅުމުގެ ޚަރަދުތައް ހަމަނުޖެއްސިގެން ، އެތައްބަޔަކު ، ބަނޑަށް އެބަތިބެއެވެ. ގޭގެކުލި ނުދެއްކިގެން ، ދަރަންޏަށް ނެގިފައިސާ ހަމަނުކުރެވިގެން އެތައްބަޔަކު ޙާލުގައި ޖެހިފައި އެބަތިއްބެވެ. އެހެންނަމަވެސް ، އެއީ ދުނިޔޭގެ ނިސްބަތުގައި އާދައިގެ ކަންކަމެވެ. ﷲ ގެ ޙަޟުރަތުގައި އެއީ އެއްވެސްކަމެއްނޫނެވެ. އެކަލާނގެ އިރާދަކުރައްވައިފިނަމަ ، އެހުރިހާ ތަކުލީފެއް އިންސާނާގެ ކިބައިން ނެތިކުރައްވައެވެ. ކުރަންވީ ކަމަކީ ، ދުނިޔޭގެ ދަތިޙާލުން ސަލާމަތްކޮށްދެއްވައި ، އާޚިރަތުގެ ބާއްޖަވެރިކަމަށް އެދި ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ދެންނެވުމެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟުރަތަށް އެނބުރި ރުޖޫޢަވުމަށް ދާނދެން ، މިދުނިޔޭގައި އަބުރުވެރިކަމާއެކު އުޅެވޭފަދަ ތަނަވަސްކަމަކަށް އެދި ދުޢާ ކުރުމެވެ.

އެއްވެސް އިންސާނަކަށް ، އެއިންސާނާއަށް ނުއުފެއްލޭފަދަ ތަކުލީފެއް ، ﷲ ނުޖައްސަވަތެވެ. ﷲ ޖައްސަވާ ތަކުލީފަށްވުރެ ބޮޑެތި ތަކުލީފުތަކާ ދިމާއަށް ހިތްދޫވެގެން ދިޔަނުދޭށެވެ. އެއީ ، އިންސާނާގެ އިޚްތިޔާރުގައިވާ ކަމެކެވެ. ތިމާއަށް ނުއުފެއްލޭފަދަ ތަކުލީފުތަކަށް ހުށަހެޅި ނުގަންނާށެވެ. އެފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަވެސް ، އެކަމުން ސަލާމަތްކޮށްދެއްވުންއެދި ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ދަންނަވާށެވެ! ﷲ ސުބްޙާނަހޫ ވަތަޢާލާއާ ދެމެދު ، ފުރިހަމަގުޅުމެއް ޤާއިމް ކުރާށެވެ. އެގުޅުން ޤާއިމްކުރެވޭނީ ، ﷲ އަންގަވާފައިވާ މަގުން ހިނގައިގެންނެވެ. އެކަލާނގެ ، ފަރުޟުކުރައްވާފައިވާ ފަސްނަމާދު ވަގުތުގައި އަދާކުރާށެވެ. ފަރުޟުތައް ފުރިހަމަޔަށް އަދާނުކޮށްހުރެމެ ، ކުރިމަތިވާ ތަކުލީފުތަކަށް ޝަކުވާ ނުކުރާށެވެ. ފަރުޟު އަދާކުރާށެވެ ! އެއަށްފަހު ، ދިންނެވުމާއި ނަސީބަށް އެދޭށެވެ.

ރަސޫލު ޞައްލަﷲ ޢަލައިވަސައްލަމަގެ ބޮޑުބޭބޭފުޅު ، އަބޫޠާލިބުގެ ދުވަސްވަރު ، މައްކާގެ މުޝްރިކުން ، އެކަލޭގެފާނާއި ، އެކަލޭގެފާނާއެކުގައިތިބި މީހުންނަށް އުނދަގުލާއި ދުއްތުރާ ޖެއްސިއެވެ. ކާނެ އެއްޗެއް ބޯނެ އެއްޗެއް ނެތި އެތައް ދުވަހެއް ، އެބޭކަލުން ހޭދަކުރެއްވިއެވެ. އެކަންކަމަށް އެބޭކަލުން ކެތްކުރެއްވިއެވެ. ﷲ އަށްޓަކައި ، އެބޭކަލުންގެ ނުފްސު ޤުރުބާން ކުރެއްވިއެވެ.

ރަމަޟާންމަސް ނިމިގެން ދެން ކުރިމަތިލާނީ ފިޠުރުޢީދެވެ. ރަމަޟާންމަހުގެ ތެރޭގައި ، ނަފްސު ޤުރުބާންކޮށް ، ﷲ ގެ މަގުގައި ރޭއަޅުކަން ފުރިހަމަކުރުމަށް އުފުއްލި ބުރައާއި ޤުރުބާނީއަށްފަހު ، އެކުރިމަތިވަނީ ޢީދުގެ އުފާވެރިކަމެވެ. ޤުރުބާނީއަކަށްފަހު ، އުފާވެރިކަމުން ފުރިގެންވާ ދުވަސްތަކެކެވެ. އެހެންކަމުން ، މިދުނިޔޭގައި ، އިންސާނާ ކުޅަހެޔޮޢަމަލުތަކަށް ނަފްސު ޤުރުބާން ކުރުމުގެ އިނާމަކީ ، ސުވަރުގޭގެ ދާއިމީ ނިޢުމަތެވެ.

ދުނިޔޭގައި ކުރިމަތިވާ ގޮންޖެހުންތަކާ ، ކެރިގެން ، ސާބިތުކަމާއެކު ކުރިމަތިލާށެވެ. ޢާޚިރަތަށް މަގުކޮށޭނެ ގޮތަކީ އެއީއެވެ. އިންސާނާ ލޯގަނޑެއްގެ ކުރިމައްޗަށް ހުއްޓި މޫނަށް ބަލައިލާއިރު ، ނުއިންނަންވާ ތަނެއްގައި އެންމެ އިސްތަށްޓެއް ހުއްޓާ ފެނުނަސް އެއީ އޭނާއަށް ބޮޑުކަމަކަށް ވެއެވެ.

މިދުނިޔޭގައި އިންސާނާ އެދޭ އެދުންތައް ހުންނައިރު ، އެއިންސާނާ އެދެންޖެހޭ އެންމެ ރަނގަޅު ކަންކަމަކީ ކޮބައިކަން ދެނެގަންނަން ޖެހެއެވެ. އެހެންނޫނީ ، އެއިންސާނާއަށް ރަނގަޅައި ނުބައި ވަކިކުރާކަށް ނޭނގޭނެއެވެ.

އިންސާނާ އޭނާބޭނުންވާ ކަންކަމަށް އެދި ﷲ އަށް ދުޢާކުރާއިރު ، ފަށާނީ މިދުނިޔެއިންނެވެ. ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ ! މިދުނިޔޭގެ ހުރިހާ ރަނގަޅުކަމެއް މިއަޅާއަށް މިންވަރު ކުރައްވާނދޭވެ ! އަދި އާޚިރަތުގެ ހެޔޮކަންވެސް މިންވަރު ކުރައްވާނދޭވެ ! އަދި ، ނަރަކައިން މިއަޅާ ސަލާމަތްކުރައްވާދޭވެ !

ޢާންމުގޮތެއްގައި ކުރަމުންގެންދާ މިދުޢާގައި ، ދުނިޔޭގެ ހުރިހާ ރަނގަޅުކަމަކަށް އެދި ﷲ އަށް ދަންނަވާއިރު ، ދުނިޔޭގައިވާ ރަނގަޅުކަންކަން ނޭނގގިހުރެ ، އެކަމަށް އެދި ﷲ އަށް ދަންނަވާނީ ކިހިނެއްތޯއެވެ ؟ މި ދުނިޔޭގެ ހުރިހާ ރަނގަޅަކީ ޒުވާނެއްގެ ނަޒަރުން ބަލާއިރު ، މޮޅު ފޯނަކަށް އަދި ދުއްވައިލާނެ އަގުބޮޑު ސައިކަލަކަށް ނުވަތަ ކާރަކަށް ވެދާނެއެވެ. އަދި ބޭނުން އެއްޗެއް ގަނެވޭވަރަށް އަތުގައި ފައިސާހުރުންކަމަށްވެސް ވެދާނެއެވެ. އެހެނަސް ، ޙަޤީޤަތަށްބަލާއިރު ، ދުނިޔޭގެ ހުރިހާ ރަނގަޅެއް ފެށެނީ ، ﷲ އަށް އަޅުކަން ކުރުމުންނެވެ. އެއަޅުކަމުން އިންސާނާގެ ނަފްސަށްލިބޭ ހިތްހަމަ ޖެހުމާއި އުފާވެރިކަމުންނެވެ. ދުނިޔޭގެ މާއްދިއްޔަތަށް ހެއްލި އެއްކުރާ މުދަލާއި ފައިސާއަކުންނޫނެވެ. ދުނިޔޭގައި ހެޔޮޢަމަލެއްނުކޮށް ، އާޚިރަތުގެ ބާއްޖަވެރިކަން ޙައްޤެއް ނުވާނެއެވެ.

ދުނިޔޭގައި ، އާދަމުގެފާނު އުފެއްދެވީއްސުރެ ، މިއަދާހަމަޔަށް ، އިންސާނާގެ ދުލުން އެންމެ ގިނައިން ބޭރުވާ ބަޔާނަކީ ، ﷲ އަކުބަރެވެ. ﷲ ގެ މަތިވެރިކަމަށް ހެކިވެއެވެ. ﷲ އަކުބަރު ، މިލަފުޒަށްވުރެ ގިނައިން އިންސާނުންގެ ދުލުން ބޭރުވާ ބަޔާނެއް މިދުނިޔޭގައި ލައްވާފައެއް ނުވެއެވެ. ދެބިލިއަން މުސްލިމުން ، ކޮންމެ ދުވަހަކު ، ކޮންމެ ބަންގިއެއްގައި ، ކޮންމެ ނަމާދެއްގައި އަދި ނަމާދަށްފަހު ކިޔާ ޛިކުރުގައި ، މި ކަލިމަ އެތައްފަހަރަކު ، ތަކުރާރު ކުރެއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާގެ މަތިވެރިކަމަށް ހެކިވަމުންނެވެ. އެހެންކަމުން ، ﷲ އަކުބަރު ، މިކަލިމަޔަކީ ، ދުވާލެއްގެ މައްޗަށް އެތައް ބިލިއަން ފަހަރަކު ، އިންސާނުންގެ ދުލުން ބޭރުކުރެވޭ ބަޔާނެކެވެ.

ﷲ ސުބްޙާނަހޫ ވަތަޢާލާގެ މަތިވެރިކަމަށް ހެކިވާ ބަޔާނަށްފަހު ، އިންސާނާގެ ދުލުން ، ދެން އެންމެ ގިނައިން ކުރެވެނީ ދުޢާއެކެވެ. ﷲ ގެ ޙަޟުރަތުގައި އެދި ދަންނަވާ ދެންނެވުމެކެވެ. އެއީ ، ٱهْدِنَا ٱلصِّرَاطَ ٱلْمُسْتَقِيمَ  މިއާޔަތެވެ. މިއާޔަތުގެ  މާނަޔަކީ ، އަޅަމެންނަށް ، ސީދާވެގެންވާ ތެދުމަގަށް މަގު ދައްކަވާނދޭވެ ! މިއީ ، މުސްލިމުންގެ ދުލުން އެންމެ ގިނައިން ކިޔޭ ދުޢާއެވެ.

އަލްޙަމްދު ކިޔާ ކޮންމެ ފަހަރަކު މިދުޢާ ތަކުރާރުވެގެން ދެއެވެ. ﷲ ގެ މަތިވެރިކަން ޤަބޫލުކުރުމަށްފަހު ، އެކަލާނގެއަށް އިންސާނާ ދެން އެ ދަންނަވަނީ ، އެކަލާނގެ ރުހިވޮޑިގެންވާ މަގަށް މަގުދެއްކެވުމަށެވެ. އެއީ ، އިންސާނާ ދުނިޔޭގައި އުޅެން ބޭނުންވާ ގޮތެވެ. މަރުވުމަށްދާނދެން ، އިންސާނާ ބޭނުންވާނީ ، ﷲ ދައްކަވާ ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ހުރުމަށެވެ. އެކަލާނގެ ރުހިވޮޑިގެންވާ މަގުން ހިނގުމަށް ތަކުރާރުކޮށް ، އެކަލާނގެ ޙަޟުރަތުން އިރުޝާދު ލިބެމުން ދާނެއެވެ.

ދާއިމީގޮތެއްގައި ، ކޮންމެ ދުވަހަކު މީހެއްގެ ފަރާތުން ކަމަކަށް އެދޭ އެދުން ތަކުރާރުވަމުން ގެންދާނެ ޙާލަތަކަށް ބަލައިލަމާތޯއެވެ ؟ ކަމަކަށް އެދި ކޮންމެ ދުވަހަކުވެސް އެބަ އެދެވެއެވެ. އެކަމަކު ، އެކަމަށް އެދި ކުރަންޖެހޭ އެހެން އެއްވެސްކަމެއް ނުކުރެވެއެވެ. މިސާލަކަށް ، ޖީސީއީ އޯލެވެލް އިމްތިޙާނަށް ކުރިމަތިލާ މީހެކެވެ. އިމްތިޙާންގެ މަތިން ހިތަށްއެރި ހިސާބުން ފެށިގެން ، އެ އިމްތިޙާނުން ، މަތީ ދަރަޖަޔަކުން ފާސްކޮށްދެއްވުމަށް އެދި ، ﷲ އަށް ތިބާ ދަންނަވާނޫއެވެ. އެކަމަކު ، ﷲ އަށް ދަންނަވާ ދެންނެވުން ފިޔަވައި އިތުރު މަސައްކަތެއް ނުކުރެވެއެވެ. ފިލާވަޅުތައް ދަހެއް ނުކުރެވެއެވެ.

މިސްކިތަށް ދިއުމުގެ ތަވްފީޤަށް އެދި ﷲ އަށް ދަންނަވާމީހާ ، ނިދާފައި އޮވެގެން މިސްކިތަކަށް ނުދެވޭނެއެވެ. އޭނާއަށް މިސްކިތަށް ދެވޭނީ ، ހޭލާހުރެގެން އެކަމަށް އެދިގެން މަސައްކަތް ކުރުމުންނެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.