ހެލްތު އިންޝުއަރެންސް ހޯދުމަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދޭނަން: ރައީސް

ހެލްތު އިންޝުއަރެންސް ހޯދުމަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދާ "ރައީސްގެ ޖަވާބު" ޕްރޮގްރާމަށް ގދ.ގައްދޫ، ގުލްޒާރުވާދީ، ޙުސައިން ތައުފީޤް، ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ޙުސައިން ތައުފީޤުވަނީ އަމިއްލަ ފަރާތްތަކުން ބޮޑު އަގެއްގައި ހެލްތު އިންޝުއަރެންސް ނަގާއިރު، އިންޝުއަރެންސްގެ ގޮތުގައި ފައިސާ ލިބެނީ އަމިއްލައަތުން ފައިސާ ޚަރަދުކޮށްގެން ޑޮކްޓަރަށް ދެއްކުމަށްފަހު ކަމަށާއި، ޑޮކްޓަރަށް ދެއްކި ބިލްތައް ހުށަހެޅުމަށްފަހުގައިވެސް ބައެއް ހާލަތްތަކުގައި އިންޝުއަރެންސް ފައިސާ ނުލިބޭކަން ފާހަގކޮށްފައެވެ. އަދި އަމިއްލަ ފަރާތްތަކަށް ހެލްތު އިންޝުއަރެންސުން ފައިސާ ލިބޭނެ ފަސޭހަ އިންތިޒާމެއް ހަމަޖައްސާދިނުމާއި ގުޅޭގޮތުން ހުސެއިންވަނީ ސުވާލުކޮށްފައެވެ.

މިސުވާލަށް ޖަވާބު ދެއްވަމުން، ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ހެލްތު އިންޝުއަރެންސްގެ ނިޒާމަކީ ވަކި އުސޫލުތަކެއް ކަނޑައެޅިފައި އޮންނަ ކަމަކަށްވުމުން، ކަމާއިގުޅޭ ފަރާތްތަކާއެކު މިކަމަށް ހައްލު ހޯއްދެވުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.

"މަޝްވަރާކުރާނަން، ކަމާބެހޭ އިދާރާތަކުގައި ދަންނަވާނަން، މިހާރަށްވުރެ ރަނގަޅުގޮތަކަށް ޚާއްސަކޮށް އާއްމު ފަރުދުން، ހެލްތު އިންޝުއަރެންސްގެ ނިޒާމުގެތެެރެއިން ބައިވެރިވެގެން ކުރިއަށްދާއިރު، ތި ވިދާޅުވި ކަންތައް ބަލާދީ، ރަނގަޅުގޮތެއް ހަދާދިނުމަށް ދަންނަވާނަން،" ރައީސް ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.