ރަމަޟާންމަހުގެ މަޤްޞަދު

ރަމަޟާންމަހުގެ މަޤްޞަދަކީ ، އެމައްސަރުގެ ތެރޭގައި މުސްލިމުން އަދާކުރާ މަތިވެރި އަޅުކަމުގެ ޢަމަލުތައް ، އާދަކޮށް ، ދެން އަންނަ ރަމަޟާންމަހަކާ ހަމަޔަށް ދެމެހެއްޓުމެވެ. ފަރުޟު ފަސްނަމާދަށް ރައްކާތެރިވެ ، ރަމަޟާންމަހުގެ ތެރޭގައި މިސްކިތްތަކަށް ގޮސް ޖަމާޢަތުގައި އެނަމާދުތައް އަދާކުރުމަށް އާދަކުރުމެވެ. ކީރިތި ޤުރުއާން ކިޔެވުންމަތީ ދެމިހުރުމެވެ. ރޭއަޅުކަމަށް ހަށިގަނޑު ހޭނުވުމެވެ. އަދި ، ޞަދަޤާތްކުރުން ގިނަކޮށް ، އަނެކުންނަށް އެހީތެރިވުން އިތުރު ކުރުމެވެ. ދޫ ރައްކާތެރިކޮށް ، އެދުލުން ހެޔޮބަސްތައް ތަކުރާރުކުރުމަށް ފަރިތަ ކުރުމެވެ. އިންސާނިއްޔަތަށް ގެއްލުންހުރި އެންމެހާ ޢަމަލުތަކުން ދުރުހެލިވެ ، ރަމަޟާންމަހުގެ ބަރަކާތާއެކު ، އެމަހުގެ ތެރޭގައި އާދަކުރެވުނު ހެޔޮޢަމަލުތައް ދޫކޮށްނުލައި ދެމެހެއްޓުމެވެ.

ރަމަޟާންމަހަކީ ޢަދަދު ކަނޑައެޅިގެންވާ މައްސަރެކެވެ. އޮނަތިރީސް ދުވަހެވެ. ނުވަތަ ތިރީސް ދުވަހެވެ. އެމައްސަރުގެ ދުވަސްތަކުގައި ރޯދައިގެ މަތިވެރި އަޅުކަން ފުރިހަމަކުރިޔަސް ، އެމައްސަރުގެ ރޭތައް އެއީ ދުވާލަށްވުރެ މަތިވެރި ވަގުތު ތަކެކެވެ. އަހަރުގެ ދުވަސްތަކުން އެންމެ މާތް ދުވަހަކީ ، ޢަރަފާތު ދުވަހެވެ. އެންމެ މަތިވެރި ރެޔަކީ ، ލައިލަތުލްޤަދުރި ވިލޭރެއެވެ. އެންމެ މާތްދުވަސް ، ހިމެނިގެންވަނީ ރަމަޟާންމަހުގެ ތެރޭގައެއް ނޫނެވެ. އެހެންނަމަވެސް ، އެންމެ މާތް މަތިވެރި ރޭ ހިމެނިގެންވަނީ ރަމަޟާންމަހުގެ ފަހުދިހައިގެ ތެރޭގައެވެ. އެއީ ، ލައިލަތުލްޤަދްރިއެވެ. އެރޭގެ އަޅުކަމުގެ ޘަވާބާއި ދަރުމަ އެތައް ގުނަޔަކަށް ފަށްފަށްވެގެން ވެއެވެ.

ﷲ ސުބްޙާނަހޫ ވަތަޢާލާ ، ރަމަޟާންމަސް ލައްވާފައިވަނީ ، އެމަހުގެ ދަރުމައާއި ޘަވާބު ލިބުމަށް އެދޭމީހާއަށް އެކަށީގެންވާ ވަގުތުތަކަކާ އެކުގައެވެ. ދުވާލުގެ ވަގުތުތަކުގައި ރޯދައިގެ އަޅުކަމެވެ. ރޭގަނޑުގެ ވަގުތުތަކުގައި ، ތަރާވީހާއި ދަމުނަމާދެވެ.

ރަމަޟާންމަހުގެ ދަރުމައާއި ޘަވާބުގެ މަތިވެރި ނިޢުމަތް ލިބިގެންފިމީހާ ، ދެން އަންނަ ރަމަޟާންމަހަކާ ހަމަޔަށް އޮންނަ އެގާރަ މަސްދުވަހުގެ ތެރޭގައި ، އޭނާގެ ގޯސް ޢަމަލުތަކަށް އެނބުރި ނުގޮސް ، ހެޔޮޢަމަލުތަކުގައި ދެމިހުރުމުގެ ނަޞީބު ލިބިއްޖެނަމަ ، އެއީ އޭނާ ، ރަމަޟާންމަހު އަދާކުރި ޢަމަލުތައް ، ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟުރަތުގައި ޤަބޫލުކުރެވިގެން ހިނގައްޖެކަމުގެ ފާލެކެވެ. ދެދުނިޔޭގެ ނަޞީބުވެރިންނަކީ އެއީއެވެ.

ރަމަޟާންމަހުގެ ތެރޭގައި ރޯދަހިފުން ފަރުޟުކުރެއްވިނަމަވެސް ، އެހެންމަސްތަކުގައި ފަރުޟު ރޯދައެއް ނުހިމެނެއެވެ. އެހެންނަމަވެސް ، ދެރަމަޟާންމަހުގެ ދެމެދުގައި އަންނަ އެގާރަ މަސްދުވަހުގެ ތެރޭގައި ސުންނަތް ރޯދަހިފަން ޚާއްޞަ ދުވަސްތަކެއް ހިމެނެއެވެ. ވީވަރަކުން ، އެދުވަސްތަކުގައި ސުންނަތް ރޯދަހިފުމަކީ ، ރޯދައެއް ހިފުމުން ، ނަފްސަށް އެލިބޭ ހިތްހަމަޖެހުމާއި އުފާވެރިކަން އިޙްސާސްކޮށްލުމަށް ލިބޭ ފުރުޞަތެކެވެ. ހޯމަ ދުވަހާއި ބުރާސްފަތި ދުވަހަކީ ސުންނަތް ރޯދަހިފުމަށް ވަރަށް ރަނގަޅު ދެދުވަހެވެ. ހަފުތާގެ އެދެދުވަހު ، ރޯދައަށްހުރެގެން ، އަނެއް ރަމަޟާންމަސް އަންނަންދެން ، އިންސާނާގެ ރޫޙަށް ، ރޯދައިންލިބޭ ދިރުމުގެ އަޖުމަ ބަލައިލުމަކީ ، ވަރަށްމަތިވެރި ހެޔޮ ޢަމަލެކެވެ.  ފުރާނަޔަށް ދިރުން ލިބިގެންދާނެ ކާނާއެކެވެ. ރޯދަޔަކީ ، ނަމާދެކޭ އެއްފަދައިން ، އިންސާނާ ފާފަތަކުން ދުރުކޮށްދޭ އަޅުކަމެކެވެ.

ހަނދުމަހުގެ ތޭރަ ، ސާދަ އަދި ފަނަރަވަނަދުވަހު ، ސުންނަތް ރޯދަހިފުމަކީވެސް ، ރޯދައިގެ ޘަވާބާއި ދަރުމަ ލިބިގެންދާނެ ހެޔޮ ޢަމަލެކެވެ. ކޮންމެ ހަފުތާއެއްގެ ހޯމަ އަދި ބުރާސްފަތި ދުވަހު ، ރޯދަހިފުމަށް އާދަކުރުމަށް ބުރައަކަށްވެއްޖެނަމަ ، ކޮންމެ ހަނދުމަހެއްގެ ތޭރަ ، ސާދަ އަދި ފަނަރަވަނަ ދުވަހު ރޯދަހިފުމަށް އާދަކުރެވިދާނެއެވެ. އެއިން ދުވަހަކު ، ސުންނަތް ރޯދަ ހިފައިފިނަމަ އެއީ ، ތިންގުނަޔަށް ޘަވާބު ލިބިގެންދާ ތިން ދުވަހެވެ. އޭގެ މާނަޔަކީ ، އެތިންދުވަހު ސުންނަތްރޯދަ ހިފައިފިމީހާއަށް ، އެއްމަސްދުވަހު ރޯދަހިފުމުގެ ޘަވާބާއި ދަރުމަ ލިބިގެންދާނެއެވެ. އެހެންކަމުން ، ދެރަމަޟާންމަސް ދެމެދުގައި އަންނަ އެގާރަ މަސްދުވަހުވެސް ، އެއްވެސް އުނިކަމެއްނެތި ، އެއްއަހަރު ދުވަހު ، އެމީހަކަށް ރޯދަ ހިފުނީއެވެ. ރަމަޟާންމަހާ ލައިގެންނެވެ. އަހަރުގެ އެއްވެސް ދުވަހެއް ، ރޯދައިގެ ޘަވާބުން އެމީހަކު ބަރީއަވެގެން ނުދާނެއެވެ.

ރަމަޟާންމަހުގެ މަޤްޞަދަކީ ، ފުއްސެވުމާއި ދިންނެވުމުގެ މަގުގައި ، މުސްލިމުންގެ ޢަމަލުތައް ސީދާކުރުމެވެ. އެހެނީ ، ރަމަޟާންމަހަކީ ، ތަޤްވާގެ މަގަށް އިންސާނާ ލަންބުވައި ، ހެޔޮ ޢަމަލަށް ޚާއްޞަވެގެންވާ މައްސަރެކެވެ. ރަމަޟާންމަސް ނިމުމަށްފަހުވެސް ، އިންސާނާގެ ޢަމަލުތައް ސީދާވެ ހުރުމަކީ ، ރަމަޟާންމަހުގެ އެންމެ މަތިވެރި މަޤްޞަދެވެ.

( މަޢުލޫމާތު : ޑރ. މުފްތީ މެންކްގެ ދަރުސްއަކުން ނަގާފައި )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.