ރަމަޟާންމަހުގެ ބަރަކާތަށް ނަފްސު ތައްޔާރުކުރުން

ބަރަކާތްތެރި ރަމަޟާންމަސް ، ފެށިގެންދާއިރު ، މުއުމިނާގެ ނަފްސު ޠާހިރުކޮށް ، އެމަހާ ބައްދަލުކުރުމަށް ތައްޔާރުވުމަކީ ، ކުރަންޖެހޭ ކަމެކެވެ. މިލިޔުމުގައި ބަޔާންކުރެވިފައި އެވަނީ ، މިކަމާބެހޭގޮތުން ، މުފްތީ ، ޑޮކްޓަރ އިސްމާޢީލް މެންކް ދެއްވާފައިވާ ދީނީ ތަޤްރީރެއްގެ ޚުލާޞާ އެވެ.

ބަރަކާތްތެރި ރަމަޟާން މަހަށް ، މުސްލިމުން މަރުޙަބާ ކިޔަނީ އަޅުކަމަކުންނެވެ. ރަމަޟާންމަހަށް ހަނދު ފެނުމާއެކު ކިޔާ ދުޢާއިންނެވެ. ﷲ ތަޢާލާގެ ޙަޟުރަތުގައި އަޅުގަނޑުމެން އެ ދުޢާގައި ދަންނަވަނީ ، މިބަރާކާތްތެރި މައްސަރުގެ ޘަވާބާއި ދަރުމަ އަޅުގަނޑުމެންނަށް މިންވަރުކޮށް ދެއްވުމަށެވެ. އެމައްސަރުގެ ޢަފޫއާއެކު ، ފުއްސެވުމާއި ރުއްސެވުމަށް ، އަދި އެއްފަހަރު ، ﷲ ގެ ޙަޟުރަތުގައި ދެންނެވުމެވެ.

ކޮންމެ މީހަކީވެސް ، ﷲ ތަޢާލާގެ ޢަފޫއަށް ބޭނުންޖެހިފައިވާނެ މީހެކެވެ. އެހެންކަމުން ، ކޮންމެ އިންސާނަކުވެސް ، މާފުކުރަންޖެހޭ ބަޔަކު ތިބޭނެއެވެ. ﷲ ގެ ޙަޟުރަތުން ތިމާގެ ކުށްތައް މަޢާފުކޮށްދެއްވުމަށް ދަންނަވާހިނދު ، އެހެންމީހުންނަށް ތިމާދޭންޖެހޭ މަޢާފުން ތިމާ ސަލާމަތްވެ ހުރުން މުހިންމެވެ. އެއީ އުނދަގޫ ކަމަކަށް ވެދާނެއެވެ.

ޢުމުރު ދުވަހަށްވެސް ހިތުންފިލުވައިލަން އުނދަގޫ ތަކުލީފެއް މީހެއްގެ ފަރާތުން ލިބިފައި އޮވެ ، އެކަން މަޢާފު ނުކުރެވި އޮވެދާނެއެވެ. އެފަދަ ބޮޑު ތަކުލީފެއްގައިވާ މީހާވެސް ، އަލުން އެމީހެއްގެ ފަރާތުން އިތުރު ތަކުލީފެއް އަތުވެދާނެކަން އެނގޭހިނދުވެސް ، އޭނާއަށް މަޢާފުކުރުން އެއޮތްގޮތަކަށް ދާން ދޫކޮށްލުމަކީ އެންމެ ބުއްދިވެރި ގޮތެވެ. އެމީހަކީ މަޢާފަށް އެދެން އެނގޭވަރަށްވުރެ ، ތަންދޮރު ނުފިލާމީހެއްނަމަ ، އެމީހަކު އެކަމަށް ނޭދުނަސް ، މަޢާފުކޮށްފައި ހުރެވިދާނެއެވެ. އެމީހެއްގެ ފަރާތުން ތަކުރާރުކޮށް ކުރިމަތިވާ އުނދަގުލާއި މުޞީބާތްތައް ހިތުގައި ބުރައެއްގެ ގޮތުގައި އޮތަސް ، އެއީ ކަމަކަށް ހަދައިގެން އުޅެގެން ހަލާކުވާނީ ، ޚުދު ތިމާގެ އަމިއްލަ ހިތެވެ.

މިއީ އިސްލާމީ ކަލަންޑަރުގައި ފާހަގަކުރެވޭ އެންމެ މުޤައްދަސް މައްސަރެވެ. ﷲ ގެ ޙަޟުރަތުން ، އެކަލާނގެ އަޅުތަކުންނަށް ޢަފޫކުރެއްވުމުގެ މައްސަރެވެ. މިމައްސަރަށް މަރުޙަބާކިޔާ ހިނދު ، އާކުރަންޖެހޭ ޢަޒުމަކީ ، މިމައްސަރުގެ ޘަވާބާއި ދަރުމައިން ، ނަފްސަށް މުއްސަނދިކަން ލިބުމަށްފަހު ، މަސްނިމުނަސް ، ކުރީގެ ނޭދެވޭ އާދަތަކަށް ، އަލުން އަނބުރާ އިޢާދަ ނުވާނެކަމުގެ ޢަޒުމެވެ. ބައެއްމީހުންނަށް ، ރަމަޟާންމަހުގެ އެންމެ ފަހުދުވަސްވެސް ނުލިބި ހިނގައިދާނެއެވެ.

މިމައްސަރަކީ ، ރޯދަޔަށް ޚާއްޞަވާ ، ރޯދަމަސް ފަދައިން ، ކީރިތި ޤުރުއާނަށް ޚާއްޞަވާ ، ޤުރުއާނުގެ މަސްވެސް މެއެވެ. މިމައްސަރަކީ ، މުއުމިނާއަށް ހަމަނިދި ނުލިބޭނެ މަހެކެވެ. އެއީ ، މުއުމިނަކަށްވީތީ ލިބޭ ފަޚުރެކެވެ. އެހެންމަސްތަކަށްވުރެ ބޮޑަށް އަޅުކަމުގައި ވަގުތު ހޭދަކުރަން ޖެހުމަކީ ، މި މައްސަރަށް ޚާއްޞަވެފައި އޮންނަ ކަމެކެވެ.

ކީރިތި ޤުރުއާން ކިޔެވުމަށް ކުރިމަތިލާއިރު ، ކިޔަވަން ފެށުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ކަންކަމާ ކުރިމަތިލައި އެކަންކަން ފުރިހަމަ ކުރާނެއެވެ. ވީ އެންމެ ފުރިހަމަޔަކަށް ކީރިތި ޤުރުއާން ކިޔަވާނެއެވެ. އޭގެ މާނަ ފަހުމްކުރެވޭތޯ ބަލާނެއެވެ. ތަޖުވީދުމަގުން ، ކުށެއްނުލައި ރަނގަޅަށް ކިޔެވޭތޯ މަސައްކަތް ކުރާނެއެވެ. ކީރިތި ޤުރުއާނުގައި ﷲ ތަޢާލާ އަންގަވާފައިވާ ކަންކަމަށް އެ މުއުމިނާ ވިސްނާނެއެވެ.

ރަމަޟާންމަހަކީ ، އަޅުކަމަށް ޚާއްޞަވެފައިއޮތް މައްސަރަކަށްވުމާއެކު ، އެމައްސަރުގައި މުއުމިނާ އަދާކުރާ އަޅުކަން އެތައް ގުނަޔަކަށް އިތުރުވެގެން ދާނެއެވެ. ރަމަޟާންމަހަކީ މައްސަލަތައް ޙައްލުކުރުމުގެ މައްސަރެވެ. ގޭތެރޭގެ މައްސަލައެއް އުޅުނަސް ، ގޭގައި އެކަމަކާބެހޭ މީހަކާ ވާހަކަ ދައްކައިގެން އެކަން ޙައްލުކުރަން ވާނެއެވެ.

ރަމަޟާންމަހުގައި ދެން އެންމެ ގިނައިން ކުރަންޖެހޭ ކަމަކީ ، އެހެންމީހުންނަށް އެހީތެރިވުމެވެ. ޞަދަޤާތްދިނުން އިތުރު ކުރުމެވެ. ކިތަންމެ ކުޑަކަމެއްގައިވެސް ، މީހަކަށް އެހީތެރިވުމަށް ، ނުވަތަ އެހީތެރިކަމުގެ އަތެއް ދިއްކޮށްލުމަށް ފަސްޖެހިގެން ނުވާނެއެވެ.

ރަމަޟާންމަހަކީ ، ދީނުގައި ހުއްދަކުރެވިފައިވާ ތަކެތި ކެއުން މަނާކުރެވިފައި އޮންނަ މައްސަރެކެވެ. ރަމޟާންމަހުގެ ދުވާލުގެ ވަގުތުގައި ބަތެއް ނުކެވެއެވެ. ފެނެއް ނުބޮވެއެވެ. އެއީ އެހެންމަސްމަހުގައިވެސް މަނާއެއްޗެއް ނޫނެވެ. ރަމަޟާންމަހުގެ ދުވާލު ފެންބުއިން މަނާކުރެވިފައިވަނީ ކީއްވެގެން ހެއްޔެވެ ؟ ފެނުގައި އޮތް މައްސަލަޔަކީ ކޮބައި ހެއްޔެވެ ؟ ފެނުގައި އެއްވެސް މައްސަލައެއް ނެތެވެ.

ރަމަޟާންމަހަކީ ، އިސްރާފުކުރުން މަދުކުރަންޖެހޭ މައްސަރެކެވެ. ބޭނުންވާވަރަށްވުރެ ގިނައިން ، ކާބޯތަކެތި ތައްޔާރު ކުރެވެއެވެ. ނުކެވޭވަރަށް ސުފުރާމަތި ފުރާ ލެވެއެވެ.

އެންމެ ނިކަމެތިކަން ބޮޑުވެގެންވާ މީހަކީ ، އާޚިރަތަށް މަގުނުކޮށައި ، މިދުނިޔެއާ ވަކިވެގެންދާ މީހާއެވެ. އާޚިރަތަށް ކޮށަންޖެހޭ މަގު ކޮށުމަށްޓަކައި ، ﷲ ތަޢާލާ އިންސާނާއަށް ދެއްވާފައިވާ ފުރުޞަތުތައް ވަރަށް ގިނައެވެ. އޭގެ ތެރެއިން އެންމެ ބޮޑު އެއް ފުރުޞަތަކީ ، ބަރަކާތުން ފުރިގެންވާ ރަމަޟާން މަހެވެ. އެމަހުގައި އިންސާނާ ކުރާ ހެޔޮ ޢަމަލުގެ ޘަވާބު ، އެތައް ގުނަޔަކަށް މަތިކުރައްވާފައި ވެއެވެ.

ރަމަޟާންމަހަކީ ހުރިހާ ހެޔޮކަމެއްގެ މައްސަރެވެ. އެމައްސަރުގައި ލައްވާފައިވާ އެންމެހާ ހެޔޮކަންތައްތަކުން ، ވީ އެންމެ ގިނަހެޔޮކަމެއް ހޯދޭމީހަކީ ، އެންމެ ނަސީބުގަދަ މީހާއެވެ. ދުލަކީވެސް ، ރަމަޟާންމަހު ރައްކާތެރިކޮށްގެން ގެންގުޅެންޖެހޭ ގުނަވަނެކެވެ. ދުލަށް ރައްކާތެރިކަން ނުދެވިއްޖެމީހާ ، ރޯދަމަސް އެދުއްވައިލީ ބޭކާރު ގޮތުގައެވެ.

ބަރަކާތްތެރި ރަމަޟާންމަހުގެ އަޅުކަން ފުރިހަމަގޮތުގައި އަދާކޮށްފި މީހެއްގެ ހިތަށްލިބޭ ހިތްހަމަ ޖެހުމަކީ ، އެމީހެއްގެ ޢަމަލުތައް ﷲ ގެ ޙަޟުރަތުގައި ޤަބޫލުކުރައްވައިފިކަމުގެ ޢަލާމާތެވެ. އެފަދަ މީހުންގެ ޢަމަލުތައް ، ރަމަޟާންމަހަށްފަހުވެސް ސީދާކަންމަތީ ދެމިއޮންނާނެއެވެ. ހެޔޮ ޢަމަލަށް މީހާ އާދަވެ ، އެފަދަ ޢަމަލުތައް އިތުރުކުރުމުގެ މަތިވެރި ތަވްފީޤަކީ ، އެކުރި އަޅުކަމެއް ޤަބޫލުކުރައްވައިފިކަމުގެ ޢަލާމާތެކެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.