ފަލްސަފާ (60)

( 6 މާރިޗު 2024 ގައި ޝާއިޢުކުރި ބަޔާ ގުޅޭ )

ތަހުނިޔާ ދޫކޮށްލާފައި އެހެންމީހަކާ އިނދެގެން ، މުރުތަޟާއަށް ހަމަޖެހިލައިގެން އުޅެވޭނެކަމަކަށް ޙަފުޞާއަކަށް ޤަބޫލެއް ނުކުރެވެއެވެ. އެފަދަ ކަމެއް ނުވިއްޔާ ކިތަންމެހާވެސް ރަނގަޅެވެ. އެކަން އެގޮތަށްވެގެން ، ތަހުނިޔާއަށް އޮތީ ކޮންފައިދާއެއް ހެއްޔެވެ ؟ ހަމަޖެހިލައިގެން ، ތަހުނިޔާއަށް ދުނިޔޭގައި އުޅެވިދާނެ ހެއްޔެވެ ؟ ދެ ގެ އެހުންނަނީ ޖެހިފައެވެ.

މުރުތަޟާއާ އިނދެގެން ، މިހާރު އެއުޅޭ ދިރިއުޅުމުން ތަހުނިޔާއަށް އޮތީ ކޮން ހަމަޖެހުމެއްތޯ އާއި ކޮން އުފަލެއްތޯ ޙަފުޞާކުރެން ތަހުނިޔާ އެހިއެވެ. އެ ދެޙާލަތުގައިވެސް ، ހުރިހާ ތަކުލީފަކާއި ހިތްދަތިކަމެއް އޮންނާނީ ތަހުނިޔާއަށެވެ.

ތަހުނިޔާއަށް ހުރިހާ ހެޔޮގޮތްތަކެއް މިންވަރު ކުރެއްވުން އެދި މައިން ބަފައިންގެ ހެޔޮ ދުޢާވެއެވެ. ދަރިންނަށް މައިންކުރާ ދުޢާ ، ﷲ އިޖާބަ ކުރައްވާނެއެވެ. ޙާލަތަށް ކެތްތެރިވެ ، ތަހުނިޔާ  އެ އުފުއްލަމުންގެންދާ ތަކުލީފުގެ ހެޔޮ ޖަޒާ ، ކޮންމެވެސް އެއް ދުވަހަކުން ނިޢުމަތެއްގެ ގޮތުގައި  ﷲ ތަޢާލާ ، ތަހުނިޔާއަށް ދެއްވާނެއެވެ. މުރުތަޟާގެ މަންމަ ، ޙަފުޞާ އަބަދުވެސް ހުންނާނީ ތަހުނިޔާއާއެކުގައި ކަމަށް ޙަފުޞާ ވަޢުދުވިއެވެ. ޙަފުޞާގެ ދެއަތް ދިއްކޮށްލައި ، ތަހުނިޔާ އޭނާގާތަށް ގެނެސް ބައްދާލައި ބޮލުގައި ފިރުމާލިއެވެ.

 

ބޭރަށްދާން ތައްޔާރުވަމުން ދަނިކޮށް ، ނޫރުގެ ކޮޓަރީގައި ޓަކިޖަހައިލުމަށްފަހު އޭނާގެ ބައްޕަ ވަޞީމު ކޮޓަރިޔަށް ވަނެވެ. ވަޞީމު އެއައީ ނޫރުއާ ވާހަކައެއް ދައްކާލަން ވެގެންނެވެ. އެގޭގައި އެއްބަނޑު އެއްބަފާ ދެބެން އުޅޭއިރު ، އެދެމީހުންގެ ގުޅުން އިތުރަށް ގޯސްވަމުންދާކަމަށް ވަޞީމަށް ފެންނާތީ ، އެއީ ނޫރުގާތު ދައްކަން އޭނާ ބޭނުންވާ އެއް ވާހަކައެވެ. އެކަކު އަނެކަކަށް ވާހަކަ ނުދެއްކޭ ހިސާބަށް މިހާރު ، އެކަން ހިނގައްޖެއެވެ. އެއީ ، ބައްޕައެއްގެ ޙައިޞިއްޔަތުން ވަޞީމަށް ވަރަށް ބޮޑު މައްސަލައެކެވެ. އެކަންކަމުގެ ސަބަބަކީ ، ނޫރުގެ ގޮތްދޫނުކުރުމާއި ނޫރު ދެކޭ ގޮތާއި ނޫރުގެ ދިރިއުޅުމުގެ ފަލްސަފާއެވެ.

އެއްވެސް މީހަކާ ވާހަކަ ދެއްކުން ނޫރު ، ހުއްޓައެއް ނުލައެވެ. މީހަކު ކުރާކަމެއްގެ ޒިންމާ ނޫރުގެ ބޮލުގައި އެޅުވުމަކީ ނޫރު އެދޭގޮތެއްނޫނެވެ. އެކަން އޭނާގެ ބައްޕަޔަށް ސާފުކޮށްދިނެވެ.

" ބައްޕާއެވެ ! އަހަރެން ކަމަކަށް އެދޭކަމަށް ވަންޏާ ، އަހަރެން މިއެދެނީ އަހަރެންގެ ޙަޔާތުގައި އަހަރެން އެދޭގޮތް އިޚްތިޔާރުކުރުމުގެ ޙައްޤަށެވެ. އިތުރުކަމަކަށް އަހަރެންނެއް ނޭދެމެވެ. އަހަރެން ތެދުވުމާއި އިށީނުމާ އަދި ހިނގުމާއި ނުހިގުމާ ދާންބޭނުންވާ ތަންތަނަށް ދިއުމާ އަދި ވާހަކަ ދައްކަން ބޭނުންވާ މީހުންނާ ވާހަކަ ދެއްކުމާއި ބައްދަލުކުރަން ބޭނުންވާ މީހުންނާ ބައްދަލުކުރުންފަދަ ކަންކަމަކީ ، އިންސާނެއްގެ ޙައިޞިއްޔަތުން އަހަރެންނަށްވެސް ލިބެންޖެހޭނެ ޙައްޤެކެވެ. އެކަންކަން އަހަރެން ކުރާނެގޮތް އެހެން މީހުންނަކަށް ނޭނގޭނެއެވެ. އެކަންކަމަށް އެހެންމީހުންނަށް ސުއާލުކުރެވެންވީ ކޮން ސަބަބަކާ ހުރެ ހެއްޔެވެ ؟ އަހަރެންްނަކީވެސް ބޮޑުވެފައިހުރި އަންހެނެކެވެ. އަމިއްލަ ނަފްސު ގެންގުޅެން އެނގޭވަރަށް އަހަރެން މިހުރީ ކިޔަވައިގެންނެވެ. އެހެން މީހުންނަށް އާދޭސްކުރަން ނުޖެހޭފަދަ ، އެކަށީގެންވާ މަޤާމެއްގައެވެ.  ބޭބެއާއި ފަހަރިއަކަށްވެސް އެ ޙައްޤެއް ނުއޮންނާނެއެވެ. އެހެން ނޫނަސް ، ކޮންމެ މީހަކުވެސް ، އެމީހެއްގެ ކަމެއް އެމީހަކު ބޭނުންވާ ގޮތަކަށް ނިންމައިގެން އުޅުމަކީ ، ދިރިއުޅުމުގެ ޙައްޤު ނޫންހެއްޔެވެ ؟

ވަޞީމުހުރީ ބަސް ހުށްޓިފައެވެ. އެހެންނަމަވެސް ނޫރު މައިތިރި ކުރުމަށްޓަކައި ، ބުނަންޖެހޭ އެއްޗެއް ބުނަން އެބަ ޖެހެއެވެ. އުދުހިފައި ދާގޮތަށްގޮސް އެހެންމީހުންނަށް ނުފެންނަ ހިސާބަށްގޮސް ގެއްލެން ، ނޫރުއަކީ ދޫންޏެއްނޫނެވެ. ނޫރުއަކީ އަންހެނެކެވެ. އެކުގައި ދިރިއުޅޭ މީހުންނަށް ޤަދަރުކޮށް އިޙްތިރާމް ކުރަން ދަސްކުރުމަށް ، ވަޞީމު އޭނާގެ ދަރިފުޅަށް އިންޒާރު ދިނެވެ. އެގޭގައި ނޫރުގެ ދުޝްމަނެއް ނެތެވެ. އެއުޅެނީ ހަމަ އަމިއްލަ މީހުންނެވެ. އެންމެންވެސް ، ނޫރުދެކެ ލޯބި ވެއެވެ. އެމީހުންނަށް އެހީތެރިވާންވެސް ނޫރުއަށް ޖެހޭނެއެވެ. އަދި އެމީހުންބުނާގޮތް ހަދަންވެސް ޖެހޭނެއެވެ. ހާރިސް އާއި ރައިދާ އެކުރާކަމެއް އެކުރަނީ ނޫރުއަށް ރަނގަޅަކަށެވެ.

ވަޞީމު ވާހަކަ ދައްކަ ދައްކާ ހުއްޓާ ، ބައްޕަގެ ވާހަކަ މެދުކަނޑައިލުމަށްފަހު ނޫރު ވާހަކަ ދައްކަން ފެށްޓިއެވެ. ނޫރުގެ ދިރިއުޅުމަށް އެންމެ ރަނގަޅުގޮތް އެނގޭނީ ނޫރުއަށެވެ. އެހެންމީހުންނަކަށް އެކަންކަމެއް ނުއެނގޭނެއެވެ. ނޫރުއަށް އޭރުވެސް ހުރީ ލަސްވެފައެވެ. ފަހުން އެވާހަކަތައް ބައްޕަޔާ ދައްކާނެކަމަށް ބުނަމުން ނޫރު ، ކޮޓަރިން ނުކުމެގެން ދިޔައެވެ. ނޫރު ނުކުމެގެން ދިޔައިރުވެސް ވަޞީމު ގެންދިޔައީ ވާހަކަ ދައްކަމުންނެވެ. އެހުރިހާ މީހުންގެވެސް އުއްމީދަކީ ލަސްވުމުގެ ކުރިން ނޫރުއަށް ވިސްނުމެވެ.

ކޮޓަރިން ނުކުމެ ނުކުމެ ހުރެފައި ، އަނބުރާލާފައި އައިސް ނޫރު އޭނާގެ ބައްޕަގެ އަތުގައި ހިފައިލިއެވެ. އަދި ބުންޏެވެ.

" ބައްޕާއެވެ ! އަހަރެންގެ ދިރިއުޅުމުގެ ހުރިހާކަމެއްވެސް އަހަރެން ރާވަމުން މިގެންދަނީ ވަރަށް ވިސްނައިގެން ، އަހަރެންނަށް އެންމެ ރަނގަޅުވާނެ ގޮތަކަށެވެ. އަހަރެން ނިންމާ ކޮންމެ ނިންމުމެއް އެންމެ ފުރަތަމަ ބުނާނީ ބައްޕަ ގާތުގައެވެ. ބައްޕަ އެކަމާ ކަންބޮޑު ނުވާށެވެ. އަހަރެންނަށް އިތުބާރު ކުރާށެވެ ! " ނޫރު އޭނާގެ ބައްޕަގެ ބަސް ހުއްޓުވައިލިއެވެ.

**********************************

" މާތްކަލާކޯއެވެ ! މުރުތަޟާ ހަމަ އެހެން ބުނިހެއްޔެވެ ؟ " ޙަފުޞާ ސިއްސައިގެންގޮއްސައި ބުންޏެވެ.

ޠާހިރާ ގެންދިޔައީ ، އޭނާގެންގޮސް މުރުތަޟާ ދެއްކި ވާހަކަތައް މަންމަޔަށް ކިޔައިދެމުންނެވެ. ޙަފުޞާގެ ދެލޯހުރީ ބޮޑުވެފައެވެ. އަރިއަޅައިލިތަނުން ނުވެއްޓުނީ ، ކައިރީގައިހުރި ގޮނޑިއެއްގައި އަތްޖައްސައިލިކަމުންނެވެ. ނޫރުލްޢައިނުއާ ދެއަނތްބަށް އިންނަން މުރުތަޟާ ނިންމައިފިކަމުގައި ޠާހިރާ ބުންޏެވެ. މުރުތަޟާއަށް އެއުޅެނީ ، ބިރުން އެވާހަކަ މަންމަގާތު ބުނަން ނުކެރިގެންނެވެ. ފަހަރެއްގައި ، ކުރިޔަށް މިއޮތް ދުވަސްތަކުގައި ، މަންމަގާތު އެވާހަކަ ބުނާނެއެވެ.

އެފަދަކަމެއް މުރުތަޟާ ކޮށްފިނަމަ ، ޢާޞިފަށާއި ސާޖިދާއަށް ، ޙަފުޞާ ދައްކާނީ ކޮން މޫނެއް ހެއްޔެވެ ؟ މުޅި ޢުމުރު ދުވަހަށްވެސް ޙަފުޞާއަކީ މުޖުރިމެއްގެ ގޮތުގައި އެމީހުން ބަލާނެއެވެ. އެމީހުންގެ ހުރި ހަމައެކަނި ދަރިފުޅަށް ޙަފުޞާގެ ފަރާތުން އެދިން ގެއްލުމަށް ދުވަހަކުވެސް މަޢާފެއް ނުކުރާނެއެވެ. މުރުތަޟާ އެކަން ކުރުން ހުއްޓުވުމަށް ކަމެއް ކުރެވޭނެ ހަމައެކަނި މީހަކީ ޙަފުޞާއެވެ. ތަހުނިޔާގެ ޙާލަތަށް ހަމްދަރުދީވެ ، ތަހުނިޔާއަށް ހިތްވަރެއްދޭން ހުރި މީހަކީވެސް ޙަފުޞާއެވެ.

ތަހުނިޔާއަށް އެވާހަކަ ނީވެއްޖިއްޔާ ކިތަންމެހާވެސް ރަނގަޅެވެ. އެކަހަލަ ވާހަކައެއް އިވިއްޖިއްޔާ ތަހުނިޔާ އެގޭގައި ހިފެހެއްޓުމަކީ ، ޙަފުޞާއަށް އުނދަގޫ ކަމަކަށް ވާނެއެވެ. ކޮންމެވެސް ، ތަހުނިޔާގެ ކަންފަތަށް އެވާހަކަ އިވުނަ ނުދިނުމަށް ، ޠާހިރާގެ ކިބައިން ހަފުޞާ އެދުނެވެ. މުރުތަޟާއަކަށް އެކަމެއް ނުކުރެވޭނެއެވެ. ޙަފުޞާ ވާހަކަ ދައްކައިގެން އެކަން ހުއްޓުވާނެއެވެ.

ޙަފުޞާއާއި ޠާހިރާ އެހުރިހާ ވާހަކައެއް ދެއްކިއިރު ، ކޮޓަރީގެ ބޭރުގައި އެވާހަކަތައް އަޑުއިވޭ ހިސާބުގައި ހުއްޓިލައިގެން ތަހުނިޔާ ހުށްޓެވެ. އެހުރިހާ ވާހަކައެއް  އަޑުއިވުމާއެކު ، ތަހުނިޔާ ބާރަށް ހިނގާފައިގޮސް އޭނާގެ ކޮޓަރިޔަށް ވަނެވެ. ޝޫޓްކޭހެއް ނަގައި ހެދުންތައް ބޮނޑިކޮށްކޮށްފައި އެއަށް އަޅަމުން ގެންދިޔައެވެ. ހެދުންތައް ޕެކްކުރަން އުޅެނިކޮށް އޭނާގެ ފޯނު ރިންގވާން ފެށުމުން ފޯނުނަގައި ބަލައިލިއިރު ، ނަސީބަކުން އެއީ މަންމައެވެ. މަންމަގާތު އޭނާދާ ވާހަކަ ބުނަން އެއީ ރަނގަޅު ފުރުސަތެއްކަމަށް ތަހުނިޔާއަށް ފެނުނެވެ.

ތަހުނިޔާ ފޯނުނެގުމާއެކު ، އޭނާ މަންމަގާތަށް އޭނާ ދާން ބޭނުންވާ ވާހަކަ ބުންޏެވެ.  ސާޖިދާ އެފޯނުކުރީ ބައްޕަގެ ތިމާގެ މީހަކު ވަރަށް ބަލިވެގެން ގުޅީމަ ، އެމީހުން އިސްލާމްއާބާދަށް ދާން ފުރަން އެއާރޕޯޓަށް ދާ ވާހަކަ ބުނަން ވެގެންނެވެ. އެމީހުންނަށް އާދެވޭނީ ކޮންދުވަހަކުންކަމެއް ސާޖިދާއަކަށް ނޭނގެއެވެ. އެތައް ދުވަހެއް ކޮށްފައި ދާއިރު ، ތިމާގެ މީހުންނާ ބައްދަލުކޮށްލަންވެސް ޖެހޭނެއެވެ. އެންމެ މަދުވެގެންވެސް ހަފުތާއެއްވަރު ވާނެއެވެ. ދިރިއުޅުމަކީ ، ކައިވެންޏަކަށްފަހު ބަދަލުވެގެންދާ އެއްޗެކެވެ. އެބަދަލުތަކުގައި ކުރިޔަށް ދާންވާނީ ވަރަށް ވިސްނުންތެރިކަމާއެކުގައެވެ. ރަނގަޅަށް ކައިބޮއެ އަމިއްލަ ނަފުސަށް ބަލައިގެން ވިސްނައިގެން އުޅުމަށް ، ސާޖިދާ އޭނާގެ ދަރިފުޅަށް ނަސޭޙަތްތެރި ވިއެވެ.

" މަންމާއެވެ ! ދިރިއުޅުމަކީ އެހާ ފަސޭހަ އެއްޗެއްނޫނެވެ. އަހަރެންނަށް އެކަން މިހާރު ، ވަރަށް ރަނގަޅަށް ވިސްނިއްޖެއެވެ. " ތަހުނިޔާ ބުންޏެވެ.

ތަހުނިޔާގެ ވާހަކަ ނުނިމެނިސް ، ޢާޞިފް އެތަނަށް އައުމުން ޢާޞިފްއަތަށް ފޯނުދީ ، ތަހުނިޔާއާ ވާހަކަ ދައްކައިލުމަށް ސާޖިދާ އެދުނެވެ. މަންމައާ ވާހަކަ ދައްކަން ފެށިތަނާ ލޮލުން ފާއްދާލި ކަރުނަތަކުގެ އަސަރު ބައްޕަޔަށް ނާންގައި ވޭތޯ ތަހުނިޔާ މަސައްކަތް ކުރިއެވެ. ކަރުކެހިލައި އަޑު ސާފުކޮށްލިއެވެ. ހުރިހާ ކަމެއްވެސް ރަނގަޅުކަމުގައި ބައްޕަގާތު ބުންޏެވެ. ބައްޕަމެން ވީ އެންމެ އަވަހަކަށް ކަރާޗީއަށް އެނބުރި  އައުމަށް ތަހުނިޔާ އެދުނެވެ. އެމީހުންގެ މަތިން ތަހުނިޔާ ވަރަށް ހަނދާންވާނެއެވެ. ތަހުނިޔާ  އަމިއްލަ ނަފުސަށް ވިސްނައިގެން ، މުރުތަޟާއަށްވެސް އަޅަލައިގެން ، ޠާހިރާއާއި ޙަފުޞާގެ ބަސް އަހައިގެން ރަނގަޅަށް އުޅުމަށް ޢާޞިފް އެދުނެވެ. ފޯނު ކެނޑުމާއެކު ، ތަހުނިޔާގެ ލޮލުން ހޯސްލާފައި ކަރުނަ އޮހޮރިގަތެވެ. ރޯކަށް ބޭނުމެއް ނޫނެވެ. އެހެނަސް ، އޭނާގެ ލޮލުގައި ޖަމާވެފައިހުރި ކަރުނަތައް އޮހޮރިގެން ފޭބިއެވެ.

ތަހުނިޔާ ، އޭނާގެ ބައްޕައާއި މަންމައާ ވާހަކަ ދައްކަމުން ދިޔައިރު ،  ޠާހިރާ އައިސް އެކޮޓަރީގެ  ދޮރުމަތީގައި ހުއްޓިލައިގެން ހުށްޓެވެ. އެކަން ތަހުނިޔާއަކަށް ނޭނގޭނެއެވެ. ޠާހިރާ އައިސް ތަހުނިޔާއަށް ގޮވައިލިއެވެ.

" ހުރިހާ ވާހަކައެއް އަހަރެންނަށް އަޑުއިވުމުގެ ފަހުންވެސް ، ގޮތް ދޫކުރަންވީ އަހަރެން ހެއްޔެވެ ؟ ޠާހިރާމެންގެ ކަންބޮޑުވުމަށް އަހަރެންނަށް ކޮށްދެވެން އޮތީ ހަމަ އެންމެ ކަމެކެވެ. އަހަރެން މިގެއިން ނުކުމެގެން ދިއުމެވެ. " ރޮމުން ރޮމުން ތަހުނިޔާ ބުންޏެވެ.

ތަހުނިޔާ އެކަމާމެދު އެއްވެސް ވަރަކަށް ނުވިސްނުމަށް ޠާހިރާ އެދުނެވެ. އެގެޔާއި ގޭގެ އުފަލަކީ ތަހުނިޔާއެވެ. ތަހުނިޔާ އެގެއިން ނުކުމެގެން ހިނގައްޖެނަމަ ، ގޭތެރެ އެއްކޮށް ފަޅުވެގެން ދާނެއެވެ. އެހެން ހަދައިގެން ނުވާނެއެވެ. އެގެއިން މީހަކު ނުކުމެގެން ދަންޏާ ދާނީ މުރުތަޟާ ކަމުގައި ޠާހިރާ ބުންޏެވެ. ހުރިހާ ކަމެއްވެސް ރަނގަޅު ވާނެއެވެ. ކޮންމެވެސް މިންވަރަކަށް ކެތްތެރިކަން އިސްކުރާށެވެ.

ޠާހިރާ ދެމުން އެގެންދަނީ ދޮގު ހިތްވަރެއްކަން ތަހުނިޔާ އަށް އެނގެއެވެ. އެކަން އެގޮތަށް އެކުރަނީ ކީއްވެގެންތޯ ޠާހިރާއާ ސުއާލު ކުރިއެވެ. ދިރުމެއްނެތް އުއްމީދެއް އޭނާގެ ހިތުގައި އުފެއްދުމަށް މަސައްކަތް ނުކުރުމަށް ، ޠާހިރާގެ ކިބައިން ތަހުނިޔާ އެދުނެވެ. ކޮންމެވެސް ދުވަހަކުން ، އެ ގެދޫކޮށް ، އެގޭގެ މީހުންނާ ވަކިވެ ، މުރުތަޟާގެ ޙަޔާތުން ވަކިވެގެން ދާން ،  ތަހުނިޠާއަށް މަޖުބޫރު ވާނެއެވެ. ތަހުނިޔާއަކީ ، ފަހަރެއްގައި މުރުތަޟާއާއި ނޫރުލްޢައިނުގެ މެދުގައި އުފެދިފައިއޮތް ދެބަސްވުމާއި ޚިލާފުތައް ނައްތައިލުމަށް މެދުވެރިވި ސަބަބަކަށް ވެދާނެއެވެ. އެކަން އެއީ އެގޮތަށް ދިމާވިކަމެއްކަމުގައި ބަލައިގެން ، ތަހުނިޔާގެ އަމިއްލަ ނަފުސަށް އޭނާ ތަސައްލީ ދޭނެއެވެ.

ނޫރުލްޢައިނާހުރެ ، މުރުތަޟާ ދޫކޮށްލުމަކީ ތަހުނިޔާ ކުރަންޖެހޭނެކަމެއްނޫންކަމުގައި ޠާހިރާ ބުންޏެވެ. މުރުތަޟާއަކީ ތަހުނިޔާގެ ޙައްޤެކެވެ. ނޫރުލްޢައިނަކީ ބޭވަފާތެރިއެކެވެ. އޭގެ އިތުރަށް ހުރިހާ އެންމެންނަށް ގޮންޖަހައި ޖަދަލުކޮށް ، މިހާރު އެހުރީ ތަހުނިޔާގެ ދިރިއުޅުން ބަރުބާދުކޮށްލުމަށް މަސައްކަތް ފަށައިގެންނެވެ. ތަހުނިޔާ ބިރުގަންނަންވީ ކާކު ދެކެ ހެއްޔެވެ ؟ ﷲ އަށް ވަކީލު ކުރުމުން ހުރިހާކަމެއް ރަނގަޅުވާނެއެވެ. ތަހުނިޔާ އެހުރީ ، އެކަނި ނޫންކަމަށް ޠާހިރާ ބުންޏެވެ. ޠާހިރާއާއި މަންމަ އަދި ތަހުނިޔާގެ މަންމައާއި ބައްޕަ އެތިބީ ތަހުނިޔާއާ އެކުގައެވެ. އެކަނިވެފައިހުރީ ނޫރުލްޢައިނެވެ. އެގޭގެ އެއްވެސްމީހަކު ، ނޫރުލްޢައިނުއާ އެކުގައެއް ނެތެވެ. އެންމެން އެތިބީ ނޫރުލްޢައިނުއާ ދެކޮޅަށެވެ. ތަހުނިޔާ ވަރިކޮށްފިނަމަ ، މުރުތަޟާއަށް ޖެހޭނީ އޭނާގެ ތިމާގެ ހުރިހާ މީހުންގެ ގުޅުންތައް ކަނޑައިލައި ، އެގެއިން ނުކުމެގެންދާންކަމުގައި ޠާހިރާ ބުންޏެވެ.

ތަހުނިޔާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފުހެލަދީ ، ތަހުނިޔާ ގައިގާ ބައްދާލައި ، ޠާހިރާ ހިތްވަރު ދިނެވެ. އަދި ، ނޫރު ބޭނުންވާގޮތަށް އެއްވެސްކަމެއް ނުވާނެކަމުގައި ބުންޏެވެ.

ތަހުނިޔާއަށް ހަދާނެގޮތް ބޮޑުވިއެވެ. މިވަގުތު ގެޔަކަށްވެސް ދެވޭކަށް ނެތެވެ. މަންމައާއި ބައްޕަ އެފުރަނީ އިސްލާމްއާބާދަށެވެ. ގޭގައި އެއްވެސް މީހަކު ނޫޅޭނެއެވެ. އެގެޔަށްގޮސް އެގޭގައި އެކަނި އިންނަންވެއްޖެނަމަ ވާނެ ގޮތެއްވެސް ނޭނގެއެވެ. މުރުތަޟާމެންގޭގައިވެސް ހުންނާކަށް ބޭނުމެއްނޫނެވެ. މުރުތަޟާ ފެންނަ ހިސާބަށް އަންނާކަށްވެސް ތަހުނިޔާ ބޭނުމެއް ނޫނެވެ. އެހެންނަމަވެސް ، އެގޭގައި މަޑުކޮށްލައިފިނަމަ ، ގައިމުވެސް ޙަފުޞާއާއި ޠާހިރާ ތިބޭނެއެވެ. އެދެމީހުންވެސް ، ތަހުނިޔާދެކެ ލޯބިވެއެވެ. އޭނާއަށް އެހާ ހެވެވެ. މިވަގުތު ، އެގޭގައި މަޑޫކޮށްލުން ނޫންގޮތެއް ތަހުނިޔާއަކަށް ނުފެނުނެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.