ބްލޫރިބަން : ލުއިފުރުޞަތުގެ ނަހަމަ ފައިދާ

ލުއި ފުރުޞަތަކީ ، އަމިއްލަ ފައިދާއަށްޓަކައި އަމިއްލަޔަށް ހޯދާވެސް އެއްޗެކެވެ. ހަމައެފަދައިން ، ޤާނޫނާއި ޤަވާޢިދުގެ ތެރެއިންވެސް ލުއި ފުރުޞަތު ، ތަނަވަސްވެފައި އޮވެއެވެ. ޤާނޫނާއި ޤަވާޢިދަކީ ، ކަންކަން ހަމަމަގަށް އަޅުވައި ، ހަމައާއި އުޞޫލު ބަޔާންކޮށް ، އެމައްޗަށް ޢަމަލުކުރުމަށް ކަނޑައެޅިފައި އޮންނަ ކަންކަމެވެ. އަދި ޤާނޫނާއި ޤަވާޢިދާ ޚިލާފުވުމުން ، އަޅާނެ ފިޔަވަޅުތައް ބަޔާންކުރާ އެއްޗެކެވެ.

އިންސާނާގެ ޠަބީޢަތަކީ ، ފަސޭހަ ދިރިއުޅުމަކަށް ، ހަށްޓަށް ފަސޭހަވާނެގޮތަށް ބަށްޓަންކުރަން ، އެއިންސާނާ އިޚްތިޔާރުކުރާ ގޮތްތަކަށް އާދަވެފައި އޮންނަ ޢަމަލެވެ. އިންސާނާގެ ޢަމަލަކީ ، މިދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް ، އޭގެ ބަރުދަން ވަޒަންކޮށް ޙައްޤު ކަށަވަރުވެފައި އޮންނަ އެއްޗެކެވެ. އިންސާނާއަށް އެ ޙައްޤާ ފެޔަކަށް ނުދެވޭނެއެވެ. މިދުނިޔޭގައި ނުވިއްޔާ ، އާޚިރަތުގައިވެސް ، އިންސާނާ ކުރާ ޢަމަލުގެ ޖަޒާ ލިބޭނެއެވެ. ދުނިޔަވީ ކަންކަމުން އުފެދޭ ލުއި ފުރުޞަތުގެ ނަހަމަ ފައިދާއަކީ ، ޖަމާޢަތުގެ އަމާންކަމާއި މަޞްލަހަތާ އަދި ރައްކާތެރިކަމާއި އުފަކާރަޔަށްޓަކައި ޤުރުބާންކުރަން އަތްމަތީ އޮންނަ ހަތިޔާރަކަށް ހަދަން ވެއްޖެނަމަ ، އެކަމުގެ ނަތީޖާ އެއިންސާނާ ދެކޭނީ ހިތިގޮތަކަށެވެ. ވަޤުތީ މަންފާއަށް ނަހަމަ ފައިދާއިން ދިރިއުޅުން ފުރިހަމަކުރަން ވިސްނާ އިންސާނާ އެ ދަތުރުކުރަނީ ، އެންމެ ސާފު މަގަކުންނޫނެވެ. އެއްވެސް ވިސްނުމެއްނެތި ، އެމަގުން ދަތުރު ކުރާނަމަ ، އިންސާނާގެ ޢަމަލުތަކަށް އަދަބު ލިބޭނެއެވެ. ކޮންމެވެސް ސިފައެއްގައި ، ކޮންމެވެސް ދުވަހަކުން އެކަމާ ކުރިމަތިލާން ޖެހޭނެއެވެ.

ބަލައިލި ކޮންމެ ދިމާލަކުންވެސް ފެންނަނީ ، ދުނިޔެ ކުޑަވެފައި އޮތް މަންޒަރެވެ. މަސައްކަތް ގިނަވެގެން ނުކުރެވިފައި އޮންނަ ތަނެވެ. ވަކިގަޑިޔަކަށް ވަޒީފާއަށްދާމީހާ ، އެގަޑިއެއް ޖެހުމުގެ ކުރިން ޙާޟިރުވެ ، ކާޑު ޖަހާނެއެވެ. ކާޑަކީ އެކާޑު ރީޑްކުރާ މެޝިނަށް މައްސަލަޖެހުން ކުޑަ އެއްޗެކެވެ. ކާޑު ޖަހާ އުޞޫލާއި ޤަވާޢިދަށް ބަދަލު ގެނެސް އިނގިލި ޖަހަން މަޖުބޫރުވީ ، ޙާޟިރުވާންޖެހޭމީހާ ޙާޟިރުނުވެ ، އެހެންމީހެއްގެ އަތަށް ކާޑުދީގެން ގަޑިޔަށް ކާޑުޖަހާކަން ފާހަގަ ކުރެވިގެންނެވެ.

ވަޒީފާއާ ގުޅުންހުރި އެހެން މިސާލެކެވެ. ބަލިވީމަ ސަލާމްބުނުމަށް އެންމެ ފުރަތަމަވެސް އުޞޫލެއްގެ ގޮތުން ހަމަޖެހިފައި އޮތީ ތިރީސް ދުވަހެވެ. ޤަވާޢިދު ހެދި ޤާނޫނުހެދިގެން ދިޔައިރު ، ބަދަލުތަކެއް ގެނެވުނެވެ. ބަލިވީމާ ، އޮފީހަށް ސަލާމް ބުނަން ޖެހޭނެއެވެ. ބަލިވެގެން ، އޮފީހަށް ސަލާމް ބުނާން އޮންނަ ތިރީސްދުވަސް ، އެކި މުއައްޒަފުން އެކިގޮތަށް ބޭނުން ކުރެއެވެ. ހަމައާއި އިންސާފުން އޭގެ ބޭނުންކުރާ ބަޔަކު ، މަދުންނަމަވެސް އުޅެއެވެ. އެހެނަސް ، ގިނައީ ދީފައި އޮންނަ ލުއިގެ ބޭނުން ނަހަމަ ގޮތުގައި ހިފާ މުއައްޒަފުންނެވެ. ބައްޔެއްނުވިޔަސް ސަލާމް ބުނެއެވެ. ޚާއްޞަކޮށް ބުރާސްފަތި ދުވަހު ނުވަތަ އާދީއްތަ ދުވަހު ސަލާމް ބުނެ ، ވީކެންޑް ދިގުކޮށްލައެވެ. ދިގު ބަންދެއް އަންނަންޏާ ، ދެކޮޅުންކުރެ ކޮންމެވެސް އެއްކޮޅަކުން އެއްދުވަސް ނުވަތަ ދެދުވަސް ނަގައިގެން ދިގުބަންދު އިތުރަށް ދިގުކޮށްލާނެއެވެ.

ސަލާމް ބުނުމުގައި އެއްވެސް މައްސަލައެއް ނެތެވެ. އެއީ ، ވަޒީފާ އަދާކުރާމީހާއަށް ޙައްޤު އެއްޗެކެވެ. އެހެންނަމަވެސް ، ޙައްޤު ގޮތުގައެވެ. އެއީ ، ޤާނޫނާއި ޤަވާޢިދުތަކުގެ ލޯވަޅުތަކުން ފުރޭނިގެން އަންނަ ފުރުޞަތުތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ބުނަން އޮންނަ އެއްޗެއްނޫނެވެ.

ކުރިން އޮންނަނީ ، ސަލާމް ބުނާނަމަ ، މިނިސްޓްރީ އޮފް ހެލްތުން ހުއްދަދީފައިތިބޭ ބަޔަކު ދޫކުރާ މެޑިކަލް ސެޓްފިކެޓް ހުށަހެޅުމަށެވެ. ވަކި ދުވަސްވަރެއްގައި ، އެ ސެޓްފިކެޓް ވިއްކި ބަޔަކު އުޅުނެވެ. ނުވަތަ ، އެސެޓްފިކެޓް ހިލޭދޫކުރި ބަޔަކު އުޅުނެވެ. ބަލިނުވެ ، ބަލިވެގެން ދެތިންދުވަހު އުޅެފާ އެމީހަކަށް ދެއްކީމަ ހުރިހާ ދުވަހަކަށް މެޑިކަލް ސެޓްފިކެޓް ދޫކުރިބަޔަކުވެސް އުޅުނެވެ. އެކަން މަނާކުރަން މަޖުބޫރުވީ ، ބަލިނުވެ ، ސަލާމް ބުނުން ގިނަވެ ، އެ ލުއިގެ ނާޖާއިޒް ފައިދާ ނަގަމުންދާކަން ފާހަގަ ކުރެވިގެންނެވެ.

މިޒަމާނަށް ބަލާއިރު ، މުއައްޒަފުން ތިރީސްދުވަހު  ސަލާމް ބުނުން ، ވަޒީފާއާބެހޭ ޤާނޫނު ހުއްދަ ކުރެއެވެ. ޤާނޫނުގެ ރޫޙަކީ ، އެ މުއައްޒަފަކު ބަލިވެގެން ، ތިރީސްދުވަސް ސަލާމުގެ ގޮތުގައި ހުއްދަ ކުރުމެވެ. އެހެނަސް ، ބައްޔެއް ނުވެއެވެ. އެކަމަކުވެސް ޤާނޫނުގައި ހުއްދަ ކޮށްފައި އޮންނާތީ ތިރީސްދުވަހުގެ ސަލާމް ހަމަކުރަން ބޭނުންވާ ބަޔަކު އުޅެއެވެ. އެކަމުގެ ނާޖާއިޒް ފައިދާ ނަގާތީ ދެންޖެހުނީ ، އެކަމަށްވެސް ބަދަލު ގެންނާށެވެ. ޤާނޫނުން ހުއްދަކުރާ ތިރިސް ދުވަހުގެ ސަލާމުން ، ފަނަރަ ދުވަހުގެ ސަލާމަށް މެޑިކަލް ސެޓްފިކެޓް ހުށަހަޅާގޮތަށް ހަމަޖެއްސުނެވެ. ޤާނޫނުން ދީފައި އޮންނަ ލުއިގެ ބޭނުން ނަހަމަ ގޮތުގައި ހިފާތީ ، އަނެއްކާވެސް އިތުރު ހުރަހެއް އެކަމަށް ކުރިމަތިވީއެވެ. ޤާނޫނުގައި ދީފައި އޮންނަ ލުއިގެ ފުރުޞަތު ހަނިވީއެވެ.

އިތުރުގަޑި  ނުވަތަ އޯޓީއަކީވެސް ، ވަރަށްގިނަ އޮފީސްތަކުގައި ނަހަމަ ގޮތުގައި ބޭނުންކުރެވޭ އެއްޗެކެވެ. އިތުރުގަޑީގައި މަސައްކަތްކުރުން ، ކުރިން އޮންނަ ގޮތުގައި އޮންނަނީ ، އެލިބެން އޮންނަ އެންމެ މައްޗަކަށް ހޯދާ އެއްޗެއްގެ ގޮތުގައެވެ. ލިބޭ މުސާރައަށްވުރެ އިތުރުގަޑިޔަށް ލިބޭ ފައިސާ ގިނަވާއިރުވެސް ، އެވަނީ ކީއްކަމެއް ކުރިޔަކުން ނޭނގެއެވެ. އެކަން ހަމަޔަކަށް އަޅުވަން ކުރަންޖެހުނު ކަމަކީ ، އަނެއްކާވެސް އުޞޫލު ބަދަލު ކުރުމެވެ. އިތުރުގަޑީގައި ކުރާ މަސައްކަތަށް ލިބޭނީ ، މުސާރައިގެ ވަކިނިސްބަތަކަށް ޖެހޭ މިންވަރުކަމަށް ނިންމުނެވެ. އެކަންވެސް ހަމަޔަކަށް އަޅުވަން އެންމެފަހުން ޖެހުނީ އެއީ ، މުސާރައިގެ ތިންބައިކޮށްފަ އެއްބަޔަށްވުރެ ބޮޑުނުވާ ޢަދަދެއްކަމަށް ނިންމާށެވެ. އަދި މަސްނިމޭތަނުން އޯޓީ ފުރަން ކުރިން އޮތްއޮތުން ދަތިކޮށް ، އޯޓީއަކީ ކުރިން ހުއްދަ ލިބިގެން ކުރަންޖެހޭ ކަމެއްގެ ގޮތަށް ހަމަޖައްސަން މަޖުބޫރުވިއެވެ. ހައްތާވެސް ، ކުރިން އޮތް ލުޔެއް ނަހަމަ ގޮތުގައި ބޭނުންކުރާތީ ، ކުރިމަތިވާ ދައްޗާއި އުނދަގުލެވެ.

އެފް އާރ އެލް ނުވަތަ ޢާއިލީ ޒިންމާއާ ގުޅޭ ޗުއްޓީއަކީވެސް ފާޑެއްގެ އެއްޗެކެވެ. އެއީވެސް ޒިންމާއެއް ކުރިމަތިވިޔަސް އަދި ނުވިޔަސް އަހަރަކަށް ލިބޭގޮތަށް ޤާނޫނުގައި އޮންނަ ދިހަދުވަސް ހަމަކުރަން ވާނެއެވެ. އެ ޗުއްޓީވެސް ނެގުމަކީ މައްސަލައެއް ނޫނެވެ. އެހެނަސް ، ޙައްޤު ގޮތުގައެވެ. ޤާނޫނު ހުއްދަކުރާތީއެއް ނޫނެވެ. އެކަމަކު ، އެއީވެސް މިހާރު ، ޙައްޤެއްކަމަށް ބަލައިގެން ފުރިހަމަކުރަން ޖެހޭ ޗުއްޓީއެކެވެ.

ބޭރަށް ދިއުމަކީވެސް ހަމައިން ނައްޓާފައި އޮންނަ ކަމެކެވެ. ބޭރަށްވެސް ދާން ޖެހެއެވެ. އެކަމަކު ގެރިބޭރަށް ހިންގާހެން ، މިހާރު ޢަމަލު ކުރެވޭ ގޮތަކަށް ނޫނެވެ. އޮފީހަށް އައިސް ކާޑު ޖަހާފައި ފުރަތަމަ ދާންޖެހޭނީ ސައިބޯށެވެ. ދަރިފުޅު ސްކޫލަށް ލާން ދާން ޖެހެއެވެ. އަންހެނުން ، އޮފީހަށްލައިދޭން ދާން ޖެހެއެވެ. އިރުކޮޅަކުން ކޮފީއެއް ބޯލަން ބޭރަށް ދާން ޖެހެއެވެ. މެންދުރު ކާގަޑިޔަށް އެއްގަޑިއިރުގެ ވަގުތު ޤާނޫނުގައި ދީފައި އޮވެއެވެ. ކޮންމެ ނަމާދު ވަގުތަކަށް ފަނަރަމިނިޓް ދީފައި އޮވެއެވެ. މިހުރިހާ ވަގުތެއްގެ ބޭނުންކުރާމީހުން ، އޮފީހުގައި މަސައްކަތްކޮށްލަން ލިބޭނީ އަށްގަޑިއިރުން ހަތަރު ގަޑިއިރެވެ. ބޭރަށްދާން ޖެހުމަކީވެސް މައްސަލައެއް ނޫނެވެ. ކުރަން ހުންނަ މަސައްކަތް ނިންމާފަ ، ކަމެއް ދިމާވެގެން ބޭރަށްދިއުން އެއީ ، ވަޒީފާދޭ ފަރާތަށް މައްސަލަޔަކަށް ނުވާނެއެވެ. އެކަމަކު ، ގެރި ބޭރަށް ހިންގާހެން ބޭރަށް ދާންވެއްޖިއްޔާ އެއީ މައްސަލައެކެވެ.

ކަމެއްކުރަން ޖެހުނީމަ ، ފޯނުކޮށް އާދޭސްކޮށްގެން އެމީހަކު އޮފީހަށް ގެނެސް މަސައްކަތް ކުރުވާ އާދައަކީ ، ޒަމާނަށް ފެތެމުންދާ ނުރަނގަޅު އާދައެއްކަމަށްވިޔަސް ، ގިނަ އޮފީސްތަކުގައި އެކަން މިހާރު އޮންނަނީ އެގޮތަށެވެ.

މިހުރިހާ ކަންކަމެއްގެ ފައިދާ އާއި ލުއި ، ނަހަމަ ގޮތުގައި ހިފާ މުއައްޒަފުންގެ މަސައްކަތުގެ ފެންވަރު ބަލާއިރު ، ދެންކުރިމަތިވާނީ އެ މައްސަލަތަކެވެ. ވަޒީފާގެ ކުރިއެރުމަށް ހުރަސް އެޅޭނެއެވެ. މުސާރަ ބޮޑުވުމެއް ނޯންނާނެއެވެ. މަސައްކަތުގެ އަޚުލާޤު ނެތި ، ތިމާބޭނުންވާހާ ގޮތަކަށް މަސައްކަތް ކޮށްފައި ، ވަޒީފާގެ ކުރިއެރުމަށްވެސް ، މުސާރައިގެ ކުރިއެރުމަށްވެސް ބަދަލެއް ނައުމުން ، ދެންއެވާ ފޫއްސަކީ ، އެކަމުގެ ނިމުމެވެ. އެކަމަށް ވިސްނާ ފިކުރު ކޮށްފިނަމަ ، އެހުރިހާކަމެއް އެލިބިގަންނަނީ ތިމާ އަމިއްލަޔަށްކަން އެނގޭނެއެވެ. ކުރިމަގަށް ތިމާ އަމިއްލަޔަށް އަޅާ ހުރަހުގެ އަގު އެހެންމީހުން އަދާކުރާކަށް ނުޖެހޭނެއެވެ.

އޮފީސް މާޙައުލު ދޫކޮށްލާފައި ދެން އޮތީ ދިރިއުޅުމުގެ ވަށްޓަފާޅިއެވެ. ދިރިއުޅުމުގައިވެސް ، ގިނަމީހުންނަށް ބޭނުންކުރެވެނީ ، ކުރު މަގެވެ. ދާނުހިއްލާ ލިބޭ އުޖޫރަޔަށް ހިތް ކިޔާ ތަނެވެ. އަވަހަށް މުއްސަނދިވެ ، އެހެންކަންކަން ހަނދާނުން ފުހެވިގެންދާ މަންޒަރެވެ. ބޭންކް ކާޑެއް ހޯދަން އުޅޭއިރު ، ސިލްވަރ ކާޑް ބޭނުމެއް ނުވެއެވެ. ގޯލްޑް ކާޑުވެސް ބޭނުމެއް ނުވެއެވެ. އެންމެ ފުރަތަމަވެސް ތިމާ އަތުގައި އޮންނަން ބޭނުންވަނީ ، ޕްލެޓިނަމް ކާޑެވެ. އެކަމަކު ، ތިމާގެ ގައިގާ އެފެންވަރެއް ނުހުރެއެވެ. އެ އެއްޗިއްސަކީ ބުރަ މަސައްކަތް ކޮށްގެން ރުފިޔާ ހޯދައިގެން ، ޖީބުގައި އޮންނަންޖެހޭ އެއްޗެއްކަމެއް ނުވިސްނެއެވެ. އެންމެފަހުން ، އެ ޕްލެޓިނަމް ކާޑުވެސް ހޯދާނެއެވެ. ބޭންކްގައި މަސައްކަތްކުރާ ރައްޓެއްސަކާ ގުޅައިގެންނެވެ.

ދަތުރުފަތުރުގެ ނިޒާމަކީ ، އިންސާނާގެ ދިރިއުޅުމުގައި މުހިންމު ދައުރެއް އަދާކުރާ ވަޞީލަތެކެވެ. ޚާއްޞަކޮށް ، އެއްގަމު އުޅަނދު ދުއްވުމާ ގުޅިފައިވާ އެންމެހައި ކަންކަމަކީ ، ވަކި ތަރުތީބަކުން ނުގެންދެވިއްޖެނަމަ ، ޖަމާޢަތުގެ މަޞްލަޙަތު ގެއްލި ، އެކަމުގެ އުނދަގޫ އެންމެންނަށް ފޯރާނެ ކަމެކެވެ. އެއްގަމު އުޅަނދު ދުއްވުމާއި ޕާކު ކުރުމާއި ގެންގުޅުމަށް ޤަވާޢިދުތަކެއް ހެދިފައި އެބަހުށްޓެވެ. ޓްރެފިކް ޤަވާޢިދުތަކެއް ހުރެއެވެ. ޢާންމު އުޞޫލުތަކެއް ގެންގުޅެވެއެވެ. މަގުމަތީގެ އަމާންކަން ގުޅިފައި އޮންނަނީ މި އުޞޫލުތަކާއެވެ. މަގުހިނގާ މީހުންނާއި އެއްގަމު އުޅަނދު ދުއްވާމީހުންގެ ސަލާމަތާއި ރައްކާތެރިކަން ގުޅިފައި އޮންނަނީ އެ ހަމަތަކާއި ޤަވާޢިދު ތަކާއެވެ. މާލޭގެ މަގުމަތިން ނުވަތަ މާލޭގެ ބިމުން ، ފެންނަމުން މިދަނީ ، އުޅަނދުފަހަރު ދުއްވާ މީހުންނާއި މަގުހިނގާމީހުންގެ އެއްވެސް ހަމައެއްނެތް މަންޒަރެވެ. ޕާކްކުރުމުގައި އަދި މަގުމަތީ އުޅަނދުފަހަރު މަޑުކުރުމުގައި އެއްވެސް އުޞޫލެއް ނެތްތަނެވެ. މަގުހިނގާ މީހުންނާއި މަގުހުރަސްކުރަން ފާހަގަކޮށްފައި ހުންނަ ނިޒާމުގެ ތެރެއިން ، މަގުހުރަސްކުރާމީހުންވެސް އެމީހަކަށް ފެންނަ ގޮތަކަށް އުޅޭ މަންޒަރެވެ. ލިބިފައި އޮންނަ ލުއިގެ ބޭނުންކޮށްގެން ބޭނުންގޮތަކަށް އުޅޭ މަންޒަރެވެ. ކޮންމެއަކަސް ، ލުޔެއް ދިނުމަށް ލިބިގެންވާ ކޮންމެ ފުރުޞަތެއްގެ ބޭނުން ހިފާތަން މިފެންނަނީ ، ނަހަމަ ގޮތުގައެވެ. އަޅެފަހެ ، އެގޮތް ރަނގަޅުތޯއެވެ ؟

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.